ad_banner
ޢާޝޫރާދުވަހު ރޯދަހިފުމުގެ ޢިބުރަތްތަކާ މެދު ވިސްނައިލަމާތޯ؟

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

2 ޖުލައި 2025

ފިރުޢައުނާއި އޭނާގެ ބައިވެރީން ޣަރަޤުކުރެއްވީ ރަތްކަނޑަށްކަމަށް ބުނެވެއެވެ.

ނަބިއްޔާ ޢާޝޫރާދުވަހު ރޯދަފުޅުހިއްޕެވީ ކީއްވެ؟

މާތްﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި އިބްނު ޢައްބާސުގެފާނުގެ އަރިހުން އަލްބުޚާރީ ރިވާކުރައްވައިފައިވާ ގޮތުގައި "ރަސޫލާ  މަދީނާއަށް ހިޖްރަކުރެއްވި އިރު މަދީނާގައި ދިރިއުޅެމުން ދިޔަ ޔަހޫދީން ޢާޝޫރާދުވަހު ރޯދަހިފުމަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދީފައިވެއެވެ. އެ ކަމާ ބެހޭގޮތުން ރަސޫލާ ސުވާލުކުރެއްވުމުން އެމީހުން ދެންނެވިއެވެ. މިއީ މާތް ދުވަހެކެވެ. މިއީ މާތްﷲ ބަނީއިސްރާއީލު ބާގައިގެ މީހުން އެ މީހުންގެ ޢަދުއްވުގެ ކިބައިން ސަލާމަތްކޮށްދެއްވި ދުވަހެވެ. ފަހެ މޫސާގެފާނު ﷲ ތަޢާލާއަށް ޝުކުރުދެންނެވުމުގެ ގޮތުން މި ދުވަހު ރޯދަފުޅުހިއްޕެވިއެވެ. މިހެންވެ އަޅުގަނޑުމެން ރޯދަހިފަނީއެވެ."

ބުޚާރީގެ އެހެން ރިވާޔަތެއް ބުނާގޮތުގައި "އަޅުގަނޑުމެން ރޯދަހިފަނީ އެ ދުވަސް މަތިވެރިކުރުމަށް ޓަކައެވެ." އެހިނދު ރަސޫލާ e ޙަދީސްކުރެއްވިއެވެ. ((فَأنَا أحَقُّ بمُوْسَى مِنْكُمْ [1]- ތިޔަބައިމީހުންނަށް ވުރެ މޫސާގެފާނަށް ޓަކައި ރޯދަހިފުން ޙައްޤުކަން ބޮޑީ ތިމަންކަލޭގެފާނެވެ.)) މި ބަސްފުޅު ވިދާޅުވެ އެ ދުވަހު ރޯދަފުޅު ހިއްޕަވައި މުސްލިމުންނަށް ރޯދަހިފުމަށް އަމުރުކުރެއްވިއެވެ.

ލޮބުވެތި ރަސޫލާ eގެ މި ބަސްފުޅުން ޢާޝޫރާދުވަހު ރޯދަހިފަންވީ ސަބަބު އެނގިއްޖެއެވެ. އެއީ އަނިޔާވެރި ޖައްބާރު ފިރްޢައުނު ހަލާކުކުރައްވައި މޫސާގެފާނާއި އެކަލޭގެފާނަށް އީމާންވި މީހުން  ސަލާމަތްކުރެއްވި ދުވަސްކަމުގައި ވީތީއެވެ. އެހެންކަމުން އެއީ މަތިވެރިކުރާން ޖެހޭ ދުވަހެކެވެ. އެއީ އެ ދުވަހުގެ ޒިކުރާ ދަމަހައްޓާންޖެހޭ ދުވަހެކެވެ. މާތް ﷲ މުއުމިނުންނަށް މި ދެއްވި ނިޢުމަތަށް ޝުކްރުއަދާކުރާން ޖެހޭތީއެވެ.

ރޯދަހިފުމުގެ ސަވާބު

މި ދުވަހު ރޯދަ ހިފުމުގެ ސަވާބު ބަޔާންކޮށް ދެއްވަމުން ރަސޫލާ ޙަދީޘްކުރެއްވިއެވެ. ((صِيَامُ يَوْمِ عَاشُوْرَاءَ أحْتَسِبُ عَلَى اللهِ أَنْ يُكفِّرَ السَّنةَ التِيْ قَبْلَهُ [2]- ޢާޝޫރާ ދުވަހުގައި ރޯދަ ހިފުމަކީ ވޭތުވެދިޔަ އަހަރުގެ ކުށް ފާފަތައް ފުއްސަވާ ދެއްވާނެ ކަމެކެވެ.)) ޢާޝޫރާ ދުވަހު ރޯދަ ހިފާ މީހާ އޭގެ ކުރީ ދުވަހު (އެ ބަހީ ނުވަވަނަ ދުވަހު) ނުވަތަ އެ ދުވަހާ ޖެހިގެން އަންނަ ދުވަހު (އެބަހީ އެގާރަވަނަ ދުވަހު) ރޯދަ ހިފުމަކީ ސުންނަތް ވެގެންވާ ކަމެކެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((لَئِنْ بَقِيْتُ إِلَى قَابِلٍ لَأَصُوْمَنَّ التَاسِعَ [3]-މިއަންނަ އަހަރުގެ މި ދުވަހާ ޖެހެން ދެން ތިމަންކަލޭގެފާނު ދުނިޔޭގައި ލަހައްޓަވައިފި ނަމަ ހަމަކަށަވަރުން ނުވަވަނަ ދުވަހު ވެސް ރޯދަފުޅު ހިއްޕަވާނަމެވެ!))

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޢާޝޫރާދުވަހު ހިފާ ރޯދަ ތިންގޮތަކަށް ހިފިދާނެއެވެ.

1-     އެންމެ މާތް ގޮތަކީ މުޙައްރަމު މަހުގެ 9ވަނަ ދުވަހާއި 10ވަނަ ދުވަހާއި 11ވަނަ ދުވަހު ރޯދަހިފުމެވެ.

2-    ދެވަނަ ގޮތަކީ މުޙައްރަމު މަހުގެ 9ވަނަ ދުވަހާއި 10ވަނަ ދުވަހު ރޯދަހިފުމެވެ.

3-    ތިންވަނަ ގޮތަކީ މުޙައްރަމު މަހުގެ 10ވަނަ ދުވަހު އެކަނި ރޯދަހިފުމެވެ.

މި ގޮތަށް ރޯދަހިފުމުން 10ވަނަ ދުވަހު ޢާޝޫރާ ރޯދަހިފުނުކަން ޔަޤީންވެގެންދާނެއެވެ. رسول الله ވަނީ ޢާޝޫރާދުވަހު ރޯދަހިފާ އިރުގައި ވެސް ޔަހޫދީންނާ އެއް ގޮތަށް ރޯދަނުހިފުމަށް އަންގަވައިފައެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ((صوموا يومَ عاشُوراءَ وخالِفوا اليَهودَ، وصُوموا قَبْلَه يَومًا وبَعْدَه يَومًا[4] ތިޔަބައިމީހުން ޢާޝޫރާދުވަހު ރޯދަހިފާށެވެ! އަދި ޔަހޫދީންނާ ޚިލާފުވާށެވެ! ތިޔަބައިމީހުން އޭގެ އެއް ދުވަސް ކުރީން ނުވަތަ އެއް ދުވަސް ފަހުން ރޯދަހިފާށެވެ.))

ޢާޝޫރާދުވަހު ރޯދަހިފަންވީ ސަބަބު

     ޢާޝޫރާ ދުވަހަކީ ފިރްޢައުނުގެ ކިބައިން މޫސާގެފާނު ސަލާމަތްކޮށް ދެއްވި ދުވަހެވެ. ފިރްޢައުނާއި އޭނާގެ ބޮޑު ލަޝްކަރު ޣަރަޤުކުރެއްވި ދުވަހެވެ. ފިރްޢައުނާ ބެހޭ ގޮތުން މާތް ވަޙީ ކުރެއްވިއެވެ ((ٱلَّذِينَ طَغَوْا۟ فِى ٱلْبِلَـٰدِ ، فَأَكْثَرُوا۟ فِيهَا ٱلْفَسَادَ  ، فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍ[5] - އެއުރެންނީ، ރަށްތަކުގައި އަނިޔާވެރިކަމުގައި ހައްދުފަހަނަޅައިފައިވާ މީހުންނެވެ. ފަހެ، އެއުރެން އެ ރަށްތަކުގައި ފަސާދަވެރިކަން ގިނަކުޅައޫއެވެ. ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއުރެންގެ މައްޗަށް عذابގެ ބާވަތްތައް އޮއްސެވިއެވެ.)) ފިރްޢައުނު އޭނާގެ ބޮޑާކަމާއި އަނިޔާވެރިކަމުގައި ޙައްދު ފަހަނަޅައި ގޮސް އޭނާ ވަނީ ކަލާނގެވަންތަކަމަށް ދަޢުވާކޮށްފައެވެ. އެކަލޭގެ ފޮނިކަމާއި ކިބްރުވެރިކަމާއެކު ބުންޏެވެ. (( أَنَا۠ رَبُّكُمُ ٱلْأَعْلَى[6]- ތިމަންނާއީ، ތިޔަބައިމީހުންގެ އެންމެ މަތިވެރިވެގެންވާ ކަލާނގެއެވެ.))

ކީރިތި ޤުރްއާނުގައި ވާރިދުވެފައިވާ އަނިޔާވެރީން ހަލާކުކުރެއްވުމާ ބެހޭ ވާހަކަތަކުން އެނގެނީ އެ ފަދަ އަނިޔާވެރީން ހަލާކުކުރެއްވި ޙާދިސާތައް ފަސޭހައިން ހަނދާނުން ފުހެވިގެންދާ އާދައިގެ ޙަދިސާތަކަކަށް ވުމަށް އިސްލާމްދީން ނޭދޭކަމެވެ. ދީން އެދެނީ އުންމަތުގެ ޒާކިރާގައި ތާއަބަދަށް ދެމިހުންނަނިވި ހަނދާންތަކަކަށް މި ހަނދާންވުމަށެވެ. އެއިން ޢިބްރަތް ޙާޞިލުކުރުމަށް ޓަކައެވެ. ﷲގެ ނިޢުމަތްތަކަށް އަބަދު ވެސް ބޭނުންވާނެކަން ހަނދުމަނެތިވިޔަނުދިނުމަށެވެ.

ފިރްޢައުނު ޣަރަޤުކުރެއްވުމާއި ނޫޙުގެފާނުގެ ގައުމުގެ ކާފިރުންނާއި ޢާދުބާގައިގެ މީހުންނާއި ޘަމޫދުބާގައިގެ މީހުންނާއި ލޫޠުފާނުގެ ގައުމުގެ މީހުންނާއި އަޔިކާގެ އަހްލުވެރީން ފަދަ އަނިޔާވެރި ގައުމުތައް ހަލާކުކުރެއްވި ގޮތް ބަޔަންކުރެއްވުމަށް ފަހު އެއާ ވިދިގެން އައި ބަސްފުޅަކީ ((إِنَّ فِى ذَٰلِكَ لَـَٔايَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ [7] -  ހަމަކަށަވަރުން، އެ ކަންތަކުގައި (اللَّهގެ ކުޅަދުންވަންތަކަމުގެ) ހެތްކެއް ވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން إيمانވާ ބަޔަކު ކަމުގައި ނުވެތެވެ.)) މި ފަދަ ކޮންމެ ވާހަކައަކާ އެކު މި ބަސްފުޅު ތަކުރާރުކުރައްވައިފައި ވެއެވެ. ބައެއް ފަހަރަށް ސޫރަތް ފެށޭ ކޮޅުގައެވެ. އަނެއްބައި ފަހަރަށް ސޫރަތް ނިމޭކޮޅުގައެވެ. ލޫޠު ގައުމުގެ މީހުން ހަލާކުކުރެއްވި ވާހަކައާ ގުޅިގެން سورة هودގައި އައިސްފައިވާ ބަސްފުޅަކީ ((وَمَا هِىَ مِنَ ٱلظَّٰلِمِينَ بِبَعِيدٍ [8]-  އަދި އަނިޔާވެރިންނާ ދުރުގައިވާ ކަމެއްކަމުގައި އެކަންތައް ނުވެތެވެ.)) سورة الحجرގައި އައިސްފައިވާ  ބަސްފުޅަކީ ((إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّلْمُتَوَسِّمِينَ ﴿٧٥﴾‏ وَإِنَّهَا لَبِسَبِيلٍ مُّقِيمٍ ﴿٧٦﴾‏ إِنَّ فِى ذَٰلِكَ لَـَٔايَةً لِّلْمُؤْمِنِينَ[9]- ހަމަކަށަވަރުން، އެ ކަންތަކުގައި، ވިސްނައި ފިކުރުކުރާ މީހުންނަށް ހެކިތަކެއްވާކަން ކަށަވަރެވެ. (75)  އަދި ހަމަކަށަވަރުން، އެ ރަށްވަނީ ސާބިތުވެ ފެންނާން އޮތް މަގެއްގައިކަން ކަށަވަރެވެ. (76) ހަމަކަށަވަރުން، އެކަމުގައި مؤمن ތަކުންނަށް ހެތްކެއްވާކަން ކަށަވަރެވެ ))

ޒިކުރާ ދެމެހެއްޓުން

އަނިޔާވެރީން ހަލާކުކުރެއްވުމާ ބެހޭ ވާހަކަތަކުގައި އަނިޔާލިބެމުންދާ ނިކަމެތީންނަށް ވެސް ޢިބްރަތްތަކެއް ވެއެވެ. މާތްﷲ އެކަލާނގެ ވަޢުދުފުޅުތައް ފުއްދަވައި އެބައިމީހުންނަށް ނަޞްރުދެއްވަތެއެވެ. މާތްﷲ މުއުމިނު އަޅުންނަށް ނަޞްރުދެއްވުމަށް ވަނީ ވަޢުދުކުރައްވައިފައެވެ. ޖައްބާރުން ބަލިކުރައްވައި މާތްﷲ ނިކަމެތީންގެ ހިތްތަކަށް ފިނިކަން ދެއްވާނެއެވެ. މާތް ﷲ އެމީހުންނަށް މާޔޫސްނުވުމަށާއި އުންމީދު ކަނޑައިނުލުމަށް އަންގަވައެވެ. މާތްﷲ ވަޙީކުރެއްވިއެވެ. (( وَكَانَ حَقًّا عَلَيْنَا نَصْرُ ٱلْمُؤْمِنِينَ[10] - އަދި مؤمنންނަށް نصر ދެއްވުމަކީ، ތިމަންރަސްކަލާނގެ މައްޗަށްއޮތް حقއެއް ކަމުގައިވެއެވެ.)) سورة الذارياتގެ ފެށޭކޮޅުގައި ވަޙީކުރެއްވިއެވެ. ((تُوعَدُونَ لَصَادِقٌ [11]- ހަމަކަށަވަރުން، ތިޔަބައިމީހުންނަށް وعد ކުރައްވާ ކަންތައްތަކަކީ، حق ތެދުކަން ކަށަވަރެވެ.))

މުއުމިނުންނަށް ﷲ ޢައްޒަ ވަ ޖައްލަ ކުރައްވައިފައިވާ ވަޢުދަކީ ((وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ مِنكُمْ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَيَسْتَخْلِفَنَّهُمْ فِى ٱلْأَرْضِ كَمَا ٱسْتَخْلَفَ ٱلَّذِينَ مِن قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ ٱلَّذِى ٱرْتَضَىٰ لَهُمْ وَلَيُبَدِّلَنَّهُم مِّنۢ بَعْدِ خَوْفِهِمْ أَمْنًا [12]- ތިޔަބައިމީހުންގެ ތެރެއިން إيمانވެ، صالح عمل ތައްކޮށް އުޅުނު މީހުންނަށް، އެއުރެންގެ ކުރީން އުޅުނު މީހުން خليفةވެރިކުރެއްވި ފަދައިން، ހަމަކަށަވަރުން، އެއުރެން ބިމުގައި خليفةވެރިކުރައްވާނެކަމަށާއި، އެއުރެންނަށް ޓަކައި އެކަލާނގެ ރުއްސެވި އެއުރެންގެ دين، ހަމަކަށަވަރުން، އެބައިމީހުންނަށްޓަކައި تمكينކުރައްވާނެ ކަމަށާއި، އެއުރެންގެ ބިރުވެރިކަމަށް ފަހު، ހަމަކަށަވަރުން، أمانކަމަކަށް އެއުރެން ބަދަލުކުރައްވާނެކަމަށް، اللَّه وعدކުރައްވައިފައިވެއެވެ.))

މި ފަދަ އުފާވެރި އުއްމީދީ ޚަބަރުތަކުން ކީރިތި ޤުރްއާން ވަނީ މުއުމިނުތަކުންގެ ހިތްތަކަށް އުފާވެރިކަން ވައްދަވައިދެއްވައިފައެވެ. އަނިޔާވެރީންގެ އަނިޔާއިންނާއި ޙައްދުފަހަނަޅައިވާ ޖައްބާރުންގެ އަނިޔާވެރިކަމުން މަރައިލައިފައިވާ ނަފުސުތަކަށް ވަނީ އުންމީދުގެ ހުޅުކޮޅެއް ނުފެނިފައެވެ. އެމީހުންނަށް މަގުހިނގާނެ އަލިކޮޅެއް ވަނީ ނުފެނިފައެވެ. އަނިޔާވެރީންނާއި ޖައްބާރު ޙާކިމުންގެ ރަޙްމުކުޑަކަމުން އެމީހުން ވަނީ ފެންކަޅިވެ ކަޅި ހުއްޓިފައެވެ.  އަނިޔާވެރީން ބިމުގައި ބޮޑާވެގަތުމާއި ފަސާދަކުރުމުގެ ސަބަބުން ނިކަމެތީން ވަނީ ކަންބޮޑުވެ ހަދާނެނަހަދާނެ ގޮތެއް ނޭނގިގެން ލޯތައް ބޮޑުވެ ލަގޮނޑިވަޅުތަކާ ހަމަޔަށް ހިތްތައް އައިސްފައެވެ. އަނިޔާވެރީންގެ ޢަސްކަރީ ގުރާބުތައް ބާރުގަދަ ހަތިޔާރުތަކުން ފުރައިލައިގެން ކަނޑުތަކާއި ބަރޫދުތައް ކަޑައްތުކުރަމުން ވައިގެ ތެރޭގައި އުދުހެމުން އެ ދަނީ މުޅި ދުނިޔެއަށް ބިރުވެރިކަމާއި ހާސްކަން ފަތުރަމުންނެވެ. އެމީހުންނަށް ބޯނުލަނބާ ކޮންމެ މީހަކީ މަރު ޙައްޤުވެގެންވާ މީހެކެވެ. އަޅުވެތިކުރާންޖެހިފައިވާ މީހެކެވެ. ޤާނޫނަކީ އެ މީހުންގެ ޤާނޫނެވެ. ނިޔާއަކީ އެމީހުންގެ ނިޔާއެވެ. އެ މީހުންގެ ބަސް ފެތުރުމަށް ޓަކައި ބާރުގަދަ މީޑިއާތައް ވެސް އުފައްދައެވެ. މާތްﷲ އެ ފަދަ މިސާލެއް ބަޔާންކުރައްވައި ވަޙީކުރެއްވިއެވެ. ((إِنَّ فِرْعَوْنَ عَلَا فِى ٱلْأَرْضِ وَجَعَلَ أَهْلَهَا شِيَعًا يَسْتَضْعِفُ طَآئِفَةً مِّنْهُمْ يُذَبِّحُ أَبْنَآءَهُمْ وَيَسْتَحْىِۦ نِسَآءَهُمْ ۚ إِنَّهُۥ كَانَ مِنَ ٱلْمُفْسِدِينَ[13] - ހަމަކަށަވަރުން، فرعون، ބިމުގައި ބޮޑާވެގެންފިއެވެ. އަދި އެ ބިމުގެ أهلވެރީން ބައިތަކަކަށް ބަހައިލިއެވެ. އޭގެ ތެރެއިން އެއް ބަޔަކު ނިކަމެތިކުރަމުން ގެންދިޔައެވެ. އެއުރެންގެ ފިރިހެން ދަރީން قتلކޮށް، އެއުރެންގެ އަންހެން ދަރީން ދޫކޮށްލިއެވެ. ހަމަކަށަވަރުން، އޭނާއަކީ، فسادކުރާ މީހުންގެ ތެރެއިންވީ މީހެކެވެ.))

މި ފަދަ ޙާދިސާތަކުގައި ގިނަގުނަވެގެންވާ ޢިބްރަތްތަކާއި ދަރުސުތައް ވެއެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ އެކަލާނގެއަށް އީމާންވާ މީސްތަކުންނާއި އެކަލާނގެ ރަސޫލުން ބޮޑެތި މުޞީބާތްތަކުންނާއި ބަލާތަކުން ސަލާމަތް ކުރައްވާ ގޮތް އެނގި އީމާންކަން ހަރުދަނާ ކުރުމަށް ޓަކައެވެ. މާތްﷲ ވަޙީކުރެއްވިއެވެ. (( ثُمَّ نُنَجِّى رُسُلَنَا وَٱلَّذِينَ ءَامَنُوا۟ ۚ كَذَ‌ٰلِكَ حَقًّا عَلَيْنَا نُنجِ ٱلْمُؤْمِنِينَ [14] - ދެން ތިމަންރަސްކަލާނގެ رسولންނާއި، إيمان ވި މީހުން ސަލާމަތް ކުރައްވަމެވެ. ހަމައެފަދައިން، مؤمن ން ދިންނަވައި ސަލާމަތް ކުރެއްވުމަކީ، ތިމަންރަސްކަލާނގެއަށް އޮތް حق އެކެވެ.))

މި ފަދަ ޙާދިސާތަކުން އެނގެނީ މި ފަދަ މުޞީބާތްތަކުން ސަލާމަތް ވެވޭނީ އީމާންކަމާއި އިސްލާމުކަމުންކަމެވެ. އާޚިރަތުގައި ނަޞްރާއި ނަޞީބު ލިބުމުގެ މަގަކީ އެއީކަމެވެ. މިއިން އެނގެނީ ﷲއަށް އިތުބާރުކޮށް އެކަލާނގެ ޙަޟުރަތަށް ރުޖޫޢަވެގެން މެނުވީ އެއްވެސް ދުނިޔެއެއްގައި ސަލާމަތެއް ނެތްކަމެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((فَٱدْعُوهُ مُخْلِصِينَ لَهُ ٱلدِّينَ[15] - ފަހެ، ތިޔަބައިމީހުން އެކަލާނގެއަށް އަޅުކަން خالص ކުރާ حال، އެކަލާނގެއަށް دعاء ކޮށް އަޅުކަން ކުރާށެވެ!))

މި ޙާދިސާއިން އެނގެނީ މާތްﷲ އެކަލާނގެއަށް ކާފިރުވެ، ދުނިޔެ ފަސާދަކުރާން އުޅޭ މީހުންނަށް ގަދަފަދަ ޢަޒާބުން ޢަޒާބު ދެއްވައި ނެތިކުރައްވާނެކަމެވެ. ފިރްޢައުނު ނިމިގެން ދިޔަ ގޮތް ބަޔާން ކުރައްވައި ވަޙީކުރެއްވިއެވެ. ((وَٱسْتَكْبَرَ هُوَ وَجُنُودُهُۥ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَظَنُّوٓا۟ أَنَّهُمْ إِلَيْنَا لَا يُرْجَعُونَ ، فَأَخَذْنَـٰهُ وَجُنُودَهُۥ فَنَبَذْنَـٰهُمْ فِى ٱلْيَمِّ ۖ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلظَّـٰلِمِينَ  ،  وَجَعَلْنَـٰهُمْ أَئِمَّةً يَدْعُونَ إِلَى ٱلنَّارِ ۖ وَيَوْمَ ٱلْقِيَـٰمَةِ لَا يُنصَرُونَ ، وَأَتْبَعْنَـٰهُمْ فِى هَـٰذِهِ ٱلدُّنْيَا لَعْنَةً ۖ وَيَوْمَ ٱلْقِيَـٰمَةِ هُم مِّنَ ٱلْمَقْبُوحِينَ [16]- އަދި އޭނާއާއި، އޭނާގެ لشكر حقއަކާ ނުލައި ބިމުގައި ބޮޑާވެގަތެވެ. އަދި ތިމަންރަސްކަލާނގެ حضرةއަށް އެއުރެން އަނބުރައި رجوع ނުކުރައްވާނެކަމަށް އެއުރެން ހީކުރޫއެވެ. ފަހެ، ތިމަންރަސްކަލާނގެ އޭނާއާއި، އޭނާގެ لشكر ހިއްޕަވައި، ދެން ތިމަންރަސްކަލާނގެ އެއުރެން ކަނޑުލެއްވީމެވެ. ފަހެ، އަނިޔާވެރިންގެ ނިމުންވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ. އަދި ނަރަކަޔަށް (ވަނުމަށް މީސްތަކުންނަށް) ގޮވާ زعيمން ކަމުގައި ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ. އަދި قيامة ދުވަހުން އެއުރެންނަކަށް نصرއެއް ނުލިބޭނެތެވެ. އަދި ތިމަންރަސްކަލާނގެ މިދުނިޔެމަތީގައިވެސް، އެއުރެންނަށް لعنةލެއްވީމެވެ. އަދި قيامة ދުވަހުގައި، އެއުރެންނީ (اللَّه ގެ رحمةން) ދުރުކުރައްވައިފައިވާ ބަޔެކެވެ.))

އަނެއް ކޮޅުން ﷲއަށް އީމަންވާ މީހުންނަށް މާތް ﷲ އާޚިރުގައި ކާމިޔާބު ދެއްވައި އެމީހުންނަށް ދުނިޔޭގައި ވެސް ޢިއްޒަތާއި ޝަރަފާއި ޤަދަރު ދެއްވާނެއެވެ.މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَنُرِيدُ أَن نَّمُنَّ عَلَى ٱلَّذِينَ ٱسْتُضْعِفُوا۟ فِى ٱلْأَرْضِ وَنَجْعَلَهُمْ أَئِمَّةً وَنَجْعَلَهُمُ ٱلْوَ‌ٰرِثِينَ وَنُمَكِّنَ لَهُمْ فِى ٱلْأَرْضِ وَنُرِىَ فِرْعَوْنَ وَهَـٰمَـٰنَ وَجُنُودَهُمَا مِنْهُم مَّا كَانُوا۟ يَحْذَرُونَ [17]- އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވަނީ، ބިމުގައި ދެރަވެ ނިކަމެތިވީ މީހުންނަށް نعمة ދެއްވުމަށެވެ. އަދި އެއުރެންނީ (އެހެންމީހުންނަށް މަގުދައްކާ) إمامން ކަމުގައި ލެއްވުމަށެވެ. އަދި (فرعونގެ ވެރިކަން) ވާރުތަވަނިވި މީހުން ކަމުގައި އެއުރެން ލެއްވުމަށެވެ. އަދި ބިމުގައި ތިމަންރަސްކަލާނގެ އެއުރެންނަށް ވެރިކަން ދެއްވުމަށެވެ. އަދި فرعونއާއި، هامانއާއި، އެ ދެމީހުންގެ لشكرއަށް، އެއުރެން ބިރުގަންނަ ކަންތައްތައް، އެ ނިކަމެތި މީހުންގެ ފަރާތުން ދެއްކެވުމަށްޓަކައެވެ.))

 

މަރުޖާ:


1 -  أخرجه البخاري (٢٠٠٤)  ومسلم (١١٣٠)

2 - أخرجه مسلمٌ

3 - أخرجه مسلمٌ

4- أخرجه أحمد (٢١٥٤)، والبزار (٥٢٣٨)، وابن خزيمة (٢٠٩٥)   -

5 - الفجر: 11،،12 ، 13

6 -  النازعات : 24

7  - الشعراء : 8

8  - هود: 82

9  - الحجر: 75، 76، 77

10  - الروم: 47

11  - الذاريات :5

12  - النور: 55

13  - القصص: 4

14- يونس: 103

15- غافر: 65

16 - القصص :  39- 42

17 - القصص   : 5-6

ކޮމެންޓު