ad_banner
ރައްޔާނު މިސްކިތް ހުޅުވުނު ޚަބަރާ ގުޅިގެން މަޢުލޫމާތު އޮޅޭ ގޮތަށް

އަބާ މުޙަންމަދު

27 ޑިސެންބަރު 2025

ސ. ފޭދޫގައި އިއްޔެ ހޫޅުވި ރައްޔާނު މިސްކިތް (ފޮޓޯ: ފަރަގު މީޑީއާ)

އެނގިވަޑައިގަންނަވާނޭ ފަދައިން [ފަރަގު] ނޫހަކީ ސިޔާސީ ނޫން ލިޔުންތައް ލިޔާ ނޫހެކެވެ. ނަމަވެސް ވިސްނުމާއި ފިކުރުގެ ގޮތުން އިޖުތިމާޢީ ހެޔޮ ފަރަގަކަށް މި ނޫސް އުންމީދުކުރެއެވެ. ނޫސްތަކުގެ ބޭނުމަކީ ރައްޔިތުންތަށް ހެޔޮ ޞައްޙަ މަޢުލޫމާތު ދިނުމާއި ކަން އޮތް ގޮތް އޮޅުން ފިލުވައިދިނުމެވެ. ނަމަވެސް ބައެއް ނޫސްތަކުން ގަސްތުގައި ރައްޔިތުންނަށް ހަގީގަތް އޮޅުވައިލާން މަސައްކަތްކުރާތީ ހިތާމަކުރަމެވެ.

މިސާލަކަށް އިއްޔެ ހުޅުމާލޭގައިޔާއި ސ. މަރަދޫގައި ހުޅުވުނު [ރައްޔާނު މިސްކިތް] (މަސްޖިދު ރައްޔާނު) ހުޅުވި ޚަބަރު ނޫހެއްގައި ގެނެސްދެއްވި އިރު، އެ ޚަބަރުގެ ސުރުޚީއަކަށް އޮތީ [ރައީސް ޞާލިޙްގެ ސަރުކާރުން އައްޑޫ ސިޓީ މަރަދޫގައި ޢިމާރާތް ކުރި މަސްޖިދުއްރައްޔާން މިއަދު ހުޅުވައިފިއެވެ.] ނަމަވެސް ސުރުޚީގައި އެ ވަނީ ޞައްޙަ މަޢުލޫމާތެއް ނޫނެވެ. ރައީސް އިބްރާހީމް މުޙަންމަދު ޞާލިޙުގެ ސަރުކާރުން ކުރެއްވި ކަމަކީ ހަމަ އެކަނި ރަސްމީ ގޮތުން ބިންގާއަޅުއްވައިދެއްވުމެވެ. ތަނެއްގެ ބިންގާ އަޅުއްވައިދެއްވުމަކީ އެ ތަން ބިނާކުރެއްވުންކަމަށްވާ ނަމަ، އެ ޚަބަރު ގަބޫލުކުރެވިދާނެއެވެ. ނަމަވެސް 2022 މާރިޗު ނުވަވަނަ ދުވަހު ބިންގާ އެޅުއްވި އެ މިސްކިތުގެ މަސައްކަތް، މިހާރު އިދާރިއްޔަތާ ސަރުކާރު ޙާވާލުވި އިރު އޮތީ ހުއްޓިފައެވެ. މިސްކިތުގެ މަސައްކަތަށް ދައްކާނޭ ފައިސާ ބަޖެޓުގައި ޖައްސަވައިގެން އެ ފައިސާދައްކަވައި ހެއްދެވީ މިއަދުގެ އިދާރިއްޔަތުންނެވެ. ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދުގެ ވަޒީރުކަމުގައެވެ. ޑރ. މުޙަންމަދު މުޢިއްޒުގެ ރައީސްކަމުގައެވެ. ފަހުން ފައިސާ ދައްކާ ގޮތަށް އެތައް މަސައްކަތްތަކެއް ކުރީގެ އިދާރިއްޔަތުން ވަނީ ކުރުވައިފައެވެ. މިއަދުގެ އިދާރިއްޔަތު، ވިޒާރާއާ ޙަވާލުވިއިރު، މި ގޮތަށް މަސައްކަތް ކުރުވައި ލބިފައިވާ ބިލުތަކަށް ދައްކާންޖެހޭ 50 މިލިއަނެއްހައި ރުފިޔާ އަދާނުކޮށް ހުއްޓެވެ. އެ ހުރިހައި ފައިސާއެއް ވެސް ދައްކައި ޚަލާބްކުރެއްވި މިއަދުގެ އިދާރިއްޔަތުންނެވެ. ހަމައެކަނި މިހައި ވަރަށް މި ދަންނަވައިލީ ވެސް ރައްޔިތުންނަށް މަޢުލޫމާތު އޮޅޭ ގޮތަށް ނޫހަކުން ޚަބަރުފަތުރައްވައިފައިވާތީ އެ ވާހަކައިގެ ހަގީގަތް ހާމަކޮށްލާން ވެގެންނެވެ. 

އަޅުގަނޑުމެންނަށް މުހިންމީ މިސްކިތް ޢިމާރާތްކުރެއްވި ސަރުކާރެއް ނޫނެވެ. މިސްކިތެވެ. ރައްޔިތުންނަށް ފަސޭހަކަމާ އެކު އަޅުކަންކޮށްލެވޭ ގޮތަށް މިސްކިތެއް ބިނާވެ ހުޅުވުމަކީ ހެޔޮ ޢަމަލެކެވެ. ކޮންމެއަކަސް އިޔެ މެންދުރު ވަގުތު ބަންގީގެ ކުރީން 12:00ގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މިސްކިތް ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއަރޒް އަލްއުސްތާޛު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރެވެ. މިސްކިތް ހުޅުއްވައިދެއްވުމަށް ފަހު، އިމާމުވެ ހުކުރުނަމާދުކުރެއްވީ ވެސް އެ މަނިކުފާނެވެ.
މި މިސްކިތަކީ 500 މީހުންނަށް ނަމާދުކުރެވޭ ގޮތަށް ސަރުކާރުގެ ޚަރަދުގައި އިމާރާތްކުރެއްވި މިސްކިތެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ނަމަވެސް [ފަރަގު]ން ބެލި ބެލުމުން އެ މިސްކިތުގައި 600 މީހުންނަށް ނަމާދުކުރެވޭނެކަމަށް ގަބޫލުކުރެވެއެވެ.

މި މިސްކިތް ކިތަންމެ އައު ނަމަވެސް މިސްކިތް ފަރުމާކޮށްފައި ހުރި ގޮތުން މައްސަލަތަކެއް އެބަ ހުއްޓެވެ. މިސްކިތް ފަރުކާކުރައްވައިފައިވަނީ ޢާންމުކޮށް މިސްކިތަށް ގޮސް އުޅޭ މީހެއް ނޫނޭ ހީވާ ކަހަލަ ގޮތަކަށް ކަންކަން ފާހަގަކުރެވުނެވެ.

ވާރޭވެހޭ ދުވަހެއްގައި މިސްކިތަށް ދާ މީހަކަށް އިސްޓާކީނު ތެންމައިނުލައި މިސްކިތަށް ވަދެވޭކަށް ނެތެވެ. ވާރޭ ވެހޭ އިރު، ވުޟޫކުރާ ތަނުން ވުޟޫކޮށްގެން ނުތެމި މިސްކިތަށް ދެވޭނެ ޖާގައެއް ނެތެވެ. ރަނގަޅުކުރާން ޖެހޭ މި ފަދަ ކިތަންމެ ކަމެއް އެބަ ހުއްޓެވެ. މި ކަންކަން ރަނގަޅުކުރެއްވުމުގެ މަސައްކަތް އިސްލާމީ ވުޒާރާއާއި އިމާރާތްކުރެއްވި ފަރާތާ ދެމެދުގައި މަޝްވަރާކޮށްގެން ކުރިއަށް އެބަ ގެންދަވާކަމަށް މަޢުލޫމާތު ލިބެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙަންމަދު ޝަހީމު ޢަލީ ސަޢީދު، ދާދި ފަހުން މީޑިއާއަށް މަޢުލޫމާތުދެއްވައިފައިވާ ގޮތުގައި ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރީން ހުޅުވޭނެކަމަށް ކުރީން އިއުލާނުކުރެއްވި 15 މިސްކިތުގެ ތެރެއިން ހަ މިސްކިތެއް މިހާރު ވަނީ ހުޅުވިފައެވެ.

އިއްޔެ ސ. މަރަދޫގައި ހުޅުވުނު މަސްޖިދު ރައްޔާންގެ އިތުރަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް އިމާރާތްކުރި، [މަސްޖިދުލްއީމާން] ވެސް އިއްޔެ ވަނީ ހުޅުވައިފައެވެ. މިއީ 1200 މީހުންނަށް ނަމާދުކުރެވޭ ވަރުގެ ޖާގަބޮޑު މިސްކިތެކެވެ. ތިން ބުރިއަށް ޢިމާރާތްކޮށްފައިވާ އެ މިސްކިތަކީ ވިޔަފާރިވެރިއެއްގެ ދީލަތި އެހީގައި ބިނާކުރި މިސްކިތެއްކަން ފާހަގަކޮށްލެވެއެވެ. މިއީ އަގުބޮޑު އަދި ރީތި މިސްކިތެކެވެ.

މި މިސްކިތް ރަސްމީކޮށް ހުޅުއްވައިދެއްވީ ވަޒީރު ޑރ. މުޙަންމަދު ޝާހީމް ޢަލީ ސަޢީދެވެ. ނަމަވެސް އެ މިސްކިތުގައި ކުރެވުނު ފުރަތަމަ ހުކުރު ނަމާދު، އިމާމުވެ ކުރެއްވީ ޒުވާން ޚަތީބު އަލްޙާފިޡު އުވައިސް ބިން އިނާޒެވެ.

ފަރަގަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ ރޯދައިގެ ކުރީން އަދިވެސް ވަރަށް ގިނަ މިސްކިތްތައް ހުޅުވޭނެއެވެ. ރަމަޟާން މަހު ރައްޔިތުން އަޅުކަންކުރާން ތިބޭ ތަންތަން ފަސޭހަކޮށްދެއްވައި މިސްކިތްތައް ގިނަކުރައްވާން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުރަ މަސައްކަތްޕުޅުތަކެއް އެބަކުރައްވައެވެ.

ކޮމެންޓު