އަސްމާ އަބޫބަކުރު
19 އޮކްޓޯބަރު 2025
އިންސާފު
(2025 އޮކުޓޫބަރު 12ގެ ޢަދަދާ ގުޅޭ)
މީރާ ކުރަމުންގެންދާ ކަންތައް އައިޝާއަށް ވިސްނައިލުމުން އެނގިއްޖެއެވެ. އައިޝާގެ ކޮޓަރީގައި މީރާ ކުރަމުން ގެންދާ ކަންތައްތައް އައިޝާއަށް ސިއްރެއް ނުވިއެވެ. މީރާ ކޮންމެ ގޮތަކަށް ކަންކުރިއަސް އެ ކަމަކާ އައިޝާ އެއްޗެއް ނުބުނެއެވެ. އެ ކުރާ ކަންތައްތައް ކޮންމެ ވެސް ދުވަހަކުން ފަޅައިއަރާނެކަން އައިޝާއަށް އެނގެއެވެ. އެ ދުވަހެއްގެ އިންތިޒާރުގައި އައިޝާ ހުރީއެވެ. ކޮންމެ ކަމަކަށް އެންމެ ރަނގަޅު ވަގުތެއް އަންނާނެ ފަދައިންނެވެ.
މީނާ އޯލެވެލް ނިމުމާ އެކު ކިޔަވާން މާލެ ދާން ތައްޔާރުވެއްޖެއެވެ. މީނާ ގޮސް އައިޝާގެ ކޮޓަރިއަށް ވަނެވެ. މާލެ ދާން އުޅޭ ވާހަކަ ބުނެ ދޮންބެ ދައްތައާ ވަކިވާން ޖެހޭތީ ދެރަވާކަމުގައި މީނާ ބުންޏެވެ.
[މީނާ ރަނގަޅަށް ކިޔަވައިގެން ރަށުގެ ކޮންމެ ވެސް ވަޒިފާއަކަށް އަންނައްޗޭ!] ރަށަށް ޚިދުމަތްކުރުމުގެ މުހިއްމުކަން އައިޝާ ކިޔައިދިނުމުން މީނާ އެ ކަމަށް އެއްބަސްވިއެވެ.
[ދޮންބެ ދައްތަ ވެސް ބަލައިގެން އުޅެއްޗޭ. ދުޝްމަނުން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ.] މީނާ އެ ބުނެދިނީ ވަރަށް ބޮޑު ވާހަކައެއްކަން އައިޝާއަށް އެނގުނެވެ.
ގޭތެރޭގައި ކަންތައްތައް ރޭވެމުންދާ ގޮތް ކޮންމެ ވެސް ވަރަކަށް މީނާއަށް އަޑުއިވެއެވެ. މީނާ އެތައް ފަހަރަކު އައިޝާ ދިފާޢުކުރުމުގައި ވެސް މަސައްކަތްކުރިއެވެ. އެހެންނަމަވެސް މީރާގެ އުޅުމަކަށް ވެސް ޕްލޭނަކަށް ވެސް ބަދަލެއް ނާދެއެވެ. ކޮންމެ ވެސް ގޮތަކުން އައިޝާ އެ ގެއިން ނެރެވޭނެ ގޮތެއް އޮތްތޯ މީރާ ބަލަމުން ގެންދިޔައެވެ.
އަނެއްކޮޅުން މާޒިންގެ މަންމައަށް މީރާ ކުރާ އެއްވެސް ކަމެއް މިހައި ތަނަށް ގޯސްވެފައެއް ނެތެވެ. މީރާ ކުރާ ކޮންމެ ކަމަކަށް އެއްބާރުލުން ދިނުމުގައި މަންމަ ހުންނަނީ މަދަދުގާރެއްގެ ގޮތުގައެވެ. ނަމަވެސް މި ފަހަކަށް އައިސް މަންމަ ބަލިވުމުން މީރާ މަންމައާ ދުރުވެ ނަޒުވާ ގެނެސްގެން އޭނާއާ އެކުގައި ގިނަ ވަގުތު ހޭދަކުރާން ފެށިއެވެ.
[ނަޒުވާ ހިނގައިބަލަ މިރޭ ބޭރަށް ޖައްސައިލާން. އަލީމްގެ ގާޑިޔާ ކައިރިއަށް ކޮންމެހެން ދާންވާނެ. މިރޭ.] މީރާގެ ވާހަކައަށް ނަޒުވާގެ ހުރިހާ ދަތްތަކެއް ދައްކައިލިއެވެ. ނަޒުވާއަށް މާ ރީތިވެގެން އުޅޭ އަލީމް ގާތަށް ދެވޭތީއެވެ.
މީރާގެ ޕްލޭންގެ ބައެއް ނަޒުވާއަށް އެނގުނު ނަމަވެސް ހުރިހައި ވާހަކައެއް މީރާ ކިޔައެއް ނުދެއެވެ. މީރާ މިހާރު ކުރަމުން ގެންދާ ކަމަކީ ނާއިފަކާ ގުޅުން ބޭއްވުމެވެ. ނާއިފަށް ޚަރަދުކުރަނީ މީރާއެވެ. ރަމީޒު މި ދުވަސްކޮޅު ފިހާރައަށް މުދާ ގަންނާން ރާއްޖޭން ބޭރަށް ދިޔުމުން މީރާއަށް ބޭނުންގޮތަކަށް އުޅޭން ފުރުޞަތު ލިބިފައިވެއެވެ. ނާއިފަށް މީރާ ވަނީ ގަޑިކިޔައިފައެވެ. ދެ މީހުން ބައްދަލުކުރާކަން ނަޒުވާއަށް ވެސް ވަނީ ސިއްރުކުރެވިފައެވެ.
މީރާ ބޭރަށްދާން ތައްޔާރުވެގެން ކޮޓަރިން ނިކުތުމާ އެކު ނަޒުވާ ވެސް އޭނާގެ ކޮޓަރީން ނިކުތެވެ. އެ ދެ މީހުން އެކުގައި ނިކުމެގެން ދަނިކޮށް އައިޝާއަށް ފެނުނެވެ. މުޅިގޭތެރެ ސެންޓުގެ ވަހުން އެއްވަސް ވެފައިވެއެވެ. ޢާއިޝާ ބަދިގެއަށް ގޮސް ކާން ތައްޔާރު ވެއްޖެތޯ ޒަރީނާކުރެން އެހިއެވެ.
[މި ނަގަނީ މޭޒަށް ކާ އެއްޗެހި. މީރާއާއި ނަޒުވާ އެ ދިޔައީ މިރޭ ބޭރުން ކާ ވާހަކަ ބުނެފައި.] އައިޝާ ވެސް ޒަރީނާއާ އެކުގައި ކެއުން ތައްޔާރުކުރުމުގައި އެހީވިއެވެ. އެ މަސައްކަތުގައި އުޅެނިކޮށް މީހަކު ހަޅޭއްލަވައިގަންނަ އަޑުއިވުމުން އައިޝާ ދުއްވައިގަތީ ގޭތެރެއަށެވެ. އޭރު މާޒިންގެ މަންމަ އޮތީ ސިޑި މައްޗަށް ވެއްޓިފައެވެ. އައިޝާ ދުވެފައި ގޮސް ޖަމީލާ ނެގޭތޯ އުޅުނެވެ. އެކަމަކު އެކަނި ޖަމީލާ ނެގޭ ގޮތެއް ނުވިއެވެ. ޒަރީނާއަށް ގޮވައި ގެނެސްގެން ދެމީހުން ވެގެން ޖަމީލާ ނަގައިފިއެވެ. އެހެންނަމަވެސް ޖަމީލާއަށް ފައި އެޅޭ ގޮތެއް ނުވިއެވެ.
[ފަޔަށް ތަދުވަނީ. ފައި އަޅާކަށް ނުކެރޭ] ޖަމީލާ ސިޑިމަތީ ބައިންދައިފައި އައިޝާ އެންބިއުލެންސަށް ގުޅިއެވެ.
[މީރާއަށް ގޮވައިބަލަ!] އައިޝާ ހުރުމުން ޖަމީލާ ނުރުހުންވެފައި ޒަރީނާ ގާތުގައި ބުންޏެވެ.
[މީރާ އާއި ނަޒުވާ ހިނގައްޖެ ބޭރަށް.] ޒަރީނާ ޖަވާބު ދިނެވެ. އެ ހިސާބުން ޖަމީލާއަށް ހަދާނެ ގޮތް ހުސްވިއެވެ. ކިތަންމެ ނުރުހުންވިއަސް މި ވަގުތު އެހީވާން ހުރީ އައިޝާއެވެ. މަންމަ ގޮވައިގެން ހޮސްޕިޓަލަށް ދިޔައީ އައިޝާއެވެ. އެރޭ ގެއަށް އާދެވުނީ އެގާރަ ވެސް ޖެހިފަހުންނެވެ. ޖަމީލާގެ ފައިގައި ރެނދެއް ލައިފައި ހުރުމުން ޕްލާސްޓަރ ވަނީ އަޅައިފައެވެ. ޖަމީލާގެ ހުރިހައި ކަމެއް ބަލަމުން ގެންދިޔައީ އައިޝާއެވެ. ފުރަތަމަކޮޅު ޖަމީލާ ނުރުހުންވެގެން އުޅުނަސް މީރާއަށް ވުރެ އައިޝާ އޭނާއަށް އަޅައިލާކަން ގަބޫލުކުރެވިއްޖެއެވެ.
ބާރަޖެހިފަހުން މީރާ އައިސް ކޮޓަރިއަށް ވަދެ އެނދުމައްޗަށް ވެއްޓިގަތެވެ. ވެފައިހުރި ވަރުބަލިކަމުގައި އެނދުގައި ޖައްސައިލުމާއެކު މީރާއަށް ނިދިއްޖެއެވެ. އަނެއް ދުވަހު ހެނދުނު ދިހައެއް ޖެހިފަހުން ތެދުވެގެން މީރާ ނިކުތީ ސިޓިންގރޫމަށެވެ. މަންމަ ނެތުމުން މަންމަގެ ކޮޓަރިއަށް ގޮސް މީރާ ވަނެވެ.
[މަންމާ ފަޔަށް ކިހިނެއްވީ؟] މީރާގެ ދެލޯ ބޮޑުވެ ހައިރާންވެގެން އަހައިލިއެވެ.
[ރޭގައި ސިޑީން ވެއްޓުނީ.] މަންމަގެ ވާހަކަ އަޑުއިވުމުން ރޭގައި ގޭގައި ނެތީމާ ހިނގި އެއްވެސް ކަމެއް މީރާއަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
[ދެންކާކު މަންމަ ހޮސްޕިޓަލަށް ގެންދިޔައީ. ބައްޕައެއް ވެސް ނެތެއްނު.] މީރާ ސުވާލުކުރުމުން ވެސް ޖަމީލާ އެއްވެސް ވާހަކައެއް ނުބުންޏެވެ.
[ޑޮކްޓަރު ބުނުއްވީ ފައިގައި ރެނދެއް ލާފައޭ.] ޖަމީލާ ވާހަކަދައްކަމުން ދިޔަ ނަމަ ވެސް މީރާ ލޯ އަމާޒުވެފައި ވަނީ ފޯނަށެވެ.
[މަންމަ އަރާމުކުރީމާ ފައި ރަނގަޅުވެދާނެ. މިއަދު ސައިބޯން ދާންވެގެން މަންމަ ސިޓިންގ ރޫމްގައި ނެތީމައި މި އައީ. ސައިބޯން މި ދަނީ. މަންމަ ސައިބޮއިފިންތަ؟]
[އާން. ސައިބޮއިފިން.] ޖަމީލާގެ ލޯ ހުޅުވޭންފެށީ ނުހިނގިފައި އޮތް ދުވަސްތަކުގައެވެ. މީރާގެ އުޅުމާއި އައިޝާގެ އުޅުން އަޅައިކިޔުނީ ވެސް އެ ދުވަސްތަކުގައެވެ. އައިޝާ ސްކޫލްގައި ހުރެފައި ވެސް ކާންދޭ ގަޑިއަށް ގެއަށް އައިސް މަންމައަށް ކާންދެއެވެ. ބޭސް ދޭން ޖެހޭ ގަޑިތަކުގައި ބަރާބަރަށް ބޭސްދެއެވެ. އަބަދު އޮށޯވެ އޮންނާން ފޫހިވާނެތީ އެ ކޮޓަރިއަށް ޓީވީއެއް ގެނެސް ބެހެއްޓިއެވެ. ރޭގަނޑުގެ ވަގުތުގައި ނިދަންވަންދެން މަންމަގެ ގާތުގައި އިނދެއެވެ.
[އައިޝާ. މަންމައަށް މާފުކުރޭ! ކުރީން އަހަރެންގެ ހިތުގައި އައިޝާއަށް އޮތީ ހުސް ނަފުރަތު. އެކަމަކު މިހާރު އައިޝާގެ ގޮތް އެނގިއްޖެ. އަހަރެންގެ އުފަން ދަރިއަށް ވުރެ އައިޝާ އަހަންނަށް މާ ރަނގަޅު.] ޖަމީލާ ހިތުގައި ހުރި ހުރިހައި ވާހަކަތަކެއް ކިޔައިދިނެވެ.
[މަންމާ. އަހަރެންގެ މައިންބަފައިންނާއި މާޒިންގެ މައިންބަފައިންނަށް އަހަރެން އަޅައިލާންޖެހޭނެ. މަންމައަށް އަބަދުވެސް އަހަރެން ހިތުގައި ލޯބި ފިޔަވައި އެހެން އެއްޗެއް ނެތް. އޭރު ވެސް މަންމަ ބުނާ އެއްޗަކަށް އަހަރެންގެ ހިތުގައި އެއްވެސް އެއްޗެއް ނުބާއްވަން. މިއަދު ވެސް އަހަރެންގެ ހިތް މަންމައަށް ޓަކައި ވަރަށް ސާފު.] އައިޝާގެ ވާހަކައިން ޖަމީލާއަށް ރޮވުނެވެ. އެހައި ވަރަށް އައިޝާއަށް އެއްޗެހި ގޮވި އިރު ވެސް އޭނާގެ މައިންބަފައި ދިން ތަރުބިއްޔަތު ރަނގަޅުކަން ހިތަށް އެރިއެވެ. އޭގެ ބަދަލުގައި މީރާ މިހާރު ވެސް ވީ ރަށުން ބޭރުގައެވެ. މާ ކުރީން ރޭވިފައިވާ ދަތުރެއްކަމުން ނުގޮސް ނުވެގެންނެވެ.
މީރާ މަންމަ ބަލަން މީހަކު ހަމަޖެއްސިއެވެ. އެހެންނަމަވެސް ޖަމީލާގެ ހުރިހައި ކަމެއް ބަލަހައްޓަނީ އައިޝާއެވެ. ފުރަތަމަ ތިން ދުވަހު އޮފީހުން ޗުއްޓީއެއް ނަގައިގެން ހުރެ މާޒިންގެ މަންމައަށް ނުހިނގޭތީ އަބަދު އޭނާގެ ގާތުގައި ހުރީ ވެސް އައިޝާއެވެ. ޖަމީލާގެ ގާތުގައި އައިޝާ ބުނެފައި ވަނީ މާޒިން ގުޅުމުން ބަލިވާހަކަ ނުބުނުމަށެވެ. އެއީ މާޒިންގެ ކިޔެވުމަށް ދަތިވެދާނެތީއެވެ. އެ ކަމާ ޖަމީލާ ވެސް އެއްބަސްވެ މާޒިންއަކަށް އެ ކަމެއް ނާންގައެވެ. އަދި މާޒިންގެ ބައްޕައަށް ވެސް ޖަމީލާ ބަލިކަން އެނގުނީ ރަށަށް އައުމުންނެވެ.
މާޒިންގެ މަންމައާއި ބައްޕައަށް ޓަކައި އައިޝާ އުޅޭ ގޮތުން މިހާރު ޖަމީލާގެ ހިތުގައި އޮތީ ހަމައެކަނި ލޯތްބެވެ. ޖަމީލާ ގާތުގައި މީރާ ދައްކައިފައިވާ ކޮންމެ ވާހަކައަކީ ދޮގެއްކަން ޖަމީލާއަށް އެނގިއްޖެއެވެ. ކުރީން ޖަމީލާ ރުޅިއަންނަނީ ހަމައެކަނި ވަޒީފާއެއްގައި އުޅޭތީއެއްނޫނެވެ. އައިޝާއާ ބެހޭ ގޮތުން މީރާ ދައްކައިފައިވާ ދޮގު ވާހަކަތަކުންނެވެ. އައިޝާގެ އުޅުން އެހައި ގާތުން ފެންނާން ފެށުމުން ޖަމީލާއަށް ވިސްނޭން ފެށީ އައިޝާއަކީ މީރާ އެ ކިޔާ ކަހަލަ ގޯސް ކުއްޖެއް ނޫންކަމެވެ. އޭނާގެ އަޚުލާޤު ވެސް އެހައި ރަނގަޅެވެ. ގޭތެރޭގައި އައިޝާ ކުރާ މަސައްކަތްތަކުގެ ވާހަކަ ވެސް ޒަރީނާގެ ފަރާތުން ޖަމީލާއަށް ވަނީ އެނގިފައެވެ. އައިޝާ އިސްކޫލަށް ދާ ގަޑިތަކުގައި އައިޝާ ބުނެގެން ޒަރީނާ ޑިއުޓީގައި އިނދެއެވެ. ޒަރީނާގެ ވާހަކަތަކުން އައިޝާގެ ފަހަތުގައި ރަމީޒު އުޅޭކަން އޮތީ އެނގިފައެވެ. އެއް ދަވަހަކު ބަދިގެ ތެރެއިން ދިމާކުރި ވާހަކަ ޒަރީނާ ކިޔައިދިނުމުން ޖަމީލާ ވަރަށް ހިތްހަމަ ނުޖެހުނެވެ. އައިޝާ އެ ކަހަލަ އެއްވެސް ވާހަކައެއް އޭރު ނުދައްކާނެކަން ވެސް ޖަމީލާއަށް އެނގެއެވެ.
[ހަލޯ. މާޒިން. މިއަދު ކުލާސްނެތީތަ؟] އައިޝާ ކަންބޮޑުވަނީ މާޒިން ކިޔެވުމަށް އުނދަގޫ ކުރެވިދާނެތީއެވެ.
[ކްލާސް ނިމިއްޖެ. ކްލާސް އޮތް ނަމަ ނުގުޅާނެކަން އައިޝާއަށް އެނގޭނެ.] މާޒިނާ އިރުކޮޅަކު ވާހަކަދެއްކުމަށްފަހު އައިޝާ ފޯނު ބޭއްވިއެވެ.
މީރާގެ ދަތުރު ނިންމައިފައި ގެއަށް އައީ ހަފުތާއެއްހައި ދުވަހު ރަށުން ބޭރުގައި އުޅުމަށް ފަހުއެވެ. ގެއަށް ވަނުމާއެކު މަންމަ ގާތަށް އަވަސްއަވަހަށް ދިޔައެވެ.
[މަންމާ. ކިހިނެއްތަ މިހާރު.؟] ރަށުން ބޭރުގައި ހުރިއިރު ގުޅައި ވެސް ނުލައި މީރާ އައިސް ވަރަށް ދެރަވެފައި އިނދެ އަހައިލިއެވެ.
[މިހާރު އެކަނި ހިނގައިލެވޭ. އެކަމަކު އެހައި ގިނައިން ނުހިނގާން އަންގައިފައި އޮތީ.] އޭރު ޖަމީލާ ގާތުގައި އިނީ ޒަރީނާއެވެ.
[ޒަރީނައްތަ ދޭ ބަދިގެއަށް. އަހަރެން އިންނާނަން މަންމަ ގާތުގައި މިގަޑިގައި.] މީރާ އެހެން ބުނުމުން ޒަރީނާ ތެދުވެގެން ހިނގައްޖެއެވެ.
[މަންމާ އަހަރެން މަންމަގެ ކަންތައްތަކަށް ހަމަޖެއްސި ފާތުން ކޮބާ؟] މީރާ މީހަކު ހަމަޖެއްސިކަމެއް ޖަމީލާއަކަށް ނޭނގެއެވެ.
[މިގޭގައި އުޅޭ އައިޝާއަށް މަންމަ ގާތުގައި އިނދެލާނެ ވަގުތެއް ވެސް ނުވޭދޯ. އެހެން ނޫނަސް އޭނާއެއް މަންމަގެ އެއްވެސް ކަމެއް ކޮށްދޭނެހެންނެއް ހިޔެއް ނުވޭ. އަހަރެން ފުރަން ދަމުން ވެސް އައިޝާ ގާތުގައި މަންމައަށް ނުހިނގޭ ވާހަކަ ބުނުމުން އޭނާ ބުނީ އެ މީހަކު މަންމަ ބަލާނީ އެ މީހެކޯ.] މީރާ ދުލުގެ ނުބައިކަން ޖަމީލާއަށް ފާހަގަވާން ފެށީ އަދި ކިރިޔާއެވެ. ޖަމީލާގެ ގާތަށް އައިރުޅިން އިތުރު އެއްވެސް އެއްޗެއް ނުބުނެއެވެ. މިހާރު ޖަމީލާއަށް މީރާގެ އުޅުން ފެންނާން ފެށުމުން ދުވަސްކޮޅަކަށް މީރާ އުޅޭނޫޅޭ ގޮތް ބަލާން ޖަމީލާ ވިސްނިއެވެ. އައިޝާގެ އެއްވެސް ވާހަކައެއް ޖަމީލާއެއް ނުބުނެއެވެ.
[ކޮބާ ނަޒުވާ. ރަށަށް ދަކަށް ނޫޅޭތަ؟] ޖަމީލާ އަހައިލިއެވެ.
[އޭނާ ހިޔެއް ނުވޭ ދެން ރަށަށް ދާނެހެނެއް. މި ރަށުން މާ ގަޔާވާ ފިރިހެން ކުއްޖެއް ފެނިގެން އުޅެނީ. ދޮންބެ ނުގުޅައިތަ؟] މީރާގެ ވާހަކަ އަޑުއަހާން އިން ޖަމީލާ އިނީ ހިތްހަމަ ނުޖެހިފައެވެ.
[މިފަހަރު ދޮންބެ ރަށަށް އައުމުން އައިޝާގެ ޙަގީގަތް ކިޔައިދޭނަން.] މީރާ އެ ބުނި ޖުމްލައިން ޖަމީލާ ކަންބޮޑުވިއެވެ.
[ކޮން ކަހަލަ ހަގީގަތެއް؟] (ނުނިމޭ)