އަބާ މުޙަންމަދު
31 ޖަނަވަރީ 2025
މާލޭގެ މާޙައުލަކީ ޞިއްޙީ ގޮތުން ރައްކާތެރި ވެއްޓެއްކަމަށް ގަބޫލެއް ނުކުރެވެއެވެ. ކުޑަކުޑަ ތަންކޮޅަކަށް ނުތަކާ ވަރަށް ދުއްވާ އުޅަނދުތައް ވަނީ ފުރި ބާރުވެފައެވެ. ބިމުގެ ނިސްބަތުން އެންމެ ސައިކަލު ގިނަ ގައުމަކަށް ހަމަގައިމު ވެސް މާލެ ވާނެއެވެ. މީގެ އިތުރަށް ހަތަރު ފުރޮޅުލީ އުޅަނދުތަކެއް ވެސް މަދެއް ނޫނެވެ. އިލެކްޓްރިކު ކާރެއް ފަހަރެއްގައި މާލޭގައި ދުއްވިޔަސް ގިނަ އުޅަނދުތަކަކީ ޕެޓުރޯލާއި ޑީސަލް އަންދައިގެން ދުއްވާ އުޅަނދުތަކެވެ. އެހެންކަމުން އުޅަނދުތަކުގެ އިންޖީނުން ތެޔޮ އެންދުމަށް ފަހު، ދޫކުރާ ކާބަންމޮނޮކްސައިޑަކީ ޞިއްޙަތަށް ނުރައްކާތެރި މާއްދާއެކެވެ.
މީގެ އިތުރަށް މީހުން އުޅޭ ސަރަހައްދުގައި ގެދޮރު ޢިމާރާތްކުރުމަށް ޓަކައި އަބަދުވެސް އެތައް ޢިމާރާތެއް ތެޅުމާއި ސިމެންތި ގެށުމާއި އެއްކުރުމުގެ ޙަރަކާތްތައް 24 ގަޑިއިރު ހިނގައެވެ. މި ފަދަ ޙަރަކާތްތަކުގެ ސަބަބުން ޖައްވުގެ ތެރެއަށް އަރައިގެންދާ ގާކުނޑިއާއި ސިމެންތިކުނޑި އަޅުގަނޑުމެންނަށް ނުފެނުނަސް ހަމަ ގައިމު ވެސް މި ޖައްވުގައި ބުރުޖަހާނެއެވެ. އަދި ބުޅާގުއިގެ ނުރައްކާ ވެސް ވަކި ކުޑައެއް ނޫނެވެ. މީސް ގިނަކަމުން މީހުންގެ ނޭވާގެ ސަބަބުން ޖައްވުގެ ތެރެއަށް ނުކުންނަ އެކި ބަލިބަލީގެ ޖަރާސީމު ވެސް ކައިރީން މަގު ހިނގައިފައިދާ މީހާއަށް ވާސިލުވުމުގެ ފުރުސަތު އޮންނާނެއެވެ. ވީމާ މާލޭ މަގުތަކާއި އާންމު ތަންތާނގައި ފޮތިމާސްކުއަޅައިގެން އުޅުމަކީ ރައްކާތެރިކަމެކެވެ. މި ގޮތަށް މަދު ބަޔަކު މާސްކު އަޅައިގެން އުޅޭ ވެސްމެއެވެ. ނަމަވެސް އެ ފަދަ މީހުންނަށް ބައެއް މީހުން މަލާމާތްވެސްކުރެއެވެ.
މި ޙާލަތު މިހެން އޮއްވައި އިރުވައި ލައިގަތުމާ އެކު، އުތުރުާއި އިރުމަތީގެ ބައެއް ގައުމުތަކުން، ބިޔަ ކަރަކަރައިން، އަންނަ ނުސާފު ވައިގެ ސަބަބުން މާލޭގެ ޖައްވު މި ވަނީ ޞިއްހަތަށް އިންތިހާއަށް ނުރައްކާ ވަރަށް ވިސަޑުވެފައެވެ. މާލޭ ސަރަހައްދުގައި ވައިގެ ފެންވަރު ދަށްވެފައިވާކަމަށާއި މި ވަގުތު ވައިގެ ފެންވަރު ހުރީ ވައިގެ ފެންވަރު ބަލާ މިންގަނޑުން 167ގައިކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އިރުވައި ލައިގަތް ފަހުން ރާއްޖޭގެ ޖައްވުގެ ވައި ވަރަށް ބޮޑަށް ވިސަޑުވެފައިވާކަން ވަނީ ކަމާ ބެހޭ ފަރާތްތަކުން ފާހަގަކޮށްފައެވެ.
އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވެސް ރާއްޖޭގައި މި ވަގުތު ވައިގެ ފެންވަރު އެންމެ ދަށްވެފައިވަނީ މާލެ ސަރަހައްދުގައެވެ. އެ ގޮތުން މާލޭ ސަރަހައްދުގައި ވައިގެ ފެންވަރު ހުރީ 167ގައި ކަމަށް ދައްކައެވެ. އެއީ ސިއްހަތަށް ނުރައްކާ މިންވަރެކެވެ. އެހެންކަމުން ކޮންމެ މީހަކު ވެސް އެ މީހެއްގެ ސަލާމަތަށް ޓަކައި މާސްކު އެޅުން މިހާރު މި ވަނީ މަޖުބޫރުވެފައެވެ.
މާލޭ ސަރަހައްދުގައި ވައި ފިލްޓަރުކުރާ އާލަތް ގެންގުޅޭ ބައެއް މީހުންގެ އާލަތްތަކުން ވެސް ވަނީ ވައިގެ ފެންވަރު ވަރަށް ދަށްކަމަށް ސާބިތުވެފައެވެ. ވީމާ، ހުރިހައި ރައްޔިތުން ވެސް މި ދުވަސްވަރު އަންނަނިވި ކަންކަމަށް ސަމާލުކަން ދިނުމަކީ ޞިއްޙީ އިދާރާތަކާއި ތިމާވެއްޓާ ބެހޭ އިދާރާތަކުން ވެސް އެދިވަޑައިގަންނަވާ ކަމެކެވެ.
· ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބައްޔާއި އެލާޖީ މައްސަލަތައް ހުންނަ މީހުން، ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުން.
· ބޭރަށް ނިކުންނާން ޖެހޭ ހާލަތްތަކުގައި ވެސް ރައްކާތެރި މާސްކު އެޅުން.
· ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުން.
· ތުއްތު ކުދީން ބޭރަށް ނުނެރުން.
· ގޭގެ ދޮރުތައް ލައްޕައިފައި ބެހެއްޓުން.
· ބޭރުގައި ކުޅިވަރުކުޅުމާއި ކަސްރަތުކުރުން ފަދަ، ކަންކަން މި ވަގުތަށް މަޑުޖައްސައިލުން.
___________________________________________
ދެތިން ލަފުޒެއްގެ މާނަ:
އާލަތް ނ. މަސައްކަތްކުރަން ގެންގުޅޭ ސާމާނުގެ ތެރެއިން އެކަތި.
ވިސަޑު ނ. އިތުރު އެއްޗެއްގެ ސަބަބުން ވައި ނުވަތަ ފެން ފަދަ ޠަބީޢީ އުންސުރެއްގެ ސާފުކަން ގެއްލޭ ގެއްލުން ނުވަތަ އަންނަ ނޭދެވޭ ބަދަލު.
މާސްކު ނ. (1) ވައިގެ ވިސަޑުން ނުވަތަ ބައްޔެއްގެ ޖަރާސީމަކުން ސަލާމަތްވުމަށް ޓަކައި ނުވަތަ ތިމާގެ ފުށުން އަނެކަކަށް ޖަރާސީމު ވާސިލުވިޔަ ނުދިނުމަށް ޓަކައި ނޭފަތާއި އަނގަ ނިވައިކުރުމަށް ޓަކައި އަޅާ މޫނުމަތި. (2) މޫދުގައި އުޅޭއިރު، ޚާއްޞަކޮށް ފީނައި ފަތައި ހަދާއިރު، ލޯ ރައްކާތެރިކުރުމަށް ޓަކައްޔާއި ފަސޭހައިން މޫދުގެ އަޑި ބެލުމަށްޓަކައި މޫނުގައި އަޅާން ހަދައިފައި ހުންނަ އެއްޗެއް. މިބާވަތުގެ މާސްކަށް "މޫނުމަތި" ވެސް ކިޔައެވެ. (3) މޫނުގެ ސިފަ ފޮރުވުމަށް ޓަކައި އަޅާން ހަދައިފައި ހުންނަ އެއްޗެހި.