ad_banner
ޓުރަންޕު، ޚާމަނާއީއާ ޒުވާބުކުރަނީ!!!!!

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

29 ޖޫން 2025

ޚާމަނާއީއެއް ޓުރަންޕާ ޒުވާކުކުރައްވާކަށް ނޫޅުއްވައެވެ.

އިސްރާއީލުން، އަދި ފަހުން އެމެރިކާއިން އީރަށް ޙަމަލާދިނީ މުހިންމު ދެ މަގުސަދެއް ހާސިލުކުރުމަށެވެ. އެއީ ނިޔުކްލިއަރ ގާބިލުކަމާއި ބެލެސްޓިކް މިސައިލުގެ ޕްރޮގްރާމް ނައްތައިލުމެވެ. ދެވަނަ އަދި އެންމެ މުހިންމު މަގުސަދަކީ ކޮންމެ ގޮތަކުން ނަމަވެސް – ޚާމަނާއީ ޝަހީދުކޮށްލައިގެން ނަމަ ވެސް – އީރާނުގެ ވެރިކަން ބަދަލުކޮށް އިސްރާއީލާއި އެމެރިކާ ބޭނުންވާ ގޮނޑިކޮއްކޮ ސަރުކާރެއް އީރާނުގައި ގާއިމުކުރުމެވެ. މި ކަން އެމެރިކާއާއި އިސްރާއީލުގެ މަސްއޫލުވެރީންގެ ވާހަކަތަކުން ވަނީ ހާމަވެފައެވެ.

ހަމަ ޔަގީނުން ވެސް އެނގޭކަމަކީ އީރާނުގެ ވެރިކަން ބަދަލުނުކުރެވުނުކަމެވެ. އަދި 12 ދުވަހުގެ ހަނގުރާމަ ހުއްޓައިލާން އިސްނެގީ އީރާނަކުންނެއް ނޫނެވެ. އެހެންކަމުން އީރާނު ބަލިވީކަމަކަށް ދުނިޔެ ގަބޫލެއްނުކުރެއެވެ. ޤަޠަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަސްލަޙަތަށް އީރާނުން ޙަމަލާދީ ބޮޑެތި ގެއްލުންތަކެއް ދިނުމުން، ހަނގުރާމަ ހުއްޓައިލާން އިސްނެގީ އެމެރިކާއިންނެވެ. އަދި އެންމެ ފުރަތަމަ ޙަމަލާދިނުން އީރާނުން ހުއްޓައިލާން އެމެރިކާއިން އެދުނު ނަމަވެސް އެންމެ ފަހު ވަގުތުގައި ވެސް އިސްރާއީލަށް ޙަމަލާދިނީ އީރާނުންނެވެ. އެހެންކަމުން ފެންނަ ފެނުމުގައި އީރާނު ބަލިވީކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

ނަމަވެސް ދުނިޔޭގެ [އެންމެ ބޮޑު ބާރު]ކަމަށް ބޮޑާކަމާ އެކު ދަޢުވާކުރާ އެމެރިކާ، އީރާނު ފަދަ މުސްލިމު ގައުމެއްގެ އަތުން ބަލިވީކަމަށް ގަބޫލުކުރުމަކީ އެމެރިކާއަށް ފަސޭހަކަމެއް ނޫނެވެ. މިއީ އެމެރިކާއާއި އިސްރާއީލުގެ ސިޔާސި މަސްރަޙުގައި ވެސް މިހާރު ބަހުސްކުރެވޭ ކަމެކެވެ.

އިސްރާއީލާއެކު ކުރި 12 ދުވަހުގެ ހަނގުރާމައިގައި ކާމިޔާބުހޯދީ އިރާނުކަމަށް އީރާނުގެ އިސް ވެރިޔާ އާޔަތުالله އަލީ ޚާމަނާއީއާއި އެހެން މަސްއޫލުވެރީން ވެސް އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި ދުނިޔޭގެ ގިނަ ގައުމުތަކުން ގަބޫލުކުރަނީ ވެސް މި ގޮތަށެވެ.

މިއީ ސިޔާސީ ގޮތުން ވެސް ޓުރަންޕާއި ނަތަންޔާހޫއަށް ކުރިމަތިވި ގޮންޖެހުމެކެވެ. އެހެންކަމުން މި ކަމަށް ޙައްލެއް ހޯދާން ޓުރަންޕު އަނެއްކާ ވެސް ބޮޑު ބަސް ބުނާން ފަށައިފިއެވެ. އިސްރާއީލާ އެކު ކުރި 12 ދުވަހުގެ ހަނގުރާމައިގައި އީރާނުން ކާމިޔާބު ހޯދިކަމަށް އާޔަތުالله އަލީ ޚާމަނާއީ ވިދާޅުވާ ވިދާޅުވުމަށް ރައްދުދީ ހުކުރު ދުވަހު ޓުރަންޕު ބުނެފައިވަނީ އީރާނުން ނިއުކުލިއަރު ހަތިޔާރު އުފައްދާން މަސައްކަތްކުރާ ނަމަ، އަނެއްކާވެސް އެ ގައުމަށް "ޔަގީނުން ވެސް" އެމެރިކާއިން ބޮންއަޅާނެކަމަށެވެ.

އެމެރިކާގެ ރައީސް ހުކުރު ދުވަހު އޭނާގެ ޓުރުތު މީސްމީޑީއާ މަންސައިގައި އީރާނުގެ އެންމެ މަތީ ލީޑަރަށް ރައްދުދީ، ޚާމަނާއީ "ވަރަށް ހުތުރު އަދި ނިކަމެތި މަރަކުން" ސަލާމަތްކުރީ އޭނާކަމަށް ވަނީ ބުނެފައެވެ. އޭގެ ކުރީ ދުވަހު، ހަނގުރާމައިގައި ކާމިޔާބު ހޯދީ އީރާނުންކަމަށް ޚާމަނާއި ވިދާޅުވެފައިވާތީ  އެއީ [ސޭކުކަމުން ހެދި ދޮގެއް]ކަމަށް ތުހުމަތުކޮށްފައެވެ.

މި ހަފުތާގެ ކުރީކޮޅު، އިސްރާއީލު-އީރާނުގެ 12 ދުވަހުގެ ހަނގުރާމަ ނިމުނު ފަހުން، ފުރަތަމަ ފަހަރަށް ޚާމަނާއީ ވަނީ މީޑިއާގައި ވާހަކަފުޅުދައްކަވަމުން، ގަތަރުގައި ހުންނަ އެމެރިކާގެ ބޮޑު މަރުކަޒަކަށް މިސައިލުން ޙަމަލާދީ [އެމެރިކާގެ މޫނުމަތީގައި ތަފާލަކުން ޖައްސަވައިފައި]ވާނެކަމަށް ވިދާޅުވެ އެމެރިކާގެ ނިކަމެތިކަން ދޭހަވާ ގޮތަށް ވާހަކަފުޅުދައްކަވައިފައެވެ.

ހުކުރު ދުވަހުގެ ޕޯސްޓުގައި ޓްރަމްޕް ބުނެފައިވަނީ އިސްރާއީލުން [ފަހު އެތިފަހަރު ނާޅައި] ފަހަތަށް ޖެހޭން އިސްރާއީލަށް ބާރުއެޅީ އޭނާކަމަށެވެ.

ޚަމަނާއީގެ ވާހަކަފުޅުތަކަށް ރައްދުދެމުން ޓުރަންޕު ބުނެފައިވަނީ [އޭނާގެ ގައުމު ނައްތާލެވި، އޭނާގެ 'ޝައިޠާނީ' ތިން ނިއުކްލިއަރު މަރުކަޒު ނައްތައިލެވިފައިވާނެ]ކަމަށެވެ. އަދި ޚާމަނާއީ އުޅުއްވާ ތަން ސީދާ ޓުރަންޕަށް އެނގޭ އިރު، އިސްރާއީލުން، ނުވަތަ ދުނިޔޭގެ [އެންމެ ބޮޑު އަދި އެންމެ ބާރުގަދަ] އެމެރިކާ ސިފައިންނަށް އޭނާގެ ދިރިއުޅުން ނިންމައިލާން ފުރުސަތު ނުދިނީ އޭނާ]ކަމަށް ބުނެފައެވެ.

އެމެރިކާގެ ހަމަލާތަކުން އީރާނުގެ ނިއުކްލިއާ ގާބިލްކަން މުޅީން ހަލާކުވީތޯ ކުރެވޭ ސުވާލަކީ ބޮޑު ސުވާލެކެވެ.

ލީކުވެފައިވާ ޖާސޫސީ ރިޕޯޓުތަކަށް ބަލާ އިރު، ޓުރަންޕުގެ ވާހަކައާ ދިމާނުވާކަން އެނގެއެވެ. މި ހިނގައި ދިޔަ ހަނގުރާމައިގައި އެމެރިކާއަށް ނާމާމިޔާބުވެފައިވާ އިރު ވެސް އެ ކަމަށް އެއްބަސް ނުވެ ގަދަބަސްބުނާން މަޖުބޫރުވެފައިވަނީ ދުނިޔޭގެ ކރިމަތީގައި އެމެރިކާއާއި އިސްރާއީރު ފަޟީޙަތްވެފައިވާލެއް ބޮޑުކަމުންނެވެ. އަދި ސިޔާސީ ގޮތުން ޓުރަންޕަށް ކުރިމަތިވެފައިވާ ސިޔާސީ ކަންތައްތަކުން އަރައިގަތުމަށް ޓަކައެވެ.

މިހާޜު މި ކުރެވެ ކަމަކީ، [މޮޅުވީ އަހަރެމެންނޭ] ކިޔައިގެން ހުސް ވާހަކަތަކެއް ދެއްކުމެވެ. ނަމަވެސް އިސްރާއީލުގެ ވެރިރަށް ތައްލުއަބީބާއި ބަނދަރުރަށް ހައިފާ މުޅިން ސުންނާފަތިވެފައިވާކަން އެންމެންނަށް ވެސް އެނގެއެވެ. އިސްރާއީލުގައި ވިޔަފާރި ކުރާ އެތައް ވިޔަފާރިއެއް ހުއްޓައިލައިފައިވާކަމާއި އިސްރާއީލުގެ އެތައް ހާސް ބަޔަކު ގައުމު ދޫކޮށް ހިނގައްޖެކަން ދުނިޔެ ދަނެއެވެ. އަދި އިސްރާއީލުގެ އެންމެ ބޮޑު އެއް އެއަރޕޯޓު ބޭޏުންނުކުރެވޭ ވަރަށް ހަލާކުވެގެން ބަންދުކޮށްފައިވާކަން ނުދަންނަ މީހަކު ނެތެވެ.

ނަމަވެސް [މޮޅުވީ މަށެ ކިޔައިގެން ޚާމަނާއީއާ ޒުވާބުކުރާން ޓުރަންޕު މި ފެށީ، ދުނިޔޭގެ ލަދާއި ސިޔާސީ ފިއްތުންތަކުން ސަލާމަތްވެވޭތޯއެވެ. 

އީރާނުގެ ޒައީމުން ވިދާޅުވަނީ އެއް ވާހަކައެކެވެ. އެ މީހުންނަކި ދުވަހަކު ވެސް އިސްވެ ބަޔަކާ ހަނގުރާމަކުރާނެ ބައެއްނުންކަމަށާއި ނަމަވެސް އީރާނަށް ދީފާނެ ކޮންމެ ޙަމަލާއަކަށް ތައްޔާރުގެ ބަޑީގެ ޓުރިގަރު މަތީ އަތް ބާއްވައިގެން ތިބޭ ވާކަހައެވެ. މާނައަކީ، އީރާނަށް އެމެރިކާއިން ވެސް އަދި އިސްރާއީލުން ވެސް ޙަމަލާއެއްދީފި ނަމަ،ރައްދުދޭނެ ވާހަކައެވެ. އެމެރިކާއިން ހަމަލާ ދީފި ނަމަ، މެދުއިރުމަތީގައި ހުރި އެމެރިކާގެ މަސްލަހަތުތަކަށް ހަމާލާދޭނެކަމަށެވެ. ޤަޠަރަށް އީރާޏުންޙަމަލާދިނީ އެމެރިކާއަށް މެސެޖެއް ދިނުމަށް ޓަކައެވެ. ޓުރަންޕަކީ ފޮނިކަނޑައި ގަދަ ބަސް ބުނާ މީހެއް ނަމަވެސް ޚަމަނާއީ މާގިނަ ވާހަކަފުޅުތަކެއް ނުދައްކާނެއެވެ. އެހެންވީމާ ޓުރަންޕާ ޒުވާކުރާން އުޅުނަސް ޚާމަނާއީ ޒުވާބުކުރައްވާކަށް ނޫޅުއްވައެވެ.

ކޮމެންޓު
ކޮމެންޓުތައް
ސަލްމާން
29 ޖޫން 2025 15:13
ގަދަ
ހަލީމް
29 ޖޫން 2025 15:10
ޒުވާބު ކުރުމަކީ މައްސަލައެއްތަ؟
މަރީ
29 ޖޫން 2025 06:55
އިރާދަކުރެއްވިއްޔާ، ތިޔަ ބޮޑާބެއަށް ހިތި ނިމުމެއް ދައްކަވާށި! ޚާމަނާއީ މުސްލިމުންނަށް ޓަކައި ކުރައްވާ ހިތްވަރުފުޅު ގަދަ ޢާމަލުފުޅަށް ޓަކައި ސާބިތުކަންދެއްވާށި!