އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
21 އޮކްޓޯބަރު 2025
މާވަށުގެ ނަން ނުބައިކޮށް ލިޔެފައި (ފޮޓޯ: ފަރަގު މީޑީއާ)
ހައްދުންމަތީ މާވަށުގައި އިއްޔެ ސޮއިކުރެވުނު އެއްބަސްވުމެއްގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ސޮއިކުރެއްވި މޭޒުގެ ފުރަގަހުގައި ބިތުގައި ހަރުކޮށްފައި ހުރި ލިޔުމުގައި، [މާވަށު ސްކޫލްގެ އައު އިމާރާތް ބިނާކުރުމާއި ވަށާފާރު ރޭނުމުގެ މަސައްކަތް ޙަވާލުކުރުން] މި ހެން ލިޔުމަށް ފަހު ތިރީގައި [ލ. މާވައް] [20 އޮކްޓޫބަރު 2025] ތަންކޮޅެއް ކުދި އަކުރުތަކަކުން ލިޔެފައި އޮތެވެ.
މި ރަސްމިއްޔާތުގައި ހާޒިރުވެވަޑައިގެން އިންނެވި ބޭފުޅަކު އަޅުގަނޑާ ސުވާލެއްކޮށްލެއްވިއެވެ. [މާވަށް] ލިޔާ އިރު، ށަވިޔަނި ސުކުނުގެ ބަދަލުގައި އަލިފުގައި ސުކުންކުރަނީ ކީއްވެހެއްޔެވެ؟ އެ ސުވާލާ ވިދިގެން ޖަވާބުގައި ހަމަ ލަސްކޮށްލުމެއް ނެތި، [ނެނގޭތީއްޔޭ] ދަންނަވައިލެވުނެވެ. ދެން އެ ބޭފުޅަކު ވިދާޅުވިއެވެ. އެކަމަކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގައި ވެސް އެ ރަށުގެ ނަން ލިޔެފައި އޮންނަނީ [މާވައް] މިހެންނެވެ. އެ އިދާރާގައި ދެންނެވީމާ ބަދަލުކޮށެއްވެސް ނުދެއްވިއެވެ. އެހެންވީމާ ރަނގަޅީ ނޫންހެއްޔެވެ؟ އަޅުގަނޑު ދެން އެއަށް އިތުރު ޖަވާބެއް ނާރުވަމެވެ.
އެހެންކަމުން އެ ކަމާ ބެހޭ ގޮތުން ހަގީގަތުގައި ކަން އޮންނަ ގޮތް ދަންނަވައިލުމަށް ޓަކައި މި މަގާލު ލިޔެލަ ހިތްވީއެވެ.
ދަންނަވަންތޯއެވެ! ލަފުޒުގެ ފަހަތަށް އަންނަ ސުކުނުގައި ޖަހާނީ އަލިފު ސުކުނެއްތޯ ށަވިޔަނި ސުކުނެއްތޯ ދެނެގަންނާން ވަރަށް ފަސޭހަ ފޯމިއުލާއެއް އޮވެއެވެ. އެއީ އެ ސުކުނުގެ ބަދަލުގައި އަކުރެއްގައި ފިލިޖަހާން ދިމާވާ ޙާލަތުގައި ކާފެއްގައި ފިލިޖެހުމެވެ.
މިސާލަކަށް:
ފީވައް = ފީވަކު މީހެއް،
ކަހަރުވައް = ކަހަރުވަކެކޭ ވެސް ހިތަކަށް ނާރައެވެ.
ރުއް = ރުކަށް އަރާށެވެ!
މީހެއް = މީހަކު،
ފޮތްތައް = ފޮތްތަކެއް ނެތެވެ.
މި އުސޫލުން ބަލާ އިރު، ރަނގަޅު ގޮތަކީ [މާވަށް]ކަން ވަރަށް ސާފުކޮށް އެނގެއެވެ. އެހެނީ އެ ލަފުޒުގައި އޮންނަ ށަވިޔަނި ސުކުނުގެ ބަދަލުގައި ފިލިޖަހާ ނަމަ، ޖެހެނީ ށަވިޔަނީގައެވެ. ކިޔަނީ މާވަށު ކައުންސިލް، މާވަށު ރައްޔިތުން، މާވަށު ބިންހިއްކުން، މާވަށު އެއަރުޕޯޓު މިހެންނެވެ. މާވަކު ރައްޔިތުންނެކޭ، މާވަކު ކައުންސިލެކޭ ނުކިޔައެވެ. އާދޭހެވެ! މ. ވޭވަށް، ލ. މާވަށް، މި ރަށްރަށުގެ ނަމުގެ ފަހު އަކުރުގައި އޮންނާންޖެހޭނީ ށަވިޔަނި ސުކުނެކެވެ. ކިޔަނީ ވޭވަށު ރައްޔިތުން، މާވަށު މީހުން، މިހެންނެވެ. ނަމަވެސް ށ. ފީވައް ލިޔާ އިރު ފަހު އަކުރަކަށް އޮންނާނީ އަލިފު ސުކުނެކެވެ. އެ ސުކުނުގެ ބަދަލުގައި ފިލިޖެހޭތޯ ބަލާ އިރު ކާފެއްގައި ފިލިޖެހޭތީއެވެ. ފީވަކު ދަނޑުވެރިކަން، ފީވަކު ޗާޓު، މި ފަދަ ގޮތްގޮތަށެވެ.
ދެން ބަލާން ޖެހޭ އަނެއް ހަމައަކީ ހުވަދުއަތޮޅުގެ ގިނަ ރަށްރަށުގެ ބަހުރުވައިގައި ށަވިޔަނި ސުކުނުގެ ބަދަލުގައި ފިލިޖެހޭނީ ޓަވިޔަންޏެއްގައެވެ. [މާވަށް] އެއީ މާވަޓާއެވެ. ހަގީގަތުގައި [މާވަޓާ]އަކީ ކަނޑުލުގެ ބާވަތެކެވެ. އެ ތާނގައި ޓަވިޔަނި އޮންނާތީ އެއީ މީޔާރު ބަހުރުވައިގައި ށަވިޔަނި ސުކުންކުރާންޖެހޭ ތަނެއްކަން އެނގެއެވެ. އެހެންކަމުން ކިތަންމެ ބޮޑު އޮފީހަކުން ލިޔުނަސް، އަދި ކިތަންމެ ބޮޑު މީހަކު ލިޔުނަސް، ނުވަތަ ކިތަންމެ ގިނަ ބަޔަކު ލިޔުނަސް، [މާވައް] ލިޔެ އުޅުމަކީ ބަހުގެ ގަވާއިދުން ހަމަ ގޮތެއް ނޫނެވެ. ރަނގަޅު ގޮތަކީ އަދި ލިޔާންޖެހޭނެ ގޮތަކީ ވެސް [މާވަށް]އެވެ. މާވަށު ސުކޫލު، މާވަށު ކައުންސިލު، މާވަށު ބަނދަރު، މާވަށު އައިސް ޕޮލާންޓު] މި ފަދަ ގޮތަް ގޮތަށް ސުކުނުގެ ބަދަލުގައި ފިލިޖަހާނަމަ ށ.ގައި ފިލިޖެހޭ ތަންތާނގައި އޮންނާންޖެހޭނީ ށ. ސުކުނެވެ. އަލިފު ސުކުނެއް ނޫނެވެ. ނަސީބަކުން އަޅުގަނޑަށް ދޫކުރައްވައިފައިވާ [ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު]ގައި، [ލ. މާވަށް] ލިޔުއްވައިފައިވަނީ ރަނގަޅަށެވެ. (ނިމުނީ)
___________________________________
ބައެއް ލަފުޒުގެ މާނަ:
ކަހަރުވައް ނ. (1) ގަހެއްގައި އަޅާ ވަކެއް. މިއީ ކަރާދުނބުރިއާ އެއްވައްތަރަކަށް ހުންނަ ވަކެކެވެ. (2) އެއްވެސް އަގެއް ނެތް މީހާ.
މަގާލު ނ. ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ނުވަތަ އޮންލައިން ސަފުހާއެއްގައި ލިޔާ ކުރު ލިޔުމެއް. article
މީޔާރު ނއ. (1) އާންމުކޮށް ބަލައިގަނެވޭ ވަރަށް ފޭރާން ހެޔޮ ނުވަތަ ފެންވަރު ރަނގަޅު. (2) އާންމު ހަމަ. (3) އިޚުތިޔާރު ލިބިގެންވާ ފަރާތަކުން އެއްޗަކާމެދު ނުވަތަ ކަމަކާމެދު ކަނޑައަޅައިފައިވާ ފެންވަރު ވަޒަންކުރުމުގެ މިންގަނޑު. standard