ޢަބްދުﷲ ސަޢީދު
27 ޖޫން 2025
ކެމިކަލް ޢަލީގެ ނަމުން މަޝްހޫރުވެފައިވާ ޢަލީ ޙަސަން އަލްމަޖީދު އަލް ތިކްރީތީއަކީ އިރާގުގެ ކުރީގެ ރައީސް ސައްދާމު ޙުސައިންނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. އޭނާ ވަނީ އަސްކަރީ އިސްމަޤާމުތަކެއް އަދާކުރައްވައިފައެވެ. އަދި އެއީ 1991އިން 1995އަށް އިރާގުގެ ދިފާޢީ ވަޒީރެވެ.
ޢަލީ ޙަސަން އަލްމަޖީދު، "ކެމިކަލް ޢަލީ"ގެ ނަމުން މަޝްހޫރުވީ އިރާގުގެ ތާރީޚުގައި އޭނާގެ އަމުރަށް ކެމިކަލް ހަތިޔާރު ބޭނުންކޮށްގެން އެތައް ހާސް ބަޔަކު މަރުވެ، އެތައް ޢާއިލާތަކެއްގެ ހިތްތަކުގައި ނުފިލާނެ ޒަޚަމްތަކެއް ލައްވައިފައި ވާތީއެވެ.
އިރާގުގެ ކެމިކަލް ހަތިޔާރުގެ ޕްރޮގްރާމަކީ ރައީސް ސައްދާމް ޙުސައިންގެ ވެރިކަމުގައި 1980ގެ އަހަރުތަކުގައި ބާރުދުވެލީގައި ކުރިއަށްގެން ދިޔަ ޕްރޮގްރާމެކެވެ. އީރާނާއި އިރާގު ހަނގުރާމަ (1980-1988)ގައި އިރާގުން އިރާނާ ދެކޮޅަށް 30 ފަހަރެއްގެ މަތީން ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވެއެވެ. މި ހަތިޔާރުތަކުގެ ތެރޭގައި މަސްޓަރޑް ގޭހާއި، ސައިނައިޑް ގޭހާއި ނާރު ގޭސް ފަދަ ނުރައްކާތެރި މާއްދާތައް ހިމެނެއެވެ. އޭރު ކެމިކަލް ޢަލީއަކީ އިރާގުގެ އަސްކަރިއްޔާގައި ވަރަށް ބާރުގަދަ ޖެނެރަލެކެވެ.
ކެމިކަލް ޢަލީ މި ނަމުގައި ގިނަ ބަޔަކަށް ތައާރަފުވީ 1980ގެ އަހަރުތަކުގެ ފަހުކޮޅު އިރާޤުގެ ކުރުދީ އާބާދީއާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކުރުމާ ގުޅިގެންނެވެ. ރައީސް ސައްދާމު ޙުސައިނާ ދެކޮޅަށް ތެދުވި ކޮންމެ ބައެއްގެ ކަންތައް ވެސް ނިންމައިފައި ވަނީ މި ކަހަލަ ގޮތަކަށެވެ. 1988ވަނަ އަހަރު މާރިޗުމަހުގެ 16ވަނަ ދުވަހު ހަލަބްޖާގައި އިރާގުގެ ސިފައިން "އަލް އަންފާލް"ގެ ނަމުގައި ކުރިއަށް ގެންދިޔަ ބިރުވެރި އަދި އަނިޔާވެރި ކެމްޕޭނުގައި 5000 މީހުންނަށް ވުރެ ގިނަ މީހުން ކެމިކަލްގެ ވިހަ ގޭސް ބޭނުންކޮށްގެން މަރައިލައިފައި ވެއެވެ. އޭގެ ތެރޭގައި ގިނަ އަދަދަކަށް އަންހެނުންނާއި ކުޑަކުދީން ވެސް ހިމެނެއެވެ. މި ކެމްޕޭނުގައި ކުރުދީންގެ ސަރަހައްދުގެ ގިނަ ރަށްތައް ހަލާކުވެ، އާބާދީގެ ބޮޑު ބައެއް ވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ.
ކެމިކަލް ޢަލީގެ އަނިޔާވެރިކަން ފެނުނީ ހަމައެކަނި ކުރުދީންނާ ދެކޮޅަށެއް ނޫނެވެ. އިރާގުގެ ދެކުނުގެ ޝީޢީންނާ ދެކޮޅަށް ވެސް ކެމިކަލް ބޭނުންކުރިއެވެ. ޚާއްޞަކޮށް 1991ވަނަ އަހަރުގެ ޚަލީޖު ހަނގުރާމައަށް ފަހު ޝީޢީން ހިންގި ހަރަކާތްތައް ހުއްޓުވުމަށް ޓަކައި ވަރަށް ނުރައްކާތެރި ޢަމަލުތަކެއް އިރާގުގެ ސިފައިން ވަނީ ހިންގައިފައެވެ.
އިރާގުގެ ރައީސް ސައްދާމު ޙުސައިންގެ ވެރިކަން ދިފާޢުކުރުމަށް ކެމިކަލް ހަތިޔާރުގެ ބޭނުންކުރި އިރު، ރައީސް ސައްދާމު ޙުސައިންގެ ވެރިކަން ވައްޓައިލުމުގެ ބަހަނާއަކަށް އެމެރިކާއިން ވެސް ދެއްކީ އިރާގުގައި ނުރައްކާތެރި ކެމިކަލް ހަތިޔާރު ހުރިކަމުގެ ވާހަކައެވެ. އެމެރިކާއިން އިރާގަށް އަރައި އެތައް މުސްލިމުންނެއް ޝަހީދުކޮށް އެ ޤައުމު ސުންނާފަތި ކުރިޔަސް އެމެރިކާއިން އިރާގަށް ހަމަލާދިނުމުގެ ބަހަނާއަކަށް ހެދި ކެމިކަލް ހަތިޔާރެއް އަދި ނިޔުކްލިއަރު ހަތިޔާރެއް އަދިއަދަށް ދާންދެން ވެސް އެ ގައުމަކުން ފެނިފައެއް ނެތެވެ.
ރައީސް ސައްދާމު ޙުސައިންގެ ވެރިކަން ވައްޓައިލައި އެ ވެރިކަމުގެ ބޮޑުންގެ މައްޗަށް ތަފާތު ދައުވާތައް އުފުލައި ޝަރީޢަތްތައްކުރިއެވެ. މި ގޮތުގެ މަތީން ކެމިކަލް ޢަލީގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރެއިން ގިނަ ދައުވާތަކެއް ސާބިތުވިއެވެ. އޭގެތެރޭގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްގެން މީހުން މެރުމުގެ ކުށް ވެސް ހިމެނެއެވެ. އެކިއެކި ދައުވާތަކާ ގުޅިގެން ކެމިކަލް ޢަލީއަށް މަރުގެ ޙުކުމް އެތައް ފަހަރަށް އިއްވިއެވެ. އޭނާ ދަންޖައްސައި އަވަހާރަކޮށްލީ 25 ޖެނުއަރީ 2010ގައެވެ.