ad_banner
އެކުއެކީގައި މިނިވަންވެ، ދިވެހީން ސިންގަޕޫރަށްވުރެ މާ ފަހަތުގައި މި ތިބޭން ޖެހެނީ ކީއްވެ؟

އަބާ މުޙަންމަދު

1 ޖުލައި 2025

ދިވެހިރާއްޖެއާއިސިންގަޕޫރާއި ދެ ގައުމުގެ ރައީސުން

ދުނިޔޭގައި ދިވެހިރާއްޖެއާއި ސިންގަޕޫރު އޮތް އިސްތިރާޖީ ނުކުތާއަށް ބަލާ އިރު، ދިވެހިރާއްޖެއަކީ ސިންގަޕޫރުން ނަމޫނާއަކަށް ބަލާ ގައުމެއްކަމަށް ނެހެދޭންވީ ސަބަބެއް ނެތެވެ. ދުނިޔޭގެ ޗާޓުގައި ސިންގަޕޫރު އޮތް ތަނަށް ވުރެ ދިވެހިރާއްޖެ އޮތް ތަން އިސްތިރާޖީ ގޮތުން މާ މުހިންމެވެ. ސިންގަޕޫރަކީ މާ ކުޑަކުޑަ ގައުމެކެވެ. ގުދުރަތީ ވަސީލަތެއް ނެތެވެ. ދިވެހިރާއްޖޭގެ ސަރަހައްދު މާ ބޮޑެވެ. ފަޅުރަށްރަށާއި ފަޅުތައް ދިވެހިރާއްޖޭގައި ބައިވަރެވެ.

ސިންގަޕޫރަށް ސިޔާސީ ގޮތުން މިނިވަންކަން ލިބުނީ ދިވެހިރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބުނުތާ ދެ ހަފުތާ ފަހުންނެވެ. ނަމަވެސް އަޅުގަނޑުމެން މި ތިބޭންޖެހެނީ ސިންގަޕޫރު ނަމޫނާއަކަށް ބަލަބަލައެވެ.

މިއަދުގެ ލަދުވެތިި ހަގީގަތަކީ އެއީއެވެ. އަޅުގަނޑުމެން މި ތިބީ ސިންގަޕޫރަށްވުރެ، އަދި މެލޭޝިއާއަށް ވުރެ މާ ފަހަތުގައެވެ. އެހެންވީމާ މިއަދު އަޅުގަނޑުމެންނަށް މި ޖެހެނީ ސިންގަޕޫރަކީ ނަމޫނާއަކަށް ބަލައިގެން ތިބޭށެވެ. ސިންގަޕޫރަކީ ދިވެހީން ތަރައްޤީ ތަޞައްވުރުކުރުމުގައި ނަމޫނާއަކަށް ބަލާ ޤައުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް މި ވަނީ އިއްޔެ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ އެހެން ވިދާޅުވެފައިވަނީ އެމަނިކުފާނު ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް ދެއްވި ޖާފަތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައިވަނީ ދިވެހިރާއްޖެއާއި ސިންގަޕޫ ދެމެދު އޮތް ގުޅުމަށް، އަލިއަޅުވައިލައްވައިފައެވެ. ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ ބައި ގަރުނު ފުރުން ފާހަގަކުރާ މި މުނާސަބު ވަގުތުގައި ސިންގަޕޫރަށް ކުރައްވާ މި ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީގައި ސިންގަޕޫރަކީ އިޚުލާޞްތެރި މުހިންމު ބައިވެރިއެއްކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
މި ކަމަށް މިސާލު ދައްކަވަމުން 2004ވަނަ އަހަރު ކުރިމަތިވީ ސުނާމީ ކާރިސާއާއި 2014ވަނަ އަހަރު ކުރިމަވި މާލެ ފެނުގެ ކާރިސާގައި ސިންގަޕޫރުން ދެއްވި އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ހުޅުމާލޭ ޣާޒީ ސްކޫލަކީވެސް އެ ޤައުމުގެ އެހީތެރިކަމާއެކު ތަރައްޤީކޮށްފައިވާ ތަނެއްކަން ފާހަގަކުރެއްވިއެވެ.

ސިންގޕޫރުން ލިބޭން ހުރި ސިއްޙީ ޚިދުމަތާއި ތަޢުލީމީ ޚިދުމަތްތައް ދިވެހިން ބޭނުންކުރާކަމަށާއި އެ ކަމުގެ ފައިދާ ލިބިގަނެ މިހާރު ޤައުމަށް ޚިދުމަތްކޮށްދެމުންދާ ޖީލެއް އުފެދިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް ވިދާޅުވީ، ދެ ޤައުމުން އެއް ޤައުމު އަނެއް ޤައުމުގެ ތަޖުރިބާތައް ބަލައިގަންނަން ޖެހޭކަމަށާއި، ރާއްޖެއަކީ ފަތުވެރިކަމުގެ ދާއީރާގައި ބައިނަލްއަޤުވާމީގޮތުން ފާހަގަކޮށްލެވޭ ޤައުމެއްކަމަށް ވާ އިރު، ސިންގަޕޫރަކީ ވިޔަފާރިއާއި މާލީ ދާއިރާގައި ކުރިއެރުން ހޯދައިފައިވާ ޤައުމެއްކަމަށް ވާތީ މި ދާއިރާތަކުން ދެގައުމު ގުޅިގެން މަސައްކަތްކުރުމަކީ މުހިންމު ކަމެއްކަމަށް ސިންގަޕޫލރުގެ ރައީސް ވަނީ ފާހަގަކުރައްވައިފައެވެ. ބަދަލުވަމުން އަންނަ ދުނިޔޭގައި ކުދި ގައުމުތަކަށް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ޓަކައި، ދެ ގައުމު ގުޅިގެން މަސައްކަތްކުރުމގެ މުހިންމުކަން ވެސް ސިންގަޕޫރުގެ ރައީސް ފާހަގަކުރެއްވިއެވެ.

ދެ ރައީސުންގެ ވާހަކަފުޅު ވެސް ރަނގަޅެވެ. ނަމަވެސް ސުވާލު އުފެދެނީ ދިވެހިރާއްޖެ މިހައި ފަހަތުގައި މި އޮތީ ކީއްވެގެންތޯއެވެ؟ މި ކަމުގެސަބަބު ދެނެގަންނާން ޢިލްމީ ދިރާސާއެއް ހަދައިފައި ނެތަސް މަތިމަތީން ފެންނަ ސަބަބުތަކެއް އެބަ ހުއްޓެވެ. ދިވެހީންނާއި ސިންގަޕޫރީންގެ އިޚުލާޞްތެރިކަމާއި ކަށަވެތިކަމުގެ ތަފާތެވެ. ގައުމިއްޔަތާއި މުޙިއްބުލްވަޠަނުގެ ރޫޙާއި ޖަޒުބާތުގެ ތަފާތެވެ. ޑިމޮކްރެސީއާއި އިންސާނީ ޙައްގުތަކުގެ ނަމުގައި ހުޅަނގާއި އެމެރިކާއިން ޖެހިހައި މަޅިއެއްގައި ބެދުމާއި ނުބެދުމުގެ ތަފާތެވެ. ސިންގަޕޫރުން އިސްކުރީ އެ މީހުންގެ ވަޠަނީ މުހުތާދެވެ. ސިންގަޕޫރުގެ ތަޢުލީމު ބިނާކުރީ އެ މީހުންގެ ޤައުމީ މުހިތާދުތަކަށެވެ. އަޅުގަނޑުމެން ރޭރުވީ ހުޅަނގާއި އެމެރިކާގެ ތަކެއްޗަށެވެ. ސިންގަޕޫރު ދަރިވަރުން ތާރީޚު ކިޔެވީ އެ މީހުންގެ ކާބަފައިންގެ ޤުރުބާނީއާ ބެހޭ ގޮތުންނެވެ. ނަމަވެސް އަޅުގަނޑުމެންގެ ދަރިވަރުންނަށް އިސްލާމީ ތާރީޚާއި ދިވެހި ތާރީޚެއް ކިޔަވައެއް ނުދެމުއެވެ. އެ މީހުން ދަރިވަރުންނަށް ދަސްކޮށްދެނީ އެ މީހުންނަށް ބޭނުންވާ ހުނަރުތަކާއި އެ މީހުންގެ އިޖުތިމާޢީ ގިޔަމުތަކާއި ސުލޫކެވެ. އަޅުގަނޑުމެން އެ ބައި ހަނދާން ނައްތައިލީއެވެ. ކުރީން ދަރިވަރުން ކިޔެވި "ދުރޫސުލްއަޚުލާޤު" ފޮތަށް ޖޯކު ޖަހައި އެ ފޮތް އެއްލައިލީއެވެ.

މި އަދުގެ ޑިމޮކުރެސީގައި ދިވެހީންނަށް ދަސްވެފައި އޮތީ އެއް ފަސް އަހަރު ގައުމު ފަނާކުރުމުގައި ހޭދަކުރުމަށް ފަހު އަނެއް ފަސް އަހަރު، އެ ފަނާކުރި ފަނާކުރުން ބިނާކުރާން ހޭދަކުރުމެވެ. އަނެއް ފަސް އަހަރު ފަނާކުރުމެވެ. މި ސިލްސިލާ މި ގޮތަށް ދިމިގެންދާ ނަމަ، ދިވެހިރާއްޖެއިން ޖެހޭނީ ސިންގަޕޫރު ނަމޫނާއަކަށް ބަލަބަލައި މި ތިބިތާ ތިބޭށެވެ.

އަޅުގަނޑުމެންނަށް އިންސާނީ ޙައްގުތަކާއި ޑިމޮކްރެސީ ދަސްކޮށްދޭ މީހުންގެ ތެރޭގައި އެއީ ހަމައެކަނި ޝިޢާރެކެވެ. ފަލްސަފާއެކެވެ. ޢަމަލީ ގޮތުން ފެންނަ އެއްޗެއް ނޫނެވެ. އަޅުގަނޑުމެން މި ތިބީ އެ މަޅީގެ ތެރެއަށް ބޯ މަހައިގެން ސަލާމަތް ނުވެވިފައެވެ. ސިންގަޕޫރު ކުރިއަށް ދިޔައީ އެ މީހުންގެ އުސޫލާއި ފަލްސަފާއާއި ގޮތގައެވެ. އެމެރިކާއާއި ހުޅަނގުން އެ މީހުންނަށް ދަސްކޮށްދޭންޖެހޭ އިންސާނީ ހައްގެއް ޑިމޮކްރެސީއެއް އޮންނާނެކަމަކަށް ސިންގަޕޫރަކުން ގަބޫލެއް ނުކުރެއެވެ.

ތެދުފުޅެކެވެ! 20240 އަންނަ އިރު ދިވަހިރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހައްދަވާން ރައީސް އެބަ ތަޞައްވުރުކުރައްވައެވެ. އެހެންވެއްޖެ ނަމަ ކިތަންމެހައި ވެސް ރަނގަޅެވެ. އަޅުގަނޑުމެންގެ އުންމީދާއި ދުޢާއަކީ ވެސް އެއީއެވެ. ނަމަވެސް ދިވެހީންގެ ތަޢުލީމު ދިވެހީންނަށް ބޭނުންވާ ގޮތަށް ބައްޓަންނުކޮށް ދުނިޔޭގައި ނެތް އިންސާނީ ޙައްގަކާއި ޑިމޮކުރެސީއެއްގެ މަޅީގައި ޖެހިގެން، ބިނާކުރުމާއި ފަނާކުރުމުގެ ފަސް އަހަރުތައް ތަކުރާރުކުރަމުން ދާ ނަމަ، އަދި އިޚުލާސްތެރިކަމާއި ކަށަވެތިކަމާއި ޙުއްބުލްވަޠަންގެ ރޫޙު ހުރި ޖީލުތަކެއް ބިނާ ނުކުރެވޭ ނަމަ، އެއީ ޙާޞިލުކުރެވޭނެ އަމާޒެއްތޯ ސުވާލު އުފެދެއެވެ.

ދިވެހީންނަށް ހެޔޮ ވިސްނުން ދެއްވައި ދިވެހިރާއްޖެއަށް ފާގަތި ދުވަސްތަކެއް މިންވަރުކުރައްވާށިއެވެ! އަދި 2040 ވަނަ އަހަރު އަންނަ އިރު ދިވެހިރާއޖެއަކީ ތަރައްގީގެ މަގުގައި އެންމެ ކުރީ ސަފުގައި ގުނައިލެވޭ ގައުމެއްކަމުގައި ވުމުގެ ސަބަބުތައް މާތް ﷲ ދިވެހީންނަށް ފަހިކޮށްދެއްވާށިއެވެ!

 

ބައެއް ލަފުޒުގެ މާނަ:

އިސްތިރާޖީ   ނއ.         މަގުސަދު ނުވަތަ ލަނޑުދަނޑި ހާސިލުކުރުމުގައި ރޭވުންތެރި ނުވަތަ ހިކުމަތްތެރި.

ކަށަވެތިކަން   ނއނ.        (1) ޒިންމާދާރުކަމާއި ޝައުގުވެރިކަމާއެކު ކަމެއް ކުރުމުގެ ސިފަ. (2) ކަމެއް ކުރާނެކަމަށް ދޭ ކަށަވަރުކަން ނުވަތަ ވާ ވައުދު.

ޙުއްބުލްވަޠަން  ނ.           ވަޠަން ދެކެ ވާ ލޯބި.

ގިޔަމު        ނ.           ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް.

ކޮމެންޓު