ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
2 ޖުލައި 2025
އެކަކު ބުނި އަޑު އިވުނެވެ:
[ދިހަ ބުރީގެ ގެއެއް ނިންމައިލާން އެއް ކުންފުންޏަކުން ހޭދަކުރީ އެންމެ ދެ އަހަރާ ބައި ދުވަހެވެ. ނިންމި އިމާރާތް ފެންނަނީ ހަމަ އެންމެ ރަނގަޅަށް، އިމާރާތްކުރުމުގެ ގަވާއިދުތަކަށް ރިއާޔަތްކޮށްގެން ހަދައިފައި ހުރި ތަނެވެ. ދެން، އެ ޢިމާރާތަށް ދިހަ ބާރަ އަހަރު ވީ އިރު ވެސް ޢިމާރާތްކުރުމުގެ މައްސަލައެއް ނުފެނެއެވެ. މި ތަޖުރިބާ ކުރެވިފައި ވަނިކޮށް، އިމާރަތްކުރުމުގެ މާ ބޮޑު ތަޖުރިބާ ނެތް ބަޔަކާ ހަމަ އެ ފަދަ އިމާރާތެއްކުރާން ހަވާލުކޮށްފާނަންހެއްޔެވެ؟]
ދެވަނަ މީހާ ބުންޏެވެ:
[ނުކުރާނަމެވެ! އެ ވާނީ މޮޔަ ކަމަކަށެވެ؟]
އެއްވަނަ މީހާ: "މި ވާހަކަ އަހަރެން މި ބުނީ، މި ދޭތެރެއިން މީހަކު ބުނި އެހެން ބިނާއެއްކުރުމުގެ ވާހަކަ އަޑު އަހައިފައެވެ. އޭނާ ބުނީ ދެ އަހަރާ ބައިން ބުރިޖެއް އެޅިދާނެކަމުގެ ތަޖުރިބާ އަހަރުމެންނަށް ކުރެވިއްޖެއެވެ. މި ކަން މިހެން އޮއްވައި، ގަބަލީ އަދި ތައައްސުބުގެ ފިކުރުގެ ނުބައި އަވައިގައި ޖެހި، އެހެން ބުރިޖެއް އަޅާން ހަވާލުކުރި ބަޔަކު ކުރީ އެ ކަމުގެ މާ ބޮޑު ތަޖުރިބާއެއް ނެތް ބަޔަކާއެވެ. އަދި ކުރީން ބުރިޖު އެޅި މީހުންގެ ސާބާނާއި ތަކެއްޗާއި އިންސާނީ ވަސީލަތްތައް ތައްޔާރަށް ހުއްޓައެވެ. އެހެންވެ، ދެ އަހަރު ބައި ނޫނީ ތިން އަހަރުން ނިމޭން ޖެހޭނޭ މަސައްކަތެއް، ހަތް އަހަރުވީ އިރު ވެސް ނުނިމެއެވެ. މި ކަމުގެ ޒިންމާއުފުއްލާން ޖެހޭނީ ކޮން ބަޔެއްހެއްޔެވެ؟]
ދެވަނަ މީހާ: އެންމެ ފުރަތަމަ އެ ކަން އެފަދަ ބަޔަކާ ހަވާލުކުރި ބަޔެކެވެ! ތަނުގެ މަސްލަހަތު އިސްކުރުން ނިޔާކުރަނީ ކަންކުރުމުގެ ގާބިލުކަން ހުރިކަން ސާބިތުކޮށްދީފައިވާ ބަޔަކާ އެ ކަން ހަވާލުކުރުމަށެވެ. މަސައްކަތް [ނުނިމި] ދިގުދެމިގެންދާ އިރު، އެ ކަމުގެ ހުރިހައި ބުރައަކާއި އުނދަގުލެއް އުފުއްލާން ޖެހޭނީ، އާޚިރުގައި ތަނުގެ މުވާތިނުންނަށެވެ. ހުރިހައި ޚަރަދެއް ބޮލުގައި އަޅާން ޖެހޭނީ އެ މީހުންކަމަށްވާތީއެވެ!
އެއްވަނަ މީހާ: ދެން، މި ކަމުން ލިބޭން އޮތް ފިލާވަޅަކީ ކޮބައިހެއްޔެވެ؟
ދެވަނަ މީހާ: އެކިއެކި ބަހަނާތައް އަޑުއެހުން ދޫކޮށްލައިފައި، އެ ފަދަ ގަބަލީ ތައައްސުބުގެ ފިކުރުގެ މީހުންގެ ވާހަކަތައް ގަބޫލުނުކުރުމެވެ. މިވެނިއެވެނި ކަމެއް ކުރާނަމޭ ބުނެ ވަޢުދުވާ އިރު، އެ މީހުންގެ މާޒީއަށް ބަލައިލުމުން އޭގެ މިސްދާގިއްޔަތު - އާދެ، ތެދު ދޮގުކަން - ވަރަށް ސާފުކޮށް ފެންނާން އޮންނާނެއެވެ. އެހެންވެ، އަހަރުމެން ވާން ޖެހޭނީ ގަބަލީ އަދި ތައައްސުބުގެ ފިކުރާ ދުރު ބަޔަކަށްވެ، އާންމު މަސްލަހަތަކީ ކޮބައިކަން ކަނޑައަޅައި ދެނެގަތުމުގެ ވިސްނުމާއި ފިކުރު ލިބިފައި ތިބި ބަޔަކަށެވެ. [ރުޅިއާއި ކުލުނާއި ލޯތްބާއި ޙަސަދައާއި މި ފަދަ ޖަޒުބާތުގައި ނުޖެހި އިޚުލާޞްތެރިކަމާ އެކު ގައުމާ މެދު ވިސްނާން އަޅުގަނޑުމެން ދަސްކުރާން އެބަ ޖެހެއެވެ.]