ad_banner
ހުކުރު ނަމާދަކީ ކޮންމެ ހަފުތާއަކު ޤިޔާމަތް ދުވަސް ހަނދާންކޮށްދޭ އަޅުކަމެއް: ސޫރަތުލްޖުމުޢާއިން ލިބިދޭ މެސެޖުތައް (5)

އަޙުމަދު ފަޔާޒު ޙަސަން

3 ޖުލައި 2025

ސޫރަތުލްޖުމުޢާއަކީ ވަރަށް ޢިބްރަތްތެރި ވާހަކައަކުން ގިނަ މެސެޖުތައް ލިއްބައިދޭ ސޫރަތެކެވެ.

(2025 ޖޫން 24ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)

ހަވަނަ އާޔަތުން ފެށިގެން އަށްވަނަ އާޔަތުގެ ނިޔަލަށް ﷲ މަރުގެ ވާހަކަ ބަޔާންކުރައްވައެވެ. ހަވަނަ އާޔަތުގެ މާނަޔަކީ [ކަލޭގެފާނު ވިދާޅުވާށެވެ! އޭ ޔަހޫދީވި މީހުންނެވެ! ﷲ ގެ ޙަޟުރަތުގައި އެހެން މީހުން ފިޔަވައި ގާތް ބަޔަކީ، ތިޔަބައިމީހުންކަމުގައި ތިޔަބައިމީހުން ހީކުރާ ނަމަ، ފަހެ، ތިޔަބައިމީހުން މަރުވުމަށް އެދިބަލާށެވެ! ތިޔަބައިމީހުންނީ، ތެދުބުނާ މީހުން ކަމުގައިވާނަމައެވެ.' ﷲއާ ގާތް ބަޔަކު ﷲއާ ބައްދަލުވުމަށް އެދޭނެއެވެ. އެ މީހުން ކަމަކަށް ފަހަތަކަށް ނުޖެހޭނެއެވެ. މި އާޔަތުން އަންގައިދެނީ ޔަހޫދީންގެ އަމަލުތަކުގެ ނުބައިކަމެވެ. އެމީހުންނަށް ތެދު ނުވަތަ ޙައްޤު ގޮތް އެނގޭ އިރު ވެސް އެ މީހުން ބާތިލު ގޮތުގައި ތިބޭ ވާހަކައެވެ.

ރަސޫލުﷲ މަދީނާއަށް ހިޖުރަކުރެއްވި އިރު އެ ރަށުގައި ތިބި ޔަހޫދީންނަށް ވުރެ ވަކީން ނަސީބުވެރި ބަޔަކު އޭރު ދުނިޔެއަކު ނުވެއެވެ. އެ މީހުންނަށް އެންމެ ފަހުގެ ނަބިއްޔާއާ ބައްދަލުވުމުގެ ނަސީބުލިބުނެވެ. އެކަލޭގެފާނުގެ ކިބައިން ރަސޫލުކަމުގެ ހުރިހައި ހެތްކެއް އެ މީހުންނަށް ފެނުނެވެ. އެކަލޭގެފާނު ކިޔަވައި ވިދާޅުވި ﷲގެ އާޔަތްތަކުން އެއީ ﷲގެ ވަޙީ ބަސްފުޅުކަން ވެސް އެ މީހުންނަށް އެނގިކަށަވަރުވިއެވެ. އެކަމަކު ހުރިހައި ކަމެއް އެނގި ތިބެ އެ މީހުން އެކަލޭގެފާނަށާއި ﷲގެ އާޔަތްތަކަށް ފުރަގަސްދިނެވެ. އެ މީހުންގެ މި އަމަލުގެ ނުބައިކަމާ ހުރެ ﷲ އެ މީހުންނަށް ގޮންޖައްސަވައި ވަޙީކުރައްވައެވެ.

ހަތްވަނަ އާޔަތުގެ މާނަޔަކީ [އަދި އެއުރެންގެ އަތްތައް އިސްކުރި ނުބައި އަމަލުގެ ސަބަބުން ދުވަހަކުވެސް އެއުރެން އެކަމަކަށް ނޭދޭނެތެވެ. ﷲ އީ، އަނިޔާވެރިން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.] ޔަހޫދީންގެ ބޮޑާކަމާއި ކިބުރުވެރިކަމާއި މަތިވެރިކަމާއި ދަހިވެތިކަމާއި ހަސަދަވެރިކަމުގެ ސަބަބުން މަރުވުން އެއީ އެ މީހުން އެދޭ ކަމަކަށްނުވެއެވެ. އެ މީހުން ދެކޭ ގޮތުގައި އެމީހުންނަކީ ﷲ އިޚުތިޔާރުކުރައްވާފައިވާ މީހުންނެވެ. އެހެން މީހުންނަށް ވުރެ އެ މީހުން މާތްވެފައި މޮޅުކަމަށް އެ މީހުން ދަޢުވާކުރެއެވެ. އެ މީހުންގެ މި ވިސްނުމާއި ފިކުރުގެ ސަބަބުން އެ މީހުންވަނީ މަގުފުރެދިފައި ތިބި އަނިޔާވެރިންނަށެވެ. މިހާރު ވެސް ޔަހޫދީ ބައެއް ޢިލްމުވެރިން ބުނާ ގޮތުގައި ރަސޫލުﷲ އަކީ ހައްގު ރަސޫލެއްކަމަށް އެމީހުން ގަބޫލުކުރެއެވެ. އެކަމަކު އެކަލޭގެފާނު ފޮނުއްވީ ޔަހޫދީންނަށްކަމަށް އެ ފަދަ މީހުން ގަބޫލެއްނުކުރެއެވެ.

އަށްވަނަ އާޔަތުގައި މަރުގެ ވާހަކަ ﷲ ތަކުރާރުކުރައްވައެވެ. [ކަލޭގެފާނު ވިދާޅުވާށެވެ! އެ ކަމަކުން ތިޔަބައިމީހުން ފިލާންދުވާ މަރު (ދަންނާށެވެ!) ފަހެ، އެ މަރު ތިޔަބައިމީހުންނާ ބައްދަލުކުރާނެކަން ކަށަވަރެވެ. ދެން ތިޔަބައިމީހުން ރައްދުކުރައްވާހުށީ، ނުފެންނަ ކަންތަކާއި ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެ ޙަޟުރަތަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުން ކަންތަކުގެ ޚަބަރު ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ.]

ކީރިތި ޤުރްއާން ބާވައިލެއްވި އިރު ޔަހޫދީންވަނީ އެ މީހުންގެ ފޮތުން ގިޔާމަތް ދުވަހާއި ނަރަކައިގެ ވާހަކަ އެއްކޮށް ފޮހެލައިފައެވެ. އެ މީހުން ތައުރާތުއޭ ބުނެ ގެންގުޅުނު ފޮތާއި އެ މީހުން އަމިއްލައަށް ލިޔެގެން އުޅުނު ފޮތްތަކުގައި ވެސް އާޚިރަތާއި ނަރަކައިގެ އެއްވެސް ވާހަކައެއް ނުވެއެވެ. އެ ގޮތުން އެ މީހުން ތިބީ މަރާ ވަރަށް ބޮޑަށް ދުރުހެލިވެގެންނެވެ. މާނަޔަކީ މަރަށް ތައްޔާރުވުން އެ މީހުންގެ ކިބައިގައި އެއްވެސް ވަރަކަށް ނެތުމެވެ. ރަސޫލުﷲ ގެ ރަސޫލުކަން ފެށުނީ ޔަހޫދީން އެ ގޮތުގައި އުޅެނިކޮށެވެ.

ﷲގެ ރަސޫލާ އާއި ﷲގެ އާޔަތްތައް ދޮގުކުރި މީހުންގެ އާޚިރު ނިމުން ވަރަށް ސާފުކޮށް ﷲ ބަޔާންކޮށްދެއްވައެވެ. އާޚިރުގައި އެ މީހުންގެ މަންޒިލަކީ ނަރަކައިގެ ގަދަފަދަ އަޒާބުއެވެ. ހިތާމަޔަކީ އިންޒާރުގެ މި ވަރުގަދަ ބަސްފުޅުތަކުން ވެސް ޔަހޫދީންނަށް ފިލާވަޅެއް ނުލިބުމެވެ. މިއަދު ދުނިޔޭގައި ޔަހޫދީންގެ ނަމުގައި އުޅޭ މީހުންގެ ހާލު ތަންކޮޅެއް ވެސް ރަނގަޅެއްނޫނެވެ.

ސޫރަތުލްޖުމުޢާގައި ހިމެނޭ ތިންބައިގެ ތެރެއިން ތިންވަނަ ބައި ފެށެނީ ސޫރަތުގެ ނުވަވަނަ އާޔަތުންނެވެ. މި އާޔަތުން ފެށިގެން ބަޔާންކުރައްވަނީ ހުކުރު ނަމާދުގެ ވާހަކައާއި އެ ނަމާދުގައި ހުރި މޮޅުއިތުރުކަމުގެ ވާހަކައެވެ. ކުރީގެ އުންމަތްތަކަށް ބަލާ އިރު އެ މީހުން އަޅުކަމުގައި ހޭދަކުރާންޖެހުނު ވަގުތު މާގިނައެވެ. މިސާލަކަށް ޔަހޫދީންނަށް މާތްކުރެއްވި ދުވަހަކީ ހޮނިހިރު ދުވަސްއެވެ. އެ ދުވަހަކީ މުޅި ދުވަހުގައި އެ މީހުން އަޅުކަމުގައި އުޅެން އެންގެވި ދުވަހެކެވެ. އެކަމަކު މުސްލިމުންނަށް އަޅުކަމެއްގައި އުޅުމަށް ﷲ މަޖުބޫރުކުރައްވަނީ ހަފުތާގެ އެންމެ ދުވަހެއްގެ ކުޑަ ވަގުތުކޮޅަކަށެވެ. މި ޒަމާނުގެ ވަގުތުން ބަލާ ނަމަ ދުނިޔަވީ ކަންކަން ދޫކުރާން ޖެހެނީ އެއީ އެންމެ ދެ ގަޑިއިރުއެވެ. އެއީ ކޮންމެ ހުކުރު ދުވަހެއްގެ އެގާރައިން ފެށިގެން މެންދުރު ފަހު އެކެއް ޖަހަންދެންކަމަށް ބަލަމާ ހިނގާށެވެ.

ނުވަވަނަ އާޔަތުގައި ﷲ ހުކުރު ނަމާދުގެ ވާހަކަ ބަޔާންކުރައްވައެވެ. މި އާޔަތުގެ މާނައިގައި ވެއެވެ. [އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހުކުރު ދުވަހު ހުކުރު ނަމާދަށް ގޮވައިލާ ހިނދު ފަހެ، ﷲ ހަނދުމަކުރުމަށް ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާ ނަމަ، އެ ގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ.] މި ނަމާދުން މުސްލިމުންނަށް ހަނދާންކޮށްދެނީ ގިޔާމަތް ދުވަހުގެ ޖަމާޢަތެވެ. މިއީ މަޙުޝަރު މައިދާން މުސްލިމުންނަށް ހަނދާންކޮށްދޭ ނަމާދެކެވެ.

ދުނިޔަވީ ދިރިއުޅުން ތަނަވަސްކުރާން އިންސާނުންކުރާ އެންމެ ބޮޑު މަސައްކަތަކީ ވިޔަފާރިކުރުމެވެ. މުއްސަނދިކަމާއި މުދަލާއި ފައިސާ ގުޅިފައިވަނީ ވިޔަފާރިއާއެވެ. އެހެންކަމުން ވިޔަފާރިއަކީ ދުނިޔަވީ ހަޔާތުގައި އެންމެ ފައިދާއާއި ނަފާ ބޮޑު މަސައްކަތެވެ. މިއީ ހަފުތާގެ ހުރިހައި ދުވަހަކު ކުރެވޭން އޮތް މަސައްކަތެއްކަން މި އާޔަތުން އެނގެއެވެ. މާނަޔަކީ މުސްލިމުންނަށް ކޮންމެ ދުވަހެއް ވެސް މަސައްކަތުގެ ދުވަހަށް ނުވަތަ ލޭބަރ ޑޭއަށް ވުމެވެ. މަސައްކަތްނުކުރާން އޮތީ ހަމައެކަނި ހުކުރު ނަމާދަށެވެ. އެއީ މި ޒަމާނުގެ ވަގުތުން ނަމަ، ގާތް ގަނޑަކަށް ދެ ގަޑި އިރުއެވެ. އެގާރައިން އެކަކަށް ވިޔަފާރީން ލިބޭ ނަފާއާއި ފައިސާއަށް ވުރެ ހުކުރު ނަމާދުން ލިބޭ މަންފާ މާބޮޑުވާނެކަން މި އާޔަތުން ކަށަވަރުވެއެވެ.

ހަނދާންކޮށްދިނުމަކީ ހަނދާން ނެތުމުން ކުރާ ކަމެކެވެ. ހުކުރު ނަމާދުގެ މަގުސަދަކީ ހަނދާން ކޮށްދިނުމެވެ. ހުކުރު ނަމާދުގެ އެއް ބަޔަކީ ހުކުރު ޚުޠުބާއެވެ. މި ޚުޠުބާގައި ދެވޭ ނަސޭހަހަތަކީ ހަނދާންކޮށްދިނުމެވެ. ހުކުރު ނަމާދުގެ އެންމެ މުހިންމު ބަޔަކީ ޚުޠުބާއެވެ. އެހެންކަމުން ޚުޠުބާ ފެށުމުގެ ކުރީން މިސްކިތަށް ދިއުމަކީ ކޮންމެހެން ކުރާންޖެހޭ އަސާސީ ކަމެކެވެ. ޚުޠުބާ އަޑުއެހުމަކީ އަދި މާ މުހިންމު ކަމެކެވެ. ހުރިހައި ކަމެއް ދޫކޮށްލައިފައި ވީ އެންމެ އަވަހަކަށް ހުކުރު ނަމާދަށް ދިއުމަކީ އީމާންވި މީހުން، ކަންކުރާން ޖެހޭ ގޮތެވެ. އެ ކަމަށް މި އާޔަތް މުސްލިމުން ހޭލައްވައެވެ.

ހުކުރު ނަމާދަކީ ހަފުތާއަކު އެއް ފަހަރު ބޭއްވޭ މުސްލިމުންގެ ވަރުގަދަ ކޮންވެންޝަންއެކެވެ. މި ބައްދަލުވުމުގައި ހިމެނެނީ ކުރީން ވެސް ބަޔާން ކުރި ފަދައިން ދެ ކަމެކެވެ. އެއީ ހުކުރު ޚުޠުބާއާއި ހުކުރުނަމާދުއެވެ. ހުކުރު ނަމާދުގެ ޖަމާޢަތުން އެތައް ކަމެއް ހަނދާންކޮށްދެއެވެ. ހުރިހައި ފަންތިއެއްގެ ނުވަތަ ހުރިހައި ދަރަޖައެއްގެ މުސްލިމުން އެއް ޖަމާއަތެއްގައި ހުދު ކުލައިގެ ފޭރާމުގައި ތިބުމުން ހަނދާންކޮށްދޭ އެއް ކަމަކީ މަޙުޝަރު މައިދާންއެވެ. މިއީ ހަފުތާއަކު އެއް ފަހަރު މުސްލިމުންނަށް އޮތް ގިޔާމަތުގެ ހަނދާންކޮށްދިނުމެކެވެ. ގިޔާމަތް ދުވަހަށް މީހުން ހާނުވައި ތައްޔާރުކުރުމަށް ބާރު އެޅޭ މުހިންމު އަޅުކަމެކެވެ. މި ޖަމާޢަތުގައި ބައްދަލުވެ ވާހަކަދެއްކުމަކީ އެ މީހުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުވާ ކަމެކެވެ. އެހެންކަމުން ހުކުރު ނަމާދަކީ މުސްލިމް އުންމަތް އުންމަތެއްގެ ގޮތުގައި ގުޅުވާ އެކަތިގަނޑަކަށް ހަދާ ބައްދަލުވުމެކެވެ.

ކޮމެންޓު