ad_banner
ކޮލަމް ހަމަ (50): ވާކަމާއި މާދައިގެ ތަފާތު ދެނެގަންނާން ޖެހެއެވެ.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

12 ޑިސެންބަރު 2025

ވާކަމާއި މާގައިގެ ތަފާތު ދެނެގަންނާން ޖެހެއެވެ.

އަޅުގަނޑު [ކޮލަމް ހަމަ] މި ސިލްސިލާގައި ލިޔަމުން އަންނަ ކޮލަމުގައި މިއަދު އަޅުގަނޑު މި ނަކަލުކޮށްލަނީ ނޫހެއްގައި އޮތް، ތަންކޮޅެއް ދިގު ޖުމުލައަކުން ތަންކޮޅެކެވެ. [. . . އިންތިހާބަށް ތައްޔާރުވުމުގައްޔާއި އިންތިހާބު ބޭއްވުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ވޯޓުލާ މަރުކަޒުތަކުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ވޯޓު ގުނުމުގައި އަމަލު ކުރަންވީ ގޮތާއި އިންތިހާބުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މީހުން އަމަލުކުރަން ޖެހޭ ގޮތްތަކާއި ވޯޓުލާ މަރުކަޒުގައި ހުންނަ ތަކެތީގެ ސާފުތާހިރުކަން ހުންނަން ޖެހޭ ގޮތް ހިމަނާފައިވެއެވެ.] މި  އިބާރާތެވެ.

މި ޖުމުލައިން ކުށެއް ފާހަގަކުރުމުގެ ކުރީން ޖުމުލައިގައި އޮތް ވަރަށް ރަނގަޅު ކަމެއް ފާހަގަކޮށްލާނަމެވެ. މި ޒަމާނުގެ ބައެއް ޤާނޫނުތަކުގައި ވެސް ތަކުރާރުކޮށް ލިޔެފައި ހުންނަ (އެކަމަކު ޤާނޫނުއަސާސީގައި އެ ކުށް ނުހުންނަ) ކުށް ގޮތެއް، މި ޖުމުލައިގައި ރަނގަޅަށް އޮތްކަން ފާހަގަކޮށްލާން ބޭނުންވީއެވެ. އެއީ "ތައްޔާރުވުމުގައްޔާއި" މި ޢިބާރާތެވެ. ވަރަށް ރަސްމީ ލިޔުންތަކުގައި ވެސް "ގައި"ގެ ފަހަތަށް "އާއި" ގުޅުމުން "ގައާއި"އަށް ބަދަލުކޮށް ލިޔެފައި ހުރެއެވެ. އެއީ ކުށް ގޮތެކެވެ. ނަމަވެސް މި ލިޔުމުގައި އޮތީ ރަނގަޅަށެވެ. އެއީ "ގައްޔާއި"އެވެ. މި ކަމަށް ޓަކައި އުފާކޮށް މި ލިޔުއްވި ލިޔުންތެރިޔާއަށް ތަހުނިޔާ ދަންނަވަމެވެ.

މި ކަން ރަނގަޅަށް އޮތް ނަމަވެސް، ދެތިން ކުށެއް އަޅުގަނޑު ފާހަގަކޮށްލާނަމެވެ. ފުރަތަމަ ކުށަކީ ކުށެކޭ ދެންނެވުމަށް ވުރެ ބޮޑަށް އަޅުގަނޑު ދަންނަވައިލާ ހިތް ވަނީ އެއީ އެންމެ ރަނގަޅު ގޮތެއް ނޫނޭއެވެ. އެއީ އަކުރުގައި ނުކުތާ ޖެހުމުގެ ވާހަކައެވެ. އާންމު، އުސޫލު، ހަގީގަތް، ގަވާއިދު ފަދަ ދިވެހި ވެފައި ހުންނަ ލަފުޒުތައް ނުކުތާ ނުޖަހައި ލިޔުމަކީ ބަހާ ބެހޭ އެންމެ އިސް ވިދާރާއިން ވެސް ތަރުހީބުދެއްވާ ގޮތެވެ. ނަމަވެސް އޭގެ މާނައަކީ ދިވެހިބަހުގައި ނުކުތާޖެހި އަކުރެއް ނެތްކަމަށް މުޅީން ބެލުމެއް ނޫނެވެ. ޚ، އާއި ޝ އާއި ޕ އާއި ޣ ފަދަ އަކުރުތަކުގައި ނުކުތާ ޖަހާންޖެހޭނެއެވެ. ޚަބަރަށް "ހަބަރު" ކިޔުމަކީ އަދި ޝުކުރިއްޔާއަށް "ސުކުރިއްޔާ"، އިންތިޚާބަށް "އިންތިހާބު" ލިޔުމަކީ އަދި ބައްޕައަށް "ބައްފަ" ލިޔުމަކީ ރަނގަޅު ގޮތްގޮތެއް ނޫނެވެ. އެހެނީ އެއީ ދިވެހި އިސްތިމާލުގައި ބޭނުންކޮށް ދިވެހި މަޚުރަޖަށް ވެފައި ހުރި އަޑުތަކެކެވެ. ހަމަ މިފަދައިން "ޢަމަލު" މި ލަފުޒާއި "އަމަލު" މި ލަފުޒަކީ މުޅީން ތަފާތު ދެ މާނައެއްގައި ދިވެހިބަހުގައި ވެސް އިސްތިމާލުކޮށް އުޅޭ ދެ ލަފުޒަށް ވާތީ "ޢަމަލު" ލިޔާންޖެހޭ ތަންތާނގައި "އަމަލު" ލިޔުމަކީ މާނަ އަރައިރުންވެދާނޭ ކަމެކެވެ. ވީމާ، "ޢަމަލު" (ކުރާ ކަންކަން) ލިޔުއްވާއިރު ނުކުތާ ޖައްސަވާން ޖެހޭނެކަމަށް ދިވެހިބަހުގެ އެކެޑަމީއިން ޝާއިޢުކުރައްވައިފައިވާ ތާނަ އަކުރުތަކުގައި ނުކުތާ ޖެހުމުގެ ގަވާއިދުގައި ބަޔާންކޮށްފައި އޮވެއެވެ.

2024 އެޕްރީލު 14ގައި (ދިވެހިބަހުގެ ދުވަހު) ދިވެހިބަހުގެއެކެޑަމީއިން ޝާއިޢުކުރައްވައިފައިވާ [ތާނައިގައި ހުރި ނުކުތާޖެހިއަކުރުތައް ބޭޏުންކުރާނެ ހަމަ] މި ފޮތުގެ ނުވަވަނަ ސަފުހާގެ ފުރަތަމަ ނަންބަރުގައި ވަނީ [ދިވެހި ލަފުޒުތަކުގެ ތެރެއިން މާނަ ފުށުއަރާލަފުޒުތަކުގައި ނުކުތާޖެހި އަކުރުތައް ބޭނުންކުރުން. (ހ) ކިޔާ ގޮތާއި މާނަ، އޮޅިދާނެކަމަށް ޓަކައި އެ ފަދަ ލަފުޒުތަކުގައި ނުކުތާ ޖެހި އަކުރު ބޭނުންކުރުން.] މިހެންނެވެ. މި ނަންބަރުގައި މިސާލު ދައްކަވަމުން ގެންނަވައިފައި ހުރީ، [ޤާޟީ، ޣާޒީ]އާއި [ޢަމަލު، އަމަލު] އާއި [ޚަބަރު، ހަބަރު] މި ލަފުޒުތަކެވެ. މި ލަފުޒުތައް ތަފާތުކޮށް ލިޔާން އިލްތިމާސްކުރައްވައިފައި ވެއެވެ. މި ގަވާއިދުގެ ތިންވަނަ ނަންބަރުގައި ވަނީ [ދިވެހި އަޑުތަކުގެ ގޮތުގައި މިހާރު ހިމެނިފައިވާ /ޣ/އާއި /ޚ/އާއި، /ޝ/ މި ތިން އަޑު ދޫނުކޮށް އެ ފަދަ  މަޚުރަޖުތައް ރަމްޒުކޮށްދޭ ނުކުތާޖެހި އަކުރުތައް ބޭނުންކުރުން.] މިހެންނެވެ. މިސާލަކަށް ގެންނަވައިފައި ވަނީ [ޚަބަރު، ޚިޔާލު، މަޣުރިބު، މަޝްހޫރު] މި ލަފުޒުތަކެވެ.

މި ދެންނެވި [ހަމަ]އިގެ ދެވަނަ ނަންބަރުގައި އޮތީ ވަރަށް ފަސޭހަ އުސޫލެއް ތަޢާރަފުކުރައްވައިފައެވެ. އެ ނަންބަރުގައި ވަނީ [ނުކުތާ ނުޖެހިޔަސް މާނަ އަރައިރުންނުވާ ލަފުޒުތައް ނުކުތާ ނުޖަހައި ހުރި އަކުރުން ލިޔުން] މިހެނެންނެވެ. މިސާލަކަށް ގެންނަވައިފައި ވަނީ [ހަގީގަތް، ގައުމު، އަސްލު، އުސޫލު، ގަވާއިދު، ހާސިލު، މަގުސަދު، ތަހުގީގު] މިހެންނެވެ.

އޮޅުވައިނުލެއްވުން އެދެމެވެ. މާ އަރައިރުން ނުވާ ލަފުޒުތައް ނުކުތާ ނުޖަހައި ލިޔާން ބުނެފައިީކަމަށް ވިޔަސް އެ ގަވާއިދުގައި ބުނާ ގޮތުން /ޣ/، /ޚ/، /ޝ/ މި ތިން އަޑު ރަމްޒުކޮށްދޭ އެއްވެސް އަކުރެއް ނުކުތާ ނުޖަހައި އެއްވެސް ހާލެއްގައި ދޫކޮށްލައިގެންނެއް ނުވާނެއެވެ. މި ތިން އަކުރު ފިޔަވައި އެހެން އަކުރުތައް މާނަ ތަފާތުނުވާ ހާލަތްތަކުގައި ނުކުތާ ނުޖަހައި ދޫކޮށްލެވިދާނެއެވެ. ނަމަވެސް ހިޖުރީ މަސްތައް ފަދަ، މީހުންނާއި ތަންތަނަށް ކިޔާ ޢަރަބި ނަންތައް ފަދަ ލަފުޒުތައް ތާނައިން ލިޔާ އިރު ގަވާއިދުން ނުކުތާ ޖަހާންޖެހޭނެކަމަށް އެ ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ.

އަޅުގަނޑު އިލްތިމާސްކޮށްލާން ބޭނުމެވެ. އަޅުގަނޑު މި މަގާލުގައި ގެނެސްފައިވާ އިބާރާތުގައި އޮތް [ޢަމަލު]ގައި ނުކުތާ ޖަހާން ޖެހޭނެކަމަށް އަޅުގަނޑު ދެންނެވީ މި ދެންނެވި ގަވާއިދުގެ އެތައް ތަނެއްގައި ބަޔާންކުރައްވައިފައިވާ ގޮތުން އެ ލަފުޒުގައި ނުކުތާ ޖަހާންޖެހޭނެކަމަށް އޮތީމައެވެ. މާނަ ތަފާތުވާތީއެވެ. "އަމަލު" މިއީ "ޢަމަލެއް" ނޫނެވެ. ދިވެހިބަހުގައި ވެސް މެއެވެ. ދިވެހިބަހުގައި "އަމަލު"ގެ މާނައަކީ "މަސްތު"އެވެ. ނުވަތަ "އެއްޗެއް ކައިގެން ނުވަތަ ބޮއިގެން ނުވަތަ މި ނޫން ވެސް ގޮތަކުން ވާ މަސްތު"އެވެ. އަދި "ދެބަންދިހާރަ"ވުމަށް ވެސް އަމަލުވުމޭ (މަޖާޒީ ގޮތުން) ކިޔައެވެ. ޢަރަބި ބަހުގައި "އަމަލު"ގެ މާނައަކީ "އުންމީދު"ކަމަށް ވާތީ، އަދަބީ ބައެއް ލިޔުންތަކުގައި (ޚާއްޞަކޮށް ޅެންވެރިކަމުގައި) އެ މާނައިގައި ވެސް "އަމަލު" (މި ލަފުޒު) ބޭނުންކޮށްފައި އެބަހުއްޓެވެ. އަދި "މަދްރަސަތުލްއަމަލު" ނަމަކަށް ކީ މަދަރުސާއެއް ވެސް އަޅުގަނޑު ދުށީމެވެ. އެހެންވީމާ "ޢަމަލު" ލިޔުއްވާންޖެހޭ ތަނެއްގައި "އަމަލު" ލިޔުއްވައިގެން ކަމުދާނެކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއެވެ. އެއީ ތަފާތު ދެ މާނައެއްގައި ބޭނުންކުރެވޭ ތަފާތު ދެ ލަފުޒަކަށް ވާތީއެވެ.

އަޅުގަނޑު ނަކަލު ކޮށްލި ޖުމުލައިން ފާހަގަކޮށްލާން ބޭނުންވާ އަނެއް ލަފުޒަކީ "އަމަލުކުރަން" މި ލަފުޒެވެ. މި ލަފުޒުގެ ފުރަތަމަ އަކުރު ޢައިނަކަށް ބަދަލުކުރާންޖެހޭ ވާހަކަ، ސަބަބާއެކު، އިސްވެ ދެންނެވިއްޖެއެވެ. ގެންނާން ޖެހޭ އަނެއް ބަދަލަކީ [ޅ]އާއި [ރ]އާއި [ނ]ގައި އަބަފިލީގެ ބަދަލުގައި އާބާފިލި ޖެހުމެވެ. [ޢަމަލުކުރަން] އެއީ އެ ލަފުޒު ވާކަމުގެ ޒަމާނުގައި އޮންނަ އިރު، ލިޔާން ޖެހޭ ގޮތެވެ. ކަމެއް ކުރުމަށް ޓަކައި ނުވަތަ ފަހުން ކުރާންޖެހޭ ކަމެއްގެ މާނަ ދޭހަކުރުމުގެ ގޮތުން ލިޔާ ނަމަ، ނުވަތަ ކަމުގެ މާދައިގައި އެ ލަފުޒު ގެންނަ ނަމަ، އެ ރާގައި އާބާފިލި ޖަހާންޖެހެއެވެ. (ކިޔާއިރު އަޑު ކުރުކޮށް ކިޔުމަކީ އެކި މީހުންގެ ވާހަކަ ދެއްކުމުގައި ހުންނަ ތަފާތެކެވެ. އެއީ މައްސަލައެއް ވެސް ނޫނެވެ. ނަމަވެސް ލިޔާންޖެހޭނީ އާބާފިއްޔެވެ.)  އެ ޖުމުލައިގައި އޮތް "ސަމާލުކަން ދޭންވީ" މި އިބާރާތުގައި ދ ގައި އެބެފިލި ނުޖައްސަވައި އޭބޭފިލި ޖެއްސެވި ހަމައިން ("ދެންވީ" ނުލިޔުއްވައި "ދޭންވީ" ލިޔުއްވި ފަދައިން) އެ ރާގައި ވެސް އަބަފިލީގެ ބަދަލުގައި އޮންނާންވާނީ އާބާފިއްޔެވެ. [އަޅަންޖެހޭ] މި ލަފުޒުގައި އޮތް [ޅ]ގައި ވެސް އަބަފިލީގެ ބަދަލުގައި އޮންނާންވާނީ އާބާފިއްޔެވެ. [ހުންނަންޖެހޭ] މި ލަފުޒުގެ [ނ]ގައި ވެސް އޮންނާންޖެހެނީ އާބާފިއްޔެވެ. މި އަބަފިއްޔާއި އާބާފިލި، އެބެފިއްޔާއި އޭބޭފިލި (ކުރުފިއްޔާއި ދެމޭފިލި) ތަފާތުވާ ގޮތުގެ ބައެއް މިސާލުތައް ދަންނަވައިލިއްޔާ ފަސޭހަފުޅުވެދާނެތީ އެ ފަދަ ބައެއް މިސާލު ދަންނަވައިލާނަމެވެ.

·     އަހަރެން ކޮންމެ ދުވަހަކު ހިނގަން.  އަހަރެން ކޮންމެ ދުވަހަކު ހިނގާން ދަން.

·     އެ ގެއަށް އަހަރެން ދަން. މި ދަނީ ވެސް އެ ގެއަށް ދާން.

·     އަހަރެން އަބަދު ވެސް މެންދުރު ކަން. މިއަދު މެންދުރު ކާން ދަމުން ތިޔަ ގެޔަށް ވަދެލާނަން.

·     އަހަރެން ކޮންމެ އަހަރަކު ވެސް ރޯދައަށް މަސައްކަތް ހުއްޓައިލަން.  މި ފަހަރު ރޯދައަށް މަސައްކަތް ހުއްޓައިލާން މި ގަސްތު ކުރަނީ ފަހު ދިހައަށް އެކަނި.

·     ތިޔަ މަގުން ވެސް އަހަރެން ދުއްވަން. އަހަރެން ކާރު ދުއްވާން ދާއިރު، އެ ގޭ ދޮރުމަތީން ވެސް ދަން.

·     އަހަރެން އަބަދުވެސް މޫދަށް އެރެން.  މިއަދަކު މޫދަށް އެރޭން ދާ ހިތެއް ނުވޭ.

·     އަބަދު ވެސް އަހަރެން އެކަން ކުރަން.  އެކަމަކު މިއަދު ކުރާން މި އުޅެނީ އެހެން މަސައްކަތެއް.

މިއިން ކޮންމެ މިސާލެއްގެ ދެވަނަ ޖުމުލައިގައި އެ ވަނީ ކަމެއް ނޫނެވެ. އެއީ ކަމުގެ މާދައެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން އަޅުގަނޑުމެން ދިވެހިބަހުގައި ކަމެކޭ ކިޔަނީ [އެ ލަފުޒަކުން ކޮންމެވެސް ޙަރަކާތެއް ދޭހަވާ އަދި ވަކި ޒަމާނެއް އެނގޭ ލަފުޒަށެވެ.]

މި އުޞޫލުގެ މަތީން، އެ ޢިމާރާތުގައި ހުރި، "އަޅަންޖެހޭ"، "އަމަލުކުރަންޖެހޭ"، "ހުންނަންޖެހޭ" މި ލަފުޒުތަކުގައި އަބަފިލިޖަހައިފައި ހުރި ޅ، ރ، ނ، މި އަކުރުތަކުގައި އަބަފިލީގެ ބަދަލުގައި އާބާފިލި ޖަހާންޖެހެއެވެ. ސަބަބަކީ އަބަފިލި ނުވަތަ އެބެފިލި (ކުރުފިލި) ޖެހީމާ ވާ ކަމުގެ ޒަމާން ދޭހަވާތީއެވެ. އޭރުން އެ ލަފުޒު ވާނީ ކަމަކަށެވެ. ވާކަމުގެ ޒަމާނުގައި އޮތް ކަމަކަށެވެ. ނަމަވެސް އަޅުގަނޑު ގެނެސްފައި ހުރި މިސާލުތަކުގެ ދެވަނަ ޖުމުލައިގައި ހުރި ދެމޭފިލި ޖެހިފައިވާ [ލަފުޒު]ތަކުން ވަކި ޒަމާނެއް ދޭހައެއް ނުވާނެއެވެ.

މިސާލު: އަހަރެން ކޮންމެ ދުވަހަކު ވެސް ކަން. (މި ޖުމުލައިގައި މި އޮތް [ކަން] މިއީ ވާކަމުގެ ޒަމާނުގައި އޮތް ކަމެކެވެ. އެ ލަފުޒު އެހެން ޒަމާނެއްގައި ބޭނުމެއް ނުކުރެވޭނެއެވެ. [ކެއުން] މި މަސްދަރުން ފުރަތަމަ މީހާގެ ނަޒަރުން އުފެދޭ އެންމެ އާންމު ލަފުޒުތަކަކީ: ކަން (ވާކަން)، ކަނީ (ވޭވޭހުރިކަން)، ކައިފިން (ނިމުނުކަން)، ކެއިން (ނިމިނިމުނުކަން)، ކާނަން (ވާނޭކަން). މި ލަފުޒުތައް، (މި ކަން،) ދެވަނަ މީހާގެ ނަޒަރުން ޒަމާންތަކަށް ބަދަލުވާ ގޮތަކީ: ކައި (ވާކަން)، ކަނީ (ވޭވޭ ހުރިކަން)، ކައިފި (ނިމުނުކަން)، ކެއި (ނިމިނިމުނުކަން).

ނަމަވެސް އަޅުގަނޑުގެ މި މަގާލުގައި ގެނައި މިސާލުތަކުގައި ދަމާފިލި ޖަހައިފައިވާ ލަފުޒު، ހުރިހައި ޒަމާނެއް ދޭހަކޮށްދޭ ޖުމުލަތަކުގައި ވެސް ބޭނުންކުރެވޭނެއެވެ. (މާނައަކީ: އެ ލަފުޒުން ވަކި ޒަމާނެއް ދޭހައެއް ނުވާނެއެވެ.)

މިސާލު:

1.    އަހަރެން އެ ގެޔަށް ކާން ދަން. (ވާކަން)

2.    އިއްޔެ ވެސް އަހަރެން އެ ގެއަށް ކާން ދިޔައިން. (ނިމިނިމުނިކަން)

3.    ގެއަށް މި ދަނީ ކާން. (ވާކަން)

4.    މިއަދު ވެސް ގެއަށް ކާން ދާނަން. (ވާނޭކަން)

5.    މިހާރު ކާން ހިނގައްޖައިން. (ނިމުނުކަން)

މި ޖުމުލަތަކުގައި ހިމެނޭ ކަމަކީ، އަކުރު ފަވައިފައި އެވާ، ދަން، ދިޔައިން، ދަނީ، ދާނަން، ހިނގައްޖައިން، މިއީއެވެ. މިއިން ކޮންމެ ލަފުޒަކުން ވެސް ޢަމަލަކާ އެކު ޒަމާނެއް ދޭހަވާނެއެވެ. ނަމަވެސް ދެމޭފިލި ޖަހައިފައިވާ [ކާން] މި ލަފުޒު ކޮންމެ ޖުމުލައެއްގައި އެބަ އޮތެވެ. ވީމާ، އެ ލަފުޒަކުން ވަކި ޒަމާނެއް ދޭހައެއް ނުވާނެއެވެ. ވަކި ޒަމާނެއް ދޭހަނުވެ، ޢަމަލެއް ދޭހަވާތީ އެއީ ކަމުގެ މާދައެވެ. އިނިރޭސި ބަހުން ކިޔާ [އިންފިނިޓިވް]އެވެ. ވީމާ، ކަމުގެ މާދައިގައި (ލިޔުމުގައި) ޖަހާންޖެހޭނީ ދެމޭފިއްޔެވެ. ވާހަކަދައްކާ އިރު، ކުރު އަޑު ބޭނުންކުރުމަކީ ކޮންމެ ބަހެއްގައި ވެސް ކުރާ ކަމަކަށް ވާތީ އަޅުގަނޑަށް އެއީ މައްސަލައެއް ނޫނެވެ. ނަމަވެސް ލިޔާންވާނީ ރަނގަޅަށެވެ. ފެންނާން އޮންނާނީ ލިޔުމެވެ.

ދެން އޮތީ އައިބައިފިލީގެ ވާހަކައެކެވެ. އެ ޖުމުލަ ނިންމައިފައި އޮތް [ހިމަނާފައިވެއެވެ.] މި ޢިބާރާތުގައި މި އޮތް ނޫނުގައި ޖަހާންޖެހޭނީ އައިބައިފިއްޔެވެ. އާބާފިއްޔެއް ނޫނެވެ. އެ ކަން ދެނެގަތުމަށް ޓަކައި [ހިމެނުން] މި މަޞްދަރުން ނިމުނުކަމެއް އުފައްދައިލައްވާށެވެ! މި ގޮތަށް ނިމުނުކަމެއް އުފައްދައިފި ނަމަ އޮންނާނީ [ހިމަނައިފި] މިހެން ނޫންތޯއެވެ! [ހިމަނާފި]އެއް ނުލިޔަމެއް ނޫންތޯއެވެ. އެހެންވީ އިރު ފާފުގައި އައިބައިފިލި ޖަހާންޖެހުމުން އެ އަކުރުގެ ކުރީގައި އޮތް ނޫނުގައި އޮންނަ އައިބައިފިލި، އާބާފިއްޔަށް ބަދަލުކުރުމަކީ އެއްވެސް ހަމައެއްކަމަށް ވާނެތޯއެވެ! ވީމާ، އެ ތާނގައި އޮންނާން ޖެހޭނީ [ހިމަނައިފައިވެއެވެ] މިހެންނެވެ.

އިސްވެ ދެންނެވުނު ހަމަތަކާއި އުޞޫލުތަކަށް ރިޢާޔަތްކޮށް، އަޅުގަނޑު މިއަދު މި ވާހަދެއްކި ދިގު ޢިބާރާތް އޮންނާންޖެހޭ ރަނގަޅު ގޮތަށް ލިޔެލުމާ އެކު، މި މަޢުޟޫޢުން ވަކިވެލާނަމެވެ. މާ ބޮޑަށް ދިގުވެދާނެތީ ލަފުޒު ދުރުކުރުމުގެ ވާހަކަ މި މަގާލުގައި ދައްކާކަށް ނެތީމެވެ. ރަނގަޅުކުރި ތަންތާނގައި ދަށުރޮނގު ދަމައިފައި އެ ވަނީއެވެ.

[............ އިންތިޚާބަށް ތައްޔާރުވުމުގައްޔާއި އިންތިޚާބު ބޭއްވުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ވޯޓުލާ މަރުކަޒުތަކުގައި ރައްކާތެރިކަމުގެ ގޮތުން އަޅާންޖެހޭ ފިޔަވަޅުތަކާއި ވޯޓު ގުނުމުގައި ޢަމަލުކުރާންވީ ގޮތާއި އިންތިޚާބުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މީހުން ޢަމަލުކުރާން ޖެހޭ ގޮތްތަކާއި ވޯޓުލާ މަރުކަޒުގައި ހުންނަ ތަކެތީގެ ސާފުތާހިރުކަން ހުންނާން ޖެހޭ ގޮތް ހިމަނައިފައިވެއެވެ.]

 

ބައެއް ލަފުޒުގެ މާނަ:

މަގާލު      ނ.    ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ނުވަތަ އޮންލައިން ސަފުހާއެއްގައި ލިޔާ ކުރު ލިޔުމެއް. article (written)

މާދަ       ނ.    ބަހެއްގެ މައިގަނޑު ބައިތަކުގެ ތެރެއިން، ކަމުގެ އަސާސީ ލަފުޒު ނުވަތަ މޫލަ. infinitive

ކޮމެންޓު