ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
1 ޖަނަވަރީ 2026
ތިޔަބައިމީހުންގެ މި އުންމަތަކީ އެއް އުންމަތެކެވެ.
މީހަކު މިއަދު ބުންޏެވެ. [މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ މުސްލިމުންގެ އެއްބައިވަންތަކަމެވެ. މިއީ އަހަރެން ދެކޭ ގޮތުގައި ވަރަށް ވެސް މުހިންމު އަދި އެހެންވެ، އަބަދުމެ ދައްކާން ޖެހޭ ވާހަކައެކެވެ. އަހަރުމެންގެ ތެރޭގައި އެއްބައިވަންތަކަން އިސްލާހުކޮށް، އެ ކަން އާލާކޮށް އަދި ދެމެހެއްޓުމަށް ޓަކައެވެ. މި ކަމާ ދޭތެރޭ ބުނަނީ ކީކޭ ހެއްޔެވެ؟]
[ތިކަމާ ދޭތެރޭ ބުނެވެން އޮންނާނީ ކީކޭހެއްޔެވެ؟ ތިޔަ ބުނީ ހަމަ ވަރަށް ވެސް ރަނގަޅު ވާހަކައެކެވެ. އިސްލާމީ ނަޒަރަކުން ބެއްޔަސް، އަދި އެ ނޫން ގޮތަކަށް ބެއްޔަސް އެއްބައިވަންތަ ކަމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ. އެކަން، ހީނަރު ވިޔަނުދީ، ނުވަތަ އެ ކަން ހީނަރުވަމުންދާކަން ފާހަގަކުރެވޭ ނަމަ އެ ކަން އާލާކޮށް، ދަމަހައްޓާން ޖެހޭނޭ އިސްލާމީ އަސާސީ އަގެކެވެ.]
[އިސްލާމީ އަސާސީ އަގެކޭ ތިޔަ ބުނަނީ ކީއްވެހެއްޔެވެ؟]
[ތިޔަ ސުއާލުގެ ޖަވާބު ޚުތުބާގައި ދިނެއް ނޫންހެއްޔެވެ؟ ޚުތުބާގައި إن هذه أمتكم أمة واحدة ...] މިއާޔަތް ކިޔައެއް ނޫންހެއްޔެވެ؟ 'މިއީ ކަލޭމެންގެ އުންމަތެވެ. އެއީ އެއް އުންމަތެއްގެ ގޮތެއްގައިވާ ބަޔެކެވެ.' އާޔަތުގެ މާނަ ވެސް ޚުތުބާގައި ކިއައިދިނެއް ނޫންހެއްޔެވެ؟ މި އާޔަތުގައި އިތުރަށް ބަލައިލާން ޖެހެނީ 'އުންމަތް' މި ލަފުޒުގެ މާނައިގެ މައްޗަށެވެ.]
[އުންމަތުގެ މާނައަކީ ކޮބައި ހެއްޔެވެ؟]
['އުންމަތް'، މި ލަފުޒުގެ އަސާސީ އެންމެ ސާދާ މާނައަކީ 'އިންސާނުންގެ ޖަމާއަތް' މިއެވެ. މި އަސާސީ މާނަ އެކުލެވޭ އެހެން ބައެއް ލަފުޒުތައް ވެސް ހުރެއެވެ. މިސާލަކަށް 'ގައުމު' އަދި، 'މިއްލަތް' މި ދެ ލަފުޒެވެ. މި ދެންނެވި ތިން ލަފުޒު ވެސް، މި ދެންނެވި އިންސާނީ ޖަމާއަތަކަށް އިޝާރަތްކުރެވެއެވެ. އަދި އިތުރަށް، ޚާއްސަކޮށްލާން ބޭނުން ނަމަ، އެއްކުރެވިފައިވާ އިންސާނީ ޖަމާއަތަކަށް މި ތިން ލަފުޒު ވެސް އިޝާރަތްކުރެއޭ ބުނެވިދާނެއެވެ.]
[ދެން، އެއްކުރެވިފައިވާ ޖަމާއަތެކޭ ބުނާ ބަހުގެ މާނައިގެ މައްޗަށް ބަލައިލަމާހެއްޔެވެ؟ އެއްކުރެވިފައިވެއޭ ބުނުމުން އިޝާރަތްކުރަނީ އެ މީހުންނަކީ އެ މީހުންގެ މުޖުތަމައީ އަދި ޖަމާއީ މަސްލަހަތުތައް އެކަކު އަނެކަކާ ގުޅިފައިވާ ބަޔެއްކަމެވެ. މާނައަކީ، އެ މީހުންވަނީ ސިޔާސީ ގޮތުން އެއް ބާރެއްގެ ދަށުގައިކަމެވެ. މި ތިން ލަފުޒު ވެސް މި ދެންނެވި ކަންކަމަށް އިޝާރަތްކުރެއެވެ. އިންސާނީ ޖަމާއަތަކާއި އަދި ސިޔާސީ ގޮތުން ގުޅިފައިވާ ޖަމާއަތެއްކަމަށާއި އަދި އެހެންވެ އެ މީހުންގެ ޖަމާއީ އަދި މުޖުތަމައީ މަސްލަހަތުތައް ގުޅިފައިވާ ކަމަށެވެ.]
[ދެން މި ތިން ލަފުޒުގެ ތަފާތުގެ މައްޗަށް ކުރު، އަދި ވަރަށް ވެސް ސާދާ ގޮތަކަށް ބަލައިލަމާހެއްޔެވެ؟ ގައުމޭ ބުނުމުން އިޝާރަތްކުރާ އިންސާނީ ޖަމާއަތް ހިއްސާކުރާ އެހެން ސިފަތަކެއް ވެސް ހުރެއެވެ. އޭގެ ތެރެއިން އެންމެ މުހިންމު ސިފައަކީ ނަސްލެވެ. ގައުމެކޭ ބުނުމުން، އެ ލަފުޒު އޭގެ އަސްލު މާނައިގައި އިޝާރަތްކުރަނީ އެއް ނަސްލެއްގެ، އެއް ދަރިކޮޅެއްގެ ބަޔަކަށެވެ. އެހެންވެ، އެ ޖަމާއަތުގެ ކުލަ އެއް ގޮތް ވެއެވެ. ދެން، އެއީ އެއް ބަހެއް، އެއް ސަގާފަތެއް، އަދި އެއް ތާރީޚެއް ވެސް ހިއްސާކުރާ ބަޔެކެވެ.]
[މިއްލަތް އިޝާރަތްކުރަނީ އެ ޖަމާއަތަކީ އެއް ދީނެއްގެ ބަޔެއްކަމެވެ. އެހެންވީމާ އެއް މިއްލަތެއްގެ ބަޔެކޭ ބުނުމުން، އެއީ އެއް ނަސްލެއްގެ ނުވަތަ އެއް ބަހަކުން ވާހަކަ ދައްކާ ބަޔަކަށްވާކަށް ނުޖެހެއެވެ.]
[އުންމަތޭ ބުނުމުން އިޝާރަތްކުރަނީ ވަކި ޚާއްސަ ގިޔަމުތަކެއް ހިއްސާކުރާ ޖަމާއަތެއްކަމެވެ. ކީރިތި ގުރުއާނުގައި މުސްލިމުންގެ ޖަމާއަތަށް 'ގައުމެކޭ' ނުކިޔައި 'އުންމަތެކޭ' ކިޔުނީ މި ސަބަބަށް ޓަކައެވެ. މުސްލިމުން އެއް ބަޔެއްކަމުގައި ހަދައިލަނީ އެ މީހުން އެއް ނަސްލެއްގެ ބަޔަކަށްވާތީއެއް ނޫނެވެ. ނުވަތަ އެއް ބަހަކުން ވާހަކަދައްކާ ބަޔަކަށްވާތީއެއް ވެސް ނޫނެވެ. ނަމަވެސް، އެ މީހުންނަކީ ވަކި ކަހަލަ ސިފަތަކަކާއި ގިޔަމުތަކެއް ހިއްސާކުރާ ބަޔަކަށްވާތީއެވެ.]
[މުސްލިމުންގެ އެއްބައިވަންތަކަން ބިނާވަނީ ކޮން ކަމެއްގެ މައްޗަށްތޯ ބަލައިލާން ގަސްދުކުރާ އިރު، ދެނެގަންނާން ޖެހެނީ މި ގިޔަމުތަކަކީ ކޮބައިކަމެވެ. ޝައްކެއްނެތް ގޮތުގައި، މި ސިފަތުގެ ޖައުހަރީ ސިފައަކީ މާތްﷲއަށް އީމާންވެ، ސަލާމާއި ސަލަވާތްލެއްވި މުޙައްމަދުގެފާނުގެ ރަސޫލުކަން ގަބޫލުކުރުމެވެ. ދެން، މި ގަބޫލުކުރުން ނިޔާކުރަނީ ހަމަހަމަކަމުގެ އަގު ގަބޫލުކުރުމެވެ. އުންމަތެއްގެ މީހުން ބަނދެލައި އެކުވެރިކުރުވާ އެންމެ މަތިވެރި އަގަކީ މިއީއެވެ. އާދޭހެވެ! ހަމަހަމަކަމުގެ އަގެވެ. ނަސްލުގެ މައްޗަށް ނުވަތަ ނިސްބަތްވާ އާއިލާއެއްގެ މައްޗަށް، ނުވަތަ ވާހަކަދައްކާ ބަހުރުވައިގެ މައްޗަށް، އާދެ، މީސްތަކުން އެކަކު އަނެކަކާ ވަކިކޮށް ތަފާތުކުރާ މި ފަދަ ކަންކަމުގެ މައްޗަށް ބިނާކޮށް އެއްވެސް ތަފާތުކުރުމެއް، ޚާއްސަ އިމުތިޔާޒުތައް ދިނުމެއް، ނޯންނަ، ހަމަހަމަކަމުގެ މައްޗަށެވެ. މި ކަން ވެސް ހުކުރު ޚުތުބާގައި ހަނދާންކޮށްދެއެވެ. އާދޭހެވެ! إن الله يأمر بالعدل (މާތްﷲ އަމުރުފުޅުކުރައްވަނީ - އެބަހީ ކީރިތި ގުރުއާނުގެ މުޖުތަމައީ ހުރިހައި ތައުލީމާތުތަކެއްގެ އަމާޒަކީ - އަދުލުވެރިކަން، އާދެ، ހަމަހަމަކަން، ގާއިމުކުރުމަށެވެ.) އައްނަހުލު ސޫރަތުގެ މިއާޔަތުގެ އިތުރަށް ހުޖުރާތު ސޫރަތުގައި ވެސް މި އަގުގެ ވާހަކަ ގެނެސްފައި ވެއެވެ. އަދި، މީސްތަކުންގެ މެދުގައި ތަފާތުކުރުން ލާޒިމުކުރާ ކަންކަން ދޫކޮށް، އެ ފަދަ ކަންކަމާ ދުރުވާން ވެސް އަމުރުކުރެވިފައި ވެއެވެ.]
[އުންމަތުގެ އެއްބައިވަންތަަކަން ބިނާވާ އަސާސީ އެންމެ މުހިންމު އެއް ކަމަކީ ހަމަހަމަކަންކަމުގައިވާ އިރު، މި އެއްބައިވަންތަކަން ދެމެހެއްޓޭނީ ޢަމަލީ ގޮތެއްގައި މި ހަމަހަމަކަން ދައްކައިލެވިގެންނެވެ. ޢަމަލީ ގޮތެއްގައި މި ހަމަހަމަކަން ދައްކައިލެވެނީ ކިހިނެއްހެއްޔެވެ؟ އެ ކަން ކުރެވޭނީ އުންމަތުގެ އާދެ، އަޅުގަނޑުމެންގެ އިސްލާމީ ޖަމާއަތުގެ ދަށުގައި ހިމެނޭ އެންމެނަށް ވެސް އެ މީހުންގެ އަސާސީ ބޭނުންތައް ފުއްދޭނޭ ގޮތް ވެފައި އޮތުމުންނެވެ. މި ދެންނެވި އަސާސީ ބޭނުންތަކަކީ ކޮބައިހެއްޔެވެ؟ އަޅުގަނޑުމެން ތުންތުންމަތީން ބޭނުންކުރާ އެހެން ބަހެއްގެ އިބާރާތެއްގައި މި ކަން ޚުލާސާވެފައި އޮވެއެވެ. އާދޭހެވެ! 'ރޯޓީ، ކަޕްޅާ، އައުރު މަކާން' މި އިބާރާތުގައެވެ. ކެއުން ބުއިމާއި، އަންނައުނާއި އުޅޭނޭ ތަނެއް، ޖަމާއަތުގެގެ ކޮންމެ ފަރުދަކަށް ވެސް ލިބޭނޭ ގޮތް ހަމަޖެހިފައި އޮންނަ ސިޔާސީ ނިޒާމެއްގެ ދަށުންނެވެ. މީގެ އިތުރަށް، މިހާރު، ސިއްހީ އަދި ތައުލީމީ ޚިދުމަތަކީ ވެސް އަސާސީ ޚިދުމަތެކެވެ. ޖަމާއަތުގެ ހުރިހައި ފަރުދުންނަށް މި ދެންނެވި ކަންކަން - އެ ޖަމާއަތުގައި ހިމެނޭ އަފުރާދުންގެ މެދުގައި އެއްވެސް ތަފާތުކަމެއް ނެތި - ލިބޭން ޖެހެއެވެ. އިސްލާމީ އެއްބައިވަންތަކަމާއި އަޚުވަންތަކަން އާލާކޮށް ދެމެހެއްޓޭނީ، ޖަމާއަތުގެ ހުރިހައި އަފުރާދުންނަށް ވެސް އެންމެ ފުރަތަމަ މި ކަން ގަބޫލުކުރެވިގެންނެވެ. ހުރިހައި އެންމެނަކީ ވެސް ހަމަހަމަ ބައެއްކަމާއި އަދި މި ހަމަހަމަކަން ނިޔާކުރަނީ ދެންމެ ދެންނެވި އަސާސީ ޚިދުމަތްތައް ހަމަހަމަ ގޮތެއްގައި އެންމެންނަށް ވެސް ލިބޭނޭ ގޮތް ހަމަޖެހިފައި އޮންނާން ޖެހޭނޭ ގޮތް ގަބޫލުކުރެވިގެންނެވެ. މި ކަން ގަބޫލުކުރެވިއްޖެ ނަމަ، މި ފަދަ ހަމަހަމަކަމުގެ ސިޔާސީ ނިޒާމެއް ގާއިމުކުރުމުގެ އެދުން އުފެދި، އެ މަސައްކަތްކުރާން ފެށޭނެއެވެ. އަދި، ތަނުގެ މުއްސަނދިކަމަކީ މަދު، ވަކި ބަޔެއްގެ ދަށުގައި އޮންނަ އޮތުމާ މެދު ނަފުރަތުކޮށް ދެކޮޅުހެދޭނެއެވެ.]
[އާދޭހެވެ! އިސްލާމީ އުންމަތުގެ ވާހަކަ ދައްކާ އިރު، އިސްލާމީ އެއްބައިވަންތަކަމާއި އަޚުވަންތަކަމުގެ ވާހަކަދައްކާ އިރު، މި ދެންނެވި ބައި އިތުރުކޮށްލާން ޖެހޭނޭކަމަށް ދެކެމެވެ. އިސްލާމީ އެއްބައިވަންތަކަން ހަގީގަތަކަށް ހަދައިލާން ބޭނުން ނަމައެވެ.]
ލަފުޒެއްގެ މާނަ:
ގިޔަމު ނ. ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް. values