ad_banner
جَزَاكَ اللهُ خَيْرًا... ޝުކުރުއަދާކުރުމުގެ ކުރިބޯށި

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

29 ޑިސެންބަރު 2025

ޝުކުރުގެ ކުރިބޯށި!

ﷲ ތަޢާލާގެ ބަސްފުޅުތަކާއި އެކަލާނގެ ޙަބީބު މުޙައްމަދު eގެ ސުންނަތަކީ އަޅުގަނޑުމެން މުސްލިމުންގެ އަޚުލާޤީ ގިޔަމުތަކުގެ ކަންޒެވެ. އަޅުގަނޑުމެންގެ އަޚުލާޤީ މަރުޖާއެވެ. އިސްލާމްދީނުގައި ޝުކުރު އަދާކުރުމުގެ ފަލްސަފާ ބަޔާންކޮށްދެއްވައި، ކައު ރަސޫލާ e ޙަދީސްކުރެއްވިއެވެ. ((مَنْ صُنعَ إلَيْهِ مَعْرُوفٌ فَقَالَ لِفاعلِهِ جزاك اللهُ خيرًا فَقَدْ أَبْلَغَ فِي الثَّنَاءِ  - ހެޔޮކަމެއް ކޮށްދިން މީހާއަށް - جزاك اللهُ خيرًا (މާތްﷲ ތިބާއަށް ހެޔޮ ޖަޒާދެއްވާށި!)އޭ ބުނެފި ނަމަ، ހަމަކަށަވަރުން ތާރީފުކުރުމުގައި އެންމެ މައްޗަށް ވާޞިލުވެއްޖެއެވެ.)) މި ބަސްފުޅު ކުރު ނަމަވެސް މިއީ ޝުކުރުކުރުމުގެ އިސްލާމީ ފަލްސަފާ ބަޔާންކޮށްދޭ ޙިކުމަތްތެރި ރަން ބަސްފުޅެކެވެ. ކައު ރަސޫލާ އަޅުގަނޑުމެންނަށް މި އިރުޝާދުދެއްވަނީ ބަހަވީ ޝުކުރެއްގެ ބަދަލުގައި ތެދުވެރި ބަހުން އޭނާއަށް ދުޢާކޮށްދިނުމަށެވެ. ހަނި މަޞްލަޙަތުގެ ދާއިރާއިން ބޭރަށް ނެރެ ފުޅައު ރާސްތާއަކަށް ޝުކުރުއަދާކުރުން ގެންދިއުމަށެވެ.

ކީރިތި ޤުރްއާނުގެ ނަޒަރުގައި ހެޔޮ ކަމެއް ކޮށްދިނުމަކީ އިންސާނީ އެހެނަސް އަޅުވެރި ގިޔަމެކެވެ. އީމާންކަމުގެ ސިޔާގުން މެނުވީ މި ކަމުގެ ފޮނި މީރުކަމެއް ނުލިބޭނެއެވެ. ކީރިތި ޤުރްއާން  ވަނީ މީހުންނަށް ޝުކުރުކުރުމާއި ﷲ ތަޢާލާއަށް ޝުކުރުކުރުން އެއް ވާފަށަކުން ބަނދެލައިފައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ((أَنِ اشْكُرْ لِي وَلِوَالِدَيْكَ[2] - (ތިމަންރަސްކަލާނގެ أمر ކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް شكرކުރާށެވެ!)) މި ބަސްފުޅުން ދޭހަވާ ގޮތުގައި ޚަލްޤުތަކުންނަށް ޝުކުރުކުރުމަކީ ޚާލިޤަށް ޝުކުރުކުރުމާ ގުޅިފައިވާ ކަމެކެވެ. މީސްތަކުންނަށް ޝުކުރުނުކުރާ މީހަކީ ﷲއަށް ޝުކުރުނުކުރާ މީހެކެވެ. ކައު ރަސޫލާ r ޙަދީސްކުރެއްވިއެވެ. (( من لم يشْكُرِ الناسَ لم يشْكُرِ اللهَ [3]-  މީހުންނަށް ޝުކުރުނުކުރާ މީހާ ﷲއަށް ޝުކުރުނުކުރެތެވެ.))

(جزاك الله خيرًا) މި ހެން ބުނުމުން ޝުކުރުކުރުމަށް ފުދިގެންވާކަމަށް ނަބިއްޔާ ޙަދީސްކުރެއްވި ބަސްފުޅާ މެދު އަޅުގަނޑުމެން ވިސްނައިލުން ރަނގަޅުވާނެއެވެ. އެއީ ކޮށްދިން ހެޔޮކަމުގެ އަގުވައްޓައިލުމެއް ނޫނެވެ. އެހެން ހަމަހިލާ ނުވާނެތެވެ. އެއީ އެކަމުގެ އަގު ވަރަށް ބޮޑަށް ވަޒަންކުރާކަމުގެ ބަހެކެވެ. އެއީ ދުޢާއަކަށް ވާތީއެވެ. އިންސާނާގެ ބަންދުވެފައިވާ އިމުން ބޭރަށް ނެރެ ﷲ ތަޢާލާގެ ޙަޟުރަތާ ހަމައަށް މި ޝުކުރު އުފުއްލޭތީއެވެ.

ކޮށްދެވުނު ހެޔޮކަމުގެ އަގު މި ވަޒަންކުރެވެނީ މުދަލަކުންނޫނެވެ. ގޮނަކަށް ގޮނެއް ދިނުމުގެ ދުންޔަވީ އުޞޫލަކުންނޫނެވެ. މި ކަން މި ހަވާލުކުރެވުނީ ﷲ ތަޢާލާއަށެވެ. އެކަލާނގެއީ އެންމެ ޢަދުލުވެރި އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((هَلْ جَزَآءُ ٱلْإِحْسَٰنِ إِلَّا ٱلْإِحْسَٰنُ[4]- ހެޔޮކަމުގެ ޖަޒާއަކީ، ހެޔޮ ثوابކަމުގައި މެނުވީ ވާނެހެއްޔެވެ؟)) މި ބަސްފުޅުން ދޭހަވާ ގޮތުގައި ހެޔޮކަމުގެ ދާއިރާއަކީ ހުޅުވިފައިވާ ދާއިރާއެކެވެ. އިންސާނާއާ ހަމައިން ފެށުނަސް އިންސާނާއާ ހަމައިން މި ދާއިރާ ނިމިގެންނުދެއެވެ.

މީގެ އިތުރަށް މި ނަބަވީ އިރުޝާދަކީ އިޖުތިމާޢީ ބުރަތަކުން ހިތް ޠާހިރުކޮށްދޭ ކަމެކެވެ. ފޮނިބަސްތައް ބުނުމުގެ އުދަނގުލުން މިންޖުކޮށްދޭ ކަމެކެވެ. ތެދުވެރިކަމާއި ސާދާކަމުގެ ސަޤާފަތުގެ ތަރަހަ ބިނާކޮށްދޭ ކަމެކެވެ. ޝުކުރު އަދާކުރުމުގެ ގޮތުން ރިވެތި ފަށުވި ކިތައްކިތައް ޢިބާރާތްތައް ބުނެވޭތޯއެވެ؟ ކިތައްކިތައް ޅެންތައް އެމުނޭތޯއެވެ؟ އެއީ މާނައިން ހުސްވެގެންވާ ތޮށިގަނޑެކެވެ. ކައު ރަސޫލާ މި ދަސްކޮށްދެއްވަނީ ހަތަރު ކަލިމައިގެ ދުޢާއެކެވެ. އުޑުގެ ދޮރުކޮޅުތައް ހުޅުވިގެންދާނޭ ތެދު ބަސްކޮޅެކެވެ. ކައު ރަސޫލާ r މި ޙަދީސްކުރައްވަނީ (جزاك اللهُ خيرًا) މި ކަލިމަތަކުން އޭނާއަށް ޝުކުރުގެ ކުރިބޯށްޓަށް ވާޞިލުވެވިއްޖެއެވެ. އޭގެ އަމާޒުފަތްގަނޑަށް ވާޞިލުވެވިއްޖެއެވެ. މި ބަސްކޮޅުގައި ހެޔޮކަން ބަލައިގަތުންވެއެވެ. އޭނާއަށް ހެޔޮދުޢާކޮށްދިނުންވެއެވެ. އެ ކަން ހުރިހާ ކަމެއްގެ ވެރިފަރާތާ ﷲއާ ޙަވާލުކުރުންވެއެވެ.  

މި މާނަތައް އަޅުގަނޑުމެންގެ ޙަޔާތަށް އަނބުރައި ގެނެވޭތޯ ބަލަމާތޯއެވެ! އާދަކާދައިގެ ގިއުގަނޑުން ޢިބާދާތުގެ ދާއިރާއަށް ނެރަމާތޯއެވެ! އޭރުން (جزاك اللهُ خيرًا) ސަޤާފަތަކަށް ވެދާނެތެވެ. މުޅި މުޖުތަމަޢުގެ ސުލޫކަކަށް ބަދަލުވެދާނެތެވެ. އަޅުގަނޑުމެންގެ ޙަޔާތުގެ ޙާލަތާ ޤުރްއާނީ ގިޔަމުތައް ގުޅުވައިދޭ ފާލަމަކަށް ވެގެންދާނެތެވެ.

 

ބައެއް ލަފުޒުގެ މާނަ:

ކަންޒު      ނ.    (1) ޚަޒާނާ. (2) ޢަދާވަތްތެރިންނަށް ހުރަސްކޮށްފައި ނާދެވޭ ގޮތަށް ކޮނެފައި ހުންނަ ކޯރު. trench (3) ހިސާބަކަށް ފެން ހުންނަ ކިސަޑު ހެދި ގަނބާ ގޮތް ހުންނަ ތަންތަން.

ގިޔަމު      ނ.    ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް. values          

މަރުޖާ      ނ.    ސައްހަ ސަނަދަކުން ކަށަވަރުވާ މަސްދަރު. Authoritative source

ފަލްސަފާ    ނ.    ކަންކަން ހިނގާގޮތާމެދު ވިސްނާ އެކަންކަމުން ޢިބްރަތާއި ޙިކުމަތް ލިބިގަތުގެ ޢިލްމު. (2) އަމިއްލަ ސިކުޑީން ވިސްނައިގެން ހޯދާ ރަނގަޅު ގޮތްތަކާއި އުޞޫލުތައް. philosophy

ސިޔާގު      ނ.    ލަފުޒެއްގެ ނުވަތަ އިބާރާތެއްގެ މާނަ ދޭހަކޮށްދޭ ވެށި ނުވަތަ ހާލަތު. context

 
މަރުޖާ

[1]  - أخرجه الترمذي (٢٠٣٥والنسائي في ((السنن الكبرى)) (٩٩٣٧وابن حبان (٣٤١٣)  والطبراني في ((المعجم الصغير)) (١١٨٣)  - ابن باز، مجموع الشروح الفقهية. (١٧/٣٠ إسناده صحيح ، الألباني، صحيح الموارد (١٧٣٩) - صحيح 

[2]  - لقمان: 14

[3]  - أخرجه أحمد (١١٢٨٠)، والطبراني في ((المعجم الأوسط)) (٣٥٨٢)، و البيهقي في ((شعب الإيمان)) (٩١٣٢) والدارقطني في ((الغرائب والأفراد)) كما في ((أطراف الغرائب والأفراد)) (١٩٢٥)  وأبو داود (٤٨١١)

[4]  - الرحمن : 60

ކޮމެންޓު