ad_banner
ޒަމަމާނީ އެއިޑްސް . . . ދޮރުވާނު ނުއަތަށް ފުރޮޅިގެންދިޔުން

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

26 ޑިސެންބަރު 2025

ޒަމާނީ އެއިޑްސް

މިއީ އިސްލާމީ އުންމަތް ކަފާސްކުރަމުންދާ ބަލިތައް ތަޙުލީލުކުރުމަށް ޓަކައި ޢިލްމުވެރީން ކުރައްވަމުންގެންދަވާ ދިރާސާތަކުން ނެގި ފެން އަތްގޮށްޓެކެވެ. އަޅުގަނޑުމެން ވެސް އެ ކަމާ މެދު ސަމާލުވުމަށް ޓަކައެވެ. މާތްﷲ ވަޙީކުރެއްވިއެވެ.  (وَفِي أَنفُسِكُمْ أَفَلَا تُبْصِرُونَ[1] - އަދި ތިޔަބައިމީހުންގެ އަމިއްލަ نفسތަކުގައި ވެސްމެއެވެ. ފަހެ، ތިޔަބައިމީހުން ވިސްނައި ނުބަލަނީހެއްޔެވެ؟)

މާތް ﷲ އިންސާނާގެ ހަށިގަނޑުގައި މި ހަށިގަނޑު ދިފާޢުކުރާނެ ނިޒާމެއް (ހުދުލޭ ހަތާތައް) ލެއްވިއެވެ. މި ނިޒާމުގެ ވަޒީފާއަކީ ދުޝްމަނުން ދެނެގަނެ، ގިންތިކޮށް، އިންސާނާގެ ދުޅަހެޔޮކަމާއި ޞިއްޙަތު ރައްކައުތެރިކުރުމަށް ޓަކައި މި ހަތުރުންނާ ހަނގުރާމަކުރުމެވެ. ހަމަ މި މޭރުމުން އުންމަތް ދިފާޢުކުރާނެ ނިޒާމެއް ވެއެވެ. މި ނިޒާމުގެ އަދާތުތަކަކީ ޢިލްމުވެރީންނާއި މުފައްކިރުންނާއި ދުރު ވިސްނުންތެރީންނެވެ.

މި އަދާތުތައް އޭގެ ވަޒީފާތައް އަދާކުރުން ހުއްޓައިލައި ދުޝްމަނުން ދެނެގަތުމާއި ދުޝްމަނުން ގިންތިކުރުމާއި ދުޝްމަނުންނާ ކުރިމަތިލުން ހުއްޓައޮލައިފި ނަމަ، އުންމަތަށް ޒަމާނީ އެއިޑުސް ޖެހިދާނެތެވެ. މި ތާނގައި އެއިޑުސް ރަމްޒުކޮށްދެނީ އިލާހީ ޙިކްމަތްތެރި ޤާނޫނަށެވެ. ދުޝްމަނުން ދެނެގަނެ ދުޝްމަނުން ގިންތިކޮށް އެއިން ކޮންމެ ގިންތިއަކާ ދެކޮޅަށް އަޅާންޖެހޭ ފިޔަވަޅު ނާޅައިފި ނަމަ އުންމަތް ވީރާނާވެގެން ރޫޅިގެން ނެތިގެން ހިނގައިދާނެއެވެ.

1-     ޙަޔަވީ ކޯޑު: ނުއަތަށް ފުރޮޅިގެންދާ ފާރަވެރިޔާ – ޒަމާނީ ހަރުދަނާ މި ޤާނޫނު ދެނެގަތުމަށް ޓަކައި (HIV)  - ނުވަތަ އިންސާނާގެ ދަފަރާ ނިޒާމު ކަފާސްކުރާ ވައިރަސް – ގެ ހަޔަވީ ނަމޫނާއާ މެދު ވިސްނައިލާން އެބަޖެހެއެވެ. މި ނުބައި ވައިރަހާ މެދު ވިސްނައިލަމާ ހިނގާށެވެ. މި ވައިރަސް ޙަމަލާދެނީ އިންސާނާގެ ހަށިގަނޑުގެ އާދައިގެ ހަތާތަކަކަށް ނޫނެވެ. ފަސޭހައިން ޙަމަލާ ދެވޭ ބާވަތުގެ ހަތާތަކަކަށް ވެސް ނޫނެވެ. އެހެނަސް މި ވައިރަސް ހަމަލާދެނީ ހަށިގަނޑުގެ ސީދާ ދިފާޢީ ނިޒާމުގެ ކޮމާންޑަރުންނަށެވެ. ނުވަތަ «CD4» ހަތާތަކަށެވެ. އެއިޑްސް ބައްޔަށް ބަލާ އިރު އާންމު ގޮތެއްގައި މި ބަލި ޖެހެނީ ﷲ ޙަރާންކުރައްވައިފައިވާ ފާޙިޝް ޢަމަލުތައްކުރުމުގެ ސަބަބުންނެވެ. އިންސާނާގެ ހަށިގަނޑުގެ ދިފާޢީ ނިޒާމަށް ބަލާ އިރު CD4އަކީ ސުޓާފު ކޮމަންޑަރެވެ. ނުވަތަ ކޮންޓުރޯލު ކޮޓަރިއެވެ. އާންމު ގޮތެއްގައި މި ހަތާތައް ޖަރާސީމުތަކަށް ސީދާ ޙަމަލާއެއް ނުދޭނެއެވެ. މި ހަތާތަކުގެ ވަޒީފާއަކީ ހަށިގަނޑަށް ހަމަލާދޭ ދުޝްމަނު ޖަރާސީމުތައް ދެނެގަނެ ގިންތިކުރުމެވެ. އެއަށް ފަހު، އަޅާންޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުން އަމުރުތައް ފޮނުވުމެވެ. ހަށިގަނޑަށް ޖަރާސީމެއް ނުވަތަ މައިކްރޯބެއް ވަނުމުން CD4 ހަތާތަކުން މި ޖަރާސީމުތައް ތަޙުލީލުކޮށް ހުދުހަތާތަކުގެ ބޯޅަތަކަށް އަޅާންވީ ފިޔަވަޅާ ބެހޭ ގޮތުން މެސެޖުތައް ފޮނުވާނެއެވެ. މިއީ ދުޝްމަނެއްކަން އަންގައި އެއަށް ޙަމަލާދިނުމަށް އަމުރު ފޮނުވާނެއެވެ. HIV ވައިރަހަކީ ވަރަށް ވިސްނުންތޫނު ވައިރަހެކެވެ. މި ވައިރަސް އިންސާނާގެ ހަށިގަނޑުގެ އާދައިގެ ސިފައިންނަށް ޙަމަލާދިނުމުގައި އޭތީގެ ވަގުތު ނަގައެއްނުލާނެއެވެ. އޭތި ސީދާ ދާނީ ކޮންޓުރޯލު ކޮޓަރިއަށެވެ. CD4 ހަތާތަކަށް ޙަމަލާދީ މި ހަތާތައް ނައްތައިލާށެވެ. މި ކޮންޓުރޯލު ކޮޓަރިއަށް ވެރިވެގަތުމަށް ފަހު މި ކޮޓަރި ބަދަލުކޮށްލަނީ HIV އުފައްދާ ކާރުޚާނާއަކަށެވެ. އިންސާނާގެ ހަށިގަނޑު ބަލަހައްޓައިދޭ މި ނިޒާމުގެ ވަޒީފާ ނުއަތަށް ފުރޮޅައިލަނީއެވެ. ހަށިގަނޑުގެ ދުޝްމަނަކަށް ވަނީއެވެ. ވައިރަހާ ދެކޮޅަށް ހަނގުރާމަކުރުމުގެ ބަދަލުގައި އެ އެއްޗެއްސަށް ކާންދީ ބޯންދީ ވާގިވެރިވާ އެއްޗަކަށް ބަދަލުވަނީއެވެ. ހަށިގަނޑުގެ ޚާއިނަކަށް ވަނީއެވެ. ގައުމު ދިފާޢުކުރުމުގެ ބަދަލުގައި ގައުމު ހަލާކުކުރަނީއެވެ. ހަށިގަނޑުގެ ދާޚިލީ ލަޝްކަރު ޙިމާޔަތްކުރާ ބާރަކުން އެ ލަޝްކަރު ހަލާކުކުރާ ބާރަކަށް މަޑުމަޑުން ބަދަލުވަމުން ދަނީއެވެ. ހަށިގަނޑަށް ނުރައްކަލަކަށް ނުވާ އާދައިގެ ފަނިފަކުސަތައް އެއިޑުސްގެ ސަބަބުން ހަށިގަނޑުގެ ދުޝްމަނަކަށް ބަދަލުވެގެން ދަނީއެވެ.

2-     އިޖުތިމާޢި ދަފަރާ ހަލާކުވުން .. ޒަމާނީ ނަމޫނާ: އިންސާނާގެ ހަށިގަނޑުގެ ދިފާޢީ  ނިޒާމާ ބެހޭ ހަޔަވީ ޤާނޫނަކީ އުންމަތްތަކާއި ގައުމުތަކުގެ ކުރިއެރުމާއި ވެއްޓެމާ ބެހޭ  އިލާހީ ޤާނޫނު ރިވެލިކޮށްދޭ ވަރަށް ސާފު ލޯގަނޑެކެވެ. ޢިލްމުވެރީންނާއި ދާރިސުން ޒަމާނީ އެއިޑުސްގެ ވާހަކަދައްކަވާ އިރު، ދައްކަވަނީ ގުނަވަނަށް ޖެހޭ ބައްޔެއްގެ ގޮތުގައެއްނޫނެވެ. އެހެނަސް ދެ ކަމެއް ތަމްސީލުކޮށްދޭ ވަޒީފާއެއް ކަފާސްވެގެން ޚަރާބުވެގެން ވީރާނާވެގެންދާ ވާހަކައެވެ.

·         ވަކިކޮށް ދެނެގަތުމުގެ އާލިއްޔަތު ނެތިގެން ދިޔުން. ބިނާކުރަނިވި ކަންކަމާއި ފަނާކުރަނިވި ކަންކަން ދެނެގަންނާން ނޭނގުމާއި، އުންމަތުގެ ޝަޚުޞިއްޔަތަށް މުނާސަބު ކަންކަމާއި އެއާ ދުރުހެލިވާން ޖެހޭ ކަންކަން ނޭނގުމެވެ.

·         ވެރީންނާއި އިސްވާރުންގެ މައްޗަށް ގަދަވެގަނެ އެމީހުން ބަނދެ ހިފެހެއްޓުން: އުންމަތް ޙިމާޔަތްކުރާން ތިބެންޖެހޭ ފިކުރީ، ސިޔާސީ، މީޑިއާގެ ފުރަ ޝަޚުޞިއްޔަތުތައް  ދުޝްމަނުންގެ ގިރިޓީ ޝިޢާރުތަކުގެ ދަޅައިގައި މަގު ގެއްލި ޙިމާޔަތްކުރުމުގެ ބާރު ގެއްލިގެންދާތެނެވެ. ބާރުގަދަ އުންމަތަކީ ދާޚިލީ އަދި ޚާރިޖީ ނުރައްކާތަކާއި މޫސުމީ އަރައްކާތަކުން އުންމަތް ޙިމާޔަތްކުރުމުގެ ޙަޤީޤީ ބާރު ލިބިގެންވާ އުންމަތެވެ. އިސްލާމީ ވިސްނުމުގެ ގިއުގަނޑުގައި މިބާރަކީ "ތަދާފުޢު" ޤާނޫނުގެ ދަށުން މަސައްކަތްކުރާ ބާރެކެވެ. މި ދަފަރާ ނިޒާމަކީ ވަކިކޮށްދެނެގަތުމުގެ ބާރު ލިބިފައިވާ ނިޒާމަކަށް ވާންޖެހޭނެއެވެ. އުންމަތަކީ ޝާމިލު ރުއުޔާއެއް ލިބިގެންވާ އުންމަތަކަށް ވާންޖެހޭނެއެވެ. އުންމަތުގެ ކުރިމަގުގެ މަޤްޞަދުތައް ބިނާކުރާން އެނގޭ ވަރުގެ ރުއުޔާއަކަށް މި ފެނުން ވާންޖެހޭނެއެވެ.

·         އުންމަތަށް ފައިދާ ހުރި ކަންތަކާއި ގެއްލުން ހުރި ކަންތައް ދެނެގަނެވޭނީ މި ރުއުޔާއިންނެވެ. އެއަށް ފަހު ތަދާފުޢު ޤާނޫނުގެ ދަށުން ޢަމަލުގެ މައިދާނަށް ނުކުމެ މަސައްކަތް ފެށުމަށެވެ. މި ޤާނޫނުގެ ދަށުން ނުރައްކާތަކާ ކުރިމަތިލުމަށް ޓަކައި އިސްވެ އަޅާންޖެހޭ އީޖާބީ ފިޔަވަޅުތައް ދެނެގަނެވޭނެއެވެ.

3-     ވުޖޫދުވުން ދެމިއޮތުމަށް ޓަކައި ނުރައްކާ ދުރަށްލުމާއި ޖިހާދުކުރުން ޟަރޫރަތެއް: ދިފާޢީ ނިޒާމެއް ލިބިފައިވުމާއި ޖިހާދުކުރުމަށް ތައްޔާރުވެ އޮތުމަކީ އަޚުލާޤީ ޚިޔާރެއްނޫނެވެ. އެހެނަސް އެއީ ދެމިއޮތުމަށް ޟަރޫރަތެކެވެ. މިޟަރޫރަތަކީ އިންސާނާގެ ޚާލިޤުވަންތަ ރަސްކަލާނގެ މި ބިމުގެ ޙަޔާތް ދެމެހެއްޓެވުމަށް ޓަކައި ލައްވައިފައިވާ ޤާނޫނެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (وَلَوْلَا دَفْعُ اللَّهِ النَّاسَ بَعْضَهُم بِبَعْضٍ لَّفَسَدَتِ الْأَرْضُ وَلَٰكِنَّ اللَّهَ ذُو فَضْلٍ عَلَى الْعَالَمِينَ[2] - އަދި، މީސްތަކުންކުރެ އެއްބަޔަކު މެދުވެރި ކުރައްވައި އަނެއްބަޔަކު (ގެ ނުރައްކާތެރިކަން) اللَّه، ދުރުކުރެއްވުން ނުވާ ނަމަ، ބިން ފަސާދަވެއްޖައީސްކަން ކަށަވަރެވެ. އެހެނެއްކަމަކު اللَّهއީ، عالم ތަކުގެ މައްޗަށް فضلވަންތަވެރި ރަސްކަލާނގެއެވެ.)  މި ބަސްފުޅުގައި އައިސްފައިވާ دَفْعގެ މާނައަކީ ޢަސްކަރީ ހަނގުރާމައެއް ނޫނެވެ. އެހެނަސް އެއީ ތަފާތު ގޮތްގޮތަށް ނުރައްކާތައް ދުރުކުރުމެވެ. ފިކުރީ ވަސީލަތުންނާއި ގިޔަމީ ވަސީލަތުންނާއި އިޤްތިޞާދީ ވަސީލަތުންނާއި ސިޔާސީ ވަސީލަތުންނާއި މީޑިޔާ ވަސީލަތުންނެވެ. ނުރައްކާތައް ދުރުކުރުމުގެ މަސައްކަތް ހުއްޓައިލައިފި ނަމަ، މި ނުރައްކާތަކާ ކުރިމަތިލުމާ އެއްކިބާވުމުގެ ސަބަބުން ބިން ފަސާދަވެދާނެއެވެ. ނުރައްކާތައް ދެނެގަތުން ހުއްޓައިލައިފި ނަމަ މުޖުތަމަޢު ވީރާނާވެދާނެތެވެ.

4-     މުޖުތަމަޢު ތަންފީޒީ ހަތައަކަށްވުން:  މުޖުތަމަޢު ޒަމާނީ އެއިޑުސްއިން ސަލާމަތްކުރެވޭނީ އެ ބަލި ރަނގަޅަށް ތަޙުލީލުކުރެވިގެންނެވެ. މުޖުތަމަޢަށް ބަލާ އިރު ގައުމުގެ ބޮޑުންނަކީ CD4އެވެ. ގައުމުގެ ރައްޔިތުންނަކީ ބޮޑުންގެ އަމުރުތައް ތަންފީޒުކުރާ ހުދުލޭހަތާތަކެވެ. މުޖުތަމަޢު މުންކަރާތްތަކުން ޠާހިރުކުރާނީ ބޮޑުންގެ އިރުޝާދުތަކާ އެއް ގޮތަށް ރައްޔިތުންނެވެ. މުޖުތަމަޢުގެ ޖިސްމު "މުންކަރާތް ނަހީކުރުން" ހުއްޓައިލައި ކުޅިބަލާން އިންނަ ނައްސި މީހަކަށް ވެއްޖެ ނަމަ، ދިފާޢީ ނިޒާމަށް އިޖާބަދިނުން ވާވެގެން ހިނގައިދާނެއެވެ. ނަތީޖާއަކަށް ވާނީ ފަސާދަ އަށަގަނެ ހަށިގަނޑުގެ ކަށިތައް ފީކުރާން ފެށުމެވެ. ގުނަވަންތައް ހަލާކުކުރާން ފެށުމެވެ. މުޖުތަމަޢުގެ އަމާން ބަންދުތައްކަމުގައިވާ ފަނޑިޔާރުގެއާއި މީޑިޔާ ފަދަ މުޖުތަމަޢުގެ އަސާސީ މުއައްސަސާތަކާއި، ނަޒާހަތްތެރިވާންޖެހޭ ބާރުތައް ހަލާކުވެއްޖެ ނަމަ ޖަރާސީމުތަކާއި މައިކުރޯބުތައް ހަށިގަނޑުގެ ތެރެއަށް ވަދެ ހަށިގަނޑު ފަނާކުރާން ފަށައިފާނެއެވެ. އެހެންކަމުން ހަށިގަނޑު އަބުރައި އިޢާދަކުރުމުގެ ޤަރާރު ފަށާން ޖެހޭނީ ތެދުވެރި ވެރިކަމުންނެވެ. ޒަމާނީ ވައިރަސްތަކަށް ފަރުވާދެވޭނީ ޢަދްލުއިންސާފުގެ ތަނބުތައް މަތީގައި މި ޤަރާރު ތަންފީޒުކުރެވިގެންނެވެ.  

5-     ޤަރާރު އިޢާދަކުރުން: ޙަޤީޤަތަށް ބަލާ އިރު ޒަމާނީ އެއިޑްސްއަކީ  އުންމަތް ފަނާވެ ނެތިދިޔުމެއްނޫނެވެ. ޒަމާނީ ބޭސްތަކުގެ ސަބަބުން ހަޔަވީ ބަލިމަޑުކަމަކީ ދަންޖައްސައި މެރުމަށް ނިޔާ ކަނޑައެޅުމެއް ނޫނެވެ. ޒަމާނީ އެއިޑުސްއަކީ ފަރުވާދެވިދާނެ ބައްޔެކެވެ. އެ ބަލީގެ ޝިފާއަށް ބޭނުންވާ އަދާތުތަކުގެ ބޭނުން ހިފައިގެންނެވެ. ޢިލްމުވެރީން ވިދާޅުވާ ގޮތުގައި މި ބަލީގެ ޝިފާގެ އަދާތުތަކަކީ، ޞާލިޙު ޢަމަލުތަކާއި ތެދުމަގަށް ސީދާވެގަތުމާއި، ޢަދުލުއިންޞާފު ޤާއިމުކުރުމާއި ހެޔޮވެރިކަމެއް ކުރުމެވެ. ދިފާޢީ ބާރު ބިނާކުރުމަށް ބޭނުންވާ އެންޓިބަޔޮޓިކަކީ ހެޔޮވެރިކަމެވެ. ގައުމުގެ މުއްސަނދިކަމާއި ކެރިފޯރުންތެރިކަން ރައްޔިތުންނަށާއި ގައުމަށް ހޭދަކުރާ ވެރިކަމެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ.:  (إِنَّ اللَّهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّى يُغَيِّرُوا مَا بِأَنفُسِهِمْ[3] - ހަމަކަށަވަރުން، ބަޔަކުމީހުންގެ حالة އެ ބަޔަކު އަމިއްލަޔަށް ބަދަލުކޮށްފުމަށްދާނދެން، اللَّه، އެ حالة ބަދަލެއް ނުކުރައްވާނެތެވެ.) ބަދަލުކުރުމަށް ބޭނުންވާ ޙާލަތަކީ ހަމައެކަނި ޚާރިޖީ ކަމެއް ނޫނެވެ. އެ ކަމުގައި ދާޚިލީ ފިކުރާއި ވިސްނުމާއި ގިޔަމު ވެސް ވެއެވެ.

ބައެއް ލަފުޒު މި މަގާލުގައި ބޭނުންކޮށްފައިވާ މާނަ:

ހަތާ      ނ.    ދިރޭއެއްޗެއްގައި ދިރުން ހުންނަ އެންމެ ކުޑަ ބައި، ނުވަތަ ހުރިހާ ދިރޭ އެއްޗެހި އެ އެއްޗަކުން އުފެދިގެންވާ އަސާސީ މާއްދާ. މައިކުރޯބު ފަދަ ސާދާ ދިރޭ އެއްޗެހި އުފެދިފައިވަނީ އެންމެ ހަތަޔަކުންނެވެ. އިންސާނުން ފަދަ އޮޅުންބޮޅުން ބޮޑު އެއްޗެހި އުފެދިގެންވަނީ އެތައް މިލިޔަން ހަތާތަކަކުންނެވެ. cell                                                                       

ޙަޔަވީ     ނއ.   ދިރޭ ތަކެއްޗާ ގުޅުން ހުރި. biological                                            

ޚަރާބު     ނ.     (1) ގޯސް. (2) ނުބައި. (3) ހަޑި.   

ނިޒާމު     ނ.     (1) އިންތިޒާމު. (2) ރޭވިފައިވާ ގޮތް. (3) ތަރުތީބު system                                                                                        

ރިވެލި     ނ.     އަލި ނުވަތަ އަޑު ނުވަތަ ހޫނު ނުވަތަ ފެނުގެ ރާޅުތައް ދަތުރުކުރަމުންދާ ދިއުމުގައި ސަތަހައެއްގައި ޖެހުމުން އައި ފަޅިއަށް އަނބުރައިދާ ދިއުން. reflection                          

ކަފާސް     ނއ.    (1) މަސައްކަތް ކޮށްކޮށް އެކަމެއް ނުވެވިގެން ހިތްވަރު ދެރަވެގެންވާ ވަރުބައްޔެއް. (2) ފޮށާ ނުވަތަ މުންޑު އަނދެފައި ހުންނައިރު އުނަގަނޑު ރޮދިގަނޑުގެ މައްޗަށް ހުންނަބައިން މައްޗަށް ނުވަތަ ބޭރަށްދަމާ އެއްޗެހި އަޅައިފައި ދަށަށްލައްވައި ހައްޔަރުކޮށްފައި އޮންނަތަން. (3) ލިޔާ ދަވާދު އަޅާއިރު އޭގެތެރެއަށް ލައިފައި އޮންނަ ރޮދިބޮނޑި ނުވަތަ ފޮތިކޮޅު.                                     

އަރައްކާ     ނ.     ބޮޑެތި ނުރައްކާ  hazard

ވީރާނާ     ނއ.   (1) އާބާދުވުމަށްފަހު، ހަލާކުވެގޮސްފައިވާ. (2) އިންދިރާސްވެފައިވާ. (3) ޢިމާރާތް ކޮށްފައިވާ ތަންތަން ބައުވެގެން ނުވަތަ އެ ނޫން ވެސް ގޮތަކުން ގޮސް ހަލާކުވެގޮސްފައިވާ.                                                        

ދަފަރާ     ނ.     ކަމަކުންވާ ދިފާޢު ނުވަތަ ސަލާމަތް.                                               

ދުޝްމަން   ނ.     (1) ޢަދާވާތްތެރިޔާ ނުވަތަ ހަތުރު (2) ދުސްމިނު.  enemy

ގިޔަމު      ނ.    ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް. Values

ޝާމިލު     ނއ.   އެއްޗަކަށް ނުވަތަ ކަމަކަށް ބޭނުންވާ އެންމެހައި އުންސުރުތައް ހިމެނޭ.  whole

ޖަރާސީމު    ނ.    ބަލިބަލީގެ ކުދިކުދި ފަނި. މިއީ ހަމަލޮލަށް ނުފެންނަ އެއްޗެކެވެ. germs

 

މަރުޖާ

[1]  - الذاريات: 21

[2]  - البقرة: 251

[3]  - الرعد: 11

ކޮމެންޓު