ad_banner
ނަސްލުހޭދަށް 360 ދުވަސް: އިސްރާއީލުގެ ހުވަފެން ބިލާހަކަށްވެ ނިމިއްޖެ!

ޙަސަން ލުޠުފީ

1 ޖުލައި 2025

ނަސްލުހޭދަށް 360 ދުވަސް ވީ އިރު، އިސްރާއީލުގެ ހުވަފެން ބިލާހަކަށްވެ ނިމިއްޖެ!

"އިޒުރޭލުގެ ހުވަފެން ބިލާހަކަށްވެ ނިމިއްޖެ! ފަލަސްތީނު މީހުންނަކީ، އެމީހުންގެ ވަޠަން ދިފާއުކުރުމުގައި ދުނިޔޭގައި ތިބި އެންމެ މޮޅު މީހުން" ކަމަށް، އިޒުރޭލުގެ ނޫހެއް ކަމަށްވާ "ހާރޓެޒްގެ" އެޑިޓޯރިއަލްގައި ލިޔެފައިވާ ރިޕޯޓެއްގައި ބަޔާންކޮށްފައިވެއެވެ. އިޒުރޭލުގެ އެންމެ ފާހަގަކޮށްލެވޭ އެއް ނޫހުން، މިއަދު ފަލަސްޠީނުގެ މީހުންގެ ހަޤީޤަތް ގަބޫލުކޮށް، ފަލަސްޠީނު މީހުންނަކީ، ހަތްދިހަ ފަސް އަހަރަށް ފަހު އެއް ހަށިގަނޑެއް ފަދައިން، އެމީހުންގެ ހައްޤުތައް ދިފާޢު ކުރުމަށް ތެދުވި، ދުނިޔޭގެ އެންމެ މަތިވެރި އެއް ރައްޔިތުންކަމުގައި ބަޔާންކުރި ކުރުން ޤަބޫލުކުރާން ވެސް ދައްޗެވެ.

އެ ނޫހުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޣައްޒާއާ ދެކޮޅަށް އިޒުރޭލުން ކުރި ހަނގުރާމައިގައި، މުޖާހިދުން އިޒުރޭލަށް ރޮކެޓް ހަމަލާތައް ދިން ދުވަސްވަރު، ހަނގުރާމަ މަތީ މަތިންދާބޯޓުތަކާއި، ޕެޓްރިއޮޓް މިސައިލްތަކާއި، އުޅަނދުތަކަށް ތެޔޮ އެޅުމުގެ އިތުރަށް، ހުރިހައި ބާވަތެއްގެ ބަޑިއާއި މިސައިލު ބޭނުންކުރުމުގެ ޚަރަދަށް، ކޮންމެ ތިން ދުވަހަކަށް 912 މިލިއަން ޑޮލަރު، އިޒުރޭލު ސަރުކާރުން ހޭދަކުރިއެވެ. މީގެ ތެރޭގައި އާންމު ވިޔަފާރި ހުއްޓުމާއި، ހިއްސާގެ ބާޒާރު ފުނޑުފުނޑުވުމާއި، މުއައްސަސާތަކާއި، ޢިމާރާތްކުރުމުގެ ކަންކަން ހުއްޓިގެން ދިއުމާއި، ދަނޑުވެރިކަމާއި އެހެނިހެން ސިނާޢަތްތަކަށް ބުރޫއެރުމާއި، އެތައް މިލިއަން ޑޮލަރެއްގެ ޕޯލްޓްރީ ފާރމުތައް އެއްކޮށް މަރުވެ ފަނާވުމާއި، ބައެއް އެއަރޕޯޓްތަކާއި ރޭލު ދަތުރުތައް ހުއްޓުމާއި، ބިންގަރާސްތަކުން ނިކުމެ ވީއްލިގެން އުޅުނު މީހުންނަށް ހިޔާވަހިކަން ދިނުމަށް ކުރި ޚަރަދުތަކެއް ނުހިމެނެއެވެ.

މި ހަނގުރާމަ ފެއްޓީ، އަދި މި ހަނގުރާމައިގެ އަލިފާންގަނޑު ރޯކޮށްލީ އިޒުރޭލުން ކަމުގައިވިޔަސް، ހަނގުރާމަ ކޮންޓްރޯލުކުރަނީ އިޒުރޭލަކުން ނޫނެވެ. އަދި ހަމަ ޔަޤީނުން ވެސް، މި ހަނގުރާމަ ނިންމާނެ ބަޔަކީވެސް އިޒުރޭލެއް ނޫނެވެ. މި ހަނގުރާމައިގެ ނަތީޖާ އޮތީ އިޒުރޭލަށް ފަހިވާ ގޮތަކަށް ނޫނެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ހުވިއްޔަތު ގެއްލިއްޖެކަމަށް، ޔަހޫދީން ހީކުރި ހީކުރުމަކީ ގޯހެއްކަން މިއަދު ޔަހޫދީންނަށް އެނގިއްޖެއެވެ. ޚާއްޞަކޮށް އިޒުރޭލުގެ އެތެރޭގައި ޢަރަބީން ދިރިއުޅޭ ސަހަރުތަކުން އިޒުރޭލާއި ދެކޮޅަށް ކުރި އިހުތިޖާޖުތަކުން އިޒުރޭލުގެ ޔަހޫދީން ހައިރާންކޮށްލިއެވެ. މިއީ ދައުލަތަކަށް، އެ ދައުލަތުގެ ސިޔާސީ އިސްވާރުން ހިސާބުޖެހީ ގޯސްކޮށްކަން އަދި އެމީހުންގެ ރޭވުންތަކުގެ ބޭރުން އިސްތިރާޖީގޮތުން އެއްވެސް އެއްޗެއް އެ މީހުންނަށް ނުފެންނަކަން އަންގައިދޭ ވަރަށް ސުންޕާ ނިޝާނެކެވެ. ފަލަސްޠީނު މީހުންނަށް ބަލާ އިރު، އެ މީހުންނަކީ، އެ ބިމުގެ ޙަޤީޤީ ވެރީންނެވެ. އެމީހުންގެ ފުރާނައާއި، ފައިސާއާއި، ދަރިންނާ އެކު، އެހައިމެ ގަދަ ހިތްވަރާއި، ފަޚުރާއި އަދި ތަޙައްދީއާ އެކު، އެ ބިމުގެ ދިފާޢުގައި އެ ދަނީ ޖިހާދުކުރަމުންނެވެ. މި ވަރުގެ ހިތްވަރުގަދަ ޖިހާދެއް ކުރެވޭނީ އިތުރު ކޮން ބަޔަކަށްހެއްޔެވެ؟ ފަލަސްޠީނުގެ ބިމަށް ނިސްބަތްވާކަމުގެ މި ފަދަ ފުން އިޙްސާސެއް ޔަހޫދީންނަށް ކުރެވޭނެބާވައެވެ؟ އެ ބިމާ ގުޅިފައިވާކަމުގެ އިޙްސާސް، ގަދަކަމުން އެ ބިމަށް އަރައި ތިބޭ ބީރައްޓެހި ބަޔަކަށެއް ނުކުރެވޭނެއެވެ.

ހަޤީޤަތުގައި ފަލަސްޠީނުގެ ބިމާއި ޔަހޫދީންނާ ގުޅިފައިވީ ނަމަ، ހަނގުރާމަ ފެށުމާ އެކު އެހާ ގިނަ ޢަދަދެއްގެ ޔަހޫދީން ހިޖުރަކުރުމަށްޓަކައި އެއާރޕޯޓްތަކާއި، ކަނޑުގެ ބަނދަރުތަކާއި ދިމާއަށް އަވަސްވެގަތް ތަން އަހުރެމެންނަކަށް ނުފެނުނީހެވެ. އިޒުރޭލުގެ ސަރުކާރުން ފަލަސްޠީނު މީހުން މަރައި، ޖަލަށްލައި، ހިސާރުކޮށް، އެކަހެރިކޮށް، ކޮންމެ ދުވަހަކު އެތައް އަނިޔާއެއް ކުރެއެވެ. އިޒުރޭލުން ފަލަސްޠީނުގެ ޒުވާނުން މަސްތުވާތަކެތީގެ ވަބާގައި ޖައްސައި، އެ ކަމުގެ ތެރެއަށް ޣަރަޤުކޮށް، އިސްލާމް ދީނާއި ދުރުކޮށްދޭ މަގުފުރެދިފައިވާ ޚިޔާލުތައް އެ މީހުންގެ ސިކުނޑިއަށް ވައްދައިދޭން މަސައްކަތްކޮށްފިއެވެ. އެ ގޮތުން މިނިވަންކަމާއި، ލާއިލާހިއްޔަތާއި، ޝައްކާއި، ފަސާދައާއި، ފާޙިޝު ޢަމަލުތައް ހިމެނެއެވެ. ނަމަވެސް، ޔަހޫދީން ހައިރާންވެ އަންތަރީސްވާ އެންމެ ބޮޑު އެއް ކަމަކީ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހަކު، އޭނާގެ ބިމާއި އަލްއަޤްސާ މިސްކިތުގެ ދިފާޢުގައި، ޢިއްޒަތްތެރި ޢިލްމުވެރިއެއް ފަދައިން "الله އަކުބަރު" ގޮވަމުން ކުއްލިއަކަށް ފަލަސްޠީނުގެ މުޖާހިދުންގެ ތެރެއިން، ތެދުވާ ތެދުވުމެވެ.

އެއްވެސް ޝައްކެތް ނެތި، ފަލަސްޠީނު މީހުންނަށް ފުރައްސާރަކޮށް މާރާމާރީ ހިންގައި، އަދި އެމީހުން ހައްޔަރުކުރާނެކަން އެނގޭ އިރު ވެސް، ދުވަހަކު ވެސް އަލްއަޤުޞާ މިސްކިތަށް އަޅުކަންކުރާން ދާކަށް، އެމީހުން ފަހެއްނުޖެހެއެވެ. އަދި އެންމެ ހައިރާންވާންޖެހޭ ކަމަކީ، އެހެން ޤައުމުތަކުގެ، ބާރާއި ހަތިޔާރު ހުރި އަސްކަރީ ބާރުތަކަށް ނުކުރެވޭ ކަންތައްތައް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފަލަސްތީނުގެ މުޖާހިދުން ކޮށްލާތީއެވެ. އެއްވެސް ބަޔަކަށް ބަލިކޮށް ނުލެވޭނެކަމަށް ބުނާ އިޒުރޭލުގެ ސިފައިންގެ ޚުރާފާތް ފުނޑުފުނޑު ވެއްޖެއެވެ. ފަލަސްޠީނުގެ މުޖާހިދުން އެ ދަނީ، ބަލިނުކުރެވޭނެކަމަށް ބުނާ އިޒުރޭލުގެ އަސްކަރީން، މަރައި އަދި ރަހީނުވެސް ކުރަމުންނެވެ. ފަލަސްޠީނުގެ މުޖާހިދުންގެ ރޮކެޓުތައް ތައްލުއަބީބާ ހަމައަށް ފޯރައިފިއެވެ. ޔަހޫދީންނަށް އެއްވެސް ދިމާއަކުން ރައްކާތެރިކަމެއް ނެތެވެ. އެންމެ ރަނގަޅު ގޮތަކީ، ބޮޑު އިޒުރޭލުގެ ވަހުމީ ހުވަފެން ދޫކޮށްލުމެވެ. ދެބައި މީހުންނަށް ސުލްޙަވެރިކަމާ އެކު އުޅެވޭނެ، އަވަށްޓެރި ދައުލަތެއް ފަލަސްޠީނުގެ ރައްޔިތުންނަށް އޮންނާން ޖެހޭކަމަށް މިއަދު ޔަހޫދީން ޤަބޫލުކުރާން ފަށައިފިއެވެ. އޭގެ ސަބަބުން އެކަނި ވެސް، ފަލަސްޠީނުގެ ބިމުގައި ޔަހޫދީންގެ ވުޖޫދު އިތުރު ދެތިން އަހަރަށް ދިގުވެގެން ހިނގައިދާނެކަމަށް ޔަހޫދީން ޤަބޫލުކުރެއެވެ.

ޔަހޫދީން ގަބޫލުކުރާ ގޮތުގައި، ހާސް އަހަރު ވަންދެން ޔަހޫދީން ސާބިތުވެގެން ތިބި ކަމުގައިވިޔަސް، ޔަހޫދީ ދައުލަތް، އިތުރު ދިހަ އަހަރު ދިރިދެމި އޮވެއްޖެ ނަމަ، ފަލަސްޠީނު މީހުން އަނެއްކާ ވެސް، ތަކުރާރުކޮށް އެނބުރި އަންނާނެއެވެ. އަދި ދެން ފަހަރަކުން އެމީހުން އަންނާނީ އަސްމަތީގައި، ސީދާ ތައްލުއަބީބާ ދިމާއަށް މިސްރާބުޖަހައިފައެވެ.

ކޮމެންޓު