އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
12 އޯގަސްޓް 2025
އަލްޖަޒީރާގެ ޢަރަބި ޗެނެލަށް ޢަރަބިބަހުން ރިޕޯޓުކުރައްވާ މަޝްހޫރު މަޤުބޫލު އަދި ކުޅަދާނަ ނޫސްވެރިޔާ އަނަސް އައްޝަރީފުގެ މައްޗަށް ފާއިތުވި މަސްތަކުގައި އިސްރާއީލުން ވަނީ އޭނާގެ އަގުވައްޓައިލުމަށް ޓަކައި ވަރުގަދަ ކެންޕޭނެއް ވެސް ހިންގައިފައެވެ. އިސްރާއީލު ސިފައިންގެ ތަރުޖަމާނު އަވިޗައި އަދުރޭ ވަނީ މި ދިޔަ މަހު އެކްސްގައި އާންމުކުރި ވީޑިއޯއެއްގައި ސީދާ އައްޝަރީފުފުގެ ނަން ކިޔައި އޭނާއަށް ބޮޑެތި ދޮގު ތުހުމަތުތަކެއް ކޮށްފައިވެއެވެ. އިސްރާއީލުން އެއްވެސް ހަގީގަތެއް ނެތް ދޮގުތުހުމަތެއް ކޮށް އައްޝަރީފަކީ ޙަމާސްގެ ހަތިޔާރުއެޅި ގޮފީގެ މީހެއްކަމަށް ބުނަމުން ގެންދެއެވެ. ސަބަބަކީތޯއެވެ!
ސަބަބަކީ އަލްޝަރީފަކީ ޣައްޒާގައި އަލްޖަޒީރާ އަރަބި ބަހުގެ މޫނުމައްޗެވެ. އެއީ އިސްރާއީލުން ޙިޞާރުކޮށްފައިވާ ޣައްޒާގެ ސަރަޙައްދުތަކުގައި އިސްރާއީލުން ހިންގަމުން ގެންދާ އަނިޔާވެރި ޢަމަލުތަކުގެ ވާހަކަ ޢަރަބިބަހުން ރިޕޯޓްކުރައްވަމުން ގެންދެވި އެންމެ ފާހަގަކޮށްލެވޭ މަޝްހޫރު އަދި މަޤުބޫލު ޝަޚުޞިއްޔަތެކެވެ. އޭނާގެ އަގުވައްޓައިލާން އިސްރާއީލުން ކުރަމުން ގެންދިޔަ އެއްވެސް ކެންޕޭނަކުން އޭނާގެ އަބުރަކަށް ޝަޚުޞިއްޔަތަކަށް އަސަރެއް ނުފޯރިއެވެ. އޭގެ ބަދަލުގައި އޭނާއަށް ކުރާ ގަދަރު އައީ އިތުރުވަމުންނެވެ. އެއީ ކުޅަދާނަ ގާބިލު، އަދި ހިއްވަރުގަދަ ޒުވާނެކެވެ.
އެހެންކަމުން އިސްރާއީލުގެ އޮފިޝަލުން އޭނާއަށް އިންޒާރުދީ، އިސްރާއީލުގެ އަނިޔާވެރި ޙަމަލާތަކުގެ މަޢުލޫމާތު ރިޕޯޓްކުރުން ހުއްޓައިލާން އޭނާއަށް މަޖުބޫރުކުރަމުން ގެންދާތާ އެތައް މަހެއްވެއްޖެއެވެ. ނަމަވެސް އޭނާ އެ ކަމަށް ދެކޮޅު ހަދައި ޣައްޒާގެ އުތުރު ސަރަހައްދުގައި މަޑުކޮށްގެން ހުރެ، އެ ކަން ކުރިއަށް ގެންދާނެކަމަށް ވައުދުވިއެވެ.
އިސްރާއީލުން އޭނާއަށް ތަކުރާރުކޮށް އިންޒާރުދެމުން ގެންދާތީ އިންސާނީ ހައްގުތަކާ ބެހޭ ގިނަ ޖަމާއަތްތަކާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވައިލާ ޖަމާއަތްތަކުން އައްޝަރީފުގެ ހިމާޔަތަށް ވަނީ ގޮވައިފައެވެ.
އިސްރާއީލުން ބުނެފައިވާ ގޮތުގައި އޮކްޓޫބަރު ހަތެއްގެ ޙާމަލާގައި އިސްރާއީލުން ބަޔަކު ރަހީނުކުރި އެކަކީ އައްޝަރީފެވެ. ނަމަވެސް އިސްރާއީލުން އައްޝަރީފަށް ކުރާ ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގެއްކަމަށް [ޔޫރަޕިއަން ކައުންސިލް އޮން ފޮރިން ރިލޭޝަންސް]ގެ މުޙައްލިލެއްކަމަށްވާ މުޙަންމަދު ޝެހެޒާދާ ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އެ ކަމުގައި އައްޝަރީފު ބައިވެރިވެވަޑައިގަތްކަމުގެ އެއްވެސް ހެތްކެއް އެއްވެސް މީހަކަށް ދެއްކިފައެއް ނެތެވެ. އައްޝަރީފު އަބަދު ވެސް ފެނިފައިވަނީ ނޫސްވެރިއެއްގެ ގޮތުގައި ޙަރަކާތްތެރިވަމުން ގެންދިޔަ ތަނެވެ. (މާނައަކީ: އިސްރާއީލުން ހަދަމުން ގެންދަނީ ކަނޑައެޅިގެން ދޮގެކެވެ. އެއީ ބަހަނާއެކެވެ.)
ކޮންމެއަކަސް އެންމެ ފަހުން އައްޝަރީފާއި އެހެން ނޫސްވެރީންތަކެއް އައްޝިފާ ހޮސްޕިޓަލްގެ ދޮރޯށި ކައިރީގައި ފޭލިގެ ޖަހައިގެން ތިއްބައި އެ ފޭލިގެއަށް އަމާޒުކޮށް އިސްރާއީލުން ގަސްތުގައި ހަމަލާ ދިނީއެވެ.
މި ދިޔަ އާދީއްތަ ދުވަހުގެ ރޭ ދަންވަރު އިސްރާއީލުން ދިން ހަމަލާއިން ޣައްޒާ ސިޓީގެ އައްޝިފާ ހޮސްޕިޓަލް ތެޅިގަތެވެ. މި ބާރުގަދަ ޙަމަލާދިނުމާ އެކު، ޒަޚަމްވި މީހުންނަށް އެހީތެރިވުމަށް މީހުން އަވަސްވެގަނެ، ފޭލިގޭ ސަރަހައްދަށް ޖަމާވި އިރު، އަލްޖަޒީރާގެ ފަސް މުވައްޒަފަކު ޝަހީދުކޮށްލައިފައިވާކަން އެނގުނެވެ. އޭގެ ތެރޭގައި އިސްރާއީލު ސިފައިންގެ ޢުދުވާނުތައް ޣައްޒާ ސަރަހައްދުން އަރަބި ބަހުން ރިޕޯޓުކުރާ އެންމެ މަޝްހޫރު އެއް މޫނުކަމަށްވާ އަނަސް އައްޝަރީފު ހިމެނެއެވެ.
ޢުމުރުން 28 އަހަރުގެ ޒުވާން އަނަސް އައްޝަރީފަކީ ފާއިތުވި 22 މަސް ދުވަހުގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދިޔަ އަނިޔަވެރި ޖަރީމަތައް މެދުނުކެނޑި ރިޕޯޓުކުރުމުގައި ޣައްޒާގައި އެންމެ ފާހަގަކޮށްލެވޭ އެއް މޫނެވެ. ދެ ކުދިންގެ ބައްޕައެއްކަމަށްވާ އައްޝަރީފަކީ ޖަބަލިއާ ރެފިއުޖީ ފޭލިގެ އަވަށަށް އުފަންވި، އަދި އަލްއަގްސާ ޔުނިވާސިޓީގެ ފެކަލްޓީ އޮފް މީޑިއާ އިން ޑިގްރީ ހާސިލްކޮށްފައިވާ ބޭފުޅެކެވެ. އައްޝަރީފުގެ ބައްޕަ ވެސް ވަނީ ޢާއިލާ ދިރިއުޅެމުން ގެންދިޔަ އެ މީހުންގެ އަމިއްލަ ގެއަށް 2023ވަނަ އަހަރުގެ ޑިސެންބަރު މަހު އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ޝަހީދުކޮށްލައިފައެވެ.
އައްޝަރީފުފުގެ އިތުރަށް އާދީއްތަ ދުވަހުގެ ރޭގެ އަނިޔާވެރި ޙަމަލާގައި ޝަހީދުވެފައިވާ އަލްޖަޒީރާގެ އެހެން ނޫސްވެރީންނަކީ:
1. މުޙަންމަދު ޤުރެއިޤިހު، ކޮރެސްޕޮންޑެންޓް
2. މުޢާމިން އަލިވާ، ކެމެރާމަން
3. މުޙަންމަދު ނައުފަލު، އެހީތެރިޔާ
4. އިބްރާހީމް ޒާހިރު، ކެމެރާމަން
މީގެ އިތުރަށް 2023 އޮކްޓޫބަރު 7އިން ފެށިގެން މިހައިތަނަށް 270އަށް ވުރެ ގިނަ ނޫސްވެރީން އިސްރާއީލުން ގަސްތުގައި ޙަމަލާދީ މަރައިލައިފައި ވެއެވެ. މީގެ ތެރެއިން 269 މީހުންނަކީ ފަލަސްޠީނު ރައްޔިތުންނެވެ. މީގެ އިތުރަށް ލުބުނާނުގެ ތިން ނޫސްވެރިއަކާއި ޚުދު އިސްރާއީލަށް ނިސްބަތްވާ ދެ ނޫސްވެރިއެއް ވެސް މަރައިލައިފައިވާކަމަށް ބައިނަލްއަގުވާމީ ނޫސްވެރީންގެ ޖަމުއިއްޔާގެ ނޫސްވެރީން ޙިމާޔަތްކުރާ ކޮމެޓީއިން ބުނެއެވެ.
އިސްވެ ދިޔަ މަޢުލޫމާތަށް ބަލާ އިރު، އަނަސް އައްޝަރީފު އިސްރާއީލު ސިފައިން ޝަހީދުކޮށްލީ އިސްރާއީލުގެ ޢުދުވާނު އެންމެ ތަފުޞީލުކޮށް ރިޕޯޓުކުރަނީ އޭނާކަމަށްވާތީއެވެ. އެ މީހުންގެ ޢުދުވާނު ދުނިޔެއަށް ވަންހަނާކުރެވޭތޯއެވެ.