ad_banner
ފޭރާމުގެ ތަޖުރިބާކާރުންގެ ނަޒަރުގައި ހޫނުފެނުން ދޮވުން ލާޒިމު ތަކެތި

އަބާ މުޙަންމަދު

2 ނޮވެންބަރު 2025

ހޫނު ފެނުން ދޮންނާން ޖެހޭ ބައެއް ތަކެތި

ހޫނުފެނުގައި އަންނައުނު ކައްކައި އަންނައުނު މޫދުއަޅައި އުޅުނު ޒަމާނެއް ވެސް މާޒީގައި ފެނިފައިވެއެވެ. މި ޖީލުގެ މީހުންނަށް ނޭގުނަސް މިއީ އަންނައުނުގެ އިތުރަށް ގޭތެރޭގައި ބޭނުންކުރާ ބާލީހާއި ކަންނޭލުގެ އުރައާއި އެންދުމަތީގައި އަޅާ މިލަފޭއްޔާއި މަތީގައި ދަމާ ސަނދުވާއާއި ވަށައިދެމި ނުވަތަ މަދިރިގެ ފަދަ ފޮތީން ތައްޔާރުކޮށްފައި ހުންނަ ހުރިހާ އެއްޗެއް ސާފުތާހިރުކަން މަތީ، ޞިއްޙީ ގޮތުން ރަނގަޅު ޙާލަތުގައި ބެހެއްޓުމަށް ޓަކައި ކޮށް އުޅުނު ކަމެކެވެ. މި ބާވަތުގެ ތަކެތި މޫދުއެޅުމަކީ، މި ފަދަ ތަކެތި ވަލެއްގައި ނުވަތަ ނަނެއްގައި ނުވަތަ ރޯނެއްގައި ހަރުކޮށް ނުވަތަ އަމުނައި، އެ ވަލުގެ ދެކޮޅު ދެ ގަލެއްގައި ނުވަތަ ތިލޯއްޓެއްގައި ހަރުކޮށްފައި ބެހެއްޓުމެވެ. މި ގޮތަށް 24 ގަޑި އިރު ނުވަތަ ދެތިންދުވަހު ބެހެއްޓުމުން އެ ތަކެތީގައި ހުންނަ ހުރިހައި ޖަރާސީމެއް ނެތި ގޮސް އޭގެ ޠަބީޢީ ޙާލަތަށް ބަދަލުވެ ސާފުވާނެއެވެ.

ތަކެތި ސާފުކުރުމަށާއި ޖަރާސީމު ފިލުމުމަށާއި އަންނައުނުގައި ޖައްސާ ކުލަ ބަދަހިކުރުމަށް ޓަކައި ވެސް ކުރީ ޒަމާނުގައި ފޭރާން ނުވަތަ އަންނައުނު ހޫނު ފެނުގައި ކައްކައި އުޅުނެވެ. އޭރު ލޮޓަސް ސާބޯނި ނުވަތަ ކުޑަޖެހި ސާބޯނި ފަދަ (އިންޑިއާގައި އުފައްދާ) އާދައިގެ ސަބޯނި ނޫން އެއްޗެއް އަންނައުނު ދޮންނާކަށް ނުހުރެއެވެ. ތަންކޮޅެއް ފަހުން [އޯމޯ]އޭ ނަމަކަށް ކިޔާ މަރުކާއެއްގެ ދޮންނަކުނޑިއެއް ތަޢާރަފުވިއެވެ. އެހެންކަމުން އޭރު ހޫނުފެނުން އަންނައުނު ދޮންނަނީ ދޮންނާން ފަސޭހައަކަށް ޓަކައިކަމަށް ބަލައި އުޅުނެވެ. އެ ކަމުގެ ޞިއްޙީ ފައިދާ އެނގިގެން ނުވަތަ ނޭނގިތިބެ ނަމަވެހެވެ.

މި ޒަމާނަކީ ދޮންނަ މެސެނުތަކާއި ދޮންނާން ބޭނުންކުރާ އެކި ބާވްތަބާވަތުގެ ދޮންނަކުނޑިއާއި ދިޔާ އެތައް ބާވަތެއްގެ ތަކެތި ލިބޭން ހުންނަ ޒަމާނަށްވާތީ، ހޫނުފެނުން ތަކެތި ދޮވުމާއި އަންނައުނު މޫދުއެޅުން އަޅުގަނޑުމެން ވަނީ ދޫކޮށްލައިފައެވެ. ނަމަވެސް ފޭރާމުގެ ތަޖުރިބާކާރުން ބުނާ ގޮތުގައި ހޫނުފެނުން ދޮންނާން ކޮންމެހެން ޖެހޭ ފޭރާމުގެ ބާވަތްތަކެއް ހުރެއެވެ. އެއީ ޞިއްޙީ ގޮތުން ކޮންމެހެން ކުރާންޖެހޭ ކަމެއްކަށް ވެސް މި ފަދަ ތަޖުރިބާކާރުން ދެކެއެވެ.

އެހެންކަމުން ހޫނު ފެނުގައި ނުވަތަ ގަދަ ހޫނުގައި ދޮންނާންޖެހޭ ތަކެއްޗާއި ތާފަނާ ފެނާއި އާދައިގެ (ފިނި) ފެނުން ދޮންނާން ޖެހޭ ތަކެތި އަޅުގަނޑުމެންނަށް އެނގޭން ޖެހެއެވެ. އެއީ ޖަރާސީމުން ސަލާމަތްވެ ތިބުމަށް ޓަކައެވެ.

1. ތުވާލި

ތުވާއްޔަކީ [ބަރު] އުފުލާ، އަދި ފެން ހިފަހައްޓާ އެއްޗެކެވެ. އަދި ހަށިގަނޑުގައި ހުންނަ ދަލާއި ގައިގައި އުނގުޅާ ލޯޝަނާއި މި ނޫނަސް ތިމާގެ ހަށިގަނޑުގައި ހުންނަ ނުވަތަ އުނގުޅާ ކޮންމެ އެއްޗެއް ތުވާލީގައި އުނގުޅިފައި ހުންނާނެއެވެ. މި ގޮތަށް ގިނަ ދުވަސްތައް ވޭތުވުމުން ވަސްނުބައިވުމުގެ އިތުރަށް ހަށިގަނޑަށް އުނދަގޫވެ ޞިއްހީ ގޮތުން ހަމަށް ގެއްލުންދޭ އެއްޗަކަށް ތުވާލި ވެދާނެއެވެ. އެހެންކަމުން ދޭތެރެދޭތެރެއިން ތުވާލި ފަދަ ތަކެތި ހޫނުފެނުން ދޮންނާންޖެހޭނެއެވެ.

[ތުވާލިތަކުގައި ތެތްކަމާއި ދަލާއި ހަށިގަނޑުން ނުކުންނަ ޠަބީޢީ ތެޔޮ ޖަމާވާނެއެވެ. މިއީ ރަނގަޅަށް ދޮވެ ނުލައިފި ނަމަ، ވަރަށް އަވަހަށް ނުބައި ވަހާއި ޖަރާސީމު ފަދަ ތަކެތި ޖަމާވެދާނެ އެއްޗެކެވެ.] ފޭރާމުގެ ތަޖުރިބާކާރެއްކަމަށްވާ ޝިރްމަމަޑޯވާ ބުނެފައި ވެއެވެ. [ހޫނު ފެނުގެ ސަބަބުން މި ބާވަތްބާވަތުގެ އެންމެހައި ތަކެތި ތުވާލީން ފިލުވައިލައި ހަގީގީ ސާފުކަމާއި ތާޒާކަން އަލުން ހޯދުމަށް އެހީތެރިވެދެއެވެ.]

2. އެނދުގައި އަޅާ މިލަފޭއްޔާއި ބެޑުޝީޓު ފަދަ ތަކެތި:

އެނދުގައި އަޅާ މިލަފޭއްޔާއި ބެޑުޝީޓު ފަދަ ތަކެތީގައި އަޅުގަނޑުމެންގެ ޚިޔާލަށް ވެސް ނާންނަ ހައި ތަކެތި ހަރުލައފައި ހުރެއެވެ. މިސާލަކަށް: ހަށިގަނޑުން ނުކުންނަ ތެލާއި ދަލާއި ގައިގައި އުނގުޅާ ލޯޝަނާއި އަދި ހަމުގައި ހުންނަ މަރުވެފައި ހުންނަ ހަތާތައް ފަދަ ކިތަންމެ އެއްޗެއް އެނދުމަތީގައި އޮންނަ ފޮތުގަނޑުގައި ޖަމާވެފައި ހުންނާނެއެވެ.

[ހޫނުފެނަކީ އެނދުގައި އަޅާ ފޮއްޗާއި ތުވާލި ފަދަ ތަކެއްޗަށް ޒަރޫރަތެކެވެ. ސަބަބަކީ ހޫނުފެނުގެ ސަބަބުން ޖަރާސީމާއި ހިރަފުހެ ބާވަތްތަކާއި އެލާޖީވެދާނެ ފަދަ ބާވަތްތައް ފިލުވައިލާނެއެވެ.] ލާލާލޯންޑްރީގެ މުއައްސިސެއްކަމުގައިވާ ޕްރާނައި ރައި ބުނެފައިވެއެވެ. [އަދި ހޫނުފެނުގެ ސަބަބުން ހަށިގަނޑުން ނުކުމެފައި ހުންނަ ތެލާއި ދަގުއި ފިލުވައިލައި ސިއްހީ ގޮތުން އެކަށިގެންވާ އެއްޗަކަށް އެ ފަދަ ތަކެތި ހަދައިލައެވެ.]

އިނބައަކީ ހޫނުގައި (އޭސީ ނުކޮށް) ނިދާ، ނުވަތަ އޮޅުކޮށްގެން ގެންގުޅޭ ބުޅާ ފަދަ ތަކެތި އެނދުގައި ނިންދަވާ މީހެއް ނަމަ، ނުވަތަ އެއްވެސް ބާވަތެއްގެ އެލާޖީއެއް ހުންނަ މީހެއް ނަމަ، ބާލީހު އުރައާއި ބެޑު ޝީޓު ފަދަ ތަކެއްޗާ ވަކީން ދޮވުމަކީ މުހިންމު ކަމެއްކަމަށް ވެސް ދަންނަވާން ޖެހެއެވެ.

3. ތަށި ފޮހޭން ގެންގުޅޭ ތުވާއްޔާއި އަތްދޮށްފޮތި ފަދަ ތަކެތި:

ބަދިގޭގައި ފޮހޭން ނުވަތަ އަތްދޮށަށް ލައްވާން ގެންގުޅޭ ފޮއްޗަކީ ގޭގައި އެންމެ ގިނައިން ހަޑިވެ ޖަރާސީމު ގިނަވެދާނެ ފޭރާމުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. އެއީ ހަޑި ތަންތަނާއި، އަތާއި، މޭޒުމައްޗާއި އުނދުނާއި މި ނޫނަސް ބަދިގޭ ހުރިހައި އެއްޗަކާއި ތަނެއް ފޮހާން ބޭނުންކުރާ އެއްޗެކެވެ. އަދި ތަށި ސަމުސާ ފަދަ ތަކެތި ވެސް ވަރަށް ގިނަގިނައި ފޮހެލާން ޖެހެއެވެ.

އެ ސަބަބަށްޓަކައި ޝިރްމަމަޑޯވާ ފާހަގަކުރައްވާ ގޮތުގައި ރެސްޓޯރެންޓްތަކާއި ސުޕާތަކާއި އިސްޓޫޑިއޯތަކާއި ކެފޭ ފަދަ ތަންތާގެ ކަމޭދުން އަބަދުވެސް ޚިދުމަތް ހޯދާން ބެނުންވާނީ ހޫނުފެނުން ދޮވެ ސާފުކޮށްފައި ހުންނަ ތަކެއްޗެވެ. ގޭގައި ވެސް މި އާދައަކީ ސާފުތާހިރުކަމާއި އަދި ތިމާގެ ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށާއި ގެންގުޅޭ ސާމާނު ގިނަ ދުވަހު ދެމެހެއްޓުމަށް ޓަކައި އެހީތެރިވެދޭނޭ ކަމެކެވެ.

4. ގަޔަށް ލައި ނުވަތަ އަނދެ އުޅޭ ފޭރާމާއި ހަށިގަނޑާ ދެމެދު ހުންނަ ފޭރާން:

ގަޔަށް ލައި އުޅޭ ނުވަތަ އަނދެ އުޅޭ ފޭރާމުގެ ބާވަތްތަކާއި ހަށިގަނޑާ ދެމެދު ބޭނުންކުރާ ބާވަތްތަކެއް ހުރެއެވެ. އެއީ ކޮނޑުކެނޑިއާއި، ކިރުހިއްޕިއާއި ޖަނގިޔާ ފަދަ ތަކެއްޗެވެ. މިއީ އިނބަގެ ގައިގެ ހަމުގައި އަބަދު ވެސް ޖެހިފައި ހުންނާނެ ތަކެއްޗެވެ. އެހެންކަމުން މި ފަދަ ތަކެއްޗަކީ ސާފުތާހިރުކޮށް ބަހައްޓާން އެންމެ މުހިންމު ތަކެއްޗެވެ. މި ފަދަ ތަކެތި ހޫނު ފެނުން ދޮވުން ވަރަށް މުހިންމެވެ. އެކަމަކު ގިނަ ފަހަރަށް އެންމެ ސަމާލުކަން ނުދެވެނީ ވެސް މި ބާވަތްތަކަށެވެ.

ނަމަވެސް މި ބާވަތުގެ ތަކެތި ހޫނުފެނުން ދޮންނަ އިރު އެއީ ކޮން ބާވަތެއްގެ ފޭރާމެއްތޯ (ނައިލޯނު، އުއި، ފަށުވި، ޓެޓުރޯން ފަދަ) ކަށަވަރުކުރާންޖެހެއެވެ. އަދި އުފެއްދި ފަރާތުން ހަރުކޮށްފައިވާ ލޭބަލު ބަލައި ހޫނު ފެނުގައި ކެއްކުމުން ވިރޭ އެއްޗެއްތޯ ކަށަވަރުކުރުން މުހިންމެވެ.

ހުރިހައި ޙާލަތެއްގައި ހޫނުފެން ބޭނުން ނުކުރެވޭނެކަން ހަނދާންކުރާންޖެހޭ :

އިސްވެ ދަންނަވައިލެވުނު ތަކެތި ހޫނުފެނުން ދޮވުމަކީ ކިތަންމެ މުހިންމު ކަމެއް ނަމަވެސް ހޫނުފެނުން ދޮވުމުން ހަލާކުވާނެ ނުވަތަ ގެއްލުންލިބިތާނެ ބާވަތްތައް ހުންނާނެކަން ވެސް ހަނދާނުގައި ބަހައްޓާންޖެހެއެވެ. މި ބާވަތްބާވަތުގެ ތަކެތި ދޮންނާން ވަކި ޚާއްޞަ ދޮންނަކުނޑިއެއް ނުވަތަ ދިޔައެއް ހުންނަ ނަމަ އެ ފަދަތަކެތި ހޯދުން މުހިންމެވެ. ނަމަވެސް ކޮނޑުކެނޑިއާއި ޖަނގިޔާ ފަދަ ތަކެތި އެއީ އުއި ފޮތީން ހުންނަ ތަކެތިކަމަށް ހެދިދާނެއެވެ. އޭރުން ހޫނުފެނުން ދޮވުމުގައި މައްސަލައެއް ދިމައެއް ނުވާނެއެވެ.

އާންމުކޮށް ހެދޭ ގޯސްތައް:

ހޫނުފެނުން ދޮންނަ އިރު، އެއީ ކޮން ބާވަތެއްގެ މާއްދާއަކުން ހަދައިފައި ހުންނަ އެއްޗެއްތޯއެއް ނުބެލެއެވެ. އަދި ދިޔާ އޯމޯ މާ ގިނައިން އެޅޭތަން އާދެއެވެ. އަދި ފޭރާން އުފައްދާ ކުންފުނިތަކުން އެ ތަކެތި ދޮންނަ އިރު ހޫނުމިން ބަހައްޓާން ޖެހޭ މިންވަރު ބަޔާންކޮށްފައި ހުންނަ ލޭބަލުތަކަކަށް ނުބެލެއެވެ. މިއީ ވަރަށް ބޮޑު ގޯހެކެވެ. އެހެންކަމުން ފޭރާމުގެ އެއްވެސް ބާވަތެއް ހޫނުފެނުން ދޮންނަ ނަމަ މި ފަދަ ކަންތައްތަކަށް ސަމާލުކަންދޭންޖެހޭނެއެވެ.

ސަމާލު!

މި މަގާލުގައި މި ވަނީ ވަރަށް އާންމު މައުލޫމާތެކެވެ. މިއީ އެއްވެސް ހާލެއްގައި ޑޮކުޓަރީ ނުވަތަ ސިއްހީ ތަޖުރިބާކާރުން ދޭ އިރުޝާދެއްނޫނެވެ. މި ފަދަ ކަންކަމުގައި ޞިއްޙީ ތަޖުރިބާކާރުންގެ މަޝްވަރާ ވެސް ހޯދުން މުހިންމެވެ.

____________________________________

ބައެއް ލަފުޒުގެ މާނަ:

ކިރުހިއްޕި    ނ.    އަންހެނުންގެ އުރަމަތި ރީތިކޮށް ހިފެހެއްޓުމަށް ޓަކައި ހަދައިފައި އޮންނަ އެއްޗެއް. މި ކިތަންމެ ސިފަސިފައަކަށް ހަދައެވެ.

ކޮނޑުކެނޑި  ނ.    ގިރުވާނެއް، އަތެއް، ގޮށްފޮއްޗެއް ނެތި ހުންނަ ގަންޖުފަރާސް.

މަދިރިގެ     ނ.    މަދިރީން ރައްކާތެރިވުމަށް ޓަކައި މަދިރީގެ ފޮތީން ނުވަތަ ތުނި ފޮއްޗަކުން ތައްޔާރުކޮށްފައި އޮންނަ އެއްޗެއް. މީގެ ތެރޭގައި ވަށް މަދިރިގެއާއި ހަތަރެސްކަން މަދިރިގެއާއި، ގޮށި މަދިރިގެ ވެސް ހުރެއެވެ.

މިލަފޭލި     ނ.    ތަންމަތިއަޅައިފައި އޭގެ މަތީން އަޅާ ފޮތިގަނޑު.

     ތިލޯށި      ނ.    އޮޑިދޯނިފަހަރުގެ ފުށުވާ ހިފަން އެއްގަމަށް ޖަހައިފައި ހުންނަ އެތި.    

ސަނދުވާ    ނ.    އަށްޓާއި އެނދާއި އުނދޯލި ފަދަ ތަންތާނގެ މަތީގައި ދަމާ ފޮތިގަނޑު.

ކޮމެންޓު