އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
1 ޖަނަވަރީ 2026
ތުންތުންމަތީންނާއި ސިޔާސީ ޕޯޑިއަމުތަކުން އިވޭން ފަށައި މިހާރު ދައުލަތުގެ އިދާރާތަކުގެ ލިޔެކިޔުންތަކާއި ޚަބަރުތަކުން ވެސް އިވި ފެންނާން ފަށައިފައިވާ މަފުހޫމެކެވެ. މި ވެނި ކަމެއް [ބޮޑު ތަނުން] ރަނގަޅުވެއްޖެ ވާހަކައެވެ. މިވެނި އެއްޗެއް [ބޮޑު ތަނުން] ގިނަވެއްޖެ ވާހަކައެވެ. ބޮޑު ތަނެއް އޮންނަކަމަށްވާ ނަމަ، ކުޑަ ތަނެއް ވެސް އޮންނާންވާނެތާއެވެ.
މި ބޮޑު ތަނެއްގެ ވާހަކަ އަޅުގަނޑަށް ފުރަތަމަ އިވޭން ފެށީ ސިޔާސީ ޕޯޑިއަމްތަކުންނެވެ. މުޖުތަމަޢުގެ ނުފޫޒު ގަދަ، އަދި ކުރީން ވަރަށް ގިނަ ބަޔެއްގެ ރުހުމާއި ލޯބި އެ ބޭފުޅަކަށް އޮތް، ދައުލަތުގެ މަތީ މަގާމެއްގައި ހުންނެވި ބޭފުޅަކު ބޭނުންފުޅުކުރައްވަނިކޮށް އިވުނު މަފުހޫމެކެވެ. މީގެ 17 ވަރަކަށް އަހަރު ކުރީއްސުރެ [ބޮޑު ތަން] މި މަފުހޫމު އާންމުވީ ސިޔާސީ ޕޯޑިއަމްތަކުންނެވެ. އެ ހިސާބުން ފެށިގެން ތުންތުންމަތީން މި މަފުހޫމު އަޑު އިވި، މިހާރު ދައުލަތުގެ ލިޔެކިޔުމުގެ ތެރެއަށް ވެސް ވަދެއްޖެއެވެ.
[ބޮޑު ތަން] މި މަފުހޫމު ދައުލަތުގެ ލިޔެކިޔުންތަކުން ފެންނާން ފެށުމުން އަޅުގަނޑުގެ ހިތަށް އެރިއެވެ. ކޮންމެ ފަދަ ވާހަކައެއް ވެސް ގިނަ ބަޔަކު ރުހޭ މީހެއްގެ ދުލުން އިވޭން ފެށުމުން އެ ވާހަކައެއް އާންމުވެ، މީހުން ގަބޫލުކޮށްފާނެތާއެވެ. އެއީ ރަނގަޅު ގޮތެއްތޯ ނޫންތޯ އާންމުންނެއް ނުވިސްނާނެއެވެ. އެހެންޏާ ފަހެ، އެއީ ކޮން ފަދަ ބޮޑު ތަނެއްތޯއެވެ!؟
ދެން އިވި އާންމުވީ މަފުހޫމަކީ ދެފުށް ފެނުމެވެ. މި މަފުހޫމު ވެސް ތުންތުންމަތީން ޕޯޑިއަމްތަކުން އައިސް ރަސްމީ ލިޔެކިޔުންތަކަށް ވަދެއްޖެއެވެ.
ދެން މި ފަހަކަށް އައިސް ރަސްމީ ޖަލްސާތަކުންނާއި ޚަބަރުތަކުންނާއި ރަސްމީ ލިޔެކިޔުންތަކުން ފެނި އާންމުވާން ފަށައިފައިވަނީ އަދި މާ ނުރައްކާތެރި ކަމެކެވެ. ވާހަކަދެއްކުމުގެ އެންމެ ބޮޑު ކުށެއްގެ ގޮތުގައި ބަސްވާރުން ފާހަގަކުރައްވާ ދަރަޖަ އޮޅުވައިލުމެވެ. އަމިއްލަ ނަފުސަށް މާތްކޮށް ވާހަކަދެއްކުމާއި އެންމެ މާތް ދަރަޖައިން ވާހަކަދައްކަމުން އޭގެ ތެރެއަށް ދެވަނަ ދަރަޖަ ވައްދައި މަސްހުނިކުރުމުގެ މައްސަލައެވެ. ދެންނެވުމާއި ވިދާޅުވުން އޮޅުވައިލުމުގެ މައްސަލައެވެ. ވަޑައިގަތުމާއި ލެއްވުން އޮޅުވައިލުމުގެ މިސާލުތަކެވެ. [ތިޔަ ބޭފުޅުން އެދިލެއްވުން]އާއި [ތިޔަ ދެންނެވި] ވާހަކައެވެ.
ބޭފުޅުންވިއްޔާ އެދިވެޑައިގަންނަވާނީއެވެ. މުޚާޠަބުކޮށް އަނެކާއަށް ތިޔަ ދެންނެވީއެކޭ ނުބުނެވޭނެއެވެ. ބުނާންޖެހޭނީ ތިޔަ ވިދާޅުވީއެވެ. މި ވާހަކަ ބައެއް މަގާލުތަކުގައި ދެތިން ފަހަރެއްގެ މަތީން ލިޔެފީމެވެ. އެހެންވީމާ، ކުރީން ދެންނެވި ދެ މަފުމާ މެދު މި މަގާލުގައި އެއްޗެއް ދަންނަވައިލައިފައި މިއަދު ނިންމައިލާނަމެވެ.
އެންމެ ފުރަތަމަ، [ބޮޑު ތަނުން] ބޭނުންކޮށްފައި ހުންނަނީ ދިވެހިބަހުގައި ބޭނުންކުރާ އިތުރަކާއި ކަންއިތުރެއްގެ ބަދަލުގައިކަން ފާހަގަކުރެވެއެވެ. [ބޮޑު ތަނުން] ބޭނުންކޮށްފައި ހުންނަނީ [ވަރަށް ބޮޑަށް] ބޭނުންކުރާން ޖެހޭ ތަންތާންގައެވެ. މިސާލަކަށް [މިހާރު ކާށީގެ އަގު ބޮޑު ތަނުން ބޮޑުވެއްޖެއެވެ.] [ބޮޑު ތަނުން ރަނގަޅުވެއްޖެއެވެ.] މީގެ ބަދަލުގައި ދިވެހިބަހުގައި ބޭނުންކޮށް އުޅެނީ [ވަރަށް ބޮޑަށް] މިހެންނެވެ. ވަރަށް ބޮޑަށް ރަނގަޅުވެއްޖެއެވެ. މި ވަރުން ވެސް މި ދަންނަވާ ވާހަކަ ސާފުވެވަޑައިގަންނަވާނެކަމަށް އުންމީދުކުރަމެވެ.
ދެން އަޅުގަނޑު ފާހަގަކޮށްލީ [ދެ ފުށް ފެންނަ] އާންމުވީ ވާހަކައެވެ. މި މަފުހޫމުގައި ތިން ލަފުޒެއް އެބަ އޮތެވެ. ދޭކެވެ. ފުށެވެ. ފެނުމެވެ. ދެ ނަމާއި ކަމެކެވެ. ދޭއް އެއީ ޢަދަދެކެވެ. [ފުށް] އެއީ [ފަރާތް] މި ލަފުޒުގެ މާނައިގައި ބޭނުންކުރާ ލަފުޒެކެވެ. ދެން އޮތީ [ފެންނަ] މި ލަފުޒެވެ. އެއީ ކަމެކެވެ. ވާކަމެކެވެ. [ދެފުށް ފެންނަ]އިން ދޭހަކޮށްދޭން މަސައްކަތްކޮށްފައި ހުންނަނީ ހާމަކަންބޮޑުކަން އޮޅުންފިލުވައިދޭންކަމަށް ފެނެއެވެ. އިނގިރޭސިބަހުން ކިޔާ [ޓުރާންސްޕެރެންޓު]ގެ މާނައިގައެވެ. ނަމަވެސް އަޅުގަނޑު ހިތަށް އަރަނީ އެއްޗެއްގެ ދެ ފަރާތް (ދެ ފުށް) ފެނުމުން މުޅި އެތި ހާމަވާކަން ދޭހަވޭތޯއެވެ! އެ އެއްޗެއްގެ އެތެރެއާއި މައްޗާއި ފޫ ކޮބައިތޯއެވެ؟ އެއްޗެއްގައި ހަ ފަރާތަކާއި އެތެރެ ވެސް އޮންނާނެތާއެވެ. މި ކަން ދޭހަކޮށްދޭ ވަރަށް ކުރުކުރު ލަފުޒެއް ދިވެހިބަހުގައި ވެސް އޮވެއެވެ. ރަދީފުން އެ ލަފުޒު ފެނެއެވެ. އަޅުގަނޑު ބޭނުންވެސްކުރަމެވެ. އެއީ [މާހަރާ]އާއި [މާހަރާކަން]އެވެ.
ނަންއިތުރެއްގެ ގޮތުގައި ބޭނުންކުރާން އޮންނަ [މާހަރާ]ގެ މާނައެއްކަމަށް ދިވެހިބަހުގެ ރަދީފުގައި އޮންނަނީ [ސިއްރު ކުރުމެއް ނުވަތަ ފޮރުވުމެއް ނެތި ފެންނަ] އެވެ. އަޅުގަނޑު ހިތުން އިނގިރޭސިބަހުން ބޭނުންކުރާ [ޓުރާންސްޕެރަންޓު]ގެ މާނަ މި ލަފުޒުން ދޭހަވެއެވެ. މި ނަންއިތުރުން އުފެދިފައި އޮންނަ [ނަންއިތުރުގެނަން]އަކީ [މާހަރާކަން] މި ލަފުޒެވެ. މި ލަފުޒުގެ މާނައެއްކަމަށް އޮންނަނީ [ސިއްރުކުރުމެއް ފޮރުވުމެއް ނެތި ފެންނަ ފެނުން]އެވެ. އިނގިރޭސިބަހުން ކިޔާ [ޓުރާންސްޕެރެންސީ]ގެ މާނައިގައި މި ލަފުޒު ހަމަ ބަރާބަރަށް ބޭނުންކުރެވޭނެ ނޫންތޯއެވެ.
ދިވެހިބަހުން ރީތިކޮށް ބޭނުންކުރެވޭ މި ފަދަ ލަފުޒުތަކާއި ޢިބާރާތްތައް ހުންނަ އިރު، އަދި ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނެއް އޮންނަ އިރު، އެއްޗަކަށް ނުވަތަ ކަމަކަށް ނުވަތަ ތަނަކަށް ނަމެއް ކިޔާ އިރު ވެސް ސިޔާސަތު ރާއްވަވައި ތަންފީޒުކުރައްވާ ގިނަ ބޭފުޅުން އިނގިރޭސިބަހަށް އިސްކަންދެއްވާކަމީ ވެސް މިއަދު ފާހަގަކޮށްނުލައި މި މަގާލު ނިންމައިލެވޭ ވަރަށް ވުރެ ބޮޑު މައްސަލައެކެވެ. ރަށެއްގެ ނަމެއް ޖެހިޔަސް ހަމަ ރީތިވަނީ، ކަމުދަނީ، ލެޓިން އަކުރުން އެކަނި ނަން ލިޔެލުމެވެ. ކަމަކަށް ތަނަކަށް އެއްޗަކަށް ނަން ކިޔަސް ރީތިވަނީ ހަމަ އިނގިރޭސިބަހުން ކިޔައިލީމައެވެ. މިއީ ދިވެހި ޖީލުތަކެއްގެ ސިކުނޑިތަކެއް އިނގިރޭސިބަހުން އިސްތިޢުމާރުކޮށްފައިވުމުގެ ނަތީޖާއެވެ.
މާހަރާ ނއ. ސިއްރު ކުރުމެއް ނުވަތަ ފޮރުވުމެއް ނެތި ފެންނަ. transparent