އައްޝައިޚު އިބްރާހީމް އަޙުމަދު
2 ޖަނަވަރީ 2026
ސިޔާސާ ޝަރުޢިއްޔާ
(2025 ޑިސެންބަރު 24ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)
ތިންވަނަ އާޔަތާއި ހަތަރުވަނަ އާޔަތުން ވެސް ދަލީލުކުރަނީ ޤިޔާސްކުރުން މަނާވެގެންވުމަކަށްނޫނެވެ. ސަބަބަކީ އޭގެ ޙުކުމް މުޖުތަހިދަށް ދޫކޮށްލެވިފައި އޮތުމެވެ. އެ ގޮތުން ﷲގެ ޙުކުމްކަން ޔަޤީންކުރުމަށް ފަހު އެޔަށް ޢަމަލުކުރާށެވެ.
ފަސްވަނަ އާޔަތުން ދަލީލުކުރަނީ އެ ތާނގައި އެ ވާ ފޮތަކީ ﷲގެ ދެނެވޮޑިގަތުންކަމުގައެވެ. ނުވަތަ ލައުޙުލްމަޙްފޫޡުކަމުގައެވެ. އެއީ ކީރިތިޤުރްއާންކަމަށް ނިންމޭކަށް ނެތެވެ. ސަބަބަކީ އެއްވެސް ވާސިޠާއަކާއި ނުލައި ކީރިތިޤުރްއާނުގައި ޝަރީޢާގެ ހުރިހައި ޙުކުމެއް ބަޔާން ކުރައްވައިފައިނުވުމެވެ. [1] ޤުރްއާނުގައި ހުރިހައި ޙުކުމެއް ޝާމިލުވުމަކީ ޤިޔާސްގެ ވާސިޠާއިން ނުވަތަ އެ ނޫން ވެސް ގޮތަކުން ޙުކުމްތައް ޝާމިލުވެފައި ވުމެވެ.
1- އައްސުންނާ: އެއީ ކީރިތި ރަސޫލާގެ ސުންނަތުން ޤިޔާސަށް ދަލީލުކުރާ ނުގުތާތަކެއް ވުމެވެ. ފަހެ ރަސޫލާ ޙަދީޘްކުރެއްވިއެވެ. إنَّ اللهَ فُرِضَ فَرائِض فَلا تُضَيِّعُوْهَا، وحَدَّ حُدُوْداً فَلَا تَعْتَدُوهَا، وحرَّمَ أشياءً فَلا تَنْتَهِكُوهَا، وسكتَ عنْ أشياءِ رَحْمَةً بِكُمْ غَيْرَ نِسْيَانٍ - فلا تسأَلُوْا عَنْهَا[2] މާނައަކީ: " ހަމަކަށަވަރުން ﷲ ތަޢާލާ ފަރުޟުތައް ކަނޑައެޅުއްވިއެވެ. ފަހެ ތިޔަބައިމީހުން އެފަރުޟުތައް ނަގައިނުލާހުށިކަމެވެ. އަދި އެކަލާނގެ ޙައްދުތައް ކަނޑައެޅުއްވިއެވެ. ފަހެ، ތިޔަބައިމީހުން އެ ޙައްދުތަކަށް އަރައިނުގަންނަހުށިކަމެވެ. އަދި އެކަލާނގެ ކަންތައްތަކެއް ޙަރާމްކުރެއްވިއެވެ. ފަހެ ޙަރާމްކުރެއްވި ކަންތައްތައް ތިޔަބައިމީހުން ދޫކޮށްނުލާހުށިކަމެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ލެއްވި ރަޙުމަތެއްގެ ގޮތުގައި ކަންތައްތަކެއްގެ ވަކި ޙުކުމެއް ބަޔާންނުކުރައްވައި ދޫކޮށްލައްވައިފައި ވެއެވެ. އެ ކަންކަމުގެ ޙުކުމް ހޯދައި ދެނެގަތުމަށް ތިޔަބައިމީހުން ފަހެ، ނޫޅޭހުށިކަމެވެ."
މިޙަދީޘުން ދަލީލު ކުރަނީ ކަންތައްތައް ވާނީ، ވާޖިބު ނުވަތަ ޙަރާމް ނުވަތަ އެއިން ގޮތެއް ބަޔާން ނުވެ އޮތް ކަމެއްގެ ގޮތުގައެވެ. އެ ފަދަ ކަމެއް ނަމަ، އެ ވާނީ ޢަފޫވެފައިވާ ކަމެއް ނުވަތަ ހުއްދަ ކަމެއްގެ ގޮތުގައެވެ. އެހެންވީމާ ޙުކުމެއް ބަޔާންވެފައި ނެތް ކަމެއް ނަމަ، ޝައްކެއް ނެތް ގޮތުގައި އެ ކަން ވާނީ ޢަފޫވެފައިވާ ބައިގައެވެ. އެހެންވީމާ ޙުކުމެއް ބަޔާންވެފައި ނެތް ކަމެއް ވާޖިބާއި ޤިޔާސްކޮށްފި ނަމަ، މިސާލަކަށް އެ ކަން ވާނީ ﷲ ވާޖިބުނުކުރައްވާ ކަމެއް އަހަރެމެން އަމިއްލައަށް ވާޖިބުކުރިކަމުގައެވެ. އަދި ޙަރާމް ކަމަކަށް ޤިޔާސްކުރި ނަމަ، އެ ކަން ވާނީ ﷲ ޙަރާމްނުކުރައްވާ ކަމެއް އަހަރެމެން ޙަރާމްކުރީކަމުގައެވެ.[3]
ޙަދީޘް މުޢާޛު ފަހެ ރަސޫލާ e ޙަދީޘްކުރެއްވިއެވެ. عَنْ الْحَارِث بْن عَمْرو عَنْ أُنَاس مِنْ أَصْحَاب مُعَاذ " أَنَّ رَسُولَ اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ لَمَّا بَعَثَهُ إِلَى الْيَمَن قَالَ كَيْف تَصْنَع إِنْ عَرَضَ لَك قَضَاء ؟ قَالَ أَقْضِي بِمَا فِي كِتَاب اللَّه ، قَالَ فَإِنْ لَمْ يَكُنْ فِي كِتَاب اللَّه ؟ قَالَ فَبِسُنَّةِ رَسُول اللَّه صَلَّى اللَّه عَلَيْهِ وَآلِهِ وَسَلَّمَ , قَالَ فَإِنْ لَمْ يَكُنْ فِي سُنَّة رَسُول اللَّه صَلَّى اللَّه عَلَيْهِ وَآلِهِ وَسَلَّمَ ؟ قَالَ أَجْتَهِد رَأْيِي لَا آلُو قَالَ فَضَرَبَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَآله وَسَلَّمَ صَدْرِي ثُمَّ قَالَ الْحَمْد لِلَّهِ الَّذِي وَفَّقَ رَسُولَ رَسُولِ اللَّهِ لِمَا يُرْضِي رَسُولَ اللَّه صَلَّى اللَّه عَلَيْهِ وَآله وَسَلَّمَ " . [4] ޙާރިޘް ބުނު ޢަމްރޫ މުޢާޛުގެ އެކުވެރީން ކުރެ ބަޔެއްގެ އަރިހުން ރިވާކުރެއްވިއެވެ. ކީރިތިރަސޫލާ ޔަމަނުކަރައަށް މުޢާޛު ފޮނުއްވުމަށް ނިންމަވައިފައި ޙަދީޘްކުރެއްވިއެވެ. ޤާޟީއެއްގެ ގޮތުން މަސައްކަތްކުރެއްވުމުގައި އިޢުތިމާދު ކުރައްވާނީ ކޮން އެއްޗަކަށް ބައްލަވައިގެންތޯއެވެ؟ މުޢާޛު ދެންނެވިއެވެ. ﷲގެ ފޮތަށެވެ. ފޮތުން ނުފެނިއްޖެނަމަ ދެން ހައްދަވާނީ ކޮންގޮތެއްތޯއެވެ؟ ދެންނެވިއެވެ. ދެން ﷲގެ ރަސޫލާ eގެ ސުންނަތަށް ބަލައިގެންނެވެ. ފޮތުންނާއި ސުންނަތުން ނުފެނިއްޖެ ނަމަ، ދެން ހައްދަވާނީ ކޮންގޮތެއް ތޯއެވެ؟ ވިދާޅުވި ތިމަންކަލޭގެފާނުގެ އަމިއްލަ ޚިޔާލުގެ މަތިން އިޖުތިހާދުކުރައްވާނީއެވެ. ދެން މުޢާޛުގެ މޭފުޅުގައި ރަސޫލާ eގެ އަތްޕުޅުން ޖައްސަވައިލައްވައި އެ ކަމަށްޓަކައި ހެއު ދުޢާކުރެއްވަމުން ވިދާޅުވިއެވެ. ﷲގެ ރަސޫލާގެ ފަރާތުން ފޮނުއްވޭ ބޭކަލަކަށް އެ ރަސޫލާ eގެ ރުހިވަޑައިގަތުމާ އެއް ގޮތަށް ޢަމަލުކުރުމުގެ ހެއު ތައުފިޤު ދެއްވި ﷲއަށް ޙަމްދުކުރަމެވެ."
މި ޙަދީޘުން ދަލީލުކުރަނީ ޤިޔާސަށް ޢަމަލުކުރުން ވާޖިބުކަމުގައެވެ.
2- އަލްއިޖުމާޢު: މިއީ ބައެއް އަޞްޙާބުން ގޯސް ޢަމަލެއްގެ ގޮތުގައި - ޤިޔާސަށް ޢަމަލުކުރުން ނުވަތަ އަމިއްލަ ރައުޔަށް އިޖުތިހާދުކުރުން - ހިމެނުއްވިއެވެ. އަދި އަނެއްބައި ޞަޙާބީން އެޔަށް އިންކާރުކުރެއްވުމެއް ނެތި ހަނު ތިއްބެވިއެވެ. އެހެންވުމުން އިޖުމާޢަކަށްވިއެވެ. އެ ގޮތުން ކަލާލާގެ މައްސަލައިގައި އަބޫބަކުރުގެފާނު ސުއާލުކުރެއްވިއެވެ. އެ ކަލޭގެފާނުގެ ބަސްފުޅަކީ، ﷲގެ ފޮތުގައި ތިމަންގެ އަމިއްލަ ރައުޔާ އެއް ގޮތަށް ކަމެއް އައި ނަމަ އެ ވާނީ ތިމަންކަލޭގެފާނުގެ ޤިޔާސާ އެއް ގޮތް ކަމެއް ކަމުގައެވެ. [5] ހަމަ އެފަދައިން ޤިޔާސަށް ޢަމަލު ކުރުމަށް ބައެއް ޞަޙާބީން ތަޢުރީފު ކުރެއްވިއެވެ. މިއީ ޖުމްހޫރުން ދަލީލު ދައްކަވާ ގޮތެވެ.
3- އަލްމަޢުޤޫލު ނުވަތަ ބުއްދީގެ ގޮތުން ބަލާ އިރު ޤިޔާސަކީ ދެމުޖުތަހިދުންގެ ދެމެދުގައި ބައިބައިވުން އުފައްދާ ކަމެކެވެ. އެހެންވީމާ އެ ޙާލާތުގައި ޤިޔާސްކުރުން މަނާވާނެއެވެ. ފަހެ ﷲ ވަޙީކުރެއްވިއެވެ. وَلَا تَنَازَعُوا فَتَفْشَلُوا وَتَذْهَبَ رِيحُكُمْ[6] މާނައީ: "އަދި ތިޔަބައިމީހުން ދެބަސްވެ އަރައިރުންނުވާށެވެ! (ދެބަސްވެ އަރައިރުންވާ ނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ." މި ތާނގައި މަނާކުރެވިފައި މި ވަނީ ޢަޤީދާގެ އަޞްލުތަކުގައި އިޚުތިލާފުވެ ދެބަސްވުމަށެވެ. އެޔާ ޚިލާފަށް ޝަރުޢީ ޢަމަލީ ޙުކުމްތަކާ މެދު ދެބަސްވުމަކީ މަނާކަމެއް ނޫނެވެ. އެއީ ﷲގެ ޙަޟުރަތުން ލެއްވި ރަޙުމަތެކެވެ.
ބައެއް މީހުން ދަލީލު ދައްކަނީ ޤިޔާސަކަށް ބޭނުން ނުވާކަމުގައެވެ. ސަބަބަކީ ﷲގެ ފޮތާއި ސުންނަތުގައި ވާ ޝަރުޢީ ނައްޞުތައް ފުދޭ ކަމުގައެވެ. އެ ނައްޞުތަކުން ވާޖިބާއި ޙަރާމާއި މަންދޫބާއި މަކުރޫހަ އެނގެއެވެ. އަދި ނައްޞެއް ނެތް ނަމަ، އެއީ ހުއްދަކަމެއްކަމަށް ދަލީލުކުރެއެވެ. ސަބަބަކީ ކަމެއްގެ އަޞްލަކީ ހުއްދައެވެ. ފަހެ ﷲ ވަޙީކުރެއްވިއެވެ. هُوَ الَّذِي خَلَقَ لَكُم مَّا فِي الْأَرْضِ جَمِيعًا[7] މާނައީ: [އެކަލާނގެއީ، ތިޔަބައިމީހުންނަށް ޓަކައި ބިމުގައިވާ އެންމެހައި ތަކެތި ހެއްދެވި ރަސްކަލާނގެއެވެ.] އެހެންކަމުން މީގައި ޤިޔާސަކަށް ބޭނުމެއް ނުވެއެވެ. ސަބަބަކީ ﷲ ވަނީ ނައްޞުގައި ހުރިހައި އަމުރެއްގެ ވާހަކަ ބަޔާން ކުރައްވައިފައެވެ. ޤިޔާސެއް ބޭނުންވަނީ ނައްޞެއް ނެތް ކަންކަމުގައެވެ.
އިސްވެ ދިޔަ ބަޔާން ތަކަށް ވާހަކަ ދައްކަމުން އަލްއިމާމު މުޙައްމަދު ބުނު އަބޫޒަހްރާ ރަޙިމަހުﷲ ވިދާޅުވަނީ ޤީޔާސް ނަފީކުރާ މީހުން އެ ކުރަނީ ކުށެއްކަމުގައެވެ. އެބައިމީހުން ނައްޞުތަކުން ޢިއްލަތް ހޯދުން ދޫކޮށްލުމެވެ. ފަހެ އެ ބޭކަލުން އެ ކަނޑައަޅަނީ މީސްތަކުންގެ ކުޑަގިފިއްޔަކީ (މޫތަކީ) ނައްޞެއް އޮތުމުން ނަޖިހެއްކަމުގައެވެ. އެކަމަކު ނައްޞެއް އެ މައްޗަށް ނެތުމުން އޫރުގެ ކުޑަގިފިއްޔަކީ ޠާހިރު އެއްޗެއްކަމުގައެވެ. އަދި ކުއްތާގެ ދިޔައަކީ ނައްޞެއް އޮތުމުން ނަޖިހެއްކަމަށްވެފައި އޭގެ ކުޑަކަމުދާ ތަކެއްޗަކީ ޠާހިރު ތަކެތިކަމުގައެވެ. [8]
މަޞްލަޙަތުލް މުރުސަލާ
ތަމްހީދު:
މަޞްލަޙަތަކީ ފައިދާއެވެ. އެއްޗެއް ހަލާކުވުމުން ރަނގަޅުކުރުން ނުވަތަ ރަނގަޅު ގޮތް ނުވަތަ ހެއު ގޮތެވެ.[9] އެބަހީ: ތިމާމެންނަށް ލިބެން އަންނަ ހުރިހައި ރަނގަޅު ކަންތައް ޙާޞިލުކޮށް ލިބިގަތުމާ އެކު، ކުރިމަތިވާން އަންނަ ހުރިހައި ނުބައި ކަންތައްތަކަކުން ރައްކާތެރި ސަލާމަތްވުމެވެ.
މަޞްލަޙަތުލްމުރުސަލާގެ އިޞްޠިލާޙީ މާނައެއް ކަމުގައި އިމާމު ޣަޒާލީ ލިޔުއްވަނީ ކަމެއްގެ މަންފާލިބިގަނެ އެ ކަމަކުން ލިބޭން އަންނަ ގެއްލުންތަކުން ދުރުވެގަތުމެވެ.[10]
މަޞްލަޙަތުލްމުރްސަލާ ދެނެގަތުމުގެ ކުރީން ޝަރުޢީގޮތުން އިތުބާރުހުރި މަޞްލަޙަތާއި އިތުބާރު ނެތް މަޞްލަޙަތު ދެނެގަތުމަށް ޓަކައި އެ ދެބައި ބަޔާންކޮށްލުމަކީ ވަރަށް މުހިންމު ކަމެކެވެ.
1 - المصلحة المعتبرة: އިސްލާމީ ޝަރީޢާގައި މާތްﷲ ކަނޑައަޅުއްވައިފައިވާ އިތުބާރު ހުރި މަޞްލަޙަތުތަކެވެ. މި ކަންތައްތަކަކީ ދީނުގައި ޤަޠުޢީ ގޮތުން ސާބިތުކުރައްވައިފައިވާ ކަންތައްތަކެވެ. މި ފަދަ މަޞްލަޙަތުތަކަކީ: ދީން ޙިމާޔަތްކުރުމާއި ނަފުސު ސަލާމަތްކުރުމާއި ބުއްދި ސަލާމަތްކުރުމާއި އަނބިދަރީން ސަލާމަތްކުރުމާއި މުދާ ސަލާމަތްކޮށް ދިފާޢުކުރުމެވެ. ފަހެ ހަމަކަށަވަރުން އިސްލާމްދީން ސަލާމަތް ކުރުމަށްޓަކައި ޖިހާދުކުރުން ލެއްވިއެވެ. ނަފުސުތައް ސަލާމަތްކުރުމުގެ ގޮތުން ޤިޞާޞްހިފުން ލެއްވިއެވެ. ބުއްދި ސަލާމަތްކުރުމުގެ ގޮތުން ބަނގުރާ ބުއިން ޙަރާމްކުރެއްވިއެވެ. ޢާއިލާ ސަލާމަތްކުރުމުގެ ގޮތުން ޒިނޭއާއި ޤަޛްފުގެ ޙައްދު ލެއްވިއެވެ. އަދި މުދާ ރައްކާކޮށް ސަލާމަތް ކުރުމުގެ ގޮތުން ވައްކަންކުރުމުން އަތްކެނޑުން ލެއްވިއެވެ.
2 - المصلحة الملغاة: އުވައިލެވިފައިވާ މަޞްލަޙަތު: މިއީ އިސްލާމީ ޝަރީޢަތުގައި ބާޠިލުކޮށް އުވައިލައިފައިވާ މަޞްލަޙަތުތަކެވެ. މި ފަދަ މަޞްލަޙަތުތަކަކީ އެ ކަމާ މެދު ވިސްނުމުން އަހަރެމެންނަށް އެއީ ރަނގަޅު ކަމެއްކަމަށް ފެނުނު ނަމަވެސް އިސްލާމީ ޝަރީޢަތުގައި އެ ކަމެއް ބާޠިލުކަމުގައި ކަނޑައަޅައިފައިވާ ކަންތައްތަކެވެ. މިސާލަކަށް މުދާ ބެހުމުގައި އަންހެނުންނާއި ފިރހެނުން ދެ ޖިންސު ތަފާތެވެ. އެއީ ފިރިހެނާއަށް ލިބޭ މުދަލުގެ ދެބައިކުޅައެއްބައި އަންހެނާއަށް ލިބުމެވެ. ވިސްނުމުން އަހަރެމެންނަށް ރަނގަޅު ގޮތަކީ ހަމަހަމަކުރުންކަމަށް ބަލައި އެ ގޮތަކަށް ޢަމަލެއްނުކުރެވޭނެއެވެ.
ހަމައެފަދައިން ވަރިކުރުމަކީ ފިރިމީހާއަށް ޚާއްޞަވެފައިވާ ކަމެކެވެ. އަންހެނުންނާއި ފިރިހެނުންނާއި ހަމަހަމަވާންވާނެކަމުގައި ބުނެ ކިތަންމެ ދަޢުވާއެއް ކުރި ނަމަވެސް މި ފަދަ ކަންކަމަކީ ބާޠިލު ކަންތައްތައްކަމުގައި މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލާނގެ ޝަރީޢަތުގައި ލައްވައި ނިންމަވައިފައިވާ ކަންކަމެވެ. (ނުނިމޭ)
[1] - ވަހްބާ އައްޒުޙައިލީ، ވއުޞޫލުލްފިޤްހުލްއިސްލާމީ: (1/ޞ 581- 582)
[2] - ޢަލީ ބުނުޢުމަރު އައްދާރުޤުޠުނީ ، ސުނަނުއްދާރުޤުޠުނީ: (ދާރުލްމުއައްޔަދު، ރިޔާޟު 2001) ( 4/184)
[3] - ވަހްބާ އައްޒުޙައިލީ، އުޞޫލުލްފިޤްހުލްއިސްލާމީ: (1/ޞ 584)
[4]- ސުލައިމާނު ބުނުލްއަޝްޢަޘްއަބީދާވޫދު، ސުނަނު އަބީދާވޫދު: (އަލްމަކްތަބަތުލްޢަޞްރިއްޔާ، ތިންވަނަ ޗާޕް، ބައިރޫތު 1994) ( ބާބު އިޖުތިހާދުއްރައުޔި ފިލްޤަޟާއި، ޙަދީޘް ނަންބަރު 3592)
[5] - ވަހްބާ އައްޒުޙައިލީ، އުޞޫލުލްފިޤްހުލްއިސްލާމީ: (1/ޞ 585)
[6] ސޫރަތުލްއަންފާލު 46
[7] ސޫރަތުލްބަޤަރާ 29
[8] - އަބޫޒަހްރާ ، މުޙައްމަދު، އުޞޫލުލްފިޤްހި (އަލްޤާހިރާ، ދާރުލްފިކްރުލްޢަރަބީ 1956) (ޞ217)
[9] ޢުމަރު ސުލައިމާނު ޢަބްދުﷲ ، ނަޡަރާތުންފީ އުޞޫލިލްފިޤްހި، ޞ 222
[10] އަޙްމަދު ބުނު މުޙައްމަދު އަލްޣަޒާލީ، އަލްމުސްތަޞްފާ، ޞ 286