ad_banner
އަފިހުނުގެ ރާނީ

ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ

14 އޯގަސްޓް 2025

ކުއީން ވިކްޓޯރިއާ އެންމެ ބޮޑަށް މަޝްޫރުވެފައިވަނީ ްުެެނ ޮފ ޯޕިުމ ގެ ނަމުންނެވެ.

ދުނިޔޭގެ ގިނަ ބަޔަކަށް އެނގިފައިވާ ގޮތުގައި، ޕަބްލޯ އެސްކޮބާރއަކީ ދުނިޔޭގައި މަސްތުވާތަކެތީގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރި މީހާއެވެ. އެކަމަކު، އެސްކޮބާއަށް ވުރެ މާ ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިއްކި މީހަކު ދުނިޔޭގައި އުޅުނުކަން އެނގޭހެއްޔެވެ؟ އޭނާގެ ތާޖާއި ތަޚުތުގެ ބިރު ދައްކައިގެން މަސްތުވާތަކެތި ވިއްކައި، މުޅި ދުނިޔެ ލޫޓުވައިލައިގެން އޭނާގެ ޤައުމު އާރާސްތުކުރިއެވެ.

ޕަބްލޯ އެމިލިއޯ އެސްކޮބާރ ގަވިރިއާ މަޝްހޫރު ނަމުން ނަމަ، ޕަބްލޯ އެސްކޮބާރ އަކީ 1 ޑިސެމްބަރު 1949 އިން–2 ޑިސެމްބަރު 1993އަށް ކޮލަމްބިއާގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރި މީހެކެވެ. އޭނާއަކީ މަސްތުވާތަކެތީގެ ވިޔަފާރީގެ އިތުރަށް ބޮޑު އިރުހާބީއެކެވެ. އަދި އޭނާއަކީ ސިޔާސީ މީހެއްވެސް މެއެވެ. އޭނާ އަކީ މެޑެލިން ކާޓޭލްގެ ބާނީ އަދި ހަމައެކަނި ލީޑަރެވެ. "ކޮކެއިންގެ ރަސްގެފާނު"ގެ ނަމުން މަޝްހޫރުވެފައިވާ އެސްކޮބާރއަކީ ދުނިޔޭގެ ތާރީޚުގައި ވެސް އެންމެ މުއްސަނދި އެއް ކުށްވެރިޔާއެވެ. އޭނާ މަރުވި އިރު އޭނާގެ މުއްސަނދިކަން 30 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެކަމަށް ލަފާކުރެވެއެވެ. 1980ގެ އަހަރުތަކާއި 1990ގެ އަހަރުތަކުގެ ކުރީކޮޅާ ހަމައަށް، އޭނާ ފުޅާ ދާއިރާއެއްގައި އެމެރިކާގައި ވެސް ކޮކެއިންގެ ވިޔަފާރިކުރިއެވެ. އެމެރިކާގެ އެހީތެރިކަމާ އެކު، ކޮލަމްބިއާ ފުލުހުން އެސްކޮބަރ މަރައިލީ 02 ޑިސެމްބަރ 1993ގައެވެ.

ރާނީ ވިކްޓޯރިއާގެ ރަނިކަމުގައި އިނގިރޭސި ދައުލަތުން އަފިހުންގެ ވިޔަފާރި، ބިލިއަން ޕައުންޑްގެ ވިޔަފާރިއަކަށް ބަދަލުކޮށް، ޗައިނާއަށް ގިނަ އަދަދެއްގެ އަފިހުން އެތެރެކޮށް ވިއްކާން ފެށުމުން، އޭގެ މަސްތުގައި ޖެހި އެތައް ބަޔަކު ދެވިހިފުމުގެ ސަބަބުން، ޗައިނާ ސަރުކާރުން އަފިހުންގެ ވިޔަފާރި ބަންދުކުރާން މަސައްކަތްކުރުމުން، ފުރަތަމަ ފަހަރަށް "އޯޕިއަމް ހަނގުރާމަ" ނުވަތަ ފުރަތަމަ އަފިހުން ހަނގުރާމަ ފެށުނެވެ.

"ދުނިޔޭގެ ތާރީޚުގައި ވެސް އެންމެ ގިނަ ދުވަސް ވަންދެން މަސްތުވާތަކެތީގެ ވިޔަފާރިކުރީ އިނގިރޭސިންނެވެ." އެމީހުންގެ އަމިއްލަ ޤައުމުގައި އަފިހުން ބޭނުންކުރުމާ ދެކޮޅަށް ގާނޫނުތައް ފާސްކޮށް، ޗައިނާއާއި އިންޑިއާގައި، އެތައް މިލިއަން ބަޔަކު މަސްތުވާތަކެތީގެ ޝިކާރައަށް ހަދައިލީ، އަފިހުންގެ ގެއްލުން ނިކަން ރަނގަޅަށް އެނގި ތިބެގެންނެވެ.

އަފިހުން ވިއްކައިގެން އިނގިރޭސި އަމްބަރާޠޫރިއްޔަތަށް ލިބުނު ފައިދާ ނިސްބަތަކީ އެއް ދުވަސްވަރެއްގައި، އިނގިރޭސި ދައުލަތުގެ އަހަރީ އާމްދަނީގެ %20އެވެ. ބައެއް މީހުން ބުނާ ގޮތުގައި، އަފިހުންގެ ވިޔަފާރިން އިނގިރޭސި ދައުލަތަށް ލިބުނީ، ހަމައެކަނި ޓެކްސްގެ ގޮތުގައި އީސްޓް އިންޑިއާ ކޮމްޕެނީއިން ދެއްކި ޓެކުސް ފައިސާ އެކަންޏެވެ.

އިނގިރޭސީން ގައުމުތައް އިސްތިޢުމާރު ކުރުމަށާއި، މަސްތުވާތަކެތީގެ ވިޔަފާރިއާއި، އިންސާނުން އަޅުވެތިކުރުމަށް ބޭނުންކުރީ "ބްރިޓިޝް އީސްޓް އިންޑިއާ ކޮމްޕެނީ"އެވެ. އީސްޓް އިންޑިއާ ކުންފުންޏަކީ، ސީދާ އިނގިރޭސި ދައުލަތުގެ ބެލުމުގެ ދަށުން، ދުނިޔެ އިސްތިޢުމާރު ކުރަން ބޭނުންކުރި އާލަތެކެވެ. އެ ކުންފުނީގެ ވުޖޫދާއި، ބާރުވެރިކަން ބަރޯސާވެފައި އޮތީ ސީދާ އިނގިރޭސި ދައުލަތަށެވެ. އިނގިރޭސި ދައުލަތުން، އެ ކުންފުންޏަށް ބާރުތައް ދީ، ޝާހީ ކަނޑުގެ ސިފައިންނާއި، އެއްގަމު ސިފައިންނާއި، ވައިގެ ސިފައިން މެދުވެރިކޮށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދީ، ދުނިޔޭގެ ވިޔަފާރީގެ މޮނޮޕޮލީތައް ކޮންޓްރޯލް ކުރިއެވެ.

އެންތްރޮޕޮލޮޖިސްޓް ނިކޮލަސް ސޮންޑަރސް ލިޔެފައިވާ ފޮތެއް ކަމަށްވާ، "ދަ ޕޮޕީ: އަ ކަލްޗަރަލް ހިސްޓްރީ ފްރޮމް އެންޝަންޓް އިޖިޕުޓް ޓު ފްލެންޑަރސް ފީލްޑްސް ޓު އަފްޣާނިސްތާން (2013)" ގައި ބަޔާންކޮށްފައިވެއެވެ. އަފިހުނުގެ ވިޔަފާރީން، އިނގިރޭސި އިސްތިޢުމާރީ އިޤުތިޞާދުގެ ޠަބީޢަތަށް ވަރަށް ބޮޑަށް ބަދަލެއް އަންނާނެކަން އިނގިރޭސި ދައުލަތަށް އެނގެއެވެ. ލަންޑަނުގެ ބޮޑެތި ގިނަ ޢިމާރާތްތަކާއި، މުއައްސަސާތަކާއި އަދި ބިނާވެށި ތަރައްޤީ ކޮށްފައިވަނީ އަފިހުން ވިއްކައިގެންނާއި އަދި އަފިހުނާ ގުޅިގެން ހިނގި ދެ ހަނގުރާމައިން އިނގިރޭސި ދައުލަތާއި، ވިޔަފާރިވެރީންނަށް ލިބުނު ޚާލިސް ރިހީގެ މުއްސަނދިކަން ބޭނުންކޮށްގެންނެވެ.

ބައެއް، ތާރީޚު ޢިލްމުވެރިން ލިޔެފައިވާ ގޮތުގައި، ރާނީ ވިކްޓޯރިއާއަކީ ހަމައެކަނި އަފިހުން ބޭނުންކުރި މީހެއް ނޫނެވެ. އޭނައަކީ "އަފިހުނުގެ ރާނީއެވެ." އޭނާ ރަނިކަންކޮށް ބެލެހެއްޓީ ދުނިޔޭގެ ފެންވަރުގައި މަސްތުވާތަކެތީގެ ވިޔަފާރީގެ މައްޗަށް ބިނާވެފައިވާ ބޮޑު އަމްބަރާޠޫރިއްޔަތެކެވެ. އިނގިރޭސި ދައުލަތުން އިންޑިޔާ އިސްތިޢުމާރުކޮށްގެން ހޭދަވީ 190 އަހަރުގެ ތެރޭގައި އިންޑިއާއިން 100 މިލިއަން މީހުން މަރައިލައިފައިވެއެވެ.

އާންމު ދަނޑުވެރިކަމަށް ޚާއްސަކޮށްފައިވާ ބިންތައް، އަފިހުން ހެއްދުމަށް ބޭނުންކުރުމުގެ ސަބަބުން ކާބޯތަކެތީގެ ދަތިކަން އިންތިހާއަށް ކުރިމަތިވިއެވެ. ކުރީން ދަނޑުވެރިކަމަށް ބޭނުންކުރި ރަނގަޅު ބިންތައް، ބާރުގެ ބޭނުންކޮށްގެން، އަފިހުން ހެއްދުމަށް ބަދަލުކުރުމުގެ ސަބަބުން 1770ވަނަ އަހަރު ބަންގާޅަށް ކުރިމަތިވި ބަނޑުހައި ހޫނުކަމުގައި 30 މިލިއަން މީހުން މަރުވިއެވެ. އެހެންނަމަވެސް، އިނގިރޭސި ދައުލަތުން އިސްކަމެއްދިނީ އެ މީހުންނަށް ނެގޭން އޮތް ފައިދާއެއް އަފިހުން ވިއްކައިގެން ނެގުމަށެވެ. އެ ކަމުގައި ކިތަންމެ ގިނަ ބަޔަކު މަރުވިކަމުގައި ވިޔަސް، އެމީހުންނަށް ވަރިހަމައެވެ. އަފިހުންގެ އެކްސްޕޯޓް މައްޗަށް ދިއުމުގެ ސަބަބުން އީސްޓް އިންޑިއާ ކޮމްޕެނީގެ ފައިދާ އެތައް ގުނައެއް އިތުރުވީ އިރު، އެއާ އެއްވަރަށް އިނގިރޭސި ދައުލަތަށްވެސް ދެއްކި ޓެކުސް އިތުރުވެފައިވެއެވެ. ޗައިނާއަށް އެތެރެކުރި އަފިހުންގެ އަދަދު މައްޗަށް ދިއުމުގެ ސަބަބުން އަފިހުން ބޭނުންކުރާ މީހުންނާއި އަދި އަފިހުނަށް ދެވިހިފާފައިވާ މީހުންގެ އަދަދުވެސް ޗައިނާގައި އެތައް ގުނައެއް އިތުރުވިއެވެ.

ޓެއިލަރ 1857، އަދި ރޯންޓްރީ 1906، މި ދެ ރިޕޯޓުގައި ބަޔާން ކޮށްފައިވާ ގޮތުގައި މީލާދީން 1800ވަނަ އަހަރުން ފެށިގެން މީލާދީން 1900ވަނަ އަހަރާ ހަމައަށް ފާއިތުވީ 100 އަހަރުގެ ތެރޭގައި ޖުމްލަ 1،091،214  ފޮށީގެ އަފިހުން، ބްރިޓިޝް އީސްޓް އިންޑިއާ ކޮމްޕެނީއިން ޗައިނާއަށް އެކަނި އެތެރެކޮށް ވިއްކައިފައިވެއެވެ. މިއިން ކޮންމެ ފޮއްޓެއްގައި 40 ކިލޯގެ އަފިހުން ބަންދުކޮށްފައިވެއެވެ. ބައެއް ރިޕޯޓްތަކުގައިވާ ގޮތުން ކޮންމެ ފޮއްޓެއްގައި 70 ކިލޯގެ އަފިހުން ބަންދުކޮށްފައިވެއެވެ. މި ލިޔުމުގެ ބޭނުމަށް ބަލައިފައިވާނީ ކޮންމެ ފޮއްޓެއްގައި ހުރީ 40 ކިލޯކަމަށެވެ. އެހެންވީމާ، އެއީ ޖުމްލަ 43،648،560 ކިލޯގެ އަފިހުނެވެ.

އިނގިރޭސި ވިލާތުގެ އޭރުގެ ހަތަވިވަރާ ބެހޭ ގޮތުން 1967ގައި ޑީން އަދި ކޯލް ހަދައިފައިވާ ދިރާސާއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، 1821ވަނަ އަހަރު، އަފިހުން ވިއްކައިގެން 290 މިލިއަން ޕައުންޑު، އަދި 1831ވަނަ އަހަރު، އަފިހުން ވިއްކައިގެން 340 މިލިއަން ޕައުންޑު ލިބިފައިވެއެވެ. މި ޢަދަދުތަކަށް ބަލާ އިރު، 100 އަހަރުގެ ތެރޭގައި އަފިހުން ވިއްކައިގެން ގާތްގަޑަކަށް ޖުމްލަ 27 ބިލިއަން ޕައުންޑް އިނގިރޭސި ދައުލަތަށް ލިބިފައިވެއެވެ.

މި ތަނުގައި ވަރަށް ކުރުގޮތަކަށް މި ބަޔާންކުރީ، އިސްތިޢުމާރީ އިނގިރޭސިންގެ އަނިޔާވެރިކަމާއި، އެމީހުންގެ މުޑުދާރު ތާރީޚުގެ ތެރެއިން ކުޑަކުޑަ މިންވަރެކެވެ. އޭރު ދުނިޔެ އިސްތިޢުމާރުކޮށް، މުޅި ދުނިޔޭގެ އިޤުތިޞާދު ކޮންޓްރޯލްކުރުމަށް ބޭނުންކުރީ ކުންފުންޏެކެވެ. މިއަދު، އެ ކަން ކުރަނީ ސިހުޔޫނީ ދައުލަތް ޤާއިމުކޮށް، އެމީހުން މެދުވެރިކޮށްގެންނެވެ. ފަރުދާގެ ފަހަތުގައި ތިބީ ހަމަ، ދޮން ނަސްލުގެ އިނގިރޭސިންނެވެ. އެމެރިކާއޭ ކިޔަސް އެއީވެސް ހަމަ އިނގިރޭސިންނެވެ. ތަފާތުވަނީ ހަމައެކަނި އުޅޭ ތަނެވެ. މީގެ 242 އަހަރުކުރިން އެމެރިކާއަކީ ވެސް، އިނގިރޭސިންގެ ކޮލޮނީއެކެވެ.

ކޮމެންޓު