އަސްމާ އަބޫބަކުރު
10 އޯގަސްޓް 2025
2025 އޮގަސްޓު 3ގައި ޝާއިޢުކުރި ބައިގެ ބާކީ)
[އަސްލު ޖީލާން ތިޔަ ކިޔަނި ހައްގު އެއްޗެހި. ނޭނގެ އަހަންނަށް ވެސް ވާ ގޮތެއް. އެ ގެއަށް ދާއިރަށް އަހަރެން ހުންނަނީ ޒިދުނާ ބުނެފިއްޔާ ބުނި ކަމެއް ކުރާ ހިތުން. ޒިދުނާ ނުރުހުންވެގެން އެއްޗެކޭ ބުނާކަށް އަހަރެން ބޭނުމެއް ނުވޭ. ރުޅި އައިސްގެން އެއްޗެހި ހަލާކުކޮށް ހެދީމާ ގަނެދޭން ވެސް ޖެހެނީ އަހަރެން؟] އާލިފު ކުށް ގަބޫލު ކުރާ ގޮތަކަށް ވާހަކަ ދެއްކިއެވެ.
"ތިޔައީ ޕަޕެޓެއް ނޫން. އޭނާ ހެދިހާ ގޮތެއް ހެދިގެން އުޅޭކަށް. މި ތިބީ ވެސް އާލިފުގެ ދަރީން. އެ ކުދީން ދުނިޔެއަށް އައުމުގެ ކުރީން ކީއްވެ އަހަރެން ކައްކާ އިރު އެހީނުވަނީ؟" އަހަރެން ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. އެހެންވީމާ، ކުރީން ނުބުނާ އެތައް ވާހަކައެއް މިއަދު ބުނާން ބޭނުމެވެ.
"ޖީލާން. އަހަރެން މިހުރީ ބޭނުން ވަރަށް ގިނަ ވާހަކަ ނުބުނެ ފޮރުވައިގެން. ޖީލާން ހިތްހަމަ ނުޖެހޭނެތީ." އާލިފުގެ ވާހަކައިގެ ރާގު ހުރި ގޮތުން ވެސް އެއީ ސަހަލު ވާހަކައެއް ނޫންކަން އެނގެއެވެ.
"އާލިފު އަހަރެން ގާތު ދައްކަން އޮންނާނީ ކޮންވާހަކައެއް؟' އަހަރެން އާލިފު ހިތްހަމަ ނުޖެހޭ ގޮތަކަށް ނޫޅެމެވެ. އަހަރެންގެ ދަރިންނަށް މިހާރަކަށް އައިސް އާލިފަށް ޚަރަދު ކުރާކަށް ނުޖެހެއެވެ. ކެއުމަށް ކުރާ ޚަރަދެއް ފިޔަވައި އިތުރު ޚަރަދެއް އާލިފު ނުކުރެއެވެ. އޮފީހެއްގެ ވެރިއެކެވެ. ބޮޑު މުސާރަ ލިބެއެވެ.
"ޖީލާނަށް އެނގޭތަ؟ ކްރެޑިޓް ކާޑަށް އިންޓަރެސްޓުގެ ގޮތުގައި ބޮޑު އެއްޗެއް ދައްކާން ޖެހޭ. އަހަރެން އަތުގައި ނެތް މިހާރު އެއްވެސް ފައިސާއެއް. ޒިދުނާ ގާތު ކާޑުން ވަކިވަރެއް ބޭނުން ކުރާން ބުނެފައިވީ. އެކަމަކު އެ އަޑެއް ނާހާ. ޓެމޫއާ އަލީއެކްސްޕްރެސްއާ ރެސްޓޯރެންޓްތަކަށް ވެސް އެ ވަރަށް ޚަރަދުކުރޭ. ކިހިނެއް ހަދާނީ. ބުނާ ގޮތެއް ނުވެސް ހަދާ. ޖީލާނާ ޒިދުނާ ވަރަށް ތަފާތު."
"ތިޔަ ކާޑު ހެއްދިއިރު ވެސް ބުނިން ތީ ކްރެޑިޓް ކާޑެކޭ. ލޯނެއްކަމަށް ހީކޮށްގެން ޚަރަދުކުރާށޭ. އެކަމަކު އާލިފު ވެސް ތިޔައީ ކުޑަކުއްޖެއް ނޫނެއްނު ދަރަނިވެރިވެގެން ޚަރަދުކުރާން."
"ޖީލާން ދީފާނަންތަ ފަނަރަހާސް ރުފިޔާ." އާލިފަށް އަހަރެން އެކައުންޓްގައި ފައިސާ ހުރިކަން އެނގޭނެއެވެ. އެކަމަކު ހަގު އަނބި ކުރާ ޚަރަދު އަހަރެން ދައްކާން ޖެހޭ ހެއްޔެވެ؟ އާލިފު ކުރުނުކޮށް ކިޔަން ފެށުމުން އަހަރެން ފަނަރަ ހާސް އާލިފުގެ އެކައުންޓަށް ޓްރާންސްފަރކުރީމެވެ. ވޭތުވެ ދިޔަ ފަސްމަހު ގޭތެރޭގެ ޚަރަދަށް އާލިފު ދިން ފައިސާ އަނބުރައި އަހަރެން ދޭންޖެހުމުން ހިތްހަމައެއް ނުޖެހެއެވެ. އެކަމަކު މީހުން އަތުން ވެސް މިހާރު އާލިފު ފައިސާ ނަގާކަން އަހަރެންނަށް އޮތީ އެނގިފައެވެ. އޮފީހެއްގެ ވެރިއެކެވެ. ކޮންމެ މަހަކު ބޮޑު މުސާރަ ލިބޭ މީހެކެވެ. އެކަމަކު މަސް ހުސްވާން ކީއްކުރާން ހެއްޔެވެ. މަހެއްގެ މެދާ ހަމައަށް ނުދަނީސް އަތުގައި އެއްޗެއް ނޯވެއެވެ.
މަޣުރިބް ނަމާދަށްފަހު އަހަރެން ކަސްރަތަށް ނިކުންނަމެވެ. މަންމަ ޤުރްއާން ކިޔަވާން އިންނައިރު ކުދިވެރީން މަންމަ ގާތުގައި ބައިތިއްބައިފައި ދަނީ އެހެން ގަޑިއަކު ކަސްރަތުކުރާން ވަގުތު ނުވާތީއެވެ. ޗުއްޓީ ހަމަވެގެން އިސްކޫލަށް ނިކުތުމާއެކު މަސައްކަތް އެހައި ބުރައެވެ. އަމިއްލަ ނަފުސާ މެދު ވިސްނައިލާނެ ވަގުތެއް ނުވެއެވެ. މަންމަ ކައިރީގައި އުޅޭތީ މަންމަގެ އެހީތެރިކަން ކޮންމެ ވަގުތަކު ލިބޭކަން ނަސީބެކެވެ.
އަހަރެން ކަސްރަތަށް ގޮސް އައިސް ގެއަށް ވަދެ ބޫޓް ބަހައްޓައިފައި އަވަހަށް ފެންވަރާން ދާން ކޮޓަރިއާ ދިމާއަށް ބާރަށް ހިނގައިފައި ދަނިކޮށް ކޮޓަރީން އާލިފުގެ އަޑު އިވެއެވެ. ފޯނުން ވާހަކަ ދައްކަނީ ޒިދުނާއާކަން އެނގުނީ ދޮރުގެ ތަޅުގައި ހިފައިލުމާއެކުއެވެ.
"ޒިދުނާ ގާތު ކިތައްފަހަރު ބުނާނީ ޚަރަދަށް ބަލައިގެން އުޅޭށޭ. އެކަމެއް ނުވިއެއްނު. ދެން ކީއްކުރާން ދައްކާ ވާހަކަތަކެއްތީ." އާލިފުގެ އަޑު އިވުމުން ހިތްހަމަ ނުޖެހިގެން ވާހަކަ ދައްކާތީ އަހަރެން ސޯފާގައި މަޑުކޮށްލީ އެ ވަގުތު ކޮޓަރިއަށް ނުވަންނަން ވެގެންނެވެ. ދެން އިވުނު ޖުމްލަތަކުން އަހަރެންގެ ހިތަށް ވަރަށް އުނދަގޫވިއެވެ.
"ކަސްރަތަށް ގޮސްވީ. ކިތަންމެ ކަސްރަތު ކުރިއަސް ފީފާ ބުރިއެއްހެން ތިބޭ މީހުންނެއް ނުހިކޭނެ. އެ މީހުންގެ ތުވާލި ހިކޭނީ" އަހަރެން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އާލިފަށް އަހަރެން ފެނުނީ ފީފާ ބުރިއެއްގެ ގޮތުގައިބާއެވެ. ލޮލުން ކަރުނަ ހިލުނު ވަގުތު އަނެއްކާ ވެސް އާލިފުގެ އަޑުއިވުނެވެ.
"ތިޔައީ ދޮން ބިސްބުރިއެއްނު." އެ ކޮޅުން ހޭންފެށީ ކަންނޭގެއެވެ. އާލިފު ވެސް ހީނހީނފައި މަޖާނަގައެވެ. އެކަމަކު އެއީ އަހަރެން އެހައި ވަރުން އުޅޭ އަހަރެންގެ ފިރިމީހާ ބާއޭ ހިތަށްއެރިއެވެ.
"އިސްތިރިކުރާން ވެސް ދަސްކުރާށޭ ޒިދުނާ ގާތު ބުނެފިން. އޭރުންތާ ޖީލާން ލައްވައި އިސްތިރިނުކުރުވައި ވާނީ." ދެ މީހުން ވާހަކަ ނިމުމުން އަހަރެން ގޮސް ކޮޓަރިއަށް ވަދެ އާލިފާ އަނގައިން ވެސް ނުބުނެ ފެންވަރައިގެން ނިކުތީއެވެ. މިހާރު ކިތަންމެ ފަހަރަކު ހިތަށް އަރައެވެ. އަނބިންނަށް ގަދަރު ނުކުރާ ފިރިހެނެއްގެ ދަށުގައި ހުންނާނެ ކަމެއް ނެތެވެ. އާލިފު އަހަރެންނާ އިނދެގެން އެ އުޅެނީ އުޅޭން ފަސޭހައަކަށެވެ. އަހަރެން ވެސް އަބަދު ނޯކަރަކަށް ވެގެން އުޅޭކަށް ނުޖެހެއެވެ. އެރޭ އަހަރެން ނިދާން އުޅެއުޅެ ނިދޭ ގޮތެއް ވެސް ނުވިއެވެ. ފުރޮޅި ފުރޮޅި އެނދުގައި އޮތީ ނިދިނައިސްގެންނެވެ. އެންމެ ފަހުން އަހަރެން ގޮތް ނިންމީ އާލިފު ގާތުން ވަރިވުމަށެވެ.
އަނެއް ދުވަހު ހެނދުނު އަހަރެން އާލިފުގެ ގަމީސް އިސްތިރިއެއް ނުކުރަމެވެ. ހެނދުނު ތެދުވެ ކުދީން ރީތިކޮށްފައި އިސްކޫލަށް ދިޔައީއެވެ. އާލިފު ހެނދުނު ސައިބޯން އަންނަ އިރު ޢާންމުކޮށް މޭޒުމަތީ ހަދައިފައި ހުންނަ ސައި އެ ދުވަހަކު ނުހުންނާނެއެވެ. ފުރަތަމަ ފަހަރަށް އަހަރެން ހިތުގައި އާލިފާ މެދު ނަފުރަތު އުފެދޭން ފެށިއެވެ. މީގެ ކުރީން އަހަރެން އުޅުނީ ފިރިމީހާއަށް ހާދަހާ ކިޔަމަންތެރިއެއްވެގެންނެވެ. ދަރީންނަށް ދަސްކޮށްދިނީ ބައްޕައަށް އިޙުތިރާމްކުރާށެވެ. މަންމަ ގާތުގައި އަހަރެން އަބަދު ވެސް ދައްކަނީ އާލިފު އިތުރު އަތްނބެއް ހުއްޓަސް އަހަރެންނާ އަހަރެންގެ ދަރީންނަށް ރަނގަޅު ވާހަކައެވެ. މިހާރު ދެން އެންމެން ގާތުގައި ވެސް އެ މީހެއްގެ ހުރި ސިފައެއްގެ ވާހަކަ ބުނާން އެބަޖެހެއެވެ.
"ޖީލާން. މޫނުމަތީން މިއަދު ހީވަނީ ބާރަޖަހާފައި ހުރިހެން. ކިހިނެއްވީ؟ ބަލީތަ ނޫނީ ވަރުބަލީތަ؟" އައިޝާ އަށް މީހުންގެ މޫނު ފެންނައިރަށް ކަމެއްވެފައި ހުންނަކަން އެނގެއެވެ. އެ ދުވަހު ކްލާސް ނިންމައިފައި އަހަރެމެން ދެމީހުން ކެންޓީނުގައި ތިބެގެން ވާހަކަދައްކަމުން ދިޔައިރު އަހަރެންގެ ވާހަކަތައް ކިޔައިދިނީމެވެ. އައިޝާ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ.
"އަހަރެންމީ ޖީލާނަށް ހެޔޮއެދޭ މީހެއް. އަހަރެން ބުނާނީ ޖީލާން ގޮތް ނިންމާށޭ. އެކަމަކު ތިހާވަރުން އަހަރެންނަމައީ ނޫޅެވޭނެ. މި ރާއްޖޭގައި އާލިފު ނޫނަސް ދެއަނބީންނާ އިންނަ މީހުން ބައިވަރު އުޅޭ. އެކަމަކު ތިޔަ ހައި ވަރުން ކިހިނެއް އުޅޭނީ؟ ޖީލާން ވެސް ހަމަހޭގައި ހުރެބަލަ. އާލިފު ބުނާ އިރަށް އެކައުންޓުގައި ހުރި ފައިސާކޮޅު ވެސް ތިޔަ ދެނީ. އެންމެ ފަހުން ޖީލާނަށް ލަނޑުދީފައި އެ މީހުން މި ރަށުން ވެސް ދާނީ ކަންނޭނގެ"
އޭގެ ހަފުތާއެއް ފަހެއެވެ. އަހަރެން އިސްކޫލުން އަންނަމުން އައީ ކޯޓަށް ވަދެ ވަރީގެ ފޯމެއް ހިފައިގެންނެވެ. އެފޯމް ފުރައިފައި މޭޒުމަތީގައި ބާއްވައިފައި އޮންނާނީ އާލިފަށް ދައްކާށެވެ. އެރޭ އާލިފު ނިދާން އަންނާނީ އަހަރެމެން ގެއަށެވެ. ރޭގަނޑު ދިހައެއް ޖަހާ އިރު ގެއަށް އަތުވެއްޖެއެވެ. އަހަރެން ވަރީގެ ފޯމު ފުރި ވާހަކަ ބުނާއިރަށް އާލިފު ކަންބޮޑުވެގެން އެތައް ވާހަކައެއް ދެއްކިއެވެ. ޒިދުނާގެ ޑިޕްރެޝަން ހުންނަ ވާހަކައާއި އެކަމުގެ ސަބަބުން ރުޅި ގަދަވާ ވާހަކައެވެ. ޖީލާނަށް އެއްޗެހި ކިޔެނީކަމަށާއި އެކަމާ އަޅައިނުލުމަށެވެ.
"އާލިފަށް އަހަރެން މުހިންމު ނުވާތީތާ ހަގުއަނބި ގާތުގައި ފާޑުފާޑަށް އެއްޗެހި ތިޔަ ކިޔަނީ. އަހަރެން އަޑުއެހީމޭ އާލިފު ކީ އެއްޗެހި. އަނެއްކާ ޒިދުނާ ފޮނުވައިފައި ހުރި މެސެޖުތަކުގައި ވެސް ހުންނަނީ ގިނަ ފަހަރު އަހަރެންނާ އަހަރެމެންގެ ދަރީންނަށް އެއްޗެހި ގޮވައިފައި. އެންމެ ކުޑަމިނުން އާލިފަށް ބުނެވެންވާނެ ދަރީންނަށް އެއްޗެހި ނުކިޔުމަށް. އަދި އެ ދަރިންގެ މަންމަޔަށް އިޙްތިރާމްކުރާން ކީއްވެ ނުބުނެވެނީ. އަހަރެން ވަރަށް ކެތްކޮށްފިން އާލިފާއެކު އުޅެވޭތޯ. ހަގު އަނބި މި ރަށަށް ގެނެސް ތަންހޯދައިދީ ހެދީ ވެސް އަހަރެން. ފިރިމީހާ ކުރާ އެއްވެސް ކަމަކާ ދެކޮޅު ނުހެދީމާ ވަކި މޮޅެއް ނުވިއެއްނު."
އިރުކޮޅަކުން އާލިފުގެ ފޯނަށް ޒިދުނާ ގުޅަން ފެށިއެވެ. އަހަރެމެން ގެއަށް އަންނައިރަށް ޒިދުނާ ގުޅަން ފަށާނެއެވެ. ކޮންމެ ވެސް ކަމެއް ދިމާވާނެއެވެ. އާލިފު ފޯނު ނަގައިފައި ކިހިނެއްވީހޭ އެހިއެވެ. އެ ކޮޅުން ބުނި އެއްޗެއް ނޭނގުނަސް މިފަހަރު އާލިފު ހުރި އެގެއަށް ދާ މޫޑެއްގައެއް ނޫނެވެ.
އަހަރެން ފުރި ފޯމް އާލިފު ވީދައިލަފައި ޑަސްބިނަށް ލިއެވެ.
"އަހަރެން ގޮތެއް ނިންމައިފިން." އާލިފު ތަންކޮޅެއް ހަރުދަނާ ގޮތަކަށް ބުނެލިއެވެ.
ޒިދުނާ ވިހައިގެން މަހެއްވީތަނާ އާލިފު ޒިދުނާގެ ރަށަށް ދިޔައެވެ. އެރަށުގައި ދެތިން ދުވަހު މަޑުކޮށްފައި އައީ ޒިދުނާ ވަރިކޮށްފައެވެ. އެތައް ގޮތަކުން ރީތި ޅަ އަތްނބެއް ލިބުމުން އާލިފު އުޅެވޭތޯ ބެލިއެވެ. އެކަމަކު އުޅެވޭ ގޮތެއް ނުވީއެވެ. އެރަށުން އެނބުރި އައިފަހުން ރައްޓެހީން ގާތު ވެސް އާލިފު ބުނަމުން ދިޔައީ ދެ އަންހެނަކާ އެއްފަހަރާ އިނދެގެން އުޅުމަކީ މި ޒަމާނުގައި ވާވަރު ކަމެއް ނޫންކަމަށެވެ. އެހެން މީހުންނަށް ދެއަނބި އަދި ތިން އަނބި ވެސް ގެންގުޅެވިދާނެ ކަމަށެވެ. އެކަމަކު އާލިފު ދެން އެކަހަލަ މަޅިއެއްގައި ނުޖެހޭނެކަމުގައެވެ.
މިހާރު އަހަރެންގެ ދިރިއުޅުން ވަރަށް އުފާވެރިއެވެ. އެހެން މީހަކު ކިތަންމެ ވަރަކަށް ހަޑިހުތުރު ބަހުން މުޢާމަލާތްކުރިއަސް އަހަރެން އެ ގޮތަކަށް ނޫޅެމެވެ. އަދި އެ މީހަކަށް ދުވަހަކު ވެސް އަހަރެންގެ ފަރާތުން ނުރުހުމުގެ ބަހެއް ވެސް ނުބުނަމެވެ. އެއީ އަހަރެންގެ ފަލްސަފާއެވެ. އާލިފު ބަދަލުވުމުގެ ސިއްރަކީ ވެސް އެއީކަން އަހަންނަށް އެނގުނެވެ. (ނިމުނީ)
ލަފުޒެއްގެ މާނަ:
ފަލްސަފާ ނ. (1) އަމިއްލަ ސިކުޑީން ވިސްނައިގެން ހޯދާ ރަނގަޅު ގޮތްތަކާ އުޞޫލުތައް. (2) ކަންކަން ހިނގާ ގޮތާ މެދު ވިސްނައި، އެ ކަންކަމުން ޢިބްރަތާއި ޙިކުމަތް ލިބިގަތުގެ ޢިލްމު.