ad_banner
ވަގުތަކީ މަޚުލޫޤެއްތަ؟

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

28 ޖޫން 2025

ވަގުތަކީ ދުނިޔެއަށް އެކަނި ޚާއްޞަ އެއްޗެކެވެ.

މީހަކު އެއްސެވެ: ވަގުތަކީ ކޮބައިހެއްޔެވެ؟

ދެން އެހެން މީހަކު ބުންޏެވެ: ވަގުތަކީ ވެސް 'މަޚްލޫގެ'ކެވެ. އުފެއްދިފައިވާ އެއްޗެކެވެ. މީގެ މާނައަކީ ކޮބައިހެއްޔެވެ؟ ދުނިޔެއަށް އެއްޗެއް އުފަންވާ ފަދައިން އުފަންވެފައިވާ އެއްޗެކެވެ. ވަގުތުގެ 'އުފަންވުން' ގުޅެނީ ކައުނުގެ އުފަންވުމާއެވެ. އިރާއި ކައުކަބުތަކުގެ އުފަންވުމާއި އޭގެ ދައުރުވުމާއެވެ. އެ ތަކެތީގެ ދައުރުވުން ނެތް ނަމަ، ވަތުގު މިނާކަށް ނޭނގޭނެއެވެ. މާނައަކީ ވަގުތޭ ކިއާ އެއްޗެއް ނޯންނާނެއެވެ.

މީގެ އަހައްމިއްޔަތަކީ ކޮބައިހެއްޔެވެ؟ މިއިން ދޭހަވާ ފުރަތަމަ ކަމަކީ ވަގުތު ނެތް އިރެއް އޮތްކަމެވެ. ވަގުތު އުފަންވުމުގެ ކުރީގައި ވަގުތު ނެތްކަމެވެ. ދެން، މިއާ ގުޅޭ އަނެއް ކަމަކީ އިންސާނާގެ ވެސް އަދި އެހެން ދިރި ހުރި އެއްޗެހީގެ އުފަންވުމާއި މުސްކުޅިވެ ނެތި ދިޔުން ގުޅެނީ ވަގުތާކަމެވެ. ކީރިތި ގުރުއާނުގައި އިޝާރަތް ކޮށްފައިވާ ފަދައިންނެވެ. ދުނިޔަވީ ހަޔާތަކީ ހަމައެކަނި ހަޔާތަކަން ބަޔާންކުރަމުން އަރަބީންގެ ދުނިޔަވީ ނަޒަރު ބަޔާންކުރަމުންނެވެ. {وما يهلكنا إلا الدهر} (އަހަރުމެން ހަލާކުކޮށް (ނެތިކޮށްލަނީ) ޒަމާނެވެ.( އެއީ ރޭދުވާ ތަކުރާރުވުމެވެ.

ދެން، މިއިން ދޭހަވަނީ ވަގުތު ނެތް ނަމަ، އިންސާނާގެ ވުޖޫދު ދާއިމަށް ދެމިގެންދާނޭކަމެވެ. އާޚިރަތުގައި ދާއިމަށް ދިރި ތިބޭނޭކަން {خالدين فيها} ގުޅެނީ ވަގުތުގެ ނެތުމާއެވެ. އާދޭހެވެ! ދުނިޔަވީ ހަޔާތް ވަގުތާ ގުޅިފައިވާ ފަދައިން އުޚުރަވީ ހަޔާތް އޮންނާނީ ވަގުތުގެ ދާއިރާއިން ބޭރުގައެވެ.

ދެން ތިންވަނަ ކަމަކީ މި ދެންނެވި ގޮތަށް ވަގުތަކީ ވެސް މަޚުލޫގެއްކަމުގައި ވިސްނައިލުމުން، އަޒަލުގެ މާނަ ހިތަށް ގެންނާން ފަސޭހަވެއެވެ. މާތްﷲ އުފެދުމެއް ނެތި ވޮޑިގެންވުމާއި އަދި ދާއިމަށް ދެމިވޮޑިގެންވުން، މި ކަން ވިސްނައިގަތުމަށް ފަސޭހަވެއެވެ. އެހެނީ އެކަލާނގެ ވޮޑިގެންވުން ވަގުތާ އަދި ތަނާ ވެސް ނުގުޅޭތީއެވެ.

________________________________

ކޮމެންޓު