ad_banner
ގައުމުތަކުގެ މެދުގައި ތަޢާރުފުވުމުގެ ގިޔަމުތައް

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

11 އޯގަސްޓް 2025

ތަޢާރުފުވުން

 I ވަޙީކުރެއްވިއެވެ. )يَٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقْنَٰكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَٰكُمْ شُعُوبًا وَقَبَآئِلَ لِتَعَارَفُوٓا۟ ۚ  [1]- އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: آدم ގެފާނާއި، حوّاء ގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު قومތަކަށާއި، قبيلةތަކަށް ލެއްވީ، ތިޔަބައިމީހުން އެއް ބަޔަކު އަނެއް ބަޔަކަށް تعارفވުމަށް ޓަކައެވެ.)  މި މަތިވެރި އާޔަތުގައި މާތްﷲ ޚުލާޞާކުރައްވައި މި ވަޙީކުރައްވަނީ އެކަލާނގެ އާދަމުގެދަރިން ޚަލްޤުކުރެއްވި އެންމެ މުހިންމު އެއް މަޤްޞަދެވެ. އެކަލާނގެ އާދަމުގެދަރިން ތަފާތު ގައުމުތަކާއި ވަންހަތަކުގެ ގޮތުގައި ލެއްވެވީ އެއްބަޔަކު އަނެއްބަޔަކަށް ތަޢާރުފުވުމަށް ޓަކައެވެ. ނަފުރަތްތެރިވުމަކަށްނޫނެވެ. އެއްބަޔަކު އަނެއްބަޔަކާއެކު ގުޅުންތައް ވާސިލުކުރުމަށް ޓަކައެވެ. އެއްބަޔަކު އަނެއްބަޔަކާ ކުރިމަތިލުމަކަށްނޫނެވެ. ފިކުރީ ފާގަތިކަމެއްގެ ގޮތުގައެއްނޫނެވެ. އިންސާނީ ޟަރޫރަތަކަށް ޓަކައެވެ. ޞުލްޙަމަސަލަސްކަން ފެތުރުމަށް ޓަކައެވެ. ސިންދަފާތު ދުނިޔޭގައި އެކަކު އަނެކަކުގެ އުނިކަން ފޫބައްދައިދިނުމަށް ޓަކައެވެ.

މި ތަޢާރުފަށް ޓަކައި ބޭނުންވާ މުހިންމު ގިޔަމުތަކެއް ވެއެވެ. އެއީ -:

1-     ދެ ފަރާތުން ބަދަލުކުރާ އިޙްތިރާމު: އިޙްތިރާމުކުރުމުގެ ބިންގަލުގެ މަތީގައި ނޫނީ ތަޢާރުފު  ޤާއިމެއްނުކުރެވޭނެއެވެ. އެބަހީ އަނެކާގެ އިންސާނިއްޔަތުކަން ބަލައިގަތުމެވެ. ބޭއިޙްތިރާމުކުރުމަކާ ނުލައެވެ. ގަދަރުވައްޓައިލުމަކާ ނުލައެވެ. ކައު ރަސޫލާ e ވަނީ މި ކަން ޢަމަލީގޮތުން ދައްކަވައިފައެވެ. އެކަލޭގެފާނު ޔަހޫދީއަކު ބަލިވުމުން އޭނާއަށް ގޮވައިލައްވަން ވަޑައިގަތެވެ. ޔަހޫދީއެއްގެ ސަންދޯއް އެކަލޭގެފާނުގެ އަރިހުންލައިފާ ގެންދެވުނު ހިނދު އޭނާއަށް (އިންސާނިއްޔަތުކަމަށް) ޓަކައި ތެދުވެވަޑައިގަތެވެ. އެއީ ޔަހޫދިއެއްގެ ސަންދޯކެކޭ ދެންނެވުނު ހިނދު ޙަދީސްކުރެއްވިއެވެ. )أَلَيْسَتْ نَفْسًا[2] - އެއީ ނަފުސެއްނޫންހެއްޔެވެ؟(

2-     ޢަދުލުވެރިކަން: ޢަދުލުވެރިކަން ނެތް ތަނެއްގައި ތަޢާރުފެއްނޯންނާނެއެވެ. ޢަދުލުވެރިކަމަކީ މުސްލިމުންނާއި ޣައިރުމުސްލިމުން ވަކިކުރާ ގިޔަމެއްނޫނެވެ. މާތްﷲ ވަޙީކުރެއްވިއެވެ. )وَلَا يَجْرِمَنَّكُمْ شَنَـَٔانُ قَوْمٍ عَلَىٰٓ أَلَّا تَعْدِلُوا۟[3]  - އަދި ބަޔަކުމީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން عدلވެރި ނުވުމުގެ މައްޗަށް ބާރުއަޅާކަމެއްކަމުގައި ނަހަދާށެވެ!(

3-     ދެ ފަރާތުގެ ދެމެދުގައި ވާހަކަދެއްކުން: ޙަޟާރާތްތައް ގުޅުވައިދޭ ފާލަމަކީ ދެ ފަރާތުގެ ދެމެދުގައި ބޭއްވޭ ވާހަކަދެއްކުންތަކެވެ. ދެ ފަރާތުގެ ދެމެދުގައި އުފެދޭ ދެބަސްވުންތައް ޞުލްޙަވެރިކަމާއެކު ޙައްލުކުރެވޭނީ ވާހަކަދައްކައިގެންނެވެ. ދެފަރާތުގެ ދެމެދުގައި ގުޅުންތައް ޤާއިމުކޮށް ދެމެހެއްޓޭނީ ވާހަކަދައްކައިގެންނެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. )وَجَادِلْهُم بِالَّتِي هِيَ أَحْسَنُ [4]- އަދި ރިވެތި ގޮތުގައި އެއުރެންނާ جدل ކުރައްވާށެވެ.!(  ކީރިތި ރަސޫލާ ވަނީ މި ކަމުގައި ވެސް އަޅުގަނޑުމެންނަށް ލާމަސީލު ނަމޫނާތައް ދައްކަވައިފައެވެ. ނަޖުރާނުގެ ނަޞާރާ ވަފުދާ، މިސްކިތުގައި ބައްދަލުކުރައްވައި އެ މީހުންނަށް އަމާންކަންދެއްވައި އެ މީހުންނާ އެކު އަދަބު އިޙުތިރާމާއެކު ވާހަކަދެއްކުންތައް ބޭއްވެވިއެވެ.

4-     އޯގާވެރިކަން:  އޯގާވެރިވާން ޖެހޭނީ ހަމައެކަނި ތިބާގެ ރަޙްމަތްތެރީންނަކަށްނޫނެވެ. ތިބާގެ ގާތްތިމާގެ މީހުންނަކަށްނޫނެވެ. އެހެނަސް ހުރިހާ އާދަމުގެދަރީންނަށެވެ. ކައު ރަސޫލާ ޙަދީސްކުރެއްވިއެވެ.  ((الرّاحمونَ يرحمُهمُ الرَّحمنُ ارحموا مَن في الأرضِ يرحَمْكم مَن في السَّماءِ [5]އޯގާވެރިވެ ރަޙްމުކުރާމީހުންނަށް ރަޙްމާންވަންތަ ރަސްކަލާނގެ އޯގާވެރިވެ ވޮޑިގަންނަވަތެވެ. ތިބައިމީހުން ބިމުގައި ވާ ބަޔަކަށް އޯގާވެރިވާށެވެ! އޭރުން އުޑުގައި ވާ ބަޔަކު ތިޔަބައިމީހުންނަށް ރަޙްމަތްލެއްވުމަށް ދުޢާކުރާނެތެވެ.)) މި ރަޙްމުކުރުމާއި އޯގާވެރިކަމުގެ ސަބަބުން ގައުމުތަކުގެ ރައްޔިތުންގެ މެދުގައި އިންސާނީ މާތް ގުޅުންތައް ޤާއިމުވެގެންދިޔުމަށް ބާރުލިބޭނެތެވެ.

5-    ސިންދަފާތުކަން ގަބޫލުކުރުން: ސިންދަފާތުކަމަކީ އިލާހީ ސުންނަތެވެ. އެކަމާ ދުރަކަށްނުދެވޭނެއެވެ. އެކަމާ ދެކޮޅުހެދުމަކީ މަޞްލަޙަތު ނިޔާކުރާ ކަމެއް ވެސް ނޫނެވެ.މާތް ﷲ ވަޙީކުރެއްވިއެވެ. )وَلَوْ شَاءَ رَبُّكَ لَجَعَلَ النَّاسَ أُمَّةً وَاحِدَةً ۖ وَلَا يَزَالُونَ مُخْتَلِفِينَ[6] - ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވި ނަމަ، މީސްތަކުން އެއް أمّةއެއްކަމުގައި ލައްވައިފީސްކަން ކަށަވަރެވެ. ނަމަވެސް خلافވުމުގައި އެއުރެން ފިލައިނުދެތެވެ.(

ސިންދަފާތު ގަބޫލުކުރުމަކީ އެހެނިހެން ސަގާފަތްތަކުގެ ތެރެއަށް ގެނބި ގިރިގެން ދިޔުމެއްނޫނެވެ. އެއީ ދޭހަވެގަތުމާއި އުނިކަން ފޫބައްދައިދިނުމެވެ. ކޮންމެ ޙަޟާރަތަކީ ވެސް އިންސާނިއްޔަތަށް އެތައް ޚިދުމަތްތަކެއް ކޮށްދީފައިވާ ތަރައްޤީތަކެކެވެ.

 

 

ބައެއް ލަފުޒުގެ މާނަ:

ޙަޟާރަތް    ނ.    ރަނގަޅު ފެންވަރެއްގެ ދިރިއުޅުމަކަށް ވާޞިލުވުމަށް ޓަކައި އިންސާނާ އުފައްދާ އުފެއްދުންތަކާއި ހޯދާ ހޯދުންތަކާއި ވިސްނާ ވިސްނުންތަކާއި ޤުދުރަތީ މުއްސަނދިކަން ބޭނުންކުރުމަށް ޓަކައި ކުރާ މަސައްކަތްތައް. civilization

ނަމޫނާ      ނ.    (1) އެއް ގޮތް އެތި. (2) އެއް ވައްތަރު އެތި. specimen

ނަމޫނާ      ނއ.   (1) އެއް ގޮތް. (2) އެއް ވައްތަރު.

ލާމަސީލު     ނއ.   އެ ވަރެއް ނެތް. unique

ގިޔަމު       ނ.    ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް. values

ސަގާފަތް     ނ.    އިންސާނުން އެކި ބައިބަޔަށް އުޅެމުން އަންނަ އިރު، އެ ބަޔެއްގެ ތެރޭގައި ވިސްނުމާއި ޚިޔާލާއި ވާހަކަދެއްކުމާއި، މަސައްކަތްތެރިކަމާއި ކުޅިވަރާއި މިޔުޒިކާއި ނެށުމާއި މި ހުރިހައި ކަމަކާ ގުޅިފައިވާ އާދަކާދަ. culture

ސިންދަފާތު   ނ.    އިންސާނުންނާއި އެއްޗެއްސާއި ކަންކަމާއި ތަންތަނުގެ ނިސްބަތުގައި، މައިގަނޑު ގިންތިއެއް ނުވަތަ ޖަމާޢަތެއްގެ ތެރޭގައި ހިމެނޭ ބާވަތްތަކާއި ވައްތަރުތައް ނުވަތަ ގޮތްތައް ތަފާތުވެ ގިނަގުނަ ވެގެންވާ ވުdiversity

ސުލްހަ      ނ.    (1) އަމަން އަމާންކަން. (2) ދެކޮޅުވެރިކަމެއް ނެތްކަން. (3) ހަމަނުޖެހުމަކަށްފަހު، ދެ ފަރާތެއްގައި އުފެދޭ ރަނގަޅު ގުޅުން. peace

 

މަރުޖާ:

[1]  - الحجرات: ١٣

[2]  - صحيح البخاري  (١٣١٢) ،   صحيح مسلم   (٩٦١)

[3]  - المائدة: 8

[4] - النحل:125

[5]  - أخرجه أبو داود (٤٩٤١والترمذي (١٩٢٤وأحمد (٦٤٩٤ )

[6]  - هود:118

ކޮމެންޓު