ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ
21 އޮކްޓޯބަރު 2025
އެމެރިކާ ޑޮލަރަށް އިރުއޮއްެނީއެވެ.
(2025 އޮކްޓޫބަރު 19ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)
ފިލިޕް IIގެ ވެރިކަމުގައި އިސްޕޭނުގައި ތަކެއްޗާއި ޚިދުމަތުގެ އަގުތައް ހަތަރު ގުނައަށް ބޮޑުވެގެން ދިޔައެވެ. އެއަށް ފަހު، ފިލިޕް IIIގެ ވެރިކަމުގައި، ރިހީގެ ސަޕްލައި ދެބައިކުޅަ އެއްބައި ދަށަށް ދިއުމުގެ ސަބަބުން، އިސްޕެއިންގެ އިޤުތިޞާދު ފުނޑުފުނޑުވެ، 1607ވަނަ އަހަރު އަނެއްކާ ވެސް އިސްޕޭނު ބަނގުރޫޓުވިއެވެ. އެއާ އެކު، މާލީ ބާރެއްގެ ގޮތުގައި ދެން ދުނިޔެއަށް ފެނިގެން ދިޔައީ، ލަންދޭސީ ނުވަތަ ޑަޗް ޖުމްހޫރިއްޔާއެވެ.
1600ވަނަ އަހަރު އެމްސްޓަރޑަމަކީ ދުނިޔޭގެ އެންމެ ކުރިއަރައިފައިވާ މާލީ މަރުކަޒެވެ. އީޖާދީ އައު އުފެއްދުންތަކާއި، ވިޔަފާރީގެ ޙިމާޔަތް ލިބިފައިވާ ލަންދޭސީ ގިލްޑަރ، އެ ހިސާބުން ވިލާތުގެ ޙަޤީޤީ ރިޒާވް ކަރަންސީގެ ދަރަޖަ ހޯދިއެވެ. އަދި އެމްސްޓަރޑަމް ބޭންކުން، ބައިނަލްއަޤުވާމީ މުޢާމަލާތްތަކުގައި ފައިސާ އަދާކުރާނޭ ވަރުދާނަ އަދި އިތުބާރުހުރި ނިޒާމެއް ތަޢާރަފު ކުރިއެވެ. ލަންދޭސީ ވިޔަފާރިވެރިންނާއި، ވުނޭރުންނަކީ ޒަމާނީ މާލިއްޔަތުގެ ދާއިރާއިން ކުރިއަރާފައިވާ ބައެކެވެ. ދުނިޔޭގެ ފުރަތަމަ ޙިއްސާގެ ބާޒާރާއި، ކަނޑުދަތުރުފަތުރުގެ ތައުމީނާއި، އަދި މާލީ އައު އިބުރާޒުތައް ކަމަށްވާ އިއުތިމާނު ޤަބޫލުކުރުމާއި، އާންމުންނަށް ޙިއްސާ ގަނެ ވިއްކޭ ވިޔަފާރި ކުންފުނިތައް އުފެއްދީވެސް ލަންދޭސީންނެވެ. 1642 ވަނަ އަހަރުން ފެށިގެން 1720 ވަނަ އަހަރާއި ހަމައަށް، ގާތްގަނޑަކަށް 78 އަހަރު ވަންދެން، ދުނިޔޭގެ ވިޔަފާރީގެ މައްޗަށް، ލަންދޭސީ ގިލްޑަރ ވެރިކަން ކުރިއެވެ. އޭރު، ބައިނަލްއަޤުވާމީ މުޢާމަލާތްތަކުގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ގިނަ މުޢާމަލާތްތަކުގައި ބޭނުންކުރީ ލަންދޭސީ ގިލްޑަރއެވެ. އެކަމަކު، ލަންދޭސީންވެސް ކުރީގެ މީހުން ޖެހުނު ދަންތުރައިގައި ޖެހުނެވެ. އަސްކަރީ ބާރު މާބޮޑަށް ފުޅާކޮށް އިސްތިޢުމާރިއްޔަތު ދެމެހެއްޓުމުގެ ސަބަބުންނާއި، އަދި ވަކިން ޚާއްޞަގޮތެއްގައި، 1780 ވަނަ އަހަރުން ފެށިގެން، 1784 ވަނަ އަހަރާއި ދެމެދު ކުރެވުނު، ހަތަރުވަނަ "އެންގްލޯ ޑަޗް" ހަނގުރާމައިގެ ނަތީޖާއެއްގެ ގޮތުން ލަންދޭސީން ބަނގުރޫޓުވިއެވެ. އަދި އިނގިރޭސިންނާ އެކު އުފެދުނު ހަމަނުޖެހުން ތަކުގެ ތެރޭގައި "ޑަޗް އީސްޓް އިންޑިއާ ކޮމްޕެނީ" ބަނގުރޫޓްވިއެވެ.
1700 ގެ އަހަރުތަކުގެ ފަހުކޮޅު، ފެނިގެން ދިޔައީ ލަންދޭސީންގެ ބަދަލުގައި، ދުނިޔޭގައި އެމީހުންގެ ހަން ފެތުރުމަށްޓަކާ އިނގިރޭސިވިލާތުން ތެދުވި ތަނެވެ.
ސިނާއީ ބާރާއި، ފުޅާ އިސްތިޢުމާރީ އަމްބަރާޠޫރިޔަތެއްގެ ޙިމާޔަތް ލިބިފައިވާ ސްޓާރލިން ޕައުންޑު، އެހިސާބުން ދުނިޔޭގެ ރިޒާވް ކަރަންސީގެ މަޤާމު ހޯދިއެވެ. ފަހުގެ ތާރީޚުގައި އެންމެ ގިނަ ދުވަހު، ދުނިޔޭގެ ރިޒާވް ކަރަންސީގެ ދައުރު އަދާކުރީ ސްޓާރލިންގ ޕައުންޑެވެ. 1720 ވަނަ އަހަރުން ފެށިގެން 1944 ވަނަ އަހަރާއި ހަމައަށް، ދެ ޤަރުނަށް ވުރެ ގިނަ ދުވަހު، ސްޓާރލިންގ ޕައުންޑް ދުނިޔޭގެ ވިޔަފާރީގައި ރަސްކަން ކުރިއެވެ. އިނގިރޭސި އިސްތިޢުމާރުގެ އެންމެ އުސް ކުންނުގައި، ދުނިޔޭގެ %60 އަށްވުރެ ގިނަ ވިޔަފާރީގެ މުޢާމަލާތްތަކުގައި އިންވޮއިސް ކުރެވުނީ ޕައުންޑުންނެވެ. ލަންޑަނަކީ ތައުމީނާއި، މުދަލާއި، ވުނަތަކުގެ ދުނިޔޭގެ މަރުކަޒެވެ. ރަނުގެ މިޢުޔާރުން ޕައުންޑްގެ ބާރު، އިތުރަށް ވަރުގަދަވެ، 1816 ވަނަ އަހަރު ފައިސާގެ ހިސާބުތައް ބެލެހެއްޓުމަށް ގެނެވުނު އިންޤިލާބީ ބޮޑު ބަދަލަށް ފަހު، ސްޓާރލިންގ ޕައުންޑަކީ، ދުނިޔޭގެ އެންމެ ހަރުދަނާ ފައިސާގެ ގޮތުގައި ބެލެވެން ފެށިއެވެ. 1922 ވަނަ އަހަރު، އިނގިރޭސި އަމްބަރާޠޫރިއްޔަތުގެ ބާރުގެ ދަށުގައި ދުނިޔޭގެ ހަތަރު ބިތުގައި 458 މިލިއަން މީހުން ތިއްބެވެ. އެއީ، މުޅި ދުނިޔޭގެ އާބާދީގެ ފަސްބައިކުޅަ އެއްބައެވެ. އަދި ދުނިޔޭގެ ބިމުގެ ސަތަހައިގެ ތިންބައިކުޅަ އެއްބައިވެސް އޮތީ އިނގިރޭސީންގެ އަތްދަށުގައެވެ. އިނގިރޭސިވިލާތުގެ މާލީ ބާރަކީ ދުވަހަކުވެސް ފަނޑުވެގެން ނުދާނޭ، އަދި އެއަށް ނިމުމެއް ނާންނާނޭ ބާރެއް ކަމަށް ހީކުރެވުނެވެ. ނަމަވެސް، ދަށަށް ދިއުމުގައި ކުރިންވެސް ފާހަގަ ކުރެވުނު ޢަލާމާތްތައް މަޑުމަޑުން ފެންނާން ފެށިއެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގެ ތެރޭގައި، 1914 ވަނަ އަހަރު 650 މިލިއަން ޕައުންޑް، އަދި 1919 ވަނަ އަހަރު 7 ބިލިއަން ޕައުންޑަށް ވުރެ މައްޗަށް، އިނގިރޭސިވިލާތުގެ ޤައުމީ ދަރަނި ބޮޑުވެގެން ދިޔައެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި ދަރަނީގެ މުސީބާތް އޮތީ އެއަށްވުރެ ބޮޑުވެފައެވެ. 1945 ވަނަ އަހަރު އިނގިރޭސި އަމްބަރާޠޫރިއްޔަތުގެ ދަރަނި އޮތީ ހަތަވިވަރަށް ވުރެ %270 މައްޗަށް އަރާފައެވެ.
އިނގިރޭސިވިލާތުން ބޮޑު ދެ ހަނގުރާމަ ކާމިޔާބު ކުރިއެވެ. އެހެންނަމަވެސް، ދުނިޔޭގެ މާލީ ތާޖާއި ތަޚުތު ގެއްލިގެން ދިޔައީއެވެ. 1944 ވަނަ އަހަރު ގުޅިފައިވާ އިއްތިހާދީ 44 ޤައުމަކުން 700 އަށް ވުރެ ގިނަ މަންދޫބުން ތިބީ، ބްރެޓަން ވުޑްސްގެ މައުންޓް ވޮޝިންގޓަން ހޮޓަލުގައެވެ. ޖުލައި 1 ން، ޖުލައި 22 އާ ދެމެދު އެމީހުން އެއްވެ ތިބީ، ދުނިޔޭގެ މާލީ ނިޒާމު އަލުން ބިނާކުރުމަށެވެ. އެމީހުންގެ އެއްބަސްވުމުގެ ސަބަބުން، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު، ނުވަތަ އައި.އެމް.އެފް އަދި މިހާރު ވޯލްޑް ބޭންކުގެ ނަމުން މަޝްހޫރު އިންޓަނޭޝަނަލް ބޭންކް ފޯ ރިކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމަންޓް އުފެދުނެވެ.
ބްރެޓަން ވުޑްސްގެ ނިޒާމުން ދުނިޔޭގެ ބޮޑެތި ހުރިހާ ފައިސާއެއް އެމެރިކާ ޑޮލަރާއި ގުޅުވާލިއެވެ. އަދި ޚުދު ޑޮލަރަކީ ރަނަށް ބަރޯސާވާ ފައިސާއަކަށް ބަދަލުކޮށް، ރަން އައުންސެއްގެ އަގަކީ، 35 އެމެރިކާ ޑޮލަރުގެ އަގުކަމަށް ނިންމިއެވެ. (ނުނިމޭ)