ad_banner
ފެން ... ޙަޔާތުގެ އިކުސީރު (2)

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

31 ޑިސެންބަރު 2025

ފެނަކީ ޙަޔާތުގެ އިކުސީރެވެ.

(2025 ޑިސެންބަރު 24ވަނަ ދުވަހުގެ އަދަދާގުޅޭ)

ކީރިތި ޤުރްއާނުގައި ތަފާތު ސިފަސިފައިގައި ފެނުގެ ވާހަކަ އައިސްފައިވެއެވެ. އޭގެ ތެރޭގައި:

1-        ماء الأمطار - ވާރޭގެ ފެން: އެއީ އުޑުން ބިމަށް ވެހޭ ފެނެވެ. ކޯރުތަކާއި ސައިލުތަކާއި އާރުތައް އުފެދެނީ މި ފެނުންނެވެ.

2-        الماء السلسبيل - ސަލްސަބީލު ފެން: އެއީ މީރުކަމުން އަރުތެރެއިން ފަސޭހަކަމާ އެކު އެތެރެވާ ފެނެވެ.

3-        الماء الفرات - މީރު ފެން.

4-        ماء الشرب - އާންމުކޮށް ބޮއި ހަދާ ފެން

5-        الماء المبـارك - ބަރަކާތްތެރި ފެން: އެއީ ބިމަށް ދިރުންލިބޭ ގަސްގަހާގެހި ހެދޭ ފެނެވެ.

6-        الماء الطهور - ޠަހޫރު ފެން

7-        الماء المسكوب - ލޮލަށް ފިނިކަން ލިބޭ ފެނާއި ބިންމަތީން ހިރަފުސް ފިލައިގެންދާ ފެން

8-        الماء المعين - ޖަމާކޮށް ފައިދާ ލިބިގަނެވޭ ފެން

9-        الماء الغـدق - ގިނަވެގެންވާ ފެން

10-    الماء الثجاج - ސައިލު ފެން

11-    ماء الأرض - ބިމުގެ ފެން: އެއީ މާތް ﷲ ބިން ހެއްދެވި އިރު އެއާ އެކުގައި ލެއްވި ފެނެވެ. މިފެނަކީ ދާއިމީ ސިފައެއްގައި ދައުރުވާ ފެނެވެ. 

12-    ماء غير آسن - ފާނުވާ ފެން

13-    الماء الغور - އަޑިއަށް ފައިބާ ފެން: މި ފެނުން ފައިދާ ޙާޞިލެއް ނުކުރެވޭނެތެވެ.

14-    الماء المغيض - ބިމަށް ވެހި އަޑިއަށް ދާ ފެން

15-     الماء السراب  - އަވާމެންދުރު ފެން: އެއީ ޙަޤީޤީ ފެނެއް ނޫނެވެ. މިއީ ކަރުހިއްކައިގެންފައިވާ މީހާއަށް ދުރުން ފެންނަ ފެނުމެކެވެ.

16-    الماء المنهـمر - ވަރަށް ބޯކޮށް އުޑުން ވެހޭ ވާރޭ.: މީގެ ސަބަބުން ދަނޑުފަނގުތައް ހަލާކުވެގެންދެއެވެ.

17-    الماء الأجاج  - ލޮނު ރަހަ ގަދަ ފެން

18-    الماء المهين  - ގަދަރު ކުޑަ ފެން: މިއީ ފިރިހެނާގެ މަންޏެވެ.

19-    الماء الدافق - ބާރަށް އޮހޭ ފެން: މިއީ ވެސް މަނިފެނެވެ.

20-    الماء الصديد - ދޮސް ފެން: މިއީ ނަރަކައިގެ އަހުލުވެރީންނަށް  ބޯންދެވޭ ފެނުގެ ބާވަތެކެވެ.

21-    الماء الحميم - ކެކިކެކިހުންނަ ހޫނު ފެން: މިއީ ޖަހަންނަމައިގެ އަހްލުވެރީންނަށް ބޯންދެވޭ ފެނެކެވެ.

22-    ماء المهل  - ތެޔޮކުނޑި ފެން: މިއީ ނަރަކައިގެ އަހްލުވެރިން ފެންބޮވައިގަތުމުން ދެވޭ ފެނުގެ ބާވަތެކެވެ. މި ފެން ބުއިމުން އިތުރަށް ކަރުހިއްކާނެތެވެ.

23-    ماء مدين - މަދުޔަނު ފެން: މޫސާގެފާނު މިޞްރުން ފައިބަވަޑައިގެން ދަތުރުކުރައްވައިފައި ވަޑައިގެންނެވުނީ ޝުޢައިބުގެފާނުގެ ރަށް މަދްޔަނުގެ ރަށް ބޭރުގައި ހުންނަ ބޯފެންވަޅު ކައިރިއަށެވެ.

ކީރިތި ޤުރުއާނުގައި  23 ބާވަތެއްގެ ތަފާތު ފެނުގެ ވާހަކަ ވާރިދުވެފައިވެއެވެ. ކީރިތި ޤުރުއާނުގައި ފެނުގެ ވާހަކަ އައިސްފައިވާ ފުރަތަމަ އާޔަތް 23ވަނަ އާޔަތަށް ވުމުގެ ސިއްރު މިހާރު އެނގިއްޖެކަމަށް ހީކުރަމެވެ. މި އާޔަތުގައި 23ވަނަ ކަލިމައަށް 23 ވީ ކީއްވެގެންބާވައެވެ؟

އެނބުރި އެ އާޔަތަށް ދަމާ ހިނގާށެވެ! މާތް ﷲ ވަޙީކުރެއްވިއެވެ. ((الَّذِي جَعَلَ لَكُمُ الأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً وَأَنْزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَّكُمْ فَلَا تَجْعَلُوْا لِلَّهِ أَنْدَادًا وَأَنْتُمْ تَعْلَمُوْنَ  -  البقرة: 22 – މާނައީ: އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި ތަންމައްޗެއްކަމުގައި ބިން ލައްވައި، އަދި ބިނާއެއްކަމުގައި އުޑު ލައްވައި، އުޑުން ފެން ވެއްސަވައި، އެއިން ތިޔަބައިމީހުންނަށް رزقއެއްކަމުގައި މޭވާގެ ބާވަތްތައް ނެރުއްވި ރަސްކަލާނގެއެވެ. ފަހެ، (އެކަލާނގެ خالق ވަންތަކަން) ތިޔަބައިމީހުން ދެނެ ތިބެ، اللَّهއަށް شريكންތަކެއް ތިޔަބައިމީހުން ނުލާށެވެ!))

އިންސާނާގެ ޙަޔާތުގައި ފެނުގެ އަހައްމިއްޔަތަށް ޓަކައި ، ފެން މުހިއްމު ކަމަކާ ގުޅޭންޖެހޭނެވެ. އެކުގައި މުޞްޙަފު ހުޅުވައިލަމާ ހިނގާށެވެ! سورة البقرةގެ 22 ވަނަ އާޔަތާ ހަމައަށް ކަލިމަތައް ގުނަމާ ހިނގާށެވެ! (مَاء) މި ކަލިމަ އައިސްފައި މި ވަނީ 282 ވަނައަށެވެ. سورة البقرةގައި ލަފުޒުލްޖަލާލަތި "ﷲ" ތަކުރާރުވެފައިވަނީ ހަމަ މި އަދަދަށެވެ. ކީރިތި ޤުރުއާނުގައި ލަފުޒުލްޖަލާލަތި "ﷲ" އެންމެ ގިނައިން ތަކުރާރުވެފައިވަނީ މި ސޫރަތުގައެވެ. މި އާޔަތުގެ އަކުރުތަކުގެ އަދަދަކީ 99އެވެ. އެއީ ﷲ ތަޢާލާގެ މަތިވެރި އިސްމުފުޅުތަކުގެ އަދަދެވެ.

މި ނަތީޖާއާ ހަމައަށް  ދެވުނު  ގޮތަށް ބަލަމާ ހިނގާށެވެ!

-            މުޞްޙަފު ފެށުނު ހިސާބުން ފެށިގެން (مَاءً) މި ކަލިމައިގެ އެންމެ ފަހު އަކުރާ ހަމައަށް ބަލާއިރު م ތަކުރާރުވެފައިވަނީ 135 ފަހަރުއެވެ.

-            މުޞްޙަފު ފެށުނު ހިސާބުން ފެށިގެން (مَاءً) މި ކަލިމައިގެ އެންމެ ފަހު އަކުރާ ހަމައަށް ބަލާއިރު ا ތަކުރާރުވެފައިވަނީ 224 ފަހަރުއެވެ.  

-             ހަމްޒާ(ء) ތަކުރާރު ވެފައިވަނީ 12 ފަހަރުއެވެ.  

-            މި ތިން އަކުރަކީ  (مَاءً)ގެ އަކުރުތަކެވެ. މި އަކުރުތައް ތަކުރާރުވެފައި މި ވަނީ 371 ފަހަރުއެވެ. 371 = 53 × 7 އެވެ.

-            سورة الفاتحة ގައި ލަފުޒުލްޖަލާލަތި "ﷲ"ގެ އަކުރުތައް ތަކުރާރުވެފައިވަނީ 53 ފަހަރުއެވެ. 

-            سورة الفاتحة (السبع المثاني - ތަކުރާރުކޮށް ކިޔެވޭ ހަތް އާޔަތް )ގައި އޮތީ 7 އާޔަތެވެ. 

-            އަލިފުބާގެ ފުރަތަމަ އަކުރަކީ އަދި މި އާޔަތުގެ ފުރަތަމަ އަކުރަކީ އަލިފެވެ. މި އާޔަތުގައި އަލިފު 22 ފަހަރު ތަކުރާރުވެފައިވެއެވެ.

-            މި އާޔަތުގެ ތަރުތީބީ ވަނައަކީ ވެސް 22އެވެ.

سورة البقرة ފެށުނު ހިސާބުން ފެށިގެން (مَاءً) މި ކަލިމައިގެ އެންމެ ފަހުއަކުރާ ހަމައަށް ބަލާ އިރު (مَاءً) މި ކަލިމައިގެ އަކުރުތައް ތަކުރާރުވެފައި މި ވަނީ 456 ފަހަރުއެވެ. (قرآن)  މިލަފުޒުގެ އަކުރުތައް ތަކުރާރުވެފައިވަނީ 342 ފަހަރުއެވެ.

-            އަދަދު 456 އަކީ 114 × 4އެވެ.

-            އަދަދު 342 އަކީ 114 × 3އެވެ.

-            މި ދެ އަދަދުގެ ތަފާތަކީ 456 – 342 =114 މިއީ ޤުރުއާނުގެ ސޫރަތްތަކުގެ އަދަދެވެ.

އަޖައިބުކަން އަދި މާ ބޮޑު

 سورة يونسގެ މި އަންނަ އާޔަތާ މެދު ވިސްނާލަމާ ހިނގާށެވެ!

وَأَوْحَيْنَا إِلَى مُوسَى وَأَخِيهِ أَنْ تَبَوَّآ لِقَوْمِكُمَا بِمِصْرَ بُيُوتًا وَاجْعَلُوا بُيُوتَكُمْ قِبْلَةً وَأَقِيمُوا الصَّلَاةَ وَبَشِّرِ الْمُؤْمِنِينَ  - (يونس: 87- މާނައީ : ތިމަންރަސްކަލާނގެ موسى ގެފާނާއި، އެކަލޭގެފާނުގެ أخ (هارون ގެފާނު)އަށް وحى ކުރެއްވީމެވެ. ތިޔަ ދެބޭކަލުންގެ قومގެ މީހުންނަށް مصرގައި ގޭގެ ހައްދަވާށެވެ! އަދި ތިޔަބައިމީހުންގެ ގޭގެ، قبلة އަށް ބަހައްޓައި، ނަމާދު قائمކުރާށެވެ! އަދި ކަލޭގެފާނު مؤمنތަކުންނަށް (نصر ލިބޭނެކަމުގެ) އުފާވެރި خبر ދެއްވާށެވެ!)

-            މި އާޔަތުގެ އަކުރުތަކުގެ އަދަދަކީ 83އެވެ.

-            މުޞްޙަފުގެ ފެށޭކޮޅުން ގުނާއިރު މި އާޔަތުގެ ތަރުތީބީ ވަނައަކީ 1451އެވެ.

-            83އާ 1451 އާ ދެމެދުގައިވާ ގުޅުމަކީ ކޮބައިހެއްޔެވެ؟

-            83އަކީ ފުރައަދަދުގެ ތަރުތީބުގައި 23ވަނަ އަދަދެވެ.

-            1451އަކީ ފުރައަދަދުގެ ތަރުތީބީ ވަނައިގައި 230އެވެ. އެއީ 23 × 10އެވެ.

-            މުޞްޙަފުގެ ސޫރަތްތަކުގެ ތަރުތީބުގައި ޔޫނުސް ސޫރަތުގެ ވަނައަކީ 10އެވެ.

މަތީގައި ދެންނެވި އާޔަތުގައި (مَاءً) މި ކަލިމައިގެ އަކުރުތައް ތަކުރާރުވެފައިވާ ގޮތަށް ބަލަމާ ހިނގާށެވެ!

-            މި އާޔަތުގައި م  ތަކުރާރުވެފައި ވަނީ 8 ފަހަރުއެވެ.

-            މި އާޔަތުގައި ا ތަކުރާރުވެފައިވަނީ 15 ފަހަރުއެވެ.

-            މި އާޔަތުގައި ހަމްޒާ (ء) އައިސްފައެއް ނުވެއެވެ.

-            ވީމާ (مَاءً) މި ކަލިމައިގެ އަކުރުތައް މިއާޔަތުގައި ތަކުރާރުވެފައި މިވަނީ 23 ފަހަރުއެވެ. ޤުރުއާނުގައި ނަންގަނެވިގެންވާ ފެނުގެ ބާވަތްތަކަކީ 23 އެވެ.

ޝައްކެތް ނެތެވެ. (( أَفَلَا يَتَدَبَّرُونَ الْقُرْآنَ ۚ وَلَوْ كَانَ مِنْ عِندِ غَيْرِ اللَّهِ لَوَجَدُوا فِيهِ اخْتِلَافًا كَثِيرًا -النساء: 82 – މާނައީ:  ފަހެ، قرآن އާމެދު އެއުރެން ވިސްނައި ފިކުރުނުކުރަނީހެއްޔެވެ؟ އެ قرآنއަކީ، اللَّه ނޫން އެހެން ފަރާތަކުން އައި އެއްޗެއްކަމުގައިވީ ނަމަ، ގިނަވެގެންވާ ތަފާތުތައް އެއިން އެއުރެންނަށް ފެނުނީހެވެ.))

އަލުން މި އާޔަތާމެދު ވިސްނަމާ ހިނގާށެވެ!

وَأَوْحَيْنَا إِلَى مُوسَى وَأَخِيهِ أَنْ تَبَوَّآ لِقَوْمِكُمَا بِمِصْرَ بُيُوتًا وَاجْعَلُوا بُيُوتَكُمْ قِبْلَةً وَأَقِيمُوا الصَّلَاةَ وَبَشِّرِ الْمُؤْمِنِينَ  - يونس: 87

ދެން މި އާޔަތަށް ބަލާށެވެ!

وَذَا النُّونِ إِذْ ذَهَبَ مُغَاضِبًا فَظَنَّ أَنْ لَنْ نَقْدِرَ عَلَيْهِ فَنَادَى فِي الظُّلُمَاتِ أَنْ لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ  - الأنبياء:87 

މި ދެ އާޔަތަށް ބަލާށެވެ!

-         މި ދެ އާޔަތުގެ ތަރުތީބީ ވަނައަކީ 87އެވެ.

-         ފުރަތަމަ އާޔަތުގައި އޮތީ 83 އަކުރެވެ. ދެވަނަ އާޔަތުގައި ވެސް އޮތީ 83 އަކުރެވެ.

-         އަދަދު 83އަކީ ފުރައަދަދެކެވެ. ފުރައަދަދުގެ ތަރުތީބގައި އެއީ 23ވަނަ އަދަދެވެ. 

-         (مَاءً) މި ކަލިމައިގެ އަކުރުތައް ފުރަތަމަ އާޔަތާއި ދެވަނަ އާޔަތުގައި ތަކުރާރުވެފައިވަނީ 23 ފަހަރުއެވެ.

-         ދެވަނަ އާޔަތުގެ ކަލިމަތަކުގެ އަދަދަކީ 23އެވެ.

-         އެންމެ ފުރަތަމަ (مَاءً) މި ކަލިމަ އައިސްފައިވާ އާޔަތުގެ ކަލިމަތަކުގެ އަދަދަކީ ވެސް 23އެވެ.

މި ގުޅުމުގެ ހަރުދަނާކަން ތިބާއަށް މިހާރު ރަނގަޅަށް އެނގިދާނެކަމަށް ހީކުރަމެވެ.

ބަހަވިއްޔާތު ކިތަންމެ ވަރަށް ކުރިއަރައިފައި ވިޔަސް ބަސްވާރުންނަށް ވަނީ ކީރިތި ޤުރުއާނުގެ އަކުރުތަކާއި އަދަދުތައް ގުޅި ލައިމެހިފައިވާ ގޮތް ދެނެގަތުމަށް ނުކުޅެދުންތެރިވެފައެވެ. ޤުރްއާނާއި ފެނަކީ ޙަޔާތުގެ އިކުސީރެވެ. ޤުރުއާނުގެ މަތިވެރިކަމާއެވެ!! ﷲގެ ކުޅަދުންވަންތަކަމާއެވެ!!

(ނިމުނީ)

ކޮމެންޓު