އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
13 ޖޫން 2025
ދިރިއުޅުމުގައި ތިމާ އުފާވެރިކޮށް ހުރުން ބިނާވެފައިވަނީ އޭނާގެ ސިކުނޑިއާއެވެ. އެ ކަން ބިނާވެފައި އޮންނާނީ، ސިކުނޑީން ވިސްނާ ގޮތެއްގެ މައްޗަށެވެ. އޭނާގެ ރަވައްޔާގެ މައްޗަށެވެ. ރަވައްޔާއަކީ ބަދަލުކުރެވޭނެ އެއްޗެކެވެ. ފައްސި ރަވައްޔާއެއް ގެންގުޅޭ މީހަކަށް ދަތި ހާލެއްގައި އުޅޭން ދިމާވިޔަސް ހިތްދަތިވެ މާޔޫސްވާކަށް ނުޖެހޭނެއެވެ.
ރަވައްޔާއަކީ އިނގިރޭސިބަހުން ކިޔާ އެޓިޓިޔުޑްކަމަށް ބަލަމާތޯއެވެ! އެއީ [ކަމަކާ މެދު މީހެއްގެ ޝުޢޫރުތަކާއި ވިސްނުމާއި ޚިޔާލު ހުންނަ ގޮތުގެ ސަބަބުން އެ ކަމަކާ މެދު އޭނާގެ ބަސްމަގާއި ޢަމަލުތައް ބަހައްޓާ ގޮތް]ކަމަށް ރަދީފުގައި އޮވެއެވެ. ވީމާ، ތިމާގެ ރަވައްޔާ ފައްސިކޮށް އުފާވެރިކަމާ އެކު، ދުވަސްތައް ވޭތުކުރެވޭނީ، އެ ކަމަށް ސިކުނޑި ތަމްރީނުކޮށްގެންނެވެ. އެހެންކަމުން އުފާވެރިކަމާ އެކު، ދިރިއުޅުމަށް ޓަކައި، އަދި ރަވައްޔާ ފައްސިކުރުމަށް ޓަކައި، ސިކުނޑި ތަމްރީނުކުރެވޭނެ ބައެއް ކަންކަން ބަޔާންކޮށްލާނަމެވެ.
1. އޯގާވެރިކަމާއި ރަޙުމާއި ތަޝާކުރާ އެކު، ކަންކަން ބަލައިގަތުމަށް ތައްޔާރަށް ހުރުން:
މި ކަމަށް ޓަކައި އަބަދު ވެސް ތިމާގެ ދިރިއުޅުމުގައި ފެންނަ އަދި ދިމާވާ ރަނގަޅު ކަންކަމަށް ފޯކަސްކުރުން މުހިންމެވެ. މީހެއްގެ ފަރާތުން ފެންނަ ނުރަނގަޅު ކަންތައްތަކަށް ފޯކަސްނުކޮށް އަބަދު ވެސް އޭނާގެ ކިބައިން ފެންނަ ރަނގަޅު ކަންކަން ހަނދާނުގައި ބެހެއްޓިދާނެއެވެ. ނަމަވެސް ހިތާމައަކީ މިއަދު މި މުޖުތަމަޢުން ފެންނަނީ މީގެ އިދިކޮޅު ޢަމަލުތަކެވެ. އަޅުގަނޑުމެންގެ ތެރޭގައި ހިތްހަމަނުޖެހުމާއި ކަންބޮޑުވުމާއި، އަމިއްލައަށް މަރުވުން ފަދަ ނޭއްގާނި ކަންކަން ފެންނަނީ މި ކަމަށް އަޅުގަނޑުމެން ސަމާލުކަން ނުދޭތީކަމަށް ވެދާނެއެވެ. އިސްލާމް ދީން ވެސް އަންގަވައިފައިވަނީ މީހުންގެ ކިބައިން ފެންނަ ހެޔޮ ކަންކަން، ރަނގަޅު ކަންކަން، ހަނދާންކުރުމަށާއި މީސްތަކުންނަށް ޝުކުރުވެރިވުމަށެވެ. އޯގާވެރިކަމާއި ރަޙުމާއި ކުލުނުވެރިކަން ފަތުރައި ޢާންމުކުރުމަށެވެ. ތަވާޟުޢުވެރިވުމަށެވެ. އަޅުގަނޑުމެންގެ ކައުސާހިބާއަކީ މި ކަމުގެ ނަމޫނާއެކެވެ.
މި ޢަމަލުތަކުގެ ސަބަބުން ލިބޭނެ ރޫޙާނީ އަދި ނަފުސާނީ ފައިދާގެ އިތުރަށް މާއްދީ ފައިދާތަކެއް ވެސް ހަށިގަނޑަށް ލިބޭނެއެވެ. އެހެނީ މި ޢަމަލުތަކުގެ ސަބަބުން ހަށިގަނޑުގައިވާ އުފާވެރިކަމާ ގުޅޭ ކެމިކަލްތަކުން އުފައްދާ ހޯމޯންތައް އިތުރުވާނެއެވެ. އެއީ ޑޮޕޭމައިނާއި، ސެރެޓޮނީނާއި، އޮކްސިޓޮސިނާއި އެންޑޯރފިން މި ހަތަރުވައްތަރުގެ ކެމިކަލެވެ.
މީގެ ތެރެއިން އެންޑޯރފިނަކީ އަސާސީ ގޮތެއްގައި ކަންބޮޑުވުމާއި ތަދުގެ އިޙުސާސްތައް ދަށްކޮށްދޭ ހޯމޯނެވެ. ސެރޮޓޮނީނަކީ އެ މީހެއްގެ މޫޑާއި، ދުޅަހެޔޮކަމާއި އުފާވެރިކަން އެއް ހަމައެއްގައި ހިފަހައްޓައިދިނުމުގައި އެހީތެރިވާ އެއްޗެކެވެ. ޑޮޕޭމައިން އަދާކުރާ ދައުރަކީ ސިކުނޑީގެ އިނާމާ ބެހޭ ބައިގައި އުފާވެރިކަމާއި ކަންކަމަށް ހިތްޖެހުމާއި ޝައުޤުވެރިކަން އުފައްދައިދިނުމެވެ. އޮކްސީޓޮސިނަކީ ގުޅުންތެރިކަމާއި ލޯތްބާއި އިތުބާރު އުފައްދައިދޭ ހޯމޯނެވެ.
2. ގަވާއިދުން ކަސްރަތުކުރުން:
ޖިސްމާނީ ޙަރަކާތްތެރިކަމުގެ ސަބަބުން ހަށިގަނޑުގައި [މޫޑް] ރަނގަޅުކުރާ ހޯމޯންކަމަށްވާ އެންޑޯފިންސް އިތުރުކޮށް ހަށިގަނޑުގައި އެ ހޯމޯން ޙަރަކާތްތެރިކުރުވައެވެ. އެންޑޯފިންސް އިތުރުވުމުގެ ސަބަބުން ނިދުން ފަސޭހަކޮށްދެއެވެ. އަދި ހަށިގަނޑުގެ ހަކަތަ އިތުރުކޮށްދީ ސްޓްރެސް (ނުވަތަ ކަންބޮޑުވުން)ގެ އަސަރު ވަރަށް ބޮޑަށް ދަށްކޮށްދޭނެއެވެ. މި ކަންކަމަކީ އިންސާނާ އުފާވެރިކަމަށް މަގުފަހިކުރުވާ ކަންކަމެވެ.
މި ކަމަށް ޓަކައި ތިމާ ހިތްހަމަޖެހޭ ކަހަލަ ޙަރަކާތެއް ކުރެވިދާނެއެވެ. މޫދަށް އެރުމަކީ އެންމެ މޮޅު ކަސްތަރެވެ. ނުވަތަ ޝައުގުވެރިވާ ކުޅިވަރެއް ކުޅެވިދާނެއެވެ. ނުވަތަ 45 މިނިޓް ވަންދެން ނުހުއްޓި ހިނގައިވެސްލެވިދާނެއެވެ. މަޑު ރާގަކަށް ދުވެވެސްލެވިދާނެއެވެ. ކޮންމެ ހަފުތާއަކު ވެސް ގަވާއިދުން މި ކަހަލަ ކަސްރަތެއްކުރާށެވެ! މަދުވެގެން 150 ވަރަކަށް މިނިޓު މި ކަމުގައި ހޭދަކޮށްލީމާ ރަނގަޅުވާނެއެވެ.
3. ކަންކަމަށް ސަމާލުކަންދީ ކަންކަމާ މެދު ފިކުރުހިންގުން އިތުރުކުރުން:
މިހާރު ހިނގާ ކަމަކަށް ސަމާލުކަންދޭށެވެ! އެ ކަމަށް އިންސާފުކުރުމުގެ (ރަނގަޅު ނުބައި ކަނޑައެޅުމުގެ) ނަޒަރަކުންނެއް ނޫނެވެ. ހަމައެކަނި ހިނގާނުހިނގާ ރަނގަޅަށް ބަލައި ދެނެގަތުމުގެ ނަޒަރުންނެވެ.
މި ކަމުގެ ސަބަބުން ކަންބޮޑުވުން ކުޑަކޮށްދޭނެއެވެ. އަދި ކަންކަމަށް ފޯކަސްކުރާން ތަމްރީނު ލިބޭނެއެވެ. އަދި ޙަޔާތުގެ ސާދާ އުފާވެރިކަމާއި ކަންކަން ބަލައިގަތުމުގެ ރޫޙެއް ހަށިގަނޑުގައި ހެދިގަންނާނެއެވެ.
މި ކަން ކުރެވިދާނެ ގޮތްތަކަކީ ކަންކަމާ މެދު، ޚާއްޞަކޮށް ﷲގެ ކުޅަދުންވަންތަކަމާއި އެކަލާނގެ ދެއްވި ނިޢުމަތްތަކުގެ މަތިވެރިކަމަށް، ވިސްނުމެވެ. އަދި ފުންކޮށް ނޭވާލާން ފަރިތަކުރާށެވެ! އަދި ކެއުމާއި ހިނގުމާއި މި ނޫނަސް ދުވަހީ ޢަމަލުތަކުގައި ތިމާގެ ޙިއްސުތަކާ މެދު ވިސްނުން ބެހެއްޓިދާނެއެވެ.
4. ފައްސި ޢާއިލީ އަދި އިޖުތިމާޢީ ގުޅުމެއް އުފެއްދުން:
މިއީ ގާތްތިމާގެ މީހުންނާއި އަވައްޓެރީންނާއި އިޚުލާޞްތެރި ރަޙުމަތްތެރީންނާ އެކު، ގުޅުންތައް ދެމެހެއްޓުމެވެ. މި ކަމުގެ ސަބަބުން އިޖުތިމާއީ އެހީތެރިކަން ތިމާއަށް ލިބުމާއި ސްޓްރެސް ފިލުމާއި ޖުމުލަކޮށް ނަފުސާނީ ދުޅަހެޔޮކަމަށް އެހީތެރިވެދޭނެއެވެ.
މި ކަމަށް ޓަކައި ގާތްތިމާގެ މީހުންނާއި ރައްޓެހީންނާ އެކު ވަގުތު ހޭދަކުރާންވާނެއެވެ. އަދި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމުޢިއްޔާތަކުގައި ޙަރަކާތްތެރިވުމާއި އެކި ގްރޫޕުތަކުގައި ބައިވެރިވެ ތިމާގެ ހިއްސާ އަދާކުރެވިދާނެއެވެ. މި ޒަމާނުގައި އެކުވެރީންނާއި ޢާއިލާގެ ވައިބަރު އޮޅިތަކާއި ވަޓުސަޕް ގުރޫޕުތައް މެދުވެރިކޮށް ވެސް މި ގުޅުން ދަހަމައްޓާން މަސައްކަތްކުރެވިދާނެއެވެ.
5. ކޮންމެވެސް އާ ކަމެއް ދަސްކުރުން:
މީގެ މާނައަކީ ތިމާއަށް ކުރީން ނޭނގޭ އަދި ކުރާން އުނދަގޫ ކޮންމެވެސް ކަމެއްގައި މަޝްޣޫލުވެގެން ތިމާގެ މަޢުލޫމާތުގެ ޚަޒާނާ މުއްސަނދިކުރުމެވެ.
އާ ކަންކަން ދަސްވުމަކީ ތިމާގެ އަމިއްލަ ނަފުސުގެ މައްޗަށް އޮންނަ އިތުބާރު ބޮޑުވެ، ކާމިޔާބީ އިޙުސާސްކޮށްދޭނެ ކަމެކެވެ. އަދި މަގުސަދެއް ހާސިލުވީކަމުގެ އުފާވެރިކަން އިހުސާސްވާނެއެވެ.
މި ކަން ކުރެވޭނެ ތަފާތު ގޮތްގޮތް ހުންނާނެއެވެ. ހަމަ، މީޔާރު ކޯހެއްގައި ނުވަތަ ކުލާހެއްގައި ވެސް ބައިވެރިވެވިދާނެއެވެ. ކިޔަވާކަށް ވަކި ޢުމުރެއް ނޯވެއެވެ. ނުވަތަ ފޮތްކިޔައިގެން އިންޓަނެޓަށް ޒިޔާރަތްކޮށްގެން ވެސް އެކި މީސްމީހުން މަސައްކަތްކުރާ ގޮތް ބަލައިގެން ވެސް އެކި ހުނަރު ލިބިގަނެ އެކި ކަންކަން ދަސްކުރެވިދާނެއެވެ. އަދި އާ ރަށްރަށަށާއި އާ ގައުމުތަކަށް ދަތުރުކޮށްގެން ވެސް އެކި ކަންކަން ތަޖުރިބާކުރެވިދާނެއެވެ. ބޭނުމަކީ އަބަދު ވެސް އާ ކަމެއް ދަސްކުރުމުގެ ޝައުގާ އެކު، އެ ކަމަށް މަސައްކަތްކުރުމެވެ.
6. ބަސްމަގު ބަދަލުކުރުން:
ރަނގަޅު ކަންކަމާ މެދު ޥިސްނައި ޚިލާޔު ހިންގައިގެން ތިމާގެ ނައްސި ވިސްނުން ފައްސިކުރާށެވެ! އަބަދުވެސް ކަންކަމަށް ހަޖޫކިޔައި އާޑަކިޔުމުގެ ބަދަލުގައި ނޭދެވޭ ކަންކަމަށް ވުރެ ބޮޑަށް، ރަނގަޅަށް ހުންނަ ކަންކަމާ މެދު ފިކުރު ހިންގާށެވެ! އޭރުން އަބަދުއަބަދު ތިމާއަކީ ކަންކަމާމެދު ނައްސި ފާޑުކިޔާ މީހެއްގެ ގޮތުގައި މީހުން ދެކޭ ދުށުން ބަދަލުވެދާނެއެވެ. އޭރުން ތިމާގެ ކިބައިން ސްޓްރެސް - ހާސްވުމާއި ކަންބޮޑުވުން - ކުޑަވެ، ތިމާގެ ރަވައްޔާއާއި ތިމާއާ މެދު މީހުން ދެކޭ ގޮތް ބަދަލުވެ އެ ކަން ކުރިއަރާނެއެވެ. ފައްސިކަން ޚުދު ތިމާއަށް ވެސް އިޙުސާސްކުރެވޭނެއެވެ.
7. ތިމާގެ ސްޓްރެސް (ކަންބޮޑުވުން) ކޮންޓްރޯލުކުރުން:
ތިމާ ބޭނުންނުވާ ކިތަންމެ ކަމަކާ މި ދުނިޔެއިން ދިމާވާނެއެވެ. ދުނިޔެއަކީ ފިނިފެނމަލުގެ ދާނެއް ނޫނެވެ. އެހެންކަމުން ތިމާ ކަންބޮޑުވާ ފަދަ ޙާލަތްތަކާ ވެސް ކުރިމަތިވާނެއެވެ. ކަންބޮޑުވާ ކަންކަން ދިމާވާ ޙާލަތްތަކުގައި ވެސް ހަމަޖެހިގެން އެ ކަމަށް ފިޔަވަޅުއަޅާން ދަސްކުރާށެވެ! ހާސްވެގެން ތެޅިނުގަންނާށެވެ! މި ކަން ތަރައްގީކުރެވޭތޯ މަސައްކަތްކުރާށެވެ!
މި ކަމުގެ ސަބަބުން ވިސްނުމަށާއި ޖިސްމަށް ނޭދެވޭ އަސަރު ފޯރާ މިންވަރު ވަރަށް ބޮޑަށް ކުޑަކުރެވޭނެއެވެ.
މި ކަން މި ގޮތަށް ކުރުމަށް ޓަކައި، ހަމަނިދި ހޯދުމާއި، އަރާމުކޮށްލާން ދަސްކުރުމާއި، ނުވާ ވަރަށް ކަންކަމަށް ކަށަވެތިކަން ނުދިނުން ހިމެނެއެވެ. އަދި އަންނަނިވި އާޔަތުގައިވާ ފަދައިން ކޮންމެ ކަމެއް ވެސް މާތް ﷲ ހިންގަވައި ތަދުބީރުކުރައްވާނީ އެ ކަލާނގެ އަޅުތަކުންނަށް އެންމެ ފައިދާއާއި ލާބަ ހުރި ގޮތުގެ މަތީންކަމަށް ގަބޫލުކުރުމަކީ ސްޓްރެސް ކުޑަކުރުމަށް ޓަކައި އެންމެ ރަނގަޅު ފަރުވާކަން އަޅުގަނޑަށް ވަނީ ތަޖުރިބާކުރެވިފައެވެ.
މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. ﴿وَعَسَى أَنْ تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَكُمْ وَعَسَى أَنْ تُحِبُّوا شَيْئًا وَهُوَ شَرٌّ لَكُمْ وَاللَّهُ يَعْلَمُ وَأَنْتُمْ لَا تَعْلَمُونَ﴾ (البقرة: 216.) ([އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި اللَّه ހުރިހާ ކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ.])
އަޅުގަނޑުމެން އަޅުގަޑުމެންގެ ދަރީން ދެކެ، އަދި އަޅުގަނޑުމެންގެ މައިންބަފައިން އަޅުގަނޑުމެން ދެކެ، ލޯބިވާ ވަރަށް ވުރެ، މާ ބޮޑަށް ﷲ އަޅުގަނޑުމެން ދެކެ – އެކަލާނގެ އަޅުން ދެކެ – ލޯބިވެވޮޑިގަންނަވައެވެ. ވީމާ، ކަންބޮޑުވާންވީ ކޮން ކަމަކާހެއްޔެވެ!
8. ދާއިރާގެ ދަންނީ މީހެއްގެ ލަފާ ހޯދުން:
ތިމާއަށް ހަދާނެ ގޮތެއް ނުވިސްނޭހެން ހީވާ ނަމަ، ތަމްރީނު ލިބިފައިވާ ދަންނުވެރިއެއްގެ ލަފާ ހޯދާށެވެ! މި ދެންނެވީ، ހާސްވެ ފިކުރު ބޮޑުވެ، ނުވަތަ ހިތްދަތިކަމުގައި ހުންނާން ޖެހިއްޖެ ނަމަ، ތަޢުލީމާއި ތަމްރީނު ހޯއްދަވައިގެން ހުރި ވަސޭހަތްތެރިއެއްގެ ނުވަތަ އެ ދާއިރާގެ ފަންނީ މީހެއްގެ ލަފަޔާއި އިރުޝާދު ހޯދިދާނެ ވާހަކައެވެ. ހަގީގަތުގައި ވަސޭހަތްތެރިއަކީ އިސްލާމީ ތަޢުލީމާ އެކު ވަސޭހަތްތެރިކަމުގެ ތަޢުލީމު ހޯދައިފައިވާ މީހެއްކަމަގައިވާ ނަމަ، ވަރަށް ރަނގަޅުވާނެއެވެ. މި ފަދަ މީހުން ދޭ ލަފަޔާއި އިރުޝާދަށް ޢަމަލުކުރާށެވެ!
99. ކެތްތެރިކަމާއި ނަމާދުން ވާގިހޯދައި ހިތްވަރުލިބިގަތުން:
މިއީ ހަގީގަތުގައި މާތް ﷲ ކުރައްވައިފައިވާ އަމުރުފުޅެކެވެ. އަދި ކައު ސާހިބާގެ ޢަމަލުފުޅުން ދައްކަވައި ސާބިތުކޮށްދެއްވައިފައިވާ ކަމެކެވެ. މާތް ﷲ ވަޙީކުރައްވައިފައިވަނީ މި ފަދައިންނެވެ. ﴿ وَاسْتَعِينُوا بِالصَّبْرِ وَالصَّلَاةِ ۚ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى الْخَاشِعِينَ﴾ (البقرة: 45) ([އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ.)])
ތިމާއަށް ކަންބޮޑުވާ ކަމެއް މެދުވެރިވެއްޖެ ނަމަ، ތިމާގެ ހިތް ޙާޒިރުކޮށްގެން ނަމާދުކޮށްލާށެވެ! ނަމާދުގައި ކިޔާ ތަކެތީގެ މާނަ ހިތްމައްޗަށް ގެނެސްގެންނެވެ. ސޫރަތުލްފާތިޙާގެ ކޮންމެ އާޔަތެއް ކިޔެވުމުން ﷲ އެ ކިޔެވި މީހާއަށް ޖަވާބުދެއްވާނެކަން ދެނެހުރެ، އެ ކަން ގަބޫލުކޮށްގެންނެވެ. މި ގޮތުގެ މަތީން ނަމާދެއްކޮށް ނިންމައިލެވޭ އިރު، އެ މީހާއަށް ހިތްހަމަޖެހުން ލިބޭނެކަން ކަށަވަރެވެ.
10. ޙަލާލު ނޫން ގޮތްގޮތަށާއި، ރިޝްވަތުގެ ގޮތުން ފައިސާއާއި މުދާ ނޭއްކުރުން:
މި ގޮތަށް އެއްކުރާ މުދަލަކުން ހަގީގީ ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. ބަލި ހާލެއް ދިމާވާ ކޮންމެ ވަގުތަކު، އެ ކަމާ ފިކުރު ބޮޑުވާނެއެވެ. އުފާވެރިކަމެއް އިޙުސާސެއް ނުކުރެވޭނެއެވެ.
އަޅުގަނޑު މި ދަންވައިލީ އުފާވެރިކަމާ އެކު ދިރިއުޅުމަށް ޓަކައި ކުރެވިދާނެ ބައެއް ކަންކަމެވެ. މި ނޫނަސް ކުރެވޭނެ ކަންކަން ހުރެދާނެއެވެ. ހުންނާނެކަން ކަށަވަރެވެ.
ނިންމައިލަމުން ދަންނަވައިލާން އޮތީ، މައިގަނޑު ކަމަކީ ތިމާގެ ވިސްނުން ފައްސިކުރުމެވެ. ތިމާގެ ބާރު ނިހިނގާ ކަންކަމާ މެދު ފިކުރުބޮޑުނުކުރުމެވެ. ނައްސި ވިސްނުމަކީ ތިމާއާއި އެހެން މީހުންނަށް ވެސް އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫންކަން ގަބޫލުކުރައްވާށެވެ! ތިމާގެ އިޚުތިޔާރާއި ބާރާ ނުލައި ހިނގާ ކަންކަން އެ ގޮތަށް އެ ހިނގަނީ އެ ކަމުގައި ތިމާއަށް ފައިދާއެއް އޮންނާނެތީކަން ގަބޫލުކުރައްވާށެވެ! މާތް ﷲ އަންގަވައިފައިވާ ފަދައިން އަޅުގަނޑުމެންނަކަށް ނޭނގޭނެއެވެ. ދެނެވޮޑިގެންވަނީ މާތް ﷲއެވެ. ﴿وَاللَّهُ يَعْلَمُ وَأَنْتُمْ لَا تَعْلَمُونَ އެވެ.
އުފާވެރިކަމަކީ އެއްވެސް ޙާލެއްގައި މުދާވެރިކަމާ ގުޅިފައިވާ ކަމެއް ނޫނެވެ. ބޑެތި މުއްސަނދީން އުޅެނީ އުފަލުގައިކަމަށް އަޅުގަނޑުމެން ހީކުރަނީތޯއެވެ! ނޫނެކެވެ. ހާސްވެ ފިކުރު ބޮޑުވެގެން އުޅެނީ ކިތައް ފައިސާވެރީންތޯއެވެ! އުފާވެރިކަމޭ މި ކިޔަނީ ހިތަށާއި ސިކުނޑިއަށް ލިބޭ ތަނަވަސްކަމަށެވެ. ނަފުސަށް ލިބޭ ހިތްހަމަޖެހުމަށެވެ. ހިތްފަސޭހަކަމަށެވެ. ނުވަތަ ޔަގީންކަމާއި އިތުބާރު އިޙުސާސްކުރެވުމެވެ.
ފަގީރު ހާލުގައި އުޅޭ ކިތައް މީހުން ހަމަޖެހިލައިގެން ހަމަނިދި ނިދައިލާ އިރު، މުއްސަނދިކަމާއި ތަނަވަސްކަމުގައި އުޅޭ ކިތައް މީހުންނަށް ފިކުރު ބޮޑުވެގެން ހަމަނިދި ނުލިބިގެން އުޅޭކަން އެނގިވަޑައިގަންވައިތޯއެވެ! (ހަގީގީ) މުއްސަނދިކަމަކީ ފައިސާއާއި މުދާގިނަވުމެއް ނޫނެވެ. އެއީ ނަފުސުގެ މުއްސަނދިކަމެވެ. އާދޭހެވެ! ކައުސާހިބާ ހަދީސްކުރައްވައިފައިވާ ފަދައިން [ليس الغِنى عن كثرة العَرَض، ولكن الغنى غنى النفس]އެވެ.
ވީމާ، ޙަލާލު ގޮތުގައި ރިޒުޤު ހޯދާށެވެ! ތިމާއަށް ލިބިފައިވާ ނިޢުމަތްތަކާ މެދު ވިސްނާށެވެ! އަޅައިކިޔާ ނަމަ، ތިމާއަށް ވުރެ، ދަތ ޙާލުގައި ދުނިޔޭގައި އުޅޭ މީހުންގެ ޙާލާ މެދު ވިސްނާށެވެ! އޭރުން ހިތުގައި އުފެދޭނީ ޙަމްދާއި ޝުކުރެވެ. ތިމާއަށް ވުރެ ތަނަވަސް މީހުންނާއި މުއްސަނދީންނާ މެދު ނުވިސްނާށެވެ! އޭރުން ހިތުގައި އުފެދޭނީ ނަފުރަތާއި ޙަސަދައެވެ. އެ ކަމުން ތިމާގެ އުފާވެރިކަން ނައްތައިލާނެއެވެ.
ވިސްނުން ފައްސިކުރާށެވެ! ރަނގަޅު ކަންކަމަށް ވިސްނާށެވެ! އޯގާވެރިކަމާއި ރަޙުމާއި ތަޝާކުރާ އެކު، ކަންކަން ބަލައިގަތުމަށް ތައްޔާރަށް ހުންނާށެވެ! ހަމައެކަނި ހިނގާނުހިނގާ ރަނގަޅަށް ބަލައި ދެނެގަތުމުގެ ނަޒަރުން ކަންކަމާ މެދު ފިކުރުހިންގާށެވެ! އަބަދު ވެސް އާ ކަމެއް ދަސްކުރާން އުޅޭށެވެ. ގަވާއިދުން ކަސްރަތުކުރާށެވެ! ބަސްމަގު ހެޔޮ މަގަށް ބަދަލުކުރާށެވެ! ކެތްތެރިކަމާއި ނާމާދުން ވާގި ހޯދާށެވެ! ނައްސި ވިސްނުން ދޫކޮށްލާށެވެ! އޭރުން އިނބަގެ ދިރިއުޅުން އުފާވެރިވާނެއެވެ.
_____________________________
(ނޯޓު: މި މަގާލަށް އަޅުގަނޑު މަޢުލޫމާތު ހޯދީ ކީރިތި ޤުރުއާނާއި ސުންނަތުންނެވެ. އަދި ޢިލްމީ ބައެއް ލިޔުންތަކުންނެވެ. އަދި އަމިއްލަ ތަޖުރިބާއިންނެވެ. ޞިއްޙީ މަޢުލޫމާތުގެ ބައި މި މަގާލުގައި ހިސާބަކަށް ހިމެނިފައިވާތީ، މައުލޫމާތު ރަނގަޅުކަން ކަށަވަރުކޮށްދެއްވުމުގައި އެހީތެރިވެދެއްވީ ޞިއްޙީ ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ އަޅުގަނޑުގެ އެކުވެރި ޙަސަން މޫސާއެވެ.)
ބައެއް ލަފުޒުގެ ބައެއް މާނަ:
ނައްސި ނއ. ނޭދެވޭ ނުވަތަ ނުރުހެވޭ.
ރަވައްޔާ ނ. ކަމަކާ މެދު މީހެއްގެ ޝުޢޫރުތަކާއި ވިސްނުމާއި ޚިޔާލު ހުންނަ ގޮތުގެ ސަބަބުން އެ ކަމަކާ މެދު އޭނާގެ ބަސްމަގާއި ޢަމަލުތައް ބަހައްޓާ ގޮތް.
މަގާލު ނ. ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ނުވަތަ އޮންލައިން ސަފުހާއެއްގައި ލިޔާ ކުރު ލިޔުމެއް.
މޫޑު ނ. އެ ވަގުތަކު އެ މީހެއްގެ މިޒާޖު ހުރި ގޮތް.
މީޔާރު ނއ. އާންމުކޮށް ބަލައިގަނެވޭ ވަރަށް ފޭރާން ހެޔޮ ނުވަތަ ފެންވަރު ރަނގަޅު.
ފައްސި ނއ. ގަބޫލުވެވޭ ނުވަތަ ރުހެވޭ.
ފޯކަސްކުރުން މ. ކަމެއްގެ މައްޗަށް ބޮޑަށް ނަޒަރު ހުއްޓައިލުން ނުވަތަ ނަޒަރު ހިންގައިލުން.