ad_banner
ހިރަޤުލުގެ އަނބިކަނބަލުން މާޓިނާގެ ވެދުން

ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ

3 ޖަނަވަރީ 2026

ހިރަޤުލްގެ ދެވަނަ އަނބިކަބަލުން މާޓިނާ

އަމީރުލްމުއުމިނީން، ޢުމަރު ބިން އަލްޚައްޠާބު رضي الله عنه، ފޮށިކޮޅެއް ހިއްޕަވައިގެން މިންބަރަށް އަރައިވަޑައިގެން ވިދާޅުވިއެވެ. [އޭ މީސްތަކުންނޭވެ! އަޅުގަނޑުގެ އަންހެނުން، އުއްމު ކުލްޘޫމް ބިންތި ޢަލީ ބިން އަބީ ޠާލިބު، ރޫމުގެ ރަސްގެފާނު ހިރަގުލުގެ އަނބިކަނބަލުން މާރޓިނާއަށް ކަދުރާއި، ހީނާފަތާއި، ހުވަނދު، ވެދުމެއްގެ ގޮތުގައި ފޮނުއްވެވިއެވެ. އަދި، އޭގެ ބަދަލުގައި، ރޫމުގެ ރަސްގެފާނުގެ އަނބިކަނބަލުން، މި ވެދުން ފޮނުއްވިއެވެ.] އެއަށް ފަހު، ހާޒިރުވެ ތިބި މީހުންގެ ކުރިމަތީގައި ޢުމަރު رضي الله عنه، އެ ފޮށިކޮޅު ހުޅުއްވައިލެއްވި އިރު، އެ ފޮށިކޮޅުގައި ހުރީ ފުރެންދެން ޖަވާހިރު އަޅައިފައިކަން ހާމަވިއެވެ.

ޢުމަރު رضي الله عنه ސުވާލުކުރެއްވިއެވެ. [މި ޖަވާހިރުތަކަކީ އަހުރެންގެ އަންހެނުންގެ އެއްޗަކަށް ވާނެހެއްޔެވެ؟]

ހާޒިރުވެ ތިބި މީހުން ޖަވާބުގައި ދެންނެވިއެވެ. [އާދޭހެވެ! އޭ އަމީރުލް މުއުމިނީނޭވެ. އެއީ ވެދުމެއްގެ ބަދަލުގައި ލިބުނު ވެދުމެކެވެ. އަދި އޭގައި ހަމަހަމަކަމުގެ އަގަކީ ޝަރުޠެއް ނޫނެވެ.]

މިސްކިތަށް ހާޒިރުވެ ތިއްބެވި މީހުންގެ ތެރޭގައި، އަމީރުލްމުއުމިނީން ޢުމަރު رضي الله عنهގެ އަނބިކަނބަލުން އުއްމު ކުލްޘޫމްގެ ބައްޕާފުޅު، އަލީ ބިން އަބީ ޠާލިބު رضي الله عنه، ހިމެނިވަޑައިގަންނަވައެވެ. އެ ވަގުތު، ޢަލީ ބިން އަބޫ ޠާލިބު رضي الله عنه ތެދުވެވަޑައިގެން ވިދާޅުވިއެވެ. [އޭ އަމީރުލްމުއުމިނީންއެވެ. އެ މީހުން، ކަލޭގެފާނަށް އެރުވީ ރަނގަޅު މަޝްވަރާއެއްކަމަށް ކަލޭގެފާނަށް ހީފުޅުކުރެއްވުނު ނަމަ، ދެނެވަޑައިގަންނަވާށެވެ. އެ މީހުން ކަލޭގެފާނަށް އޮޅުވައިލީއެވެ. ވެދުން ލިބިވަޑައިގަތީ، އަމީރުލްމުއުމިނީންގެ އަނބިކަނބަލުންނަށެވެ. އަމީރުލްމުއުމިނީންގެ އަނބިކަނބަލުން ފިޔަވައި، އެހެން އަންހެނަކަށް، ރޫމުގެ ރަސްގެފާނުގެ އަނބިކަނބަލުން މާރޓިނާ ވެދުމެއް ފޮނުއްވިނަމަ، އެ ޖަވާހިރުތަކެއް ނުފޮނުއްވީހެވެ.]

ޢުމަރު رضي الله عنه ވިދާޅުވިއެވެ. [އޭ އަބުލްޙަސަނެވެ. ކަލޭގެފާނުގެ މަޝްވަރާއަކީ ކޮބައިތޯއެވެ؟]

ޢަލީ رضي الله عنه ވިދާޅުވިއެވެ. [އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ކަލޭގެފާނުގެ އަނބިކަނބަލުން ރޫމުގެ ރަސްގެފާނުގެ އަނބިކަނބަލުންނަށް ވެދުންކުރެއްވި އެއްޗަކާ އެއްވަރުގެ އަދަދެއް އެ ޖަވާހިރުތަކުގެ ތެރެއިން، އެ ކަމަނާ ނަންގަވައި، ބާކީ ހުރި ޖަވާހިރުތައް މުސްލިމުންގެ ބައިތުލްމާލާ ޙަވާލުކުރައްވާން ވާނެއެވެ.]

ޢުމަރު رضي الله عنه  ވިދާޅުވިއެވެ. [މިއަދު، ޢަލީ رضي الله عنه ނެތް ނަމަ، ޢުމަރު ހަލާކުވެއްޖައީހެވެ.]

އިބުނު އަލްޖައުޒީ رحمه الله ވިދާޅުވެފައިވެއެވެ. [މަރުވުމަށް ފަހު ވެސް އެ މީހާގެ ހެޔޮ ޢަމަލުތައް ދެމިއޮތުމަށް އެދޭ މީހާ ޢިލްމު ފަތުރާށެވެ.] ހެޔޮކަންކަމަށް، އެހެން މީހުންނަށް މަގުދައްކައިދޭ މީހަކަށް، އެ ކަމެއް ކުރާ މީހާއާ އެއްވަރުގެ ސަވާބެއް ލިބޭނެއެވެ.

ކޮމެންޓު