ad_banner
ކީރިތި ޤުރްއާނުގެ ޢަދަދީ މުޢުޖިޒާތަށް ބަލައިލުން (1)

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

13 އޯގަސްޓް 2025

ޤުރުއާނަކީ އަދަބީ، ޢިލްމީ އަޚުލާގީ ސައެންސީ ޢަދަދީ މުޢުޖިޒާއެކެވެ.

މުޢުޖިޒާތަކީ މީސްތަކުންނަށް ފެނިފައިވާ އަދަޔާޚިލާފު ކަންތައްތަކެކެވެ. އެހެނަސް އެއީ މީސްތަކުންނަށް ގެނެސްގަތުމަށް މުސްތަޙީލު ކަންތައްތަކެކެވެ. އެއީ މާތްﷲގެ ރަސޫލުންގެ ތެދުވެރިކަން މީސްތަކުންނަށް ދެއްކެވުމަށް ޓަކައި އެބޭކަލުންގެ އަތްޕުޅުމަތީން ފާޅުކޮށްދެއްވި އާދަ ފޫއަޅުވަނިވި ކަންތައްތަކެކެވެ.

އާދަ ފޫއަޅުވަނިވި ކަންތައްތަކެކޭ ދެންނެވުމުން އެއީ މީސްތަކުން އާދަކޮށް ދެކެއުޅޭ ކަންތައްތަކެއްނޫންކަން އެނގެއެވެ. އެއީ ކައުނީ ޤާނޫނުތަކާ ޚިލާފު ކަންތައްތަކެކެވެ. އެއީ ﷲ ތަޢާލާގެ ޢަމަލުފުޅުތަކުން ޢަމަލުފުޅެކެވެ. އޭގެ މައިދާނަކީ މާއްދާއާއި، ތަނާއި، ވަގުތެވެ. ނުވަތަ ޚަލްޤުތަކުންގެ ދުނިޔެއެވެ.

މޫސާގެފާނުގެ މުޢުޖިޒާތެއްކަމުގައިވާ "ކަނޑު އިރުއްވުން"އަކީ ބަނީ އިސްރާއީލު ބާގައިގެ މީހުންނަށާއި ފިރުޢައުނަށާއި އޭނާގެ ގައުމުގެ މީހުންނަށް ދެއްކެވި ކައުނީ މުޢުޖިޒާތެކެވެ. އެއީ ﷲ ތަޢާލާގެ ޢަމަލުފުޅެކެވެ. އިންސާނަކަށް އެކަމެއް ނުކުރެވޭނެއެވެ. ހަމަ އެފަދައިން  މޫސާގެފާނުގެ އަސާކޮޅު ދިރޭ ހަރުފައަކަށް ބަދަލުކުރެއްވުމުގައި އެތައް މުޢުޖިޒާތްތަކެއް ވެއެވެ. އެއީ ﷲ ތަޢާލާގެ ޢަމަލުފުޅުތަކެކެވެ. ކައުނީ ޢަމަލެކެވެ. މި މުޢުޖިޒާތްތަކުގެ މައިދާނަކީ މާއްދާއާއި ތަނާއި ވަގުތެވެ. އެއީ ވަކި ތަނެއްގައި ވަކި ޒަމާނެއްގައި އުޅުނު ބަޔަކަށް ދެއްކެވި މުޢުޖިޒާތްތަކެކެވެ. އެހެން ބަޔަކަށް މި ކަންތައްތައް ފެނިފައެއް ނުވާނެއެވެ.

މާތްﷲ ޢީސާގެފާނަށް ވެސް އެތައް މުޢުޖިޒާތްތަކެއް ދެއްވިއެވެ. މަރުވެފައިވާ މީހުން ﷲގެ އިޒުނަފުޅާ ލައިގެން ދިރުއްވުމާއި ބަރޮސްބަލި ޖެހިފައިވާ މީހުންގެ ބަލި ރަނގަޅުކުރެއްވުމާއި ލޯފަންކަން ރަނގަޅުކުރެއްވުން ފަދަ ކަންކަމެވެ. އެއީ މާއްދާއަށާއި ތަނަށާއި ވަގުތަށް ޚާއްޞަ މުޢުޖިޒާތްތަކެކެވެ.

މުޢުޖިޒާތާ މަންހަޖަކީ ތަފާތު ދޭއްޗެކެވެ. ކަނޑު އިރުއްވުމާއި މޫސާގެފާނުގެ އަސާކޮޅު ދިރޭ ހަރުފައަކަށް ބަދަލުކުރެއްވުމާއި މޫސާގެފާނުގެ އަތްޕުޅު ބަލިމަޑުކަމަކާނުލައި އަލިކުރެއްވުމަކީ މުޢުޖިޒާތްތަކެކެވެ. އެހެނަސް އެކަލޭގެފާނުގެ މަންހަޖަކީ ތައުރާތެވެ. ޢީސާގެފާނަށް ބަލާ އިރު އެކަލޭގެފާނުގެ މަންހަޖަކީ އިންޖީލެވެ.

އަޅުގަނޑުމެންގެ ރަސޫލާ މުޙައްމަދުގެފާނަށް ބަލާއިރު އެކަލޭގެފާނުގެ މަންހަޖަކީ ކީރިތި ޤުރްއާނެވެ. މީގެ އިތުރަށް މި ޤުރްއާނަކީ އެކަލޭގެފާނުގެ މުޢުޖިޒާތްތަކުގެ ތެރޭގައި ހިމެނޭ އެންމެ ވަރުގަދަ އެންމެ މަތިވެރި މުޢުޖިޒާތެވެ. ވީމާ، ޤުރްއާނަކީ މަންހަޖެވެ. ޤުރްއާނަކީ މުޢުޖިޒާތެވެ. ކީރިތި ރަސޫލާގެ ކުރީގެ ރަސޫލުންގެ މުޢުޖިޒާތްތަކަކީ މާއްދާއާއި ތަނާއި ވަގުތުގެ ކަމެކެވެ. އެއީ ﷲގެ ޢަމަލުފުޅުތަކެކެވެ. އެއީ އެބޭކަލުންގެ ގައުމުތަކުގެ އެ ޖީލުގެ މީހުންނަށް ދެއްކެވި މުޢުޖިޒާތްތަކެކެވެ. އެހެނަސް ކީރިތި ޤުރްއާނުގެ މުޢުޖިޒާތަކީ ﷲ ސުބްޙާނަހޫގެ ސިފަފުޅުތަކާ ގުޅިފައިވާ ﷲގެ ބަސްފުޅުތަކެވެ. މި މުޢުޖިޒާތް  ހުރިހައި ޒަމާނެއްގައްޔާއި ތަނެއްގައި ވާނެއެވެ.  ޤިޔާމަތާ ޖެހެންދެން މި ޤުރްއާނުގެ ލާބައާއި ފައިދާ ދެމިގެންދާނެއެވެ. އެއްވެސް މަޚްލޫޤަކަށް މި ކަންތައްތައް ދެނެއެއްނުގަނެވޭނެއެވެ.

ޤުރުއާން - ތަފާތު މުޢުޖިޒާތެއް

މާތްﷲ ބާވައިލެއްވި އެންމެހައި ޞުޙުފުތަކާއި ފޮތްތައް، ކީރިތި ޤުރްއާނާ ތަފާތުވާ އެތައްއެތައް  ކަމެއް ވެއެވެ.

ކީރިތި ޤުރްއާން ފިޔަވައި ﷲ ބާވައިލެއްވި  އެހެން ފޮތްތަކަކީ މުޢުޖިޒާތެއްނޫނެވެ. މަންހަޖެކެވެ. އެއީ ﷲގެ ކަލާންފުޅެވެ. އޭގައިވާ ބަސްފުޅުތަކާއި ޙުކުންތަކަކީ ﷲގެ ބަސްފުޅުތަކާއި ޙުކުންތަކެވެ. އެބަހީ ޤުރްއާނަކީ މަންހަޖާ ގުޅިލައިމެހިފައިވާ މުޢުޖިޒާތެކެވެ. މި ޤުރްއާނަކީ ﷲ ތަޢާލާގެ ޤައުލީ ބަސްފުޅެވެ. މާތްﷲ ވަޙީކުރެއްވިއެވެ. (( أَفَلَمْ يَدَّبَّرُوا۟ ٱلْقَوْلَ أَمْ جَآءَهُم مَّا لَمْ يَأْتِ ءَابَآءَهُمُ ٱلْأَوَّلِينَ [1] - ފަހެ، އެއުރެން قرآن އާމެދު ވިސްނުން ހިންގައި، ފިކުރުނުކުރަނީހެއްޔެވެ؟ ނުވަތަ އެއުރެންގެ އިހުގެ ކާބަފައިންގެ ގާތަށް ނާންނަ ކަމެއް އެއުރެންގެ ގާތަށް އައީހެއްޔެވެ؟))

އެހެން  ބަސްފުޅެއްގައި ވެއެވެ. ((إِنَّا سَنُلْقِى عَلَيْكَ قَوْلًا ثَقِيلًا [2]- ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް ބަރުދަންހުރި ބަހެއް ބާވައިލައްވާހުށީމެވެ.))

ތިންވަނަ ބަސްފުޅެއްގައި ވެއެވެ. ((  إِنَّهُۥ لَقَوْلٌ فَصْلٌ ﴿١٣﴾‏ وَمَا هُوَ بِٱلْهَزْلِ[3] - ހަމަކަށަވަރުން، އެ قرآنއަކީ، حقއާއި، باطل ވަކިކުރާ ތެދު ބަސްފުޅެއްކަން ކަށަވަރެވެ. އަދި ކުޅޭކުޅޭ އެއްޗެއްކަމުގައި އެ قرآن ނުވެއެވެ.))

Y ކީރިތި ޤުރްއާން ބާވައިލެއްވީ ހުރިހާ ކަމެއް  ބަޔާންކޮށްދެއްވުމަށެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ((وَنَزَّلْنَا عَلَيْكَ ٱلْكِتَٰبَ تِبْيَٰنًا لِّكُلِّ شَىْءٍ [4] - ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. (އެއީ) ކޮންމެ ކަމެއް ބަޔާންކޮށްދެއްވާ ގޮތުގައެވެ.))

     މި އާޔަތްތަކުން އެނގޭ ގޮތުގައި ކީރިތި ޤުރްއާނަކީ ﷲގެ ޤައުލެވެ. ބަސްފުޅެވެ. އެއީ އެކަލާނގެ އެކުލަވައިލެއްވި އެކުލަވައިލެއްވުމެކެވެ. އެހެން ރަސޫލުބޭކަލުންގެ ފޮތްތަކުގައި މި ފަދަ ބަސްފުޅެއް ނެތެވެ.

     ކީރިތި ޤުރްއާނުގެ ނައްޞާ އެއްފަދަ ނައްޞެއް ގެނެސްބަލާށޭ ވަޙީކުރައްވާ މާތް ﷲ ވަނީ ޖިންނީންނަށާއި އިންސީންނަށް ގޮންޖައްސަވައިފައެވެ. ސަމާވީ އެހެން ފޮތްތަކުގައި މިފަދަ ގޮންޖެއްސެވުމެއް ނެތެވެ. މިއިން އެނގެނީ ކީރިތި ޤުރްއާނުގެ ޞިޔާޣަތަކީ ﷲ ތަޢާލާގެ ޢަމަލުފުޅެއް ކަމެވެ. އެއީ ﷲގެ ޞިފަފުޅުތަކާ ގުޅިފައިވާ ފޮތެއްކަމެވެ. ކީރިތި ޤުރްއާން ހުރިހާ ޒަމާނަކަށާއި ތަނަކަށް އެކަށީގެންވާ ބަސްފުޅަކަށް ވަނީ މިހެންވެގެންނެވެ.  މުޢުޖިޒާތަކަށް ވަނީ މިހެންވެގެންނެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (( قُل لَّئِنِ ٱجْتَمَعَتِ ٱلْإِنسُ وَٱلْجِنُّ عَلَىٰٓ أَن يَأْتُوا۟ بِمِثْلِ هَٰذَا ٱلْقُرْءَانِ لَا يَأْتُونَ بِمِثْلِهِۦ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا[5]  -  ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، މި قرآنއާ އެއްފަދަ އެއްޗެއް ގެނައުމަށް އިންސީންނާއި، ޖިންނީން އެއްވިނަމަވެސް، އެއާ އެއްފަދަ އެއްޗެއް އެއުރެންނަކަށް ނުގެނެވޭނެތެވެ. އެއުރެންގެ އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިން ކަމުގައި ވީނަމަވެސްމެއެވެ.))

މާތްﷲ ބާވައިލެއްވި އެހެން ފޮތްތަކަކީ މުޢުޖިޒާތަކަށްނުވާ މަންހަޖުތަކެކެވެ. މި ފޮތްތަކުގެ ޞީޣާތަކަކީ ﷲގެ ޒާތުފުޅާ ގުޅިފައިވާ  ޢިބާރާތްތަކެއްނޫނެވެ.މި ފޮތްތަކުގެ ނައްޞުތަކަކީ އިންސާނުންގެ މަފްހޫމުން ބޭރުގައި އޭގެ މާނަތަކާއި ދޭހަވުންތައް އޮތް ފޮތްތަކެއްނޫނެވެ. މިއާޚިލާފަށް ކީރިތި ޤުރްއާނުގެ ނައްޞުތަކަކީ ﷲގެ ޒާތުފުޅަށް އޭގެ މޭރުންވުން ލައްވަވައިފައިވާ ނައްޞުތަކެކެވެ. މުފައްސިރުންނާއި ޢިލްމުވެރީންގެ ތަފްސީރުކުރެއްވުން ތަފާތުވެފައި ވަނީ މިހެންވެގެންނެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((  وَمَا يَعْلَمُ تَأْوِيلَهُۥٓ إِلَّا ٱللَّهُ ۗ  [6]-  އެ آية ތަކުގެ حقيقى މާނަ، اللَّه އަށް މެނުވީ އެނގިގެނެއް ނުވެތެވެ. )) އެހެން ބަސްފުޅެއްގައި އައިސްފައިވެއެވެ. ((وَلَقَدْ جِئْنَٰهُم بِكِتَٰبٍ فَصَّلْنَٰهُ عَلَىٰ عِلْمٍ هُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ ﴿٥٢﴾‏ هَلْ يَنظُرُونَ إِلَّا تَأْوِيلَهُۥ ۚ يَوْمَ يَأْتِى تَأْوِيلُهُۥ يَقُولُ ٱلَّذِينَ نَسُوهُ مِن قَبْلُ قَدْ جَآءَتْ رُسُلُ رَبِّنَا بِٱلْحَقِّ [7]- ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތެއް ދެއްވައި، ދެނެވޮޑިގަތުމާއެކު، ތިމަންރަސްކަލާނގެ އެ ފޮތް تفصيلކޮށް ބަޔާންކޮށްދެއްވީމެވެ. އެއީ إيمان ވާ ބަޔަކަށް ތެދުމަގެއް ކަމުގައްޔާއި، رحمةއެއް ކަމުގައެވެ. އެންމެފަހުގެ ނަތީޖާއަށް މެނުވީ، އެއުރެން انتظارކުރޭހެއްޔެވެ؟ އެންމެފަހުގެ ނަތީޖާ (ފެނިގެން) އަންނަ ދުވަހު (އެބަހީ: قيامة ދުވަހު) ކުރިން އެކަންތައް ހަނދާން ނައްތާލި މީހުން ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެ ފޮނުއްވި رسولން، حق دين އާއިގެން ވަޑައިގަތެވެ.))

(ނުނިމޭ)

މަރުޖާ:


[1]  -  المؤمنون : 68

[2]  - المزمل : 5

[3]  - الطارق : 13-14

[4] - النحل : 89

[5]  -  الإسراء : 88

[6]  - آل عمران :  7

[7]  - الأعراف : 52-53

ކޮމެންޓު