ad_banner
އަޅުގަނޑުމެންގެ ފެންފުޅިތަކުގައި ނުރައްކާތެރިކަން – ސަމާލުވޭ!

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

30 ޑިސެންބަރު 2025

ބޯފެނުގެ ނުރައްކާތެރިކަން (ފޮޓޯ: ދި އިންޑިޕެންޑެންޓު)

ޑރ. ސީދާތު ގުންޑޮގުޑޯއާ ޙަވާލާދީ [ދި އިންޑިޕެންޑެންޓު]ގައި ބަޔާންކޮށްފައިވާ ގޮތުގައި ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން، ބޯ މީހުންގެ، ގިނަ މީހުން ދުވާލަކު 90 ހާސް ކުދި ޕްލާސްޓިކް އެތިކޮޅުތައް (މައިކުރޯޕުލާސްޓިކު ޕާޓިކަލްސު) ދިރުވައިލައެވެ. ޢިލްމީ ދިރާސާއެއްގެ އަލީގައި ހާމަކޮށްފައިވާ މި ހަގީގަތާ ގުޅިގެން، މި ކަމުގެ ހިރާސް ކުޑަކުރުމަށް ޓަކައި، އަވަހަށް މީޔާރުތަކެއް ނުވަތަ މިންގަނޑުތަކެއް ކަނޑައަޅައި އަވަސް ފިޔަވަޅުތަކެއް އަޅާން ސިޔާސަތު ތަންފީޒުކުރާ ފަރާތްތަކަށް ދިރާސާވެރީން ވަނީ އިލްތިމާސްކޮށްފައެވެ.

މި ދިރާސާއިން އިތުރަށް ފާހަގަވި ގޮތުގައި 39 ހާހާއި 52 ހާހާ ދެމެދުގެ ޕުލާސްޓިކުގެ ކުދި އެތިކޮޅުތައް ފެނާ އެކު، ދިރުވާ މީހުންނަށް އަހަރަކު އެ ދިރުވޭ ޕުލާސްޓިކުގެ ސައިޒު ނުވަތަ މިންވަރު، މިލިމީޓަރެއްގެ އެއް ހާސް ބައިކުޅަ އެއް ބައިން ފެށިގެން ފަސް މިލިމީޓަރާ ދެމެދުގެ އަދަދަކާ އެއްވަރެވެ.

ޕްލާސްޓިކު ފުޅީން ތިން މަރުޙަލާއެއްގައި ޕުލާސްޓިކު އެތިކޮޅު، ފުޅީގެ ތެރެއަށް ދޫކުރާކަމަށް ވެއެވެ. އެއީ ފުޅީގައި ފެން ބަންދުކުރާ ވަގުތާއި ގުދަންކޮށްފައި ހުންނަ ވަގުތާއި އެއް ތަނުން އަނެއް ތަނަށް އުފުލާ ވަގުތެވެ.

ޚާއްޞަ ގޮތެއްގައި ފެންފުޅިތައް ހުންނަ މާޙައުލުގެ ހޫނުކަން އިތުރުވާ ދަނޑިވަޅުތަކުގައްޔާއި އަތްވަށް އެ ތަކެތި ހާމަވެ، އަވީގައި ހުންނަ ވަގުތުތަކުގެ ސަބަބުން މި ކަމުގެ ނުރައްކާ އެތައް ގުނައަކަށް އިތުރުވާކަމަށް ކެނެޑާގައި ހުންނަ ކޮންކޯޑިއާ ޔުނިވަރުސިޓީއިން ހާމަކުރެއެވެ. އެ ޔުނިވަރސިޓީއިން ހާމަކުރާ ގޮތުގައި ޕުލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެންފުޅިތައް އަވީގައި ހުރުމާއި ގުދަންކޮށްފައި ހުންނަ އިރު، ހޫނުގަދަ މާހައުލެއްގައި ހުރުމަކީ އެ ފުޅިތަކުގައި ހުންނަ ފެން ބޯމީހުންނަށް [ވަރަށް ނުރައްކާތެރި] ކަމެކެވެ.

[ޕްލާސްޓިކު ފުޅިއެއްގައި ބަންދުކޮށްފައި ހުން ފެން ފަހަރެއްގައި ބުއިމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެއީ ދިރިއުޅުމުގައި އާންމުކޮށް ބޯ ފެނަށް ހަދައިފި ނަމަ، އެއީ ވަރަށް ބޮޑު މައްސަލައެކެވެ.] ނުރައްކާތެރި މާއްދާތަކާ ބެހޭ ލިޔުންތައް ޝާއިޢުކުރާ ޖާނަލެއްގެ އިސް މުޞައްނިފު ސާރާ ސާޖިދީ ވިދާޅުވެފައިވެއެވެ.

ލޮލަށް ނުފެންނަވަރުގެ ކަވި ޕުލާސްޓިކު (މައިކުރޯޕުލާސްޓިކު) ލޭހޮޅިތަކުގެ ތެރެއިން ހަށިގަނޑުގެ މުހިންމު ގުނަވަންތަކަށް ވާޞިލުވެއެވެ. މީގެ ސަބަބުން އެ ފަދަ ގުނަވަންތަކުގެ މަސައްކަތަށް އުނދަގޫކޮށް އެ ބައިތައް ހަލާކުކޮށްލަނީއެވެ. މި ފަދަ ކަންކަން މެދުވެރިވަނީ ކުއްލިއަކަށް ނޫނެވެ. މަޑުމަޑުން އެކަމަކު ހަމަކަށަވަރުން ގުނަވަންތަކުގެ ވަޒީފާތަކަށް ބުރޫއަރައި ނާރުތައް ހަލާކުކޮށްލައެވެ. ނަތީޖާއެއްގެ ގޮތުން ނާރުރުތައް ހަލާކުވެ ސިކުނޑިއާއި ހިތް ފަދަ މުހިންމު ގުނަވަންތައް ވާކޮށްލައެވެ. އާންމުކޮށް މި ކިޔާ ސުޓުރޯކު ޖެހުމާއި ހާޓުއެޓޭކު ޖެހުމަށް މަގު ފަހިވެއެވެ. އަތި ތަފާތު ބާވަތްބާވަތުގެ ކެންސަރުޖެހުމަށް ވެސް މި ދެންނެވިފަދަ ކަވި ޕުލާސްޓިކުގެ ސަބަބުން މަގު ފަހިވާކަމަށް ދިރާސާއިން ދައްކައެވެ.

މި ކަމުގެ އެންމެ ހިތާމަވެރި ކަމަކީ މި ފަދަ ފެންބޮއިގެން ހަށިގަނޑަށް ވާޞިލުވާ ކަވި ޕުލާސްޓިކުގެ ސަބަބުން ހަށިގަނޑަށް ދިގު މުއްދަތެއްގައި ލިބޭ ގެއްލުންތައް ދެނެނުގަނެވޭކަމެވެ. ސަބަބަކީ މި ގޮތަށް އެކި ގުނަވަންތަކާއި ޚާއްޞަކޮށް ކަވި ނާރުތައް ޓެސްޓުކުރެވޭނެ މީޔާރު ނިޒާމެއް ނުވަތަ ތަރީގާއެއް އަދި ނެތުމެވެ.

ކުރީން މި ދެންނެވި ދިރާސާގައި، އެއްކާމު ޕުލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ބުއިމުގެ ސަބަބުން ފޯރާ ޢަލަމީ އަސަރުގެ މައްޗަށް ބައްލަވައިލައްވައިފައިވެއެވެ. މި ފަދަ ފެންފުޅީގެ ސަބަބުން އިންސާނާގެ ޞިއްޙަތަށް ފޯރާ ނޭދެވޭ އަސަރުގެ މައްޗަށް މި ކަމުގެ މާހިރުން 141 މަގާލަށް ވުރެ ގިނަ ޢިލްމީ މަގާލު ލިޔުއްވައިފައިވެއެވެ. އެހެންކަމުން ގެޔާ ގުޅައިފައި ހުންނަ ފެންހޮޅީން އާންމު އިސްކުރުން ފެން ބުއިމަށް ވުރެ އަޅުގަނޑުމެން ބޮޑުއަގު ދީފައި ގަނެގެން މި ބޯ ބަންދުކުރި ފެނުން ލިބޭ ގެއްލުން މާ ބޮޑެވެ.

ވީމާ، ފެން ކުންފުނިތަކުން ވެސް މި ކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، ޕުލާސްޓިކުފުޅީގައި ބަންދުކޮށްފައި ހުންނަ ފެނުގެ ބަދަލުގައި ބިއްލޫރިފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރައްޔިތުންނަށް ފަސޭހައިން ގަނެވޭނެ ލުއި ގޮތްތަކެއް ހަމަޖައްސައިދެއްވާން އެބަ ޖެހެއެވެ. ހަމަ މި ފަދައިން ޕުލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން، ފަހަރަކުން ފަހަރަކު ބުޔަސް އެއީ އާންމު ގޮތެއްގައި ބޯން ބޭނުންކުރާ ފެންކަމަށް ނަހަދައި އެހެން ބަދީލެއް އިޚުތިޔާރުކުރާން އެބަ ޖެހެއެވެ.

މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި ވާރޭފެން ނަގާ ނާގީތަކުގައި ފުރައި ފެން ހުއްޓަސް މިހާރު ގިން މީހުންނަށް އެ ފެން ކަމަކު ނުދެއެވެ. ބޯން ބޭނުންވަނީ ފުޅިފުޅީގައި، ޚާއްޞަކޮށް ޕުލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނެވެ. މި ފަދަ ފެން ރަށްރަށަށް ގެންދާ އިރު ގިނައިން ހުންނަނީ އަވީގައެވެ. އަދި ރަށުގެ ބަދަރަށް ގެންގޮސް ފިހާރަފިހާރައަށް ގެނދެވެންދެން ވެސް ހުންނަނީ ބަނދަރުމަތީގައި އަވީގައެވެ. ފެން ގުދަންކޮށްފައި ހުންނަ ގުދަންތައް ވެސް ހުންނަނީ ވަރަށް ބޮޑަށް ބަންދުކޮށް ހޫނު ގަދަކޮށެވެ. އެހެންވީމާ، މި ފެނުން ތިމާ މެންނަށް ނޭނގި ލިބޭ ޞިއްޙީ ގެއްލުންތަކާ މެދު ވިސްނާން އެބަ ޖެހެއެވެ. ރައްކާތެރި ގޮތުގައި ފުރާޅު ސާފުކޮށްގެން ނަގާ ވާރޭފެން މާ ބޮޑަށް ވެސް ރައްކާތެރިވާނެކަމަށް ގަބޫލުކުރެވެއެވެ. އަދި ސާފުކަން އިތުރަށް ކަށަވަރުކުރުމަށް ޓަކައި ފެން ސާފުކުރާ ނުވަތަ ފިލްތަރުކުރާ އަދާތެއް ނުވަތަ އާލަތެއް ބޭނުންކޮށްފި ނަމަ، އެއީ ޞިއްޙީ ގޮތުން އެންމެ ރައްކާތެރި ފެންކަމަށްވާނެކަން ކަށަވަރެވެ.

މާލޭގައި ވެސް އިސްކުރުން އަންނަ ފެން، އިތުރަށް ފިލްޓަރުކޮށްގެން ބޯ ނަމަ، ހަމަގައިމު ވެސް ޕުލާސްޓިކު ފުޅިފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ބޮއިގެން ނޭނގި މި ލިބޭ ގެއްލުންތަކުން ސަލާމަތްވާނެކަން ކަށަވަރެވެ. ނުވަތަ ބިއްލޫރި ފުޅިފުޅީގައި ބަންދުކޮށްފައި ހުންނަ ފެނަށް ބަދަލުކޮށްލާންވީއެވެ. ކޮންމެއަކަސް މިއީ އަޅުގަނޑުމެން އެންމެން ވަރަށް ސީރިއަސްކޮށް ވިސްނައި ޢަމަލީ ފިޔަވަޅު އަޅާން ވެއްޖެ ކަމެއްކަން ކަށަވަރެވެ.

މި މަގާލުގައި ހުރި ބައެއް ލަފުޒުގެ މާނަ

ނިޒާމު      ނ.    (1) އިންތިޒާމު. (2) ރޭވިފައިވާ ގޮތް. (3) ތަރުތީބު. system

ބަދީލު      ނ.    (1) ކަމަކަށް ކަނޑައެޅިފައިވާ މީހާގެ ނުވަތަ އެއްޗެއްގެ ބަދަލު. alternate (2) ކުރިމަގުގައި ހިނގައިފާނެކަމަށް ނުވަތަ ކުރިމަތިވެދާނެކަމަށް ބަލާ ޙާލަތު ނޫން ޙާލަތެއް ކުރިމަތިވެއްޖެ ނަމަ ކަންތައް ކުރާން ރާވާ ރޭވުން.

ކަވި       ނއ.   (1) ކުދި. (2) ކަމުގެ ކުދިކަމާއި ހިމުންކަމުން ކުރާން އުނދަގޫ. tiny/micro

ކަވި       ނ.    (1) އެންމެ ކުދި ތަންމަކުނު. (2) ހިކިމަހުގައި އަޅާ ކުދި ދިރޭ އެއްޗެއް. (މި މަގާލުގައި މި ލަފުޒު ބޭނުންކޮށްފައިވާނީ މި މާނައިގައެއް ނޫނެވެ.)

އަދާތު      ނ.    (1) މަސައްކަތެއް ކުރަން ބޭނުންކުރާ ސާމާނު ނުވަތަ އާލާތް. (2) އާލަތް. tool

އާލަތް      ނ.    މަސައްކަތްކުރާން ގެންގުޅޭ ސާމާނުގެ ތެރެއިން އެކަތި.

އެއްކާމު     ނއ.   އެއް ފަހަރު ބޭޏުންކޮށްފައި އެއްލައިލާ ގޮތަށް ހަދާ އެއްޗެހި

މަގާލު      ނ.    ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ނުވަތަ އޮންލައިން ސަފުހާއެއްގައި ލިޔާ ކުރު ލިޔުމެއް. article (written)

މީޔާރު      ނ.    އިޚުތިޔާރު ލިބިގެންވާ ފަރާތަކުން އެއްޗަކާމެދު ނުވަތަ ކަމަކާމެދު ކަނޑައަޅައިފައިވާ ފެންވަރު ވަޒަންކުރުމުގެ މިންގަނޑު. (2) އާންމުކޮށް ބަލައިގަނެވޭ ވަރަށް ފޭރާން ހެޔޮ ނުވަތަ ފެންވަރު ރަނގަޅު.(3) އާންމު ހަމަ standard  

ތަރީގާ      ނ.    (1) ކަމެއް ކުރުމުގެ މަގު ނުވަތަ ގޮތް.  method (2) ވަކި މީހަކު ނުވަތަ ބަޔަކު ތަބާވާ އުސޫލު ނުވަތަ މަޒުހަބު.    creed

ކޮމެންޓު