ad_banner
އިންތިގާއީ އިންސާފު (ސިލެކްޓިވް ޖަސްޓިސް)އަކީ ކޮބާ؟

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

28 ޑިސެންބަރު 2025

Wadulu winsaAfu

އިންތިގާއީ އިންސާފު (ސިލެކްޓިވް ޖަސްޓިސް)އާ ބެހޭ ގޮތުން މީހުން ބުނާ ބައެއް ވާހަކަ ބުނުމުގެ ކުރީން، އިންތިގާއީ އިންސާފުގެ މާނައާ މެދު އެއްޗެއް ބުނާން ޖެހެއެވެ. އޭގެ މާނަ ރަނގަޅަށް ސާފުވެދިޔުމަށް ޓަކައެވެ.

އިންތިގާއުގެ މާނައަކީ ހޮވުމެވެ. ބައެއްގެ ތެރެއިން ނުވަތަ އެއްޗެހިތަކެއް ތެރެއިން މީހަކު ނުވަތަ އެއްޗެއް ހޮވުމެވެ. މިސާލަކަށް ކުރެހުމުގެ މައުރަޒަކަށް ގޮސް، ވަކި ކުރެހުމެއް ހޮވައި ނެގުމަކީ އިންތިގާއުކުރުމެވެ. ހަނޑުލުގެ ކުނިބުނި ނަގައި ރީތި ހަނޑުލާ ވަކިކުރުމަކީ ވެސް އިންތިގާއުކުރުމެވެ. ކުށްކުރި ޖަމާއަތެއްގެ ތެރެއިން ވަކި މީހަކު ހޮވައި ނެގުމަކީ ވެސް އިންތިގާއުކުރުމެކެވެ.

އެހެންވެ، އަދުލު އިންސާފުގެ ދާއިރާގައި 'އިންތިގާއީ އިންސާފޭ' ނުވަތަ 'އިންތިގާއީ އަދާލަތޭ' ބުނުމުން ގަސްދުކުރެވޭ މާނައަކީ ބަޔަކު ކުށަކަށް އަރައިގަތުމުން، އޭގެ ތެރެއިން ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް އަމާޒުކުރެވި އެ މީހަކުގެ ނުވަތަ އެ ބަޔަކުގެ މައްޗަށް ގާނޫނު ހިންގައިލުމެވެ.

ގާނޫނުގެ ކުރިމަތީ އެންމެންނަކީ ހަމަހަމަ ބަޔެއްކަން ރަމްޒުކޮށްދޭ ތިލަފަތުގެ ކައިރީގައި ކަނުބަނދެވިފައިވާ މީހަކު ހުރޭ ނޫންހެއްޔެވެ؟ މި ރަމުޒުގެ މާނައަކީ ގާނޫނަކީ ވަކި މީހަކަށް ބެލުމެއް ނެތި އެންމެންގެ މައްޗަށް ވެސް ހަމަހަމަ ގޮތެއްގައި ހިންގައިލެވޭ އެއްޗެއްކަމެވެ. އާދޭހެވެ! ގާނޫނުގެ ލޮލަކީ އިންތިގާއީ ސިފައެއްގައި މީހުންނަށް ބަލާ ލޮލެއް ނޫނެވެ. ގާނޫނުގެ ކުރި މައްޗަށް ކުށަކަށް ތުހުމަތުކުރެވޭ މީހަކު ގެނައުމުން، ގާނޫނުގެ ލޯ އެއީ ކާކުތޯ ބަލާކަށް ނޫޅެއެވެ. ގާނޫނަށް މުހިންމުވަނީ، ގާނޫނީ ގޮތުން އޭނާ ކުށްވެރިވޭތޯ ބެލުމެވެ. ގާނޫނީ ގޮތުން އޭނާ ކުށްވެރިވުމަށް އަދުލު އިންސާފުގެ ކޯޓުގައި އޭނާގެ މައްޗަށް އުފުލޭ ތުހުމަތާ ގުޅޭ ހެކިތަކުގެ އަލީގައި އޭނާ ކުށްވެރިވޭތޯ ނުވަތަ ނޫންތޯ ބަލައި، އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ، އޭނާއަކީ ކުށްވެރިއަކުކަމުގައި ނިންމައި އެ ކަމުގެ އަދަބު އޭނާގެ މައްޗަށް ކަނޑައަޅައި އެ އަދަބު އޭނާގެ މައްޗަށް ހިންގައިލާން އަމުރުކުރުމެވެ. މި ކަންކަން ކުރަނީ ކުށްކުރިކަމަށް ތުހުމަތު ކުރެވޭ މީހާގެ މޫނަށް ބެލުމެއް ނެތިއެވެ. އޭނާއަކީ ކޮންމެ މީހަކަށް ވިޔަސް ވެހެވެ. ފަގީރަކަށް ނޫނީ މުއްސަނޖަކަށް، އާންމުންގެ މީހަކަށް ނޫނީ ޚާއްސުންގެ މީހަކަށް، ޖާހެއް ނެތް ދެރަ ނިކަމެއްޗަކަސް ނޫނީ ޖާހު މަތިވެރި ގަދަރުވެރި މީހަކަށް ވިޔަސް ވެހެވެ. އާދޭހެވެ! ގާނޫނީ ގޮތުން އެންމެން ހަމަހަމަކަން ރަމްޒުކޮށްދޭ ތަސްވީރުގައި ހިމެނޭ ކަނުބަނދެފައިވާ މީހާ ބުނެދޭ ވާހަކައަކީ މިއެވެ.

ނަމަވެސް، މިއާ ޚިލާފަށް، ގާނޫނު ހިންގާލުމުގައި، ކުށަށް އަރައިގަތުމުގެ ތުހުމަތު މީހެއްގެ ބޮލުގައި އެޅި އޭނާ ގާނޫނުގެ ކުރިމައްޗަށް ހާޒިރުކުރެވޭ ހިނދު، ގާނޫނުގެ ލޮލަށް އޭނާ ފެނި، އޭނާ ވަކި މީހަކަށްވުމުން، ނުވަތަ ނުވުމުން، އޭނާ ކުށްވެރިކުރާން ނުވަތަ ނުކުރާން ގާނޫނަށް ފެނިއްޖެ ނަމަ، އެކަން ވާނީ އިންތިގާއީ ސިފައެއްގައި ގާނޫނު ހިންގައިލުމަކަށެވެ. އާދެ، އިންތިގާއީ އިންސާފުގެ ނުވަތަ އަދާލަތުގެ (ސިލެކްޓިވް ޖަސްޓިސްގެ) މިސާލަކަށެވެ.

އިންތިގާއީ އިންސާފުގެ މާނައިގެ މައްޗަށް ބަލައިލާއިރު، އެކަމާ ގުޅުން ހުރި މުހިންމު ވާހަކައެއް ލިޔެލާން ޖެހެއެވެ. ގާނޫނުތައް ހިންގާލެވެންވާނީ އިންތިގާއީ ސިފައެއްގައި ނޫންކަމާއި އެ ކަން ކުރާން ޖެހޭނީ އެންމެންގެ މައްޗަށް ހަމަހަމަ ގޮތެއްގައިކަމަށް އިސްލާމީ ޝަރީއަތުގެ ތައުލީމާތުތަކުގައި ބާރު އަޅައިފައިވާ ވަރު ބަޔާން ކޮށްދޭ ބަޔާން ކޮށްދިނުމުގެ މައްޗަށެވެ. މިކަމާ ގުޅޭ އިސްލާމީ ޝަރިއަތުގެ ތިން ނައްސެއް މިތާ ލިޔެލަން ގަސްދުކުރަމެވެ.

އިސްލާމީ ޝަރީއަތުގެ ތައުލީމާތުތައް މައިގަނޑު ދެ ބަޔަކަށް ބަހާލެވޭ އިރު، އޭގެ ތެރެއިން ފުރަތަމަ ބައި، އާދެ، 'ދީނީ' ބައި، ގުޅެނީ ފަރުދީ އިސްލާހާއެވެ. ދެވަނަ ބައި ގުޅެނީ އިސްލާމީ މުޖުތަމައެއް ބިނާކުރުމާއެވެ. މި ބިނާކުރުން އަސާސީ ގޮތެއްގައި ގުޅެނީ އެންމެންގެ ހަމަހަމަކަމާއި އަދުލު އިންސާފާއެވެ. އާދޭހެވެ! މުޖުތަމައުގެ އިސްލާމީކަން އަންނަނީ މުޖުތަމައަކީ އެ މުޖުތަމައުގެ އަފުރާދުންގެ މެދުގައި، އެއްވެސް ތަފާތުކުރުމެއް ނެތި، ހަމަހަމަކަމާއި އަދުލުއިންސާފު ގާއިމުކުރެވިފައި އޮތް ތަނަކަށް ވެގެންނެވެ.

އަދުލު އިންސާފުގެ މައްޗަށް ކަންކަން ގާއިމުކުރުމުގެ އަހަންމިއްޔަތު ބަޔާންކޮށްދިނުމުގެ ގޮތުން ކީރިތި ގުރުއާނުގެ އައްނަޙުލު ސޫރަތުގެ ނުވަދިހަވަނަ އާޔަތުގައި ބަޔާންކުރެވިފައި ވެއެވެ. إن الله يأمر بالعدل ... (މާތްﷲ އަމުރުފުޅުކުރައްވަނީ އަދުލުވެރިވުމަށެވެ.) އާދެ، އިސްލާމީ ޝަރީއަތުގެ ތައުލީމާތުތަކުގެ ތެރެއިން މުޖުތަމައުގެ ކަންކަން ރާވައި ހިންގުމާ ބެހޭ އާޔަތުގެ މައިގަނޑު މަގުސަދަކީ އަދުލު އިންސާފު ގާއިމުކުރުމެވެ. މި އާޔަތުގެ މުހިންމު ކަމަށްޓަ ކައި، މި ކަން ހަނދާންކޮށްދިނުމުގެ ގޮތުން ކޮންމެ ހުކުރު ދުވަހުގެ ހުކުރު ޚުތުބާގައި މި އާޔަތް ކިޔެވެއެވެ.

އަދުލު އިންސާފުގެ މުހިއްމުކަން ބަޔާން ކޮށްދޭ އަނެއް އާޔަތަކީ އަލްމާއިދާ ސޫރަތުގެ އަށްވަނަ އާޔަތެވެ. އެ އާޔަތުގައި ވަނީ މި ފަދައިންނެވެ. }لا يجرمنكم شنآن قوم على ألا تعدلو اعدلو هو أقرب للتقوى (ބަޔަކާ މެދު ދުޝްމަނުކަން އޮތުމަކީ އެ މީހުންނާ މެދު، އަދުލުވެރިވުމަށް ހުރަސްއަޅާ ކަމެއްކަމުގައި ވިޔަ ނުދޭށެވެ. (އެމީހުންނަށް ވެސް) އަދުލުވެރިވާށެވެ! އަދުލުވެރިވުން ތަގުވާވެރިވުމާ ގާތްވެގެން ވެއެވެ. {

މިއާޔަތުން ދޭހަވަނީ ކޮން ކަމެއްހެއްޔެވެ؟ މައިގަނޑު ދެ ކަމެކެވެ. ފުރަތަމަކަމަކީ ތިމާމެން ނުރުހޭ ބަޔަކާ މެދު ވެސް ކަންތައްކުރާން ޖެހޭނީ އަދުލުވެރިކަމާ އެކުގައިކަމެވެ. މިއިން އިޝާރަތްކުރަނީ އެންމެނާ މެދު ވެސް އަދުލުއިންސާފަށް ކަންތައް ކުރާން ޖެހޭނޭ ކަމެވެ. ދެވަނަ ކަމަކީ މާތްﷲއަށް ބިރުވެތިވެ، އެކަލާނގެއާ ކުއްތަންވާން އެދޭ ނަމަ، އަދުލުއިންސާފަށް އެންމެނާ މެދު ވެސް ކަންތައް ކުރާން ޖެހޭނެކަމެވެ.

ތިންވަނަ ނައްސު ގުޅެނީ ކީރިތި ރަސޫލާގެ ހަދީސްފުޅަކާއެވެ. އެކަލޭގެފާނު ވިދާޅުވެފައިވާ لو أن فاطمة بنت محمد سرقت لقطعت يدها (މުހައްމަދުގެފާނުންގެ ދަރިކަނބަލުން ފާތިމަތުގެފާނު ވައްކަން ކުރައްވައިފި ނަމަވެސް، އެ ކަމަަނާގެ އަތްޕުޅު ވެސް ތިމަންކަލޭގެފާނު ކެނޑުއްވީމުހެވެ.) މި ބަސްފުޅާއެވެ. އާދެ، ޝަރީއަތުގެ ހުކުމްތައް ހިންގަވާލެއްވުމުގައި މީސްތަކުންގެ މެދުގައި އެއްވެސް ތަފާތުކަމެއް ނެތި އެކަން ކުރާން ޖެހޭނޭކަން މި ހަދީސްފުޅުން ވަރަށް ވެސް ސާފުކޮށް އެނގެއެވެ.

މި ދެނނެވުނު ތިން ނައްސުން، އިސްލާމީ ޝަރިއަތުގެ ތައުލީމާތުތަކުގައި އަދުލު އިންސާފަށް ދެވިފައިވާ މަގާމައި އެކަމުގެ އަހައްމިއްޔަތު ފާހަގަވެގެންދެއެވެ.

އާދޭހެވެ! ކުރީން ވެސް ދެންނެވިފަދައިން މުޖުތަމައުގެ އިސްލާމީ ހުވިއްޔަތު ފެނިގެންދަނީ ހަމަހަމަކަމާއި އަދުލު އިންސާފު، މި ދެކަންތައް މުޖުތަމައުގައި ހިންގާލެވިގެންނެވެ.

ދެން، އިންތިގާއީ އިންސާފާ ބެހޭ ގޮތުން މީހުން ބުނެފައިވާ ބައެއް ވާހަކަތައް އަޑުއަހާލަމާތޯއެވެ.

1.    ހޮވާލެވޭ ވަކީ ބައެއްގެ މައްޗަށް ހިންގާލެވޭ ގާނޫނަކީ ގާނޫނަކަށް ނުވެއެވެ. އިންތިގާއީ އިންސާފަކީ އިންސާފެއް ނޫނެވެ. އެއީ ބޭ އިންސާފެކެވެ.

2.    ކުށެއްގައި އެތައް ބަޔަކު ޝާމިލުވާ އިރު، ވަކި މީހަކު ގާނޫނުގެ ކުރި މައްޗަށް ގެނެސް އަދަބު ދިނުމަކުން އަދުލު އިންސާފު ގާއިމުކުރެވުނީ ކަމުގައި ނުބެލެވެއެވެ. ކުށުގައި ހިމެނޭ އެހެން އެންމެން ވެސް ގާނޫނުގެ ކުރި މައްޗަށް ނުގެނެވޭ ހިނދު، އެކަންވާނީ އިންތިގާއީ އިންސާފަކަށެވެ. އިންތިގާއީ އިންސާފަކީ އިންސާފެއް ނޫނެވެ. ބޭ އިންސާފެކެވެ.

3.    ވަރަށް ގިނަފަހަރު، އަހަރުމެން އިންސާނުންނަށް ލިބިފައި އޮންނަނީ އިންތިގާއީ އިވުމަކާއި އިންތިގާއީ ފެނުމެކެވެ. އަހަރުމެންނަށް އިވެނީ އަހަރުމެން އަޑުއަހަށް ބޭނުންވާ އެއްޗެކެވެ. އަދި އަހަރުމެންނަށް ފެންނަނީ އަހަރުމެން ބަލަން ބޭނުންވާ އެއްޗެކެވެ. މިފަދައިން އަހަރުމެންގެ އިވުމާއި ފެނުން ހުންނަ ކަމަށް ވަންޏާ އެންމެންގެ މައްޗަށް ހަމަހަމަ ގޮތެއްގައި ގާނޫނުތައް ހިންގާލެވޭނީ ކިހިނެއް ހެއްޔެވެ؟

4.    އިންސާފުު ގާއިމުވެފައި އޮންނަން ޖެހޭނެއެވެ. ފަހަރެއްގައި މި ދުނިޔޭގައި އިންސާފެއް ނުލިބި ހިނގައިދާނެއެވެ. ނަމަވެސް، އާޚިރަތުގައި އިންސާފު ލިބޭނެއެވެ. އިންސާފަކީ މިއަދު ވިޔަސް ނޫނީ ފަހުން ވިޔަސް، ލިބެން ޖެހޭ އެއްޗަކަށް ވާތީ އާޚިރަތް ދުވަހެއް ވެސް އޮންނަން ޖެހެއެވެ. އަދި، އެ ދުވަހުން، އަނިޔާ ލިބުނު މީހުންނަށް ނިޔާ ހޯދައިދޭނޭ ފަރާތެއް ވެސް އޮންނަން ޖެހެއެވެ. އާދެ، ދުނިޔެ މަތީ އަނިޔާއާއި ބޭއިންސާފު އޮންނަ އިރު، މިކަން، އެކަންކަން ހަމައަކަށް އަޅުވައިދޭނޭ ދުވަހަކާއި ފަރާތެއް އޮންނަން ޖެހޭ ކަން ލާޒިމުކުރުވައެވެ. މާތްﷲ ވޮޑިގެންވުމާއި އާޚިރަތް ދުވަސް އޮތުން މަޖުބޫރު ކުރުވައެވެ. އެހެން ނޫން ނަމަ، އިންސާފުވެރި ގޮތެއްގައި ކަންކަން ނިންމުމުގެ ބޭނުމެއް ނެތެވެ. ހެވާއި ނުބައިގެއާއި ރަނގަޅާއި ނުރަނގަޅުގެ ތަފާތެއް ވެސް ނެތެވެ.

5.    އިންސާފު ވެރިކަމަކީ ދައުލަތްތައް ދިރިހުރުމަށް ބޭނުންވާ ކާނާއެވެ. ތަނެއްގައި އިންސާފުވެރިކަން ނެތިއްޖެ ނަމަ، އެ ތަނެއް ހަލާކުވެ ބަރުބާދުވެދެއެވެ. އެކަމުގެ ނުބައި އަސަރު ކުރަނީ ބޭއިންސާފުން ކަންތައް ކުރާ މީހުންނަށް އެކަންޏެއް ނޫނެވެ. ބޭއިންސާފުން ކަންތައް ކުރާ ތަން ފެންނަ އިރު، އެކަމާ އަޅާ ނުލާ އެއީ ތިމަންމެންނާ ބެހޭ ކަމެއް ނޫނޭ ބުނެ އަތް އުރާލައިގެން ތިބޭ މީހުންނަށް ވެސް އެކަމުގެ އަސަރު ކުރެއެވެ. އާދެ، ތަނެއްގައި ބޭއިންސާފު އާންމު ވެއްޖެ ނަމަ، އެކަމުގެ ނުބައި އަސަރު އެންމެނަށް ކުރެއެވެ. ބޭއިންސާފުން ކަންތައް ކުރާ މީހުންނަށް އެކަމުގެ ނުބައި އަސަރު ކުރަނީ ބޭއިންސާފުން ކަންތައް ކުރާތީއެވެ. އެެހެން މީހުންނަށް އެކަމުގެ ނުބައި އަސަރު ކުރަނީ އެކަމާ އަޅާ ނުލައި އެއްޗެއް ނުބުނެ ތިބެ، ބޭއިންސާފުން ކަންތައްކުރާ މީހުންނަށް އެކަން އެ ގޮތަށް ކުރުމުގެ މަގުފަހިކޮށްދޭތީއެވެ.

6.    އިންސާފުވެރި ގޮތުގައި ކަންކަން ނިންމުމުން، ހެޔޮ ލަފާ މީހުންގެ ހިތްތަކަށް ހަމަޖެހުން ލިބެއެވެ. ނަމަވެސް، އެކަމުގެ ސަބަބުން، ނުބައި ނުލަފާ ޝިއްރީރުންގެ ހިތްތައް، ނުތަނަވަސް ވެގެން ދެއެވެ.

ކޮމެންޓު