އަބާ މުޙަންމަދު
10 އޯގަސްޓް 2025
މިލަދުންމަޑުލު އުތުރިބުރިއަކީ ރާއްޖެއަށް ނަމޫނާ އަތޮޅެކޭ ދެންނެވުމަކީ އެހެން އަތޮޅުތަކަށް ކުރެވޭ ބޭއިޙުތިރާމަކަށް ނުވާނެއެވެ. ކައުންސިލްތައް އުފެދުމުގެ ކުރީން އަތޮޅު އޮފީސްތައް ހުރި ޒަމާނުގައި ވެސް އެ އަތޮޅު (ށ. އަތޮޅު) ފާހަގަކުރެވިފައިވަނީ ޙަރަކާތްތެރި އަތޮޅެއްގެ ގޮތުގައެވެ. ވަޠަނީ ފިކުރުގައި ރައްޔިތުންގެ ކުރިއެރުމާއި ލާބައަށް ޓަކައި، އިޖުތިމާޢީ، މާލީ، ޢިލްމީ އެތައް ކަމާކެތްމެއް ކޮންމެ އަހަރަކު ވެސް ހިންގަވައެވެ. ތަފާތު މުބާރާތްތައް ބާއްވަވައެވެ.
އެ އަތޮޅުގައި އެންމެ އިސްކަމެއް ދެއްވައިގެން ބާއްވަވާ އެއް މުބާރާތަކީ އަތޮޅު ފެންވަރުގައި ބާއްވަވާ ޤުރުރުއާންކިޔެވުމުގެ މުބާރާތެވެ. އަތޮޅު އޮފީސް ހުރި ދުވަސްވަރުން ފެށިގެން ސިލްސިލާކޮށް އަހަރަކު އެއް ފަހަރު ބާއްވަވަމުން ގެންދަވާ މި މުބާރާތަކީ އަތޮޅު ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި ފެތުރުމަށް ޓަކައި މަސައްކަތްކުރުމާއި، ކީރިތި ޤުރުއާން ހިތުދަސްކުރުމަށާއި، ތަޖުވީދުމަގަށް ރީތިކޮށް ޤުރްއާން ކިޔެވުމަށް ހިތްވަރުދިނުމަށާއި، ޤުރްއާން ރީތިކޮށް ކިޔެވުމުގެ މައިދާނުގައި ދަރިވަރުންގެ މެދުގައި ވާދަވެރިކަން އުފެއްދުމަށާއި، ޤާރީންނާއި ޙާފިޡުން އުފެއްދުމަށް ބާރުއަޅައި އެ ކަމަށް ހިތްވަރުދިނުމަށާއި، ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ބޭނުންވާ ފެންވަރު ރަނގަޅު ބައިވެރީން އުފެއްދުމަށާއި، ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ށ. އަތޮޅު ތަމްސީލުކުރާނެ ޤާބިލް ޓީމެއް އެކުލަވައިލުމެވެ. މީގެ އިތުރަށް ށ. އަތޮޅުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫޙު އަށަގެންނެވުމާއި އިސްކޫލުތަކުގެ މެދުގައި ބަދަހި ގުޅުމެއް ޤާއިމްކުރެއްވުމަކީ ވެސް މި މުބާރާތުގެ މުހިންމު މަގުސަދެކެވެ. މިއީ އެ އަތޮޅުގެ ރަށްރަށުގެ އިސްކޫލުތަކާއި، ކައުންސިލުތަކާ ގުޅިގެން އަތޮޅު ކައުންސިލުން ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ ސިލްސިލާ މުބާރާތެއްކަން ފާހަގަކޮށްލެވެއެވެ.
ޤުރުއާން ކިޔެވުމުގެ މި އަހަރުގެ މުބާރާތް ބާއްވަވައިފައިވަނީ ސްކޫލް ޗުއްޓީއާއި އަދި މި ދިޔަ ހަފުތާ ބަންދާ ވެސް ދިމާވާ ގޮތަށެވެ. މި މުބާރާތް މިހާރު ވަނީ ކާމިޔާބުކަމާ އެކު، ނިންމައިލައްވައި ވަނަވެރީންނަށް އިނާމު ވެސް ދެއްވައިފައެވެ.
މުބާރާތުގެ އެއްވަނަ ސްކޫލަކަށް ހޮވިފައިވަނީ މިލަންދޫ ސްކޫލެވެ. ދެވަނައަށް އައީ އަތޮޅު މަދަރުސާއެވެ. ތިންވަނަ އިސްކޫލަކީ ށ. ފޭދޫ ސްކޫލެވެ.
ފަޚުރުވެރި ވަނަތަކަށް ހޮވުނު ދަރިވަރުން:
v ބަލައިގެން ކިޔެވުމުގެ ގޮފީން:
އެއްވަނަ: އާމިނަތު ސިޒާ މުޙައްމަދު، ށ. މިލަންދޫ ސްކޫލް
ދެވަނަ: އީލާފް ބިން ޢަބްދުﷲ ރަޝީދު، ފޭދޫ ސްކޫލް
ތިންވަނަ: ޢާއިޝަތު ހަނާން ރަޝީދު، މިލަންދޫ ސްކޫލް
v ހިތުން ކިޔެވުމުގެ ގޮފީން:
އެއްވަނަ: ފާޠިމަތު ސިލީން އަޙްމަދު ޢާޠިފް ، މިލަންދޫ ސްކޫލް
ދެވަނަ: ޢާއިޝަތު ޞަބާ، މިލަންދޫ ސްކޫލް
ތިންވަނަ: މަރްޔަމް ނާހީ މުޙައްމަދު، ށ.އަތޮޅު މަދަރުސާ
މީގެ އިތުރަށް ތަޢުލީމުގެ ހުރިހައި ގިންތިއަކާއި މަރުޙަލާތަކަކުން ވެސް ވަނަވެރީން ހޮވައި އިނާމުދެއްވައިފައިވެއެވެ.
މި މުބާރާތުގެ ނަތީޖާ ފާޅުކުރައްވައި ވަނަވެރީންނަށް އިނާމުދެއްވުމަށް ޓަކައި ބޭއްވެވި ޚާއްޞަ ޖަލްސާ އޮތީ އިއްޔެ ހެނދުނު 10:30ގައި ފުނަދޫ ސްކޫލުގެ ގިނަކާމު މާލަމުގައެވެ. ކީރިތި ޤުރުއާނުގެ ބަރަކާތުން، މިލަންދޫ ސްކޫލުގެ ޤުރުއާން ޓީޗަރ އަޙްމަދު ފިރާޤު ޤުރުއާން ކިޔަވައިވިދާޅުވި މި ޖަލްސާގައި މަރުޙަބާއާއި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅުދެއްކެވީ ށ.އަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު ޝިޔާމެވެ. ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތަށް އޭނާ ގެންގުޅުއްވާ ތަޞައްވުރާއި އެ ކަމަށް އޭނާގެ ހިތްޕުޅުގައި އޮތް ޝައުގާއި ޢަޒުމު އޭނާގެ ވާހަކަފުޅުން ހާމަވިއެވެ.
ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއަރޒް އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލު އަބޫބަކުރެވެ. އޭނާގެ ވާހަކަފުޅުގައި ރީތިކޮށް ޤުރުއާން ކިޔެވުމުގެ ބޭނުމާއި، މުހިންމުކަމުގެ މައްޗަށާއި، ޤުރުއާން ޢިލްމަށް އަހުލުވެރިވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލައްވައި ވާހަކަފުޅުދެއްކެވިއެވެ. އަދި އެއީ ހުރިހައި ޢިލްމެއްގެ މައިގަނޑު މަރުޖާކަމަށް ވިދާޅުވަމުން، ޤުރުއާނަކީ މުޅި ދިރިއުޅުމުގެ މަންހަޖުކަމަށް ހަދާން ދަރިވަރުންނަށް އިލްތިމާސްކުރައްވަމުން، ދުނިޔެއާއި އާޚިރަތް ބާއްޖަވެރިވާނީ އޭރުންކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން ޤުރުއާނުގެ ޢިލްމާއި ފަންނު ދިރުވައި އާލާކުރައްވައި ދެމެހެއްޓުމަށް ޓަކައި ސަރުކާރުން ވަރަށް ބޮޑު އިްކމެއް ދެއްވާކަމަށް ވިދާޅުވެ އެ ކަމަށް ޓަކައި ކުރައްވަމުން ގެންދަވާ ބައެއް މަސައްކަތްޕުޅުތަކަށް ވެސް އަލިއަޅުވައިލެއްވިއެވެ.
އިސް ފަނޑިޔާރެއްގެ ގޮތުން ވާހަކަފުޅުދައްކަވަމުން އަލްޤާރީ މުޙަންމަދު ޝިނާން މުނީރު ވަނީ މުބާރާތުގައި ރަނގަޅުކުރާންހުރި ކަންކަން ވިދާޅުވެދެއްވައި އަދި ފާހަގަކުރެއްވުނު ރަނގަޅުކަންކަން ވެސް ބަޔާންކުރައްވައިފައެވެ. އަދި ރާގުގެ މުހިންމުކަމާއި ރާގުގެ އަސާސީސީ ބައިތައް ވެސް އޭނާގެ ވާހަކައިގައި އޮޅުންފިލުއްވައިދެއްވިއެވެ.
ބައެއް ލަފުޒުގެ މާނަ:
ކަމާކެމި ނ. ކަމެއްގައި އެކުލެވިގެންވާ ހުރިހައި ކަމެއް. Programme
ވަނަވެރީން ނ. މުބާރާތެއްގައި ނުވަތަ މައުރަޒެއް ފަދަ ތަނަކުން ވާދަކޮށްގެން އިނާމު ލިބޭ ވަނަވަނަ ކާމިޔާމުބުރާ ކުދީން ނުވަތަ މީހުން . winners
މާލަން ނ. ގިނަބަޔަކު ޖަލްސާއެއް ކުރުމަށް ބައްދަލުވުމަށް ނުވަތަ ޝޯ އެއް ބެލުމަށް ނުވަތަ ޕާޓީއެއް ބޭއްވުމަށް ބޭނުންކުރާ ބޮޑު ކޮޓަރިއެއް ނުވަތަ އިމާރާތެއް. Hall, lounge
ގިނަކާމު ނއ. ގިނަ ކަންކަމަށް ބޭނުންކުރެވޭ. Multipurpose