ad_banner
ކޮލަމް ހަމަ (37): "މާޒީ"ގެ ދޭސީ ޚިޔާލެއް - އާރުޓީއެލް

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

12 އޯގަސްޓް 2025

އާރުޓީއެލްގެ ދެ ބަހެއް

ދިވެހިރާއްޖޭގެ އާންމު ދަތުރުފަތުރުގެ ނިޒާމަށް [އާރުޓީއެލް] (RTL) ކިޔާތީ އެއީ ކޮން އެއްޗެއްތޯ އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދުނެވެ. އަޅުގަނޑުގެ ވިސްނުން [ކަޓު]ކަމުންކަމަށް ވެދާނެއެވެ. ނަމަވެސް އާރުޓީއެލް (RTL)އޭ ބުނީމާ ހަމަ ގައިމު ވެސް އިނގިރޭސިބަހުގެ އަހުލުވެރީންގެ ޚިޔާލަށް އަންނާނީ އެއީ [ރައިޓް-ޓު-ލެފްޓް]ކަމަށެވެ. ނުވަތަ [ރެޖިސްޓަރ-ޓްރާންސްފަރ ލެވެލް]ކަމަށެވެ. އަދި މި ނޫނަސް ބައިވަރު މަފުހޫމުތައް މި ރަމްޒާ ގުޅިގައިވާނެކަން ކަށަވަރެވެ.  ގޫގްލް [އެދުރުބެ] ވެސް ބުނަނީ އެ ކަހަލަ އެއްޗެކެވެ.

ތެދުތެދަށް ދަންނަވާ ނަމަ، އަޅުގަނޑަކަށް ދިވެހި ލާންޗުފަހަރުގައްޔާއި ބަސްތަކުގައި ލިޔެފައިވާ އެ ރަމްޒު (RTL) ނިސްބަތްވާ ނަމެއް ކުރިއަކުން ނޭނގެއެވެ. އަޅުގަނޑަކީ ޒުވާނަކަށް ނުވާތީކަމަށް ވެދާނެއެވެ. ކޮންމެއަކަސް ބަހުގައި އެހެން އޮތީމާ ފުރަތަމަ އަޅުގަނޑު ހިތަށް އެއީ އެ ވާނީ [ރޯޑް ޓްރާންސްޕޯޓް ލައިން]ކަމަށެވެ. އެކަމަކު ޔަގީނެއް ނޫނެވެ. އެނގެނީ އެއީ ދިވެހީންގެ ފަސޭހައަށް ޓަކައި ދިވެހީންނަށް އަމާޒުކޮށްގެން ފަރުމާކޮށް ތަންފީޒުކުރާ ދަތުރުފަތުރުގެ ނިޒާމެއްކަމެވެ.

އެއް ދުވަހަކު ޚަބަރު ބަލާން އިން ގަޑިއެއްގައި އާރުޓީއެލްގެ ހަގީގަތް ސާފުވެއްޖެއެވެ. އެއީ [ރާއްޖެ ޓްރާންސްޕޯޓް ލިންކް]ގެ ރަމްޒެވެ. އެ ނަން ދިގުކޮށް އެ ބޭފުޅަކު ވިދާޅުވީތީ އެނގުނީއެވެ. މި ނަން އިވުނީމާ އަޅުގަނޑުގެ ހިތަށް އެރިއެވެ. ދިވެހިރާއްޖޭގައި ރައްޔިތުންނަށް ޚިދުމަތްކުރާ މުއައްސަސާތަކުގެ އިސްވެރީންނަށް ދިވެހިބަސް ހުތުރުވެފައި އިނގިރޭސިބަސް މިހައި ބޮޑަށް ރީތިވަނީ ކީއްވެބާވައެވެ. އެ ބޭފުޅުންގެ [ޒަމާނީ]ކަމުންކަމަށް ވެދާނެ ދޮގެއްތޯއެވެ؟ ހަމަ ގައިމު ވެސް އެ ކަމާ ބަސް ކިޔޭ ހިސާބެއްގައި އަޅުގަނޑު ހުރި ނަމަ، އެ ނަމަށް އަޅުގަނޑު ކީހީ [ދިރާގު] ކިޔައިފައިވާ ގޮތަށް [ފެނަކަ] ކިޔައިފައިވާ ގޮތަށް އެ ކަހަލަ ނަމެކެވެ. [ދިރާގު] މި ނަން ކިޔާން ފެށީމާ ހުތުރުވެގެންނެއް އެކަކު ވެސް އުޅޭ ހެނެއް ހިޔެއް ނުވެއެވެ. އެއީ [ދިވެހި ރާއްޖޭގެ ގުޅުން] މި ނަމުގެ ކޮންމެ ލަފުޒެއް ފެށޭ އަކުރެވެ. [ފެނަކަ]އަކީ ވެސް ކިހައި ރީތި ނަމެއްތޯއެވެ؟ ހުތުރުތޯއެވެ؟ ފެނާއި ނަރުދަމާއާއި ކަރަންޓުގެ ފެށޭ އަކުރުތައް ނޫންތޯއެވެ؟

 އާރުޓީއެލްގެ ލާންޗެއް (ފޮޓޯ: ޕީއެސްއެމް/ އެމްޓީސީސީ)

ހަމަ މި ފަދައިން ދިވެހީންގެ ފަސޭހައަށް ޓަކައި ދިވެހީންނަށް ޓަކައި ގާއިމުކުރި މި ޚިދުމަތަށް [ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ގުޅުން] ނުވަތަ [ރާއްޖޭގެ ދަތުރުފަތުރުގެ ގުޅުން] މި ނަންދީފައި މި ނަމުގައި ހުރި ލަފުޒުތަކުގެ ފެށޭ އަކުރު ރަމްޒެއްގެ ގޮތުގައި ވަކި ނުކިޔޭންވީ ކީއްވެގެންތޯއެވެ؟ އެހެންނަމަ، [ދިރާދަގު]، [ދިދަގު]، ނުވަތަ [ރާދަގު] ފަދަ ރަމްޒެއް ނުވަތަ [ރދގ] ފަދަ ރަމްޒެއް ބޭނުންކުރާން ފެއްޓުނު ނަމަ، [ދިރާގު] ފަދައިން ނުވަތަ [ފެނަކަ] ފަދައިން މިހާރު އޮތީހީ މަޝްހޫރުވެ ދިވެހި އަދި ބިދޭސީ ކަންފަތްތަކަށް ހޭނިފައެވެ.

އަޅުގަނޑު މި ދޭސީ ހާސަރު ލިޔެލާ ހިތްވީ ހިތުގައި އުފެދުނު ސުވާލެއްގެ ސަބަބުންނެވެ. ދިވެހިރާއްޖޭގައި ދިވެހީންނަށް ޚިދުމަތްދޭން އުފެދިފައި ހުންނަ ގިނަ މުއައްސަސާތަކުގައި ތިއްބަވާ އިސް ބޭފުޅުން ދިވެހިބަސް އަޑު އިވޭ އިރަށް ހޮޑުފުޅުލަވާ ގޮތް މިވަނީ ކީއްވެބާވައެވެ. ކިތަންމެ ވަރަކަށް ދިވެހިބަސް ދެކެ ކޯފާވިޔަސް އެ ބޭފުޅުން ވެސް ވާނީ ހަމަ މި ފަސްގަނޑަށް އުފަންވެވަޑައިގަތް މި ގައުމުގެ ދަރީންނަށެވެ.

ހިތަށް ލުއިކަމެއް ލިބޭތޯ މި ޝުޢޫރުތައް ލިޔުމަކަށް ބަދަލުކޮށްލުމުގެ ޚިޔާލު އައި ނަމަވެސް [ދިރާގު]އާއި [ފެނަކަ] އުފެއްދެވި ޤައުމިއްޔަތަށް ލޯބިކުރައްވާ ބޭފުޅުން އެބަ ތިއްބެވިކަން ހަނދާންވުމުން އެ ފަދަ ބޭފުޅުންނަށް ސެލިއުޓްކޮށް ތަހުނިޔާ ދަންނަވަމެވެ. ހުރިހައި ދިވެހީންނަކީ އެ ބޭފުޅުން ފަދަ ދިވެހިވަންތަކަމަށް ލޯބިކުރާ ދިވެހީންނަށް ވުން އެދި ދުޢާކުރަމެވެ.

ކޮމެންޓު
ކޮމެންޓުތައް
މަރީ
12 އޯގަސްޓް 2025 06:15
ސަބަބަކީ މި ރާއްޖޭގެ ތަޢުލީމީ ނިޒާމު ފޭލިވެފައިވުން. ކިޔަވއިދެނީ ބޭކާރު އެއްޗެހި. އިނގިރޭސި ޙިމާޔަތުން ވަކިވިޔަސް އަހަރެމެން މި ތިބީ އިނގިރޭސީން އަޅުވެތިކޮށްފައި. އެކަން ދިވެހީންނަށް ނޭނގެނީ.