އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
2 ޖަނަވަރީ 2026
ދީލަތިވުމަކީ ޝުކުރު އަދާކުރެވޭނެ އެއް ގޮތެވެ.
މާތް ﷲ ރެއާއި ދުވާލު އެކަލާނގެ އަޅާ އިންސާނާއަށް ދެއްވާ ނޭވާލުމުގެ ނިޢުމަތާއި ދިރިހުރުމުގެ ނިޢުމަތާއި އަމާންކަމާއި ބޯހިޔާވަހިކަމާއި އާރެއް ބާރެއްނެތި އޭނާގެ ގާތަށް އަންނަ ރިޒްޤުފަދަ ﷲގެ ނިޢުމަތްތަކާ މެދު ވިސްނައިލުމުން އެއީ، އެ ކަމަށް ޝުކުރު ދަންނަވަން ޖެހޭ ނިޢުމަތްތަކެއްކަން އެނގި ކަށަވަރުވެއެވެ. އެހެނަސް ޝުކުރަކީ ދުލުކުރިން ބޭރުކޮށްލެވޭ ކަލިމައެއްނޫނެވެ. މި ޝުކުރު އިންސާނާގެ ނަފުސުންނާއި ހިތުންނާއި ގުނަވަންތަކުން ފާޅުކުރެވޭންޖެހޭނެއެވެ. ނިއުމަތްތައް ދެމިއޮންނާނީ ޝުކުރު އަދާކުރުމުންނެވެ. މި ނިޢުމަތްތަކުގެ ފައިދާ ހެޔޮ ގޮތުގައި ލިބިގަތުމުންނެވެ. އެ ކަމުގެ އަގު ތަރުޖަމާކުރެވިގެންނެވެ. މި ނިޢުމަތްތަކަށް ފުރަގަސްދީފި ނަމަ، މި ނިޢުމަތްތައް ދެމިގެން ނުދާނެތެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. }لَئِنْ شَكَرْتُمْ لَأَزِيدَنَّكُمْ وَلَئِنْ كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ[1] -ހަމަކަށަވަރުން، ތިޔަބައިމީހުން شكرކޮށްފި ނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (شكرނުކޮށް) كافرވެއްޖެ ނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب ގަދަފަދަވެގެންވާކަން ކަށަވަރެވެ.{
ނިޢުމަތަށް ޝުކުރުއަދާކުރުން އެތައް ކަންތައްތަކަކުން ފާޅުވެގެންދެއެވެ. އޭގެ ތެރޭގައި:
1- ނިޢުމަތް ޤަބޫލުކުރުމާއި ނިޢުމަތްދޭ ފަރާތާ މި ނިޢުމަތް ގުޅުވުން: ބައެއް މީހުންނަށް ނިޢުމަތެއް ލިބުމުން އެ ކަން ގުޅުވަނީ އޭނާގެ ނަފުސަށާއި އޭނާގެ މަސައްކަތަށާއި އޭނާގެ ޢިލްމަށާއި އޭނާގެ ހުނަރަށާއި އޭނާގެ ތަޖުރިބާއަށެވެ. މޫސާގެފާނާ ދެކޮޅުހެދުމުގެ މަސައްކަތުގައި ފިރުޢައުނާ އެކު އުޅުނު ޤާރޫނު ބުންޏެވެ.} إِنَّمَا أُوتِيتُهُ عَلَىٰ عِلْمٍ عِندِي[2] - ތިމަންނާއަށް އެ މުދާ ލިބުނުކަން ކަށަވަރީ، ތިމަންގެ ކިބައިގައިވާ علم ވެރިކަމަކުންނެވެ.{ އިންސާނާއަށް ލިބޭ އެންމެހައި ނިޢުމަތްތަކީ މާތް ﷲ އޭނާއަށް ދެއްވަވާ އެއްޗެއްކަން ދަނެ އެ ކަމަށް ޝުކުރިވެރިވާން ޖެހޭނެއެވެ. رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީސް ކުރެއްވިއެވެ. (مَنْ قَالَ حِينَ يُصْبِحُ اللَّهُمَّ مَا أَصْبَحَ بِي مِنْ نِعْمَةٍ فَمِنْكَ وَحْدَكَ، لَا شَرِيكَ لَكَ، فَلَكَ الْحَمْدُ، وَلَكَ الشُّكْرُ، فَقَدْ أَدَّى شُكْرَ يَوْمِهِ، وَمَنْ قَالَ مِثْلَ ذَلِكَ حِينَ يُمْسِي فَقَدْ أَدَّى شُكْرَ لَيْلَتِهِ [3]– ހެނދުނު ތެދުވެ ހައްދަވާ ބޮޑުކުރެއްވިރަސްކަލާކޯއެވެ! މިއަޅާގެ ކިބައިގައި ވާ ކޮންމެ ނިޢުމަތަކީ އިބަރަސްކަލާނގެ ޙަޟްރަތުން އެކަނި މިއަޅާއަށް ލިބުނު ނިޢުމަތެކެވެ.އިބަރަސްކަލާނގެއަށް ޝަރީކަކުނުވެއެވެ.ފަހެ އިބަރަސްކަލަނގެއަށް ޙަމްދު ހުށްޓެވެ.އަދި އިބަރަސްކަލަނގެއަށް ޝުކުރު ހުށްޓެވެ. މި ފަދައިން ބުނި މީހާ ފަހެ ހަމަކަށަވަރުން އޭނާ އެ ދުވަހުގެ ޝުކުރުއަދާކޮށްފިއެވެ. އަދި މިފަދައިން ހަވީރު ބުނި މީހާ އޭނާގެ އެ ރޭގެ ޝުކުރުއަދާކޮށްފިއެވެ.)
2- ނިޢުމަތް އަދަދުކޮށް އެކަމަށް ޓަކައި ﷲއަށް ޙަމްދުކުރުން: އިންސާނާއަށް މާތްﷲ ދެއްވާ ނިޢުމަތްތައް ހަނދުމަކޮށް އެ ކަމަށް ޙަމްދުކުރުމުން އެ ކަމަށް ޓަކައި ﷲ ތަޢާލާ އޭނާއަށް ސަވާބު ދެއްވާނެތެވެ. އެއީ އޭނާ ކުރާ އަޅުކަމެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. }فَإِذَا اسْتَوَيْتَ أَنْتَ وَمَنْ مَعَكَ عَلَى الْفُلْكِ فَقُلِ الْحَمْدُ لِلَّهِ الَّذِي نَجَّانَا مِنَ الْقَوْمِ الظَّالِمِينَ [4]- ފަހެ، ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައިވާ މީހުން، ނާކޮޅަށް އަރައި އޭގައި ހަމަޖެހޭ ހިނދު، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ. اللَّهއަށް حمدހުށްޓެވެ. އެކަލާނގެއީ، އަނިޔާވެރިވި މީހުންގެ ކިބައިން ތިމަންމެން ސަލާމަތްކުރެއްވި ރަސްކަލާނގެއެވެ.) މާތްﷲ ރުއްސުންލެއްވި އަނަސް ބުނު މާލިކުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީސް ކުރެއްވިއެވެ. (إِنَّ اللهَ لَيَرْضَى عَنِ الْعَبْدِ أَنْ يَأْكُلَ الْأَكْلَةَ فَيَحْمَدَهُ عَلَيْهَا، أَوْ يَشْرَبَ الشَّرْبَةَ فَيَحْمَدَهُ عَلَيْهَا [5] - ހަމަކަށަވަރުން ﷲގެ އަޅާ ކާއެއްޗެއް ކައިފައި އެ ކަމަށް ﷲއަށް ޙަމްދުކުރުމަކީ ނުވަތަ ބޯ އެއްޗެއް ބޮއިފައި އެ ކަމަށް އެކަލާނގެއަށް ހަމްދުދުކުރުމަކީ އެކަލާނގެ އެކަލާނގެ އަޅާ ދެކެ ރުހިވޮޑިގަންނަވާނެ ކަމެކެވެ.))
3- ޝުކުރުގެ ސަޖިދަ: މާތް ﷲ ރުއްސުންލެއްވި ޢާމިރު ބުނު ސަޢުދު އެ ކަލޭގެފާނުގެ ބަފައިކަލުންގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ((خَرَجْنَا مَعَ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مِنْ مَكَّةَ نُرِيدُ الْمَدِينَةَ، فَلَمَّا كُنَّا قَرِيبًا مِنْ عَزْوَرَا نَزَلَ، ثُمَّ رَفَعَ يَدَيْهِ فَدَعَا اللَّهَ سَاعَةً، ثُمَّ خَرَّ سَاجِدًا فَمَكَثَ طَوِيلًا، ثُمَّ قَامَ فَرَفَعَ يَدَيْهِ فَدَعَا اللَّهَ سَاعَةً، ثُمَّ خَرَّ سَاجِدًا فَمَكَثَ طَوِيلًا، ثُمَّ قَامَ فَرَفَعَ يَدَيْهِ سَاعَةً، ثُمَّ خَرَّ سَاجِدًا -ذَكَرَهُ أَحْمَدُ ثَلَاثًا- قَالَ: إِنِّي سَأَلْتُ رَبِّي وَشَفَعْتُ لِأُمَّتِي، فَأَعْطَانِي ثُلُثَ أُمَّتِي فَخَرَرْتُ سَاجِدًا شُكْرًا لِرَبِّي، ثُمَّ رَفَعْتُ رَأْسِي فَسَأَلْتُ رَبِّي لِأُمَّتِي فَأَعْطَانِي ثُلُثَ أُمَّتِي فَخَرَرْتُ سَاجِدًا لِرَبِّي شُكْرًا، ثُمَّ رَفَعْتُ رَأْسِي، فَسَأَلْتُ رَبِّي لِأُمَّتِي فَأَعْطَانِي الثُّلُثَ الْآخِرَ فَخَرَرْتُ سَاجِدًا لِرَبِّي[6] - ރަސޫލާ rގެ އަރިހުގައި މަދީނާއަށް ދިޔުމަށް މައްކާއިން ނުކުތީމެވެ. އަހުރެމެންނަށް ޢަޒުވަރާ ކައިރިއަށް ދެވުމުން އެކަލޭގެފާނު ފައިބައިވަޑައިގެން ދެ އަތްޕުޅު މައްޗަށް އުފުއްލަވައިގެން ހުންނަވައި ގަޑިއެއް ހައި އިރު ވަންދެން ދުޢާކުރެއްވިއެވެ. އެއަށް ފަހު، ސަޖިދައަށް ވަޑައިގެން ސަޖިދައިގައި ވަރަށް ގިނަ އިރު އޮންނެވިއެވެ. އެއަށް ފަހު، ތެދުވެވަޑައިގެން ދެ އަތްޕުޅު މައްޗަށް އުފުއްލަވައިގެން ހުންނަވައި ގަޑިއެއް ހައި އިރު ވަންދެން ދުޢާކުރެއްވިއެވެ. އެއަށް ފަހު، ސަޖިދައަށް ވަޑައިގެން ސަޖިދައިގައި ވަރަށް ގިނަ އިރު އޮންނެވިއެވެ. އެއަށްފަހު ތެދުވެވަޑައިގެން ދެ އަތްޕުޅު މައްޗަށް އުފުއްލަވައިގެން ހުންނަވައި ގަޑިއެއްހާ އިރު ވަންދެން ދުޢާކުރެއްވިއެވެ. އެއަށް ފަހު، ސަޖިދައަށް ވަޑައިގެން ސަޖިދައިގައި ވަރަށް ގިނަ އިރު އޮންނެވިއެވެ. އެއަށް ފަހު ޙަދީސްކުރެއްވިއެވެ. ތިމަންކަލޭގެފާނު ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ދެންނެވީ ތިމަންކަލޭގެފާނުގެ އުންމަތަށް ޝަފާޢަތްލެއްވުމަށެވެ. ފަހެ އެކަލާނގެ ތިމަންކަލޭގެފާނުގެ އުންމަތުގެ ތިން ބައިކުޅަ އެއް ބަޔަށް ޝަފާޢަތް ލެއްވިއެވެ. ފަހެ ތިމަންކަލޭގެފާނު ތިމަންކަލޭގެނުގެ ވެރިރަސްކަލާނގެއަށް ޝުކުރުދެންނެވުމަށް ޓަކައި ސަޖިދަކުރެއްވީއެވެ. އެއަށް ފަހު، އިސްތަށިފުޅު އުފުއްލަވައި ތިމަންކަލޭގެފާނުގެ އުންމަތަށް ޓަކައި ދުޢާފުޅުކުރެއްވީއެވެ. ފަހެ އެކަލާނގެ ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ އުންމަތުގެ ތިން ބައިކުޅަ އެއްބައި ދެއްވިއެވެ. އެ ކަމަށް ޓަކައި ޝުކުރު ދެންނެވުމަށް ސަޖިދަކުރެއްވީއެވެ. އެއަށް ފަހު، ތިމަންކަލޭގެފާނު އިސްތަށިފުޅު އުފުއްލަވައި އުންމަތަށް ޓަކައި ދުޢާކުރެއްވީއެވެ. ފަހެ އެކަލާނގެ ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ އުންމަތުގެ އެންމެ ފަހު ތިން ބައިކުޅަ އެއްބައި ދެއްވިއެވެ. ފަހެ މި ކަމަށް ޓަކައި ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ޝުކުރުދެންނެވުމަށް ސަޖިދަކުރެއްވީއެވެ.))
4- ތިމާގެ ނަފުސު ލޯބިކުރާ އެއްޗަކުން ހޭދަކުރުން: އިންސާނާގެ ނަފުސަކީ މާތްﷲ އެއްޗެއް ދެއްވައިފި ނަމަ، ދަހިވެތިވާ މަޚްލޫޤެކެވެ. މި ކަމަށް ފަރުވާކުރެވޭނީ ހިތްހަމަޖެހެންދެން ހޭދަކުރުމުންނެވެ. އެއީ ޞަދަޤާތުގެ ގޮތުގައި ވިޔަސް ހަދިޔާގެ ގޮތުގައި ވިޔަސްމެއެވެ. ކަޢުބު ބުނު މާލިކުގެފާނު ވިދާޅުވިއެވެ. ((رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ފަތިސްނަމާދު ކުރެއްވުމަށް ފަހު، އަހުރެމެންގެ މައްޗަށް މާތް ﷲ ތައުބާ ލައްވައިފިކަން މީސްތަކުންނަށް އެންގެވުމުން މީސްތަކުން އަހުރެމެންނަށް ތަހުނިޔާކިޔާން އައޫއެވެ. އެހެން އެންމެންނަށް ވުރެ، ކުރީން އަހުގައި ވަރަށް ބާރަށް ބޭކަލަކު ވަޑައިގެން މި ހެޔޮ ޚަބަރު ދެއްވުމުން އަހުރެންގެ ފޭރާން ބާލައިފައި އެ ބޭކަލަކަށް ވެދުން ކުރީމެވެ.))[7]
5- ނިޢުމަތެއް ދެއްވުމުން ހިތްތިރިކުރުން: ރަސޫލާ rއަށް މައްކާ ފަތަޙަކޮށްދެއްވުމުން އެކަލޭގެފާނު މައްކާއަށް ވަދެވަޑައިގަތީ ހިތްޕުޅުތިރިކަމާއި ތަވާޟުޢުވެރިކަމާ އެކުގައެވެ. އެކަލޭގެފާނުގެ ދަތްދޮޅިފުޅު ސަވާރީކޮޅު މަތީގައި ޖެހޭ ވަރަށް އިސްތަށިފުޅު ތިރިކުރައްވައިގެންނެވެ. [8]
6- އަޅުކަން ކުރުން އިތުރުކުރުން: މުސްލިމު އަޅާ އޭނާގެ ވެރި ރަސްކަލާނގެ ﷲއަށް އަޅުކަންކުރުން އިތުރުކުރުމަކީ އެކަލާނގެއަށް ޝުކުރު ދެންނެވުމެކެވެ. ޚާއްޞަކޮށް ދަމުނަމާދަކީ ޝުކުރުވެރިވުމުގެ ނަމާދެކެވެ. ރަސޫލާ r ދެ ފައިންޕުޅު ދުޅަވާ މިންވަރަށް ދަމުނަމާދުކުރެއްވިއެވެ. ((قَالُوا: قَدْ غَفَرَ اللهُ لَكَ مَا تَقَدَّمَ مِنْ ذَنْبِكَ وَمَا تَأَخَّرَ، قَالَ: أَفَلَا أَكُونُ عَبْدًا شَكُورًا[9] - އަޞްޙާބުން ދެންނެވިއެވެ. މާތް ﷲ ކަލޭގެފާނަށް އިސްވެދިޔަ ކަންތަކާއި ފަސްވެދިޔަ ކަންތަކުގެ ކުށްފާފަތައް ވަނީ ފުއްސަވައިދެއްވައިފައި ނޫންތޯއެވެ؟ އެ ހިނދު ރަސޫލާ ޙަދީސްކުރެއްވިއެވެ. ޝުކުރުވެރިވާ އަޅަކަށް ތިމަން ކަލޭގެފާނު ވެވަޑައިނުގަންނަވާންވީހެއްޔެވެ؟)) ﷲގެ ނިޢުމަތްތަކަށް ޓަކައި އަޅުވެރި ޢަމަލުތަކަށް ކުރިމަތިލުމަކީ ނަފްސު ބޮޑާކަމާ ދުރުހެލިކުރާނެ ކަމެކެވެ. މިއީ ﷲގެ ޙަޟުރަތާ އޭނާ އިތުރަށް ކުއްތަންކުރުވާނެ ކަމެއް ވެސް މެއެވެ.[10]
7- ﷲއަށް ކިޔަމަންގަތުމަށާއި ﷲއަށް އުރެދުމާ ދުރުވެގަތުމަށް ޓަކައި އެކަލާނގެ ނިޢުމަތް ބޭނުންކުރުން: ﷲ ތިބާއަށް ނިޢުމަތެއް ދެއްވުމުން މި ނިޢުމަތުގެ ބޭނުން އަނަފާކުރުމަކީ ވަފާތެރިކަމެއް ނޫނެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެންމެ މާތް ޝުކުރަކީ ދެއްވާ ނިޢުމަތުގެ ބޭނުން އެކަލާއަށް ކިޔަމަންގަތުމަށް ޓަކައި ހިފުމެވެ. އެކަލާނގެއަށް އުރެދުމުން ދުރުހެލިވުމަށް ބޭނުންކުރުމެވެ. މުދަލަށް ޝުކުރުވެރިވުމަކީ ﷲގެ ވަޖުހުފުޅު އަދައިގެން ހޭދަކުރުމެވެ. ދެއްވާ ޢިލްމަށް ޝުކުރުވެރިވުމަކީ މި ޢިލްމު މީސްތަކުންނަށް އުނގަންނައިދިނުމެވެ. ޖާހަށް ޝުކުރުވެރިވުމަކީ ޙައްޤަށް ނަޞްރުދިނުމެވެ. ޞިއްޙަތަށާއި ދުޅަހެޔޮކަމަށް ޝުކުރުވެރިވުމަކީ ﷲ ލޯބިކުރައްވަވާ ކަންތައްތައް ކުރުމަށް ޓަކައި މި ޞިއްޙަތުގެ ބޭނުންކުރުމެވެ. ﷲ ރުހިވޮޑިނުގަންނަވާ ކަންކަމަށް މި ނިޢުމަތް ބޭނުންކުރުމަކީ މި ނިއުމަތަށް ހަރާންކޯރުވުމެވެ. މަޚްލަދު ބުނު ޙުސައިން ވިދާޅުވިއެވެ. ((ޝުކުރުވެރިވުމަކީ އުރެދުންތަކާ އެއްކިބާވުމެވެ.)[11]
8- ބޮޑާކަމެއްނެތި ނިޢުމަތުގެ ވާހަކަދެއްކުން: މާތް ﷲ ވަޙީކުރެއްވިއެވެ. }وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ[12] - އަދި ދަންނާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވި نعمة ގެ ވާހަކައިން، ފަހެ، ކަލޭގެފާނު ވާހަކަދައްކަވައި އުޅުއްވާށެވެ!{ މި ވާހަކަދައްކާން ވާނީ އަނެކާގެ ޝުޢޫރުތަކަށް ރިޢާޔަތްކޮށްގެންނެވެ. ބަލި މީހެއްގެ ގާތުގައި ދުޅަހެޔޮކަމުގެ ވާހަކަދެއްކުން ރަނގަޅެއް ނުވާނެއެވެ. ދަރިން ނުލިބޭ މީހެއްގެ ގާތުގައި ދަރީންގެ ނިޢުމަތުގެ ވާހަކަދައްކާކަށް ނުވާނެއެވެ. ޙަސަދަވެރީންގެ ގާތުގައި ވެސް ތިބާއަށް ދެއްވައިފައިވާ ނިޢުމަތްތަކުގެ ވާހަކަ ދައްކާކަށް ނުވާނެއެވެ.
9- ޞާލިޙު ޢަމަލުތައް ކުރުން މަތީ ދެމިހުރުން: އެ ކަމަށް ދަހިވެތިވުމަކީ ވަރަށް މުހިންމު ކަމެކެވެ. ދާވޫދުގެފާނާ ބެހޭ ގޮތުން މާތް ﷲ ވަޙީކުރެއްވިއެވެ.} اعْمَلُوا آلَ دَاوُودَ شُكْرًا [13]- އޭ داود ގެފާނުގެ آل ންނޭވެ! (އެކަލާނގެއަށް) شكرވެރިވުމުގެ ގޮތުން ތިޔަބައިމީހުން (ހެޔޮ) عملކުރާށެވެ!{ މި ބަސްފުޅުން އެނގެނީ ޝުކުރަކީ ބަހެއް ނޫންކަމެވެ. އެހެނަސް ޝުކުރުކުރާން ވާނީ ޢަމަލުންނެވެ.
10- މާތް ﷲގެ ދެއްވުމަށް ރުހިޤަބޫލުވުން: ނިޢުމަތަށް ޝުކުރުވެރިވުމުގެ ތެރޭގައި މާތް ﷲ އެކަލާނގެ އަޅާއަށް ދެއްވާ އެއްޗަކަށް ރުހި ޤަބޫލުވުން ވެއެވެ. މާތް ﷲ އޭނާއަށް ދެއްވާ ދެއްވުމަކީ އެކަލާނގެ އޭނާއަށް މެދުވެރިކުރެއްވި ރަނގަޅު ގޮތްކަމުގައި ބަލައިގަންނާން ޖެހޭނެއެވެ. އޭނާއަށް ދެއްވި އެއްޗަކީ އޭނާގެ ރިޒްޤުކަން ޤަބޫލުކުރާން ޖެހޭނެއެވެ. އެ ކަމަށް އޭނާ ޙަމްދުކޮށް ޝުކުރުކުރާންވާނެއެވެ. އެކަލާނގެ ދެއްވާ ދެއްވުމަށް ރުހި ޤަބޫލުވުމަކީ ޤަޟާޤަދަރަށް އީމާންވުމެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. }لَئِنْ شَكَرْتُمْ لَأَزِيدَنَّكُمْ وَلَئِنْ كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ[14] -ހަމަކަށަވަރުން، ތިޔަބައިމީހުން شكرކޮށްފި ނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (شكرނުކޮށް) كافرވެއްޖެ ނަމަ (ދަންނާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب ގަދަފަދަވެގެންވާކަން ކަށަވަރެވެ.{
ދެ ލަފުޒެއްގެ މާނަ:
އަނަފާ ނ. ނާޖާއިޒު ނަފާ ނުވަތަ މަންފާ ނަގާ ނެގުން. exploitation
ޝުކުރު ނ. (1) ﷲ ދެއްވާ ނިޢުމަތަކަށް ދަންނަވާ ތާރީފާއި ސަނާ.. (2) ކޮށްދޭ ހެޔޮކަމެއްގެ އަގުވަޒަންކޮށް ފާޅުކުރާ ޝުއޫރު.
މަރުޖާ:
[1] - إبراهيم: 7
[2] - (القصص: 78
[3] - أخرجه أبو داود (٥٠٧٣)، والنسائي في ((السنن الكبرى)) (٩٨٣٥)، والبيهقي في ((شعب الإيمان)) (٤٣٦٨)
[4] - المؤمنون: 28
[5] - أخرجه مسلم (٢٧٣٤) و أحمد (١٢١٦٨)
[6] - أخرجه أبو داود (٢٧٧٥) واللفظ له، والبيهقي (٤١٠٥)
[7] - أخرجه البخاري (٤٤١٨)، وأحمد (١٥٧٨٩) والنسائي في ((الكبرى)) (١١١٦٨)
[8] - الحاكم، المستدرك على الصحيحين ( 810 )
[9] - أخرجه البخاري (٤٨٣٦)، ومسلم (٢٨١٩).
[10] - حطم صنمك وكن عند نفسك صغيراً: د. مجدي الهلالي، ص 140- 141.
[11] - الشكر: ابن أبي الدنيا، ص 11
[12] - الضحى: 11
[13] - (سبأ: 13
[14] - إبراهيم: 7