ad_banner
"ދުނިޔޭގައިވާ އެންމެ އުފާވެރި ތަން" ރާއްޖޭގައި؟ ހޭލުންތެރިވާން ޖެހޭ.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

28 ޑިސެންބަރު 2025

ބަނަޑަރަކިޅީގެ މޫދިގެގައި ދެ މީހަކު ސައިބޮނީ. (ފޮޓޯ: ފަރަގު މީޑިއާ)

މިއީ އަތޮޅެއް ނުވަތަ ރަށެއް ނުވަތަ ސިޓީއެއްގެ ވާހަކައެވެ. އާދޭހެވެ! ފުވައްމުލަކަކީ އެ ރަށުގެ ސިޓީ ކައުންސިލުން ސިފަކުރައްވާ ގޮތަށް [ދުނިޔޭގައިވާ އެންމެ އުފާވެރި ތަން]ކަމަށް ވިޔަސް ނުވަތަ ނުވިޔަސް ހަމަ ގައިމު ވެސް އެއީ ރީތި، ހިތްފަސޭހަ، އަދި އުފާވެރި ސިޓީއެކެވެ. އެހެން ރަށްރަށާ ޚިލާފަށް އެރަށުގެ މާޙައުލުން ހިތަށް އުފާވެރިކަން ގެނެސްދެއެވެ. ނަމަވެސް އުފާވެރިކަމަކީ ސުމާރީ ގޮތުން ކުރެވޭނެ ކަމަކަށް ނުވާތީ، ދަންނަވައިލެވޭނީ މިހައި ކަން ހައި ވަރަކަށެވެ.

ޒަމާނުއްސުރެ ތަޢުލީމީ މުޖުތަމަޢެއްގެ ގޮތުން މަޝްހޫރުވެފައިވާ މި ބޮޑު އާބާދީ ދިރިއުޅޭ ފުވައްމުލައް މިހާރު ދިވެހީންނަށާއި ފަތުރުވެރިކަމުގެ ދުނިޔޭގައި މަޝްހޫރުވެފައި އޮތީ ރަށުގެ ހިތްގައިމުކަމުންނެވެ. ފުވައްމުލަކު [ބަންޑާރަކިޅި]އާއި [ދަޑިމަގު ކިޅި]އަކީ ރާއްޖޭގެ އެހެންއަތޮޅުތަކާއި ފުވައްމުލައް ތަފާތުވާ ވަރަށް ގިނަ ސަބަބުތަކުގެ ތެރެއިން ބޮޑު ސަބަބެކެވެ. ބަންޑާރަކިޅިއަކީ އެ ތާނގަގައި މިހާރު ގާއިމުކޮށްގައިވާ [މޫދިގެ] ރެސްޓޯރަންޓުގެ ސަބަބުން ޒުވާނުންގެ މެދުގައި ވެސް މަޝްހޫރު ތަނެކެވެ. ރާއްޖޭގައި ކުރީއްސުރެ އުޅޭ އަދި ކުރީން ނޫޅޭ ވަރަށް ގިނަ މަސްމަހާމެހީން އެ ކުޅި ވަނީ މުއްސަނދިވެފައެވެ. ވަލުކުކުޅު ނުވަތަ ކުޅީކުކުޅާއި މާކަނައާއި އިރުވައިހުދު ފަދަ ދޫނިތަކުން އެ ސަރަހައްދަށް އިތުރު ދިރުން ގެނެސްދެއެވެ. މީގެ އިތުރަށް ފައިން އަނބުރައިގެން ދުއްވާ ކުދި ލާންޗުފަހަރު ވެސް ކުއްޔަށް ލިބެއެވެ. ކުޅިއަށް އެރިލައި ކިސަޑުން ފެންވަރައިލުމަކީ ވެސް ޒުވާނުންގެ މެދުގައި މަގުބޫލުކަމެކެވެ.

ދަނޑިމަގު ކިޅިއަކީ 2017ގައި އިގުތިސާދީ މަފުހޫމެއްގައި ތަރައްގީކޮށްފައިވާ [ޠަބީޢަތު ބަގީޗާ] (ނޭޗަރ ޕާކު)އެކެވެ. އެތައް މުވައްޒަފުންނެއް ވަޒީފާ އަދާކުރާ، އަދި ކައުންސިލަށް އާމްދަނީ ލިބޭ އިގުތިޞާދީ ވަސީލަތެކެވެ. ތިމާވެއްޓާ ރައްޓެހި ވަސީލަތްތައް ބޭނުންކޮށްގެން ދުއްވާ ކުދި ލާންޗުފަހަރު މި ތަނުން ކުއްޔަށް ލިބެއެވެ. އަދި މަސްފިހާ ސަރަހައްދު (ބާބަކިޔު އޭރިއާ)އާއި ބައިސިކަލު ކުއްޔަށް ދޫކޮށްގެން ވެސް މި ތަނުން އާމްދަނީ ލިބެއެވެ.

މުވައްމުލައް 28.12.2025 ފަތިހު 5:40 (ފޮޓޯ: ފަރަގު މީޑީއާ)

ގާނޫނީ ގޮތުން ހިމާޔަތްކޮށްފައިވާ މި ދެ ކުޅީން ވެސް ފެންނަނީ ބަލައި ފޫހިނުވާ ފަދަ ރީތި މަންޒަރުތަކެވެ. އިރުއަރާ ވަގުތާއި އިރު އޮއްސޭ ވަގުތުގައި މި ރީތިކަން އެތައް ގުނައަކަށް އިތުރުވެއެވެ.

ފުވައްމުލަކުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 491.7 ހެކްޓަރެވެ. އިދާރީ ގޮތުން ފުވައްމުލައް ނުވަ އަވަށަކަށް ކުރީން ބަހައިފައި އޮވެއެވެ. އެއީ ދަނޑިމަގު އަވަށާއި ހޯދަނޑު އަވަށާއި، މާދަނޑު އަވަށާއި، ދަށޮކުބާ އަވަށާއި، މިސްކިތްމަގު އަވަށާއި، ދޫނޑިގަން އަވަށާއި ފުނާޑު އަވަށާއި، މި ނުވަ އަވަށެވެ. ނަމަވެސް ދަށޮކުބާ އެއީ މިސްކިތްމަގު އަވަށުގެ ބައެއްގެ ގޮތުގައި ފަހުން ވަނީ ހަމަޖައްސައިފައެވެ. 

މި ރަށަށް ނުވަތަ އަތޮޅަށް ސިޓީއެއްގެ ދަރަޖަ ލިބުނީ 2017 ވަނަ އަހަރުއެވެ. ގުދުރަތީ މުއްސަނދި ވަސީލަތްތަކެއް ލިބިފައިވާ މި ސިޓީއަކީ އާސާރީ ގޮތުންނާއި ތާރީޚީ ގޮތުން ވެސް މުހިންމު ބިނާތަކެއް ހިމެނޭ ސިޓީއެކެވެ. ކިޅިތަކުގެ އިތުރަށް ގެންމިސްކިތާއި ބިއްސާވެއްޔާއި ވެވުތަކާއި ކަޅުއަކިރިއާއި ހަވިއްތައަކީ ވެސް މި ރަށުގެ ތާރީޚީ މުއްސަނދިކަން ސާބިތުކޮށްދޭ ހެކިތަކެކެވެ.

ފުވައްމުލަކަށް ލިބިފައި އޮތް އެންމެ ބޮޑު މުއްސަނދިކަމަކީ އެ ރަށުގެ ވަށައިގެންވާ ކަނޑު އަޑީގެ ރީތިކަމެވެ. އެ ރީތި މަންޒަރުތައް ދައްކައިލުމުގެ ޚިދުމަތް ފަތުރުވެރީންނަށްދޭ ހަތް މަރުކަޒެއް މި ރަށުގައި ހިންގާކަމަށްވެއެވެ. މޫދު އަޑީގެ ރީތިކަން ތަޖުރިބާކޮށްލާން ބޭނުންވާ ކޮންމެ މީހަކަށް ވެސް މި މަރުކަޒުތަކުން ޚިދުމަތް ލިބެއެވެ. ފުރަތަމަ ފިޔަވަޅުން ފެށިގެން ފީނުން ނިމެންދެން އެހީތެރިކަން ފޯރުކޮށްދޭނޭ ތަމްރީނުލިބިފައިވާ، ތަޖުރިބާކާރު މުދައްރިބުން މި މަރުކަޒުތަކުގައި ހަރަކާތްތެރި ވެއެވެ.

ފުވައްމުލަކު ދެކުނު ފަރާތު އަތިރިމަތި އިރަށް ދޮންކުރި ވަގުތު (ފޮޓޯ: ފަރަގު މީޑީއާ)

ރޯގާ ބަލިމަޑުކަމުގެ ސަބަބުން ތިން ފަހަރެއްގެ މަތީންފަޅުވެ އަލުން އާބާދުވެފައިވާ މި ރަށުގެ ޚާއްޞަ ސަގާފީ ކެއުމަކީ އަލައާއި ކައްޓެޅިމަހެވެ. އަޅުގަނޑު އަލަށް މި ކާނާ މޮޑެގެން ކައިފީމެވެ. ވަރަށް މީރެވެ. ކުރީން ހަމައެކަނި ރަހަބަލައިލި ބަލައިލުމުން ހީވީ ނުބައިކަމަށެވެ. ނަމަވެސް އޭގެ މީރުކަން މިހާރު ތަޖުރިބާ ކުރެވިއްޖެއެވެ.

15 ހާހެއްހައި މީހުންގެ އާބާދީއެއް އޮންނަ މި ސިޓީގެ އާބާދީގެ ވަރަށް ބޮޑު ނިސްބަތެއް، އާމްދަނީ ހޯދަނީ ދައުލަތުގެ އެކި އިދާރާތަކުގައި ވަޒީފާ އަދާކޮށްގެންނެވެ. މުއްސަނދީން އުފައްދާ އެކި ވަޒީފާތަކުގައި ވެސް ޒުވާނުން އުޅެއެވެ. ނަމަވެސް ހިތާމައަކީ ފަސްގަނޑު ރަނގަޅު މި ރަށުގައި ދަނޑުވެރިކަމުގެ މަސައްކަތް މިހާރު އާންމު ގޮތެއްގައި ކޮށް އުޅެނީ އުމުރުން ދުވަސްވީ މީހުން ކަމަށްވުމެވެ. އަދި ސަގާފީ ބައެއް އުފެއްދުންތައްކަމަށްވާ ނާރުވައްފަލުދައާއި ބޭނޑި ފަދަ ހެދިކާގެ ބާވަތްތައް ހަދައި އުޅޭނީ އަދި ހަދާން ހަމައެކަނި އެނގެނީ އިސްރަށްވެހީންނަށްކަމަށްވާ ކަމެވެ. މި ފަދަ ކަންކަން ޒުވާނުންނަށް ދަސްކޮށްދިނުމުގެ ވިސްނުން އުފަންކުރުވާން އެބަ ޖެހެއެވެ.

މިހާރު، ޒުވާނުންގެ ބޮޑު އާބާދީއެއް ވަޒީފާ އަދާކުރަނީ ފަތުރުވެރިކަމުގެ ދާއިރާގައެވެ. ނަމަވެސް މި ދެންނެވި ފަދަ އުފެއްދުންތަކުންނާއި ރާއެރިކަން ފަދަ މަސައްކަތްކޮށްގެން ރަށުގައި ތިބެގެން ލިބޭ އާމްދަނީ މާ ބޮޑަށް އިތުރުކުރެވިދާނެއެވެ.

މީހުންނަށް ހެޔޮ، މެހުމާނުދާރީ އަދާކުރުމުގައި ނަމޫނާ މި ރަށުގެ ރައްޔިތުންގެ މެދުގައި ތިމާވެށީގެ ހޭލުންތެރިކަން ވަރަށް ބޮޑަށް އިތުރުކުރާން ޖެހިފައިވާކަން ފާހަގަކޮށްލަމެވެ. އެހެން ރަށްރަށާ ޚިލާފަށް މި ރަށަކީ މާކަނޑު މެދުގައި ޖަހައިފައި ހުރި ތަނބެއްހެން އޮތް ރަށެކެވެ. މި ރަށް ހިކިފައިމިވާ މުރަކަ މުޑީން ހަލާކުވާ މުރަކަކޮޅަކުން ނޫނީ މި ރަށު ގޮނޑުދޮށަކަށް ވެއްޔެއް ނުލައްގާނެއެވެ. މި ގޮތަށް ގޮނޑުދޮށަށް ލައްގާ ކަށިވެލިކޮޅު ނަގައިގެން ގެންދިޔުމަކީ ގާނޫނީ ގޮތުން ހުއްދަ ކަމަކަށް ނުވާނެއެވެ. ނަމަވެސް ދާދި ފަހުން އަޅުގަނޑު ފުވައްމުލަކަށް ކުރި ދަތުރެއްގައި ދެ ރައްޔިތަކު ފަތިހުފަތިހާ (މާއިރާ) ދެކުނު ފަރާތު އަތިރިމަތީން ކަށިވެލި ނަގައިގެން ކޮތަޅަކަށް އަޅައިގެން ގެންދިޔަ ތަން ފެނުނެވެ. މިއީ ރަށަށް ލިބޭ ކިހައި ބޮޑު ގެއްލުމެއްކަން އެނގޭ ނަމަ، އެ މީހުން ވެސް އެ ވެއްޔެއް ނުގެންދާނެއެވެ. މި ފަދަ ކަންކަން ހުއްޓުވާން ރަށް ވަށައިގެން ފުލުހުން ބޭއިތިއްބުމަކީ ހަމަޖެހޭ ކަމެއްނޫނެވެ. އަދި އެއީ ކުރެވޭނެ ކަމެއް ވެސް ނޫނެވެ. އަޅުގަނޑުމެންނަށް އޮތީ ނަސޭހަތްދީ ވިސްނައިދީ ހޭލުންތެރިކަން އިތުރުކުރުމެވެ.

ހަގީގަތުގައި މިއީ ފުވައްމުލަކާ ބެހޭ ތަޢާރަފެއް ނޫނެވެ. އެ ރޭ ފަތިހު (އެ ދުވަހު މާއިރާ) ފުވައްމުލަކު ދެކުނުފަރާތު އަތިރިމައްޗަށް ފޭބި ވަގުތު ހިތަށް އަރައި ފޭބި ޝުޢޫރުތަކަކާއި ލޮލަށް ފެނުނު މަންޒަރުތަކަކަށް ޢިބާރާތްތަކެއްގެ ސިފަ ގެންނަ ހިތްވީލެއް ބޮޑުކަމުން މި މަގާލު ލިޔެލީއެވެ.

 

ބައެއް ލަފުޒުގެ މާނަ:

މަރުކަޒު     ނ.     ކަމެއް ހިންގުމަށް ޓަކައި، ނުވަތަ ކުރުމަށް ޓަކައި ގާއިމުކުރެވިފައި ހުންނަ ތަން. ކަމެއް ހިންގުމަށް ޓަކައި، ނުވަތަ ކުރުމަށް ޓަކައި ގާއިމުކުރެވިފައި ހުންނަ ތަން. އެއްޗެއް ގާއިމުވެ ހުންނަ ތަން. centre

މަގާލު      ނ.     ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ނުވަތަ އޮންލައިން ސަފުހާއެއްގައި ލިޔާ ކުރު ލިޔުމެއް.article (written)

މާއިރާ      ނއ.    ތަންކޮޅެއް ކުރީން ތަންކޮޅެއް އަވަހަށް   

މުދައްރިބު    ނ.     (1) ތަފާތު ފަންނުތަކުގެ ދާއިރާތަކުން މީހުންނަށް އިރުޝާދު ދީ، ހުނަރުތައް ދަސްކޮށްދީ، ތަމްރީނު ދޭ މީހާ. (2) ތަމްރީނު ޕުރޮގުރާމުތަކުގައި މައުލޫމާތާއި އިރުޝާދު ދޭ މީހާ.  instructor

ސުމާރީ     ނއ.    އެއްޗެއްގެ ޢަދަދާ ނުވަތަ މިންވަރާ ގުޅޭ. quantitative

ކޮމެންޓު