އިސްމާޢީލު މުބާރަކު
3 ޖަނަވަރީ 2026
މޫތާގެ ލަޝްކަރު
މޫތާއަކީ މިހާރުގެ ޖޯޑަންގެ އުތުރުގައި އޮންނަ ރަށެކެވެ.
މި ހަނގުރާމަ ހިނގީ މީލާދީން 629ވަނަ އަހަރު އޯގަސްޓް މަހުއެވެ. الحارث بن عمير الأزدي ކިޔާ ސަޙާބީ ބޭކަލަކު ރަސޫލު صلي الله عليه وسلمގެ ފަތްކޮޅަކާ އެކު، ޣައްސާނީންގެ ވެރިޔާގެ ކައިރިއަށް ފޮނުވުނެވެ. ޣައްސާނީންނަކީ ރޯމަން އެމްޕަޔަރާ އިއްތިޙާދު ހަދައިގެން ޖޯޑަނާއި ސީރިޔާގެ ބިންތަކުގައި އުޅުނު ނަޞާރާ ދީނަށް އުޅޭ ޢަރަބި ޤަބީލާތަކެކެވެ .
އަދިއަދަށް ދާންދެން ވެސް ރޯމަނުންނާއި ޢަރަބީންނާ ޢަޖަމީންގެ ތެރޭގައިވެސް ޤަބޫލުކުރަމުން އައި، ޑިޕްލޮމެޓިކް ޤާނޫނެއް މުގުރައިލައި އެއާ މި ދެންނެވި ޣައްސާނީން ޚިލާފުވިއެވެ. ޑިޕްލޮމެޓިކް މިޝަނެއްގައި ދިޔަ މީހަކު މަރާލުމަކީ އެ މިޝަނަށް މީހަކު ފޮނުވި ޤައުމާ ދެކޮޅަށް ހަނގުރާމަ އިޢުލާންކުރުމެވެ. އެހެން ގޮތަކަށް އެ ކަން މާނައެއް ނުކުރެވޭނެއެވެ. އިސްލާމްދީން ފެތުރުނީ ކަނޑީގެ ބާރުންކަމަށް ދައުވާކުރާ މީހުން އިސްލާމީ ފުތޫޙާތު އެއީ އެ ކަމުގެ ހެތްކެއްކަމަށް ދައްކައެވެ. ނަމަވެސް އިސްލާމީ ފުތޫޙާތު އެއީ ރަސޫލާ رسول صلي الله عليه وسلمގެ ޒަމާނުގައި ފެއްޓެވި ހަނގުރާމަ އެއް ނޫނެވެ. އެއީ رسول صلي الله عليه وسلمއަށް ފަހު ތިއްބެވި ސާޙާބީން ފެއްޓެވި ކަމެކެވެ. ރަސޫލު صلي الله عليه وسلم ކުރެއްވި ހަނގުރާމަތަކަކީ މި މޫތާގެ ހަނގުރާމަ ފަދަ އަމިއްލަ ނަފުސާއި މިނިވަންކަމުގެ ދިފާޢުގައި ކުރެވުނު ދިފާޢީ ހަނގުރާމަތަކެކެވެ.
މާތް ރަސޫލު صلي الله عليه وسلم ، حارث بن عمير ފަދަ ބޭކަލުން ފަތްކޮޅު ޙަވާލުކުރައްވައިފައި ފޮނުއްވީ ހަނގުރާމަ އިޢުލާނުކުރައްވާކަށް ނޫނެވެ. އިސްލާމްދީނުގެ ރިސާލަތު އެންމެހައި މީސްތަކުންނަށް އިއްވެވުމަށެވެ. ދީނަށް ވަންނާން ބޭނުން މީހަކު އެ ދީނަށް ވަނުމަށް ދަޢުވަތު ދެއްވުމަށެވެ. އެންމެން ވެސް ޤަބޫލުކުރާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން (ފުރީޑަމް އޮފު ސްޕީޗް)އާއި ދީނީ މިނިވަންކަން (ފުރީޑަމް އޮފު ރިލިޖަން)ގެ ޝިޢާރުގެ ދަށުންނެވެ. ވަންނާން ބޭނުން ނޫން މީހަކާ ދެކޮޅަކަށް އެއްވެސް ދެކޮޅުވެރިކަމެއް އެ ފަތްކޮޅުތަކުގައެއް ނެތެވެ. އޮތީ ޤަބޫލުނުކުރިޔަސް މި ދަޢުވަތު މީހުންނަށް އިއްވުން މަނާނުކުރާން އެދިވަޑައިގަނެފައެވެ.
އެހެންނަމަވެސް ރަސޫލާގެ ފަތްކޮޅާއިގެން ވަޑައިގަތް حارث بن عميرއާ ސީރިޔާގެ ތެރޭން ބައްދަލުވީ شرحبيل بن عمرو ނަމަކަށް ކިޔާ މީހަކާއެވެ. އޭނާއަކީ އެ ހިސާބުގައި ވެރިކަމެއް ހަދައިގެން އޭރު ވެރިކަންކުރަމުން އައި، ނަޞާރާ ދީނަށް އުޅޭ ޢަރަބި ޣައްސާނީންގެ މީހެކެވެ. ބައިޒޭންޓީން ނުވަތަ ރޯމަން އެމްޕަޔަރުގެ ވެރިއަކަށް އޭރު ހުރީ ޤައިސަރު ކިޔާ މީހެކެވެ. شرحبيل بن عمروއޭ މި ކިޔާ ކަލޭގެ، އެ މާތް ސަޙާބީ حارث بن عميرއާ ސުވާލުކުރިއެވެ. ތިޔައީ މުޙައްމަދުގެފާނު ފޮނުއްވި މީހެއްހެއްޔެވެ؟ ސަޙާބީ ވިދާޅުވިއެވެ. އާނއެކެވެ! މި ދަނީ އެކަލޭގެފާނުގެ ފަތްކޮޅަކާ އެކު، މި ރަށުގެ ވެރިމީހާގެ އަރިހަށެވެ. އެހެން ވިދާޅުވުމާ އެކު އެ މާތް ސަޙާބީ ފަށަކާޖެހި ފަށެއް ޖައްސައި ބަނދެލައި ގެންގޮސް ކަނޑީން ޖަހައި ކަނދުރާގައި ކަނޑީން ޖަހައި އިސްތަށިފުޅު ވަކިކޮށްލިއެވެ.
މޫތާގެ ހަނގުރާމަ ހިނގާން ދިމާވީ މިސަބަބާ ހެދިއެވެ . އެހެންވީމާ ]ފުރީޑަމް އޮފު ރިލިޖަން[އާއި ]ފުރީޑަމް އޮފު ސްޕީޗް[އަށް ހުރަސްއެޅީ ފުރަތަމަ ކޮން ބަޔެއްތޯ އަމިއްލަ ނަފުސާ ސުވާލުކުރައްވާށެ!. ބޮޑުގޮހޮޑާ ވާހަކައިގެ ބަދަލުގައި އިސްލާމީ މަދަރުސާތަކުގައި ކިޔަވައިދެއްވާންވީ މި ޙަޤީޤަތްތައް ނޫންތޯއެވެ!
ކޮންމެއަކަސް ރަސޫލު صلي الله عليه وسلمއަށް މި ޚަބަރު ލިބިވަޑައިގެން ވަރަށް ބޮޑަށް ހިތާމަފުޅުކުރެއްވިއެވެ. އަދި އޭރު މަދީނާގައި ތިއްބެވި ސަޙާބީން ތެރޭން ވަރަށް ގިނަ ބޭކަލުން ވެސް މި ކަމާ ވަރަށް ނުރުހުން ފާޅުކުރައްވައި، އެ މީހުންނާ ހަނގުރާމަކުރައްވާން ބޭނުންފުޅުވިއެވެ. އެހެންކަމުން ތިން ހާސް ސަޙާބީންގެ ލަޝްކަރެއް މި ކަމަށް ޓަކައި އެކުލަވައިލެއްވިއެވެ. އަނެއް ކޮޅުން މި ޚަބަރު ލިބިގެން މުސްލިމުންނާއި ދެކޮޅަށް އެ ހަނގުރާމައަށް އެއް ލައްކަ މީހުންގެ ލަޝްކަރެއް ތައްޔާރުވިއެވެ. އަދި ފަހުން ބައިޒޭންޓިން އެމްޕަޔަރުގެ ޤައިސަރު އިތުރު އެއް ލައްކަ އިތުރުކޮށް ދެ ލައްކަ މީހުންގެ ލަޝްކަރެއް އެކުލަވައިލިއެވެ. ބޭނުމަކީ މުޙައްމަދުގެފާނު އެ ފަތުރުއްވާ ރިސާލަތު އެއްކޮށްނެތިކޮށްލުމެވެ.
ވިސްނައިވަޑައިގަންނަވާށެވެ.! މުސްލިމުންގެ 3000 މީހުން މި ނުކުތީ ދެ ލައްކަ މީހުންގެ ލަޝްކަރަކާ ދެކޮޅަށެވެ. މިއީ ޖާނުން ފިދާވުމެއްނޫނެވެ. އަޅުވެތިކަމާއި އަނިޔާވެރިކަމަށް ނޫނެކޭ ބުނުމެވެ. ފެށި އިރު ވެސް އޭރުގެ ދުނިޔޭގެ ބައްރުތަކުގައި ވެރިކަންކުރަމުން އައި ބައިޒޭންޓީނުންގެ ލަޝްކަރުތައް މުސްލިމުންނަށް ބަލި ނުކުރެވޭނެކަން މުސްލިމުންނަށް އެނގެއެވެ. އެކަމަކު މި ހަނގުރާމައިގެ ބޭނުމަކަށްވީ މުސްލިމުން އެ މީހުން ދެކެ ބިރުނުގަންނަކަމާއި ޖެހިލުންނުވާކަން ހާމަކޮށްދިނުމެވެ. އަދި ދުނިޔޭގެ އެހެން ޤައުމުތަކަށް ވެސް މި ހަނގުރާމައިގެ އަޑު އިވި މުސްލިމުންގެ ހިތްވަރާއި ޢަޒުމު ސާބިތުކޮށްދިނުމެވެ.
މަދީނާއިން ޖޯޑަންގެ މޫތާއަށް ދިއުމަށް ޓައި އެއްހާސް ކިލޯމީޓަރ ހުރަސްކުރާންޖެހެއެވެ. 43 ޑިގްރީ ސެލްސިއަސްގެ ހޫނުގައި ސަހަރާތައް ހުރަސްކުރާން ޖެހެއެވެ. ރާއްޖޭގައި ހޫނުމިން އެންމެ މަތިވަނީ 32 ޑިގްރީ ސެލްސިއަސްއަށެވެ. ދެން ތަޞައްވުރުކޮށްލައްވާށެވެ! މި ތިން ހާސް ސަޙާބީ ބޭކަލުން އެ އުފުއްލެވި ބުރައާއި ވެވަޑައިގަތް ޤުރްބާނީ ނިކަން ވަޒަންކުރައްވާށެވެ! މި ޒަމާނުގެ ފަސޭހަ ސަވާރީތަކެއްގައެއްނޫނެވެ. އަސްތަކާއި ޖަމަލުގައެވެ. މުސާރައަށް އެންމެ ރުފިޔާއެއް ވެސް ޕެންޝަނެއް ވެސް ފުލެޓެއް ވެސް ތަރިއެއް މެޑެއްޔެއްވެސް ލިބޭނެތީއެއް ނޫނެވެ. ﷲގެ ރުއްސެވުން އެދިގެންނެވެ.
މި ހަނގުރާމައިގެ ދިދަ އުފުއްލަވާނޭ ތިން ކޮމާންޑަރުން އިޚުތިޔާރު ކުރެއްވީ މާތް ރަސޫލު صلي الله عليه وسلم އެވެ. ފުރަތަމަ ކޮމާންޑަރަކަށް ނެންގެވީ އޭގެ ޒަމާންތަކެއް ކުރީން ކުޑަކުއްޖެއްގެ ގޮތުގައި ހުއްޓައި ބާޒާރުގައި އަޅެއްގެ ގޮތުގައި ވިއްކަނިކޮށް މާތް ރަސޫލާ ބައްލަވައިގަންނަވާ މިނިވަންކުރެއްވި زيد ابن حارثة ކިޔާ ސަޙާބީ ބޭކަލެކެވެ. ފަހުން ދަރިކަލެއްގެ ގޮތުގައި ވެސް ޚިޔާރުކުރެއްވިއެވެ. އިސްލާމްދީނާއި އަޅުން ގެންގުޅޭ ފަރާތްތަކަށް ރަނގަޅު މިސާލެއް މާތް ރަސޫލާގެ މި ޢަމަލުފުޅުން ދެއްކެވިއެވެ. ރަސޫލާގެ ސުއްނަތަކީ މިއީ ނޫންތޯއެވެ؟ މޫތާގެ ހަނގުރާމައިގައި މުސްލިމުންގެ ދިދަ ޙަވާލުކުރެއްވި ތިން ކޮމާންޑަރުންގެ ވާހަކައަކީ މި ޒަމާނުގެ މުސްލިމުންގެ ގަނގުރާމައިގެ ތަމްރީނުހަދާން ދާ ކުދިންނަށް ކިޔައިދޭން ޖެހޭ ވާހަކަތަކެކެވެ.
ރަސޫލު صلي الله عليه وسلم، އަޅުން ގެންގުޅުއްވިކަމަށް މުޝްތަޝްރިޤުންނާއި ޔަހޫދީންނާއި ހުޅަނގުގެ ފިކުރުގެ މީހުން ބުނެއެވެ. އަދި މިސާލެއްގެ ގޮތުން ރަސޫލާގެ އަނބިކަނބަލެއް ކަމަށްވާ ام سلمةގެފާނު ގެންގުޅުއްވި سفينة ކިޔާ އަޅެއް ދައްކައެވެ. އެއީ ރަސޫލު صلي عليه وسلم ގެންގުޅުއްވި އަޅެއް ނޫނެވެ. އެއީ އުއްމު ސަލަމާ ގެންގުޅުއްވި އަޅެކެވެ. ފަހުން އެ ކަމަނާ ރަސޫލު صلي عليه وسلمއާ ކައިވެނިބައްލަވައިގަތުމަށް ފަހު، އެ އަޅުވެސް މިނިވަން ކުރެއްވިއެވެ. މި ام سلمةގެ ނަންފުޅު اسرائيلية ޙަދީސްތަކުގައި ވަރަށް ގިނައިން ބޭނުންކޮށްފައިވެއެވެ. ޙަދީސް ފޮތްތަކުގައި (ارضاع الكبير) ބޮޑެތި މީހުންނަށް ކިރުދިނުމާ ބެހޭ ބާބުގައި ޔަހޫދީން ހަދައިފައިވާ އިސްރާއީލިއްޔަ ޙަދީސްތަކުން ރަސޫލާގެ ނަންފުޅު ގެނައުމަށް ޓަކައި ޢާއިޝަތުގެފާނާއި އުއްމު ސަލަމަތުގެފާނުގެ ނަންފުޅު ގެނެސްފައިވެއެވެ .
ކޮންމެއަކަސް ޒައިދު ބިން ޙާރިޘަތުގެފާނު ހަނގުރާމަޔަށް ތައްޔާރުވެވަޑައިގަންނަވަމުން ގެންދެވި އިރު، ފަހަރެއްގައި ހަނގުރާމައިން އެނބުރި ވަޑައިނުގެންނެވިދާނެކަމަށް ވިދާޅުވެ، ދަރިކަލުން އުސާމަތުގެފާނަށް ނަސޭޙަތްތެރިވެވަޑައިގަތެވެ. ދެވަނަ ކޮމާންޑަރަކަށް ރަސޫލު صلي الله عليه وسلم ޚިޔާރުކުރެއްވީ جعفر بن ابو طالبގެފާނެވެ. ހަމަ حمزة ގެފާނު ފަދައިން މާތް ރަސޫލާގެ ބޮޑުބޭބޭފުޅު އަބޫ ތާލިބްގެފާނުގެ ދަރިކަލެކެވެ. حمزة ގެފާނު ވަނީ ޢުހުދު ހަނގުރާމައިގައި ޝަހީދުވެފައެވެ. މި މޫތާގެ ހަނގުރާމައިގައި جعفرގެފާނު ޝަހީދުވިއެވެ. ابو طالب ގެފާނުގެ ތިއްބެވީ ހަ ބެއިންނެވެ. އެއީ ތާލިބާއި ޢަޤީލާއި، ޙަމްޒާއާއި ޖަޢުފަރާއި ޢަލީއާއި އަންހެން ދެބޭކަނބަލުންކަމުގައިވާ جمانةއާއި فاختة އެވެ.
ކޮންމެއަކަސް ތިންވަނަ ކޮމާންޑަރަކަށް ރަސޫލާ ޚިޔާރުކުރެއްވީ ޅެންވެރިކަމުގައި ލާމަސީލު ބަތަލެއްކަމުގައިވާ عبد الله ابن رواحة ނަމަކަށް ކިޔާ ބޭކަލެކެވެ. ފަންނުވެރިކަމަށް މާތް ރަސޫލާ صلي الله عليه وسلم އިސްކަން ދެއްވާކަން މި ކަމުން ހާމަވެގެން ހިނގައްޖެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މުސްލިމުންގެ އެންމެ ތިންހާސް ހަނގުރާމަވެރީން ދެލައްކަ މީހުންނާ ކުރިމަތިލީ ޖެހިލުމެއް ބިރެއް ހާސްކަމެއް ނެތިއެވެ. ރަވާޙަތުގެފާނުގެ ޅެމުގެ ޢިބާރާތެއްގައި އެކަލޭގެފާނު ލިޔުއްވިއެވެ. [އަހަރުމެންގެ ދުޝްމަނަކީ މަރެއް ނޫނެވެ. ދުޝްމަނަކީ ޣައްދާރުވުމެވެ. އަހަރުމެން މަރުވާނީ ޢިއްޒަތާ އެކުއެވެ. ދިރި ތިބޭނީ ޢިއްޒަތާއެކުގައެވެ.]
ސީރިޔާ އާއި ޖޯޑަންގެ ބިންތައް އޭރު ކޮންޓްރޯލުކުރަމުން ދިޔައީ ޢަރަބި ނަޞާރާ ޤަބީލާތަކުންނެވެ. އެ މީހުންނަށް ޣައްސާނީންނޭ ކިއައެވެ. މި ބާރުތަކަކީ ބައިޒޭންޓީން ނުވަތަ ރޯމަން އެމްޕަޔަރގެ ބައިވެރީންނެވެ. މާތް ރަސޫލު صلي الله عليه وسلم ޙަދީޘް ކުރައްވައިފައިވެއެވެ. (بدأ الاسلام غريبا وسيعود غريبا - އިސްލާމްދީން ފެށުނީ ބީރައްޓެހި އެއްޗެއްގެ ގޮތުގައެވެ.) ފިސާރި އަވަހަށް އަނެއްކާ ވެސް އެއީ ބީރައްޓެހި އެއްޗަކަށް ވެގެންދާނެއެވެ.
އާދޭހެވެ! އަނެއްކާވެސް މިއަދު ސީރިޔާއާއި ޖޯޑަން އޮތީ މިހާރުގެ ކްރިސްޓިއަން ޔަހޫދީ އެމްޕެޔަރު އެމެރިކާއާ އިނގިރޭސީންގެ އަތްދަށުގައެވެ. އެތަންތަން ކޮންޓްރޯލުކުރަނީ ޤަބީލީ އާދަކާދަ އަށަގަނެފައިވާ ނިރުބަވެރި ޖަމާޢަތް ތަކުންނެވެ. މި ތަންތަނުގައި އޮތީ މާތް رسول صلي الله عليه وسلم ގެންނެވި އިސްލާމްދީނެއް ނޫނެވެ.
އަސްލު މައުޟޫޢަށް ޖެހިލަމާތޯއެވެ! މޫތާގެ ހަނގުރާމައިގައި މަދު މިނިޓުކޮޅެއްގެ ތެރޭގައި ދެ ލައްކަ ހަނގުރާމަވެރީން ވެގެން ތިން ހާސް ހަނގުރާމާވެރި މުސްލިމުންގެ ވަސް ފޮހެލާން ނިންމައިގެން ރޯމަނުން ފެށި ހަނގުރާމަ ހަ ދުވަހަށް ދެމިގެން ދިޔައިރު ވެސް މުސްލިމުންގެ ހިތްވަރަށް ކުޑަވެސް ބަދަލެއް ނާދެއެވެ.
މި ކަމާ ޣައްސާނީންގެ ކޮމާންޑަރުން ޙައިރާންވެގެން ވާ ގޮތް ބެލި އިރު، އެނގުނީ މުސްލިމުންނަށް މިހައި ގަދަ ހިތްވަރެއް މި ލިބެނީ ކޮމާންޑަރަކަށް ދިދަ ހިއްޕަވައިގެން ހުންނެވި ޒައިދުގެފާނުގެ ސަބަބުންކަމެވެ. ދެން އެހިސާބުން ރޯމަނުންގެ ދެ ލައްކަ މީހުންގެ ލޮންސިތަކާއި ދުނިތައް ޒައިދުގެފާނާ ދިމާއަށް އަނބުރައިލުމަށް ރޯމަން ކޮމާންޑަރު އަމުރުކުރިއެވެ. މަންޒަރު ލޮލުން ދުށް މީހުން ބުނާ ގޮތުން ޒައިދުގެފާނު އެންމެ ފިޔަވަޅުފުޅެއް ވެސް ފަހަތަށް ޖެހިވަޑައެއްނުގަންނަވައެވެ. އެތައް ހާސް ދުންޏަކާއި ލޮންސިއެއް އެކަލޭގެފާނާ ދިމާއަށް އޮހެމުން ދިއައެވެ. ބިރެއް ޖެހިލުމެއް ހާސްވުމެއް ކަން ބޮޑުވުމެއް ނެތެވެ. ގޮވައިލެއްވިކަމަށް ވެއެވެ. ﷲ ގަންދީ ވިދާޅުވަމެވެ. އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހުމެއް ނެތެވެ. ހަނގުރާމަ ކުރިޔަށް ގެންދާށެވެ! މި ގޮތުގައި ދުނިތަކާއި ލޮންސިތައް އެކަލޭގެފާނުގެ ހަށިކޮޅަށް ހެރިފައި ހުއްޓައި ވެސް އެތައް ހިސާބަކަށް ކުރިއަށް ވަޑައިގަތެވެ. ދެން ހަށިކޮޅުން ފައިބަމުން ދިޔަ ލޭގެ ސަބަބުން ހަށިކޮޅުން ބާރު ދޫވެ އަރިއަޅައިލާ ގޮތް ވާންފެށިއެވެ.
އެކަލޭގެފާނުގެ ކަންބޮޑުވުމަކަށް އޮތީ މަރެއް ނޫނެވެ. އިސްލާމުންގެ ދިދަ ބިމުގެ ވެއްޔާއި މޮޑެވިދާނެތީއެވެ. ޖައުފަރުގެ ފާނު އެކަލޭގެފާނު ވެއްޓެން ދަނިކޮށް އަތުލަފިކުރެއްވުމުން ވިދާޅުވިއެވެ. ތިމަންނާ ދޫކޮށްލައްވާށެވެ! މި ދިދަ ވެއްޔާ މޮޑެވުނަ ނުދެއްވާށެވެ! ޖަޢުފަރުގެފާނު زيد ގެފާނުގެ އެންމެ ފަހުގެ ވަސިއްޔަތް އަޑު އައްސަވައިފައި ދިދަ ނަންގަވައި އަތުކޮޅަށް ދަންމަވައިލެއްވިއެވެ. މުސްލިމް ހަނގުރާމަވެރިންނަށް އެތަން ފެނުމުން އެ ބިޔަ ދެ ލައްކަ މީހުންގެ މާ ސިންގާ ލަޝްކަރާ ދެކޮޅަށް ހަނގުރާމަ ނުހުއްޓި ކުރިއަށް ދާކަން ކަށަވަރުވެއްޖެއެވެ. އެ ވަގުތު މުށިމަސް ބައިގަނޑެއްގެ ތެރެއަށް މުޑަހަނދި ވަންނަހެން، ކާފަރުންގެ ތެރެއަށް جعفرގެފާނު ވަދެވަޑައިގަތީ ޢަޒުމާއި ހިތްވަރާއި ޖެހިލުންވުމެއް ނެތިއެވެ. ކާފަރުންތައް ކެވިގަނެގެން ދިއައެވެ.
ކުރިއަރައިގެން އައި ރޫމީންގެ ފައުޖުގެ ތެރެއަށް ގިނިކަންޏާ ވަދެވަޑައިގަންނަވަމުން ގޮވައިލެއްވިއެވެ. زيدގެފާނު ދެންމެ އެ ވަޑައިގަތީ ސުވަރުގެ ދާންވީ މަގު ދައްކަވައިފައެވެ. އަހުރުން ވެސް އެ މަގަށް މިވަނީއެވެ. ހަނގުރާމަ ހުއްޓައިނުލާށެވެ! ޖައުފަރުގެފާނު މިހެން ހެއްދެވުމުން މުސްލިމުންގެ ލަޝްކަރަށް އަލުން ލަޝްކަރު އިންތިޒާމްވުމަށް ވަޤުތު ލިބި، ހިތްވަރު އާވެގެންދިޔައެވެ. އެކަމަކު އެންމެ މީހަކު އެތައް ހާސް މީހުންނާ މަރުނުވެ ކަނޑި ހަނގުރާމަކުރުމަކީ ވާނޭ ކަމެއް ވެސް ނޫންތާއެވެ! އެހެންނަމަވެސް އިސްލާމް ދީނުގެ އަސްލު ޝިޢާރަކީ ފަހު މީހާޔާ ޖެހެންދެން ވެސް، ބާތިލާ ދެކޮޅުހެދުމެވެ. އެކިސް އޮފު ރެސިސްޓެންސްއަކީ އެއީއެވެ.
އެހެންކަމާ އެކު ވެސް ރޫމީންގެ ތެރޭން އެތައް ބަޔަކު އެކަލޭގެފާނު ޤަތުލުކުރެއްވިއެވެ. އެތައް ކަނޑިއެއް ބިންދަވައިލެއްވިއެވެ. އެ މީހުންގެ ރިޕޯޓްތައް ބުނާ ގޮތުން ޖަޢުފަރުގެފާނު އެ ދުވަހު އެ ދެއްކެވީ އިންސާނީ ބާރުން ބޭރުވެފައިވާ، މުޢުޖިޒާތެއް ފަދަ، ހަނގުރާމައިގެ ހުނަރެކެވެ. (ނުނިމޭ)