ad_banner
ކޮލަމް ހަމަ (45): "އިނބަ"އަކީ ހަމައެކަނި ހައްދުންމަތީ ލަފުޒެއް ނޫނެވެ. އެއީ މީޔާރު ބަހުރުވައިގެ ލަފުޒެކެވެ.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

25 އޮކްޓޯބަރު 2025

ހައްދންމަތި

ހައްދުންމަތީ ބަހުރުވައިގައި އެންމެ މުހިންމު އެއް ޚާއްޞިއްޔަތަކީ މުޚާޠަބުކުރެވޭ (ވާހަކަދެކެވޭ ދެވަނަ) ފަރާތަށް ބޭނުންކުރެވޭ ބަދަލުނަމުގެ ގޮތުގައި ހުރިހައި ދަރަޖައަކަށް ވެސް ބޭނުންކުރެވޭ ރީތި ލަފުޒެއް އޮންނަކަމެވެ. އެއީ "އިނބަ"އެވެ. ގިނަ ބޭފުޅުންނަށް ޤަބޫލުފުޅުކުރެއްވޭ ގޮތުގައި "އިނބަ"އަކީ އާންމު ބަހުރުވައިގައި ބޭނުންކުރާ "ކަލޭ"ގެ ބަދަލުގައި ހަމަ އެ މާނައިގައި ހައްދުންމަތީ މީހުން ބޭނުންކުރާ ލަފުޒެކެވެ. ނަމަވެސް މިއީ ހަގީގަތެއްކަމަށް ދެންނެވޭކަށް ނެތެވެ. ހަގީގަތަކީ "އިނބަ"އަކީ ޢާންމު ބަހުރުވައިގައި ވެސް ބޭނުންކުރެވުނު އަދި މިހާރު އިހުމާލުކޮށްލުމުގެ ސަބަބުން އެ ބަހުރުވައަށް ފަގީރުކަމެއް ލިބިފައިވާ ލަފުޒެއްކަމެވެ. އަދި "ކަލޭ" އުފެދިގެންއައީ މާ ފަހުންކަމެވެ. ހަމަ މި ފަދައިން "އިނބަ"ގެ މަޤާމު "ކަލޭ"އަށް އަދިވެސް ނުލިބޭކަމެވެ.

އާދޭހެވެ! "ކަލޭ"އަކީ މުޚާޠަބުކުރެވޭ ފަރާތަށް ނިސްބަތްކޮށް ބޭނުންކުރެވޭ ބަދަލުނަމެކޭ، އެ ނަން ބޭނުންކުރުމުގައި އެއްވެސް މައްސަލައެއް ނެތޭ، ބައެއް މީހުން ބުނެ ވެސް އުޅެއެވެ. ނަމަވެސް މި ކަން މުޖުތަމަޢު ގަބޫލެއް ނުކުރެއެވެ. އެއްވެސް މީހަކަށް އިޙުތިރާމާ އެކު "ކަލޭ" ބޭނުންކުރެވޭނެކަމަކަށް އެކަކު ވެސް ގަބޫލެއް ނުކުރެއެވެ. ކަން އޮތީ މިހެންކަމަށް ވިޔަސް، ދިވެހިބަހުގެ އާންމު ބަހުރުވައިގައި ހުރިހައި ދަރަޖައެއްގައި ވެސް ތިންވަނަ މީހާއަށް އިޝާރާތްކޮށް "އޭނާ" ބޭނުންކުރެވޭ ފަދައިން، ދެވަނަ މީހާއާ މުޚާޠަބުކޮށް ހުރިހައި ދަރަޖައެއްގައި ވެސް "އިނބަ" ބޭނުންކުރެވެއެވެ. އެންމެ މާތް ދަރަޖައިން މުޚާޠަބުކުރެވޭ ފަރާތްތަކަށާއި، އަދި ވަކީން ޚާއްޞަކޮށް ކީރިތި ރަސޫލާ އަށާއި މާތް ﷲ ސުބަޙާނަހޫވަތަޢާލާއަށް މުޚާޠަބުކުރެވޭ ޙާލަތުގައި ވެސް "އިނބަ" ބޭނުންކުރެވެއެވެ.

އަޅުގަނޑު މި ދެންނެވި ބަހުގެ ހެތްކަކަށް ބޭނުންފުޅުވާ ނަމަ ކުރީގެ ލިޔުންތަކަށް ކަޅިއެއް އުއްކަވައިލައްވާށެވެ! މިސާލަކަށް: "ޒުހުރުލްކަމާލާތި ފީ އަޙުކާމިލްޢިބާދާތި" (ބޮޑުތަރުތީބު)ގައި "އިބަ ބުނާހުށި" މި ލަފުޒު އެތައް ފަހަރަކު ތަކުރާރުވެފައިވެއެވެ. (ޞަފުޙާ:152) އަދި 1977ވަނަ އަހަރު ޗާޕުކޮށްފައިވާ "ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ"ގައި ވެސް މި ލަފުޒު މި މާނައިގައި ބޭނުންކުރައްވައިފައި އެބަހުއްޓެވެ. މިސާލަކަށް: އަންފާލު ސޫރަތުގެ 70ވަނަ އާޔަތުގެ ތަރުޖަމާގައިވެއެވެ. "އޭ ނަބިއްޔާއެވެ! އިނބަގެ އަތްދަށުވެ (ޤަވާޢިދުގެ މަތީން) ހައްޔަރުވެފައި ތިބި ޙަރުބީ ޤައިދީންނަށް އަންގާށެވެ! ﷲއަށް ކަލޭމެންގެ ހިތްތަކުގައި އެއްވެސް ރަނގަޅު ކަމެއް ވާކަން އެނގިވޮޑިގަންނަވަނީ ނަމަ، (އަދި އެކަލާންގެ ހުރިހައި ކަމެއްމެ ދެނެވޮޑިގަންނަވަތެވެ.)- ކަލޭމެން އަތުން ގެއްލި ދިޔަ ތަކެއްޗަށް ވުރެ މާ މޮޅު ރަނގަޅު ތަކެތި، އެކަލާންގެ ކަލޭމެންނަށް ދެއްވާނެތެވެ. އަދި ކަލޭމެންގެ ފާފަތައް (ވެސް) ފުއްސަވައިލައްވާނެތެވެ." (ޞަފުޙާ:299) މި ތާނގައި، އަދި މި ފަދަ ކިތަންމެ ތަނެއްގައި "އިނބަ"ގެ ބަދަލުގައި "ކަލޭ" ބޭނުންކޮށްފައި ނުވަނީ ސަބަބެއް އޮވެގެންކަމަށް ގަބޫލުކުރާންޖެހެއެވެ. އަދި ނަބިއްޔާގެ މުޚާޠަބުގައި "އިނބަ" ބޭނުންކުރައްވައިފައި، ގައިދީންނަށް (ކާފަރުންނަށް) "ކަލޭމެންނޭ" ލިޔުއްވައިފައި އެ ވަނީ އޮޅިވަޑައިގެންނެއް ނޫނެވެ. އެނގިވަޑައިގެންނެވެ. ވަކި ސަބަބަކަށް ޓަކައެވެ.

އެކަކު އަނެކަކާ ވާހަކަދެއްކުމުގައި ބަދަލުނަން ބޭނުންކުރުމަކީ ކޮންމެ ބަހެއްގައި ބޭނުންކުރާ ލަފުޒުތަކެކެވެ. ވާހަކަދައްކާ މީހުން/މީހާއާއި، މުޚާޠަބު ކުރެވޭ މީހުން/މީހާއާއި، އެ މީހަކާ ބެހޭ ގޮތުން ވާހަކަދެކެވޭ މީހުން/މީހާއެވެ. ފުރަތަމަ ފަރާތާއި ދެވަނަ ފަރާތާއި ތިންވަނަ ފަރާތެވެ. ދިވެހިބަހުގައި މި ގޮތަށް ބޭނުންކުރެވޭ އެންމެ އާންމު ލަފުޒުތަކަކީ އަހަރެން/އަހަރެމެން، ކަލޭ/ކަލޭމެން، އޭނާ/ އެބައިމީހުން މިއީއެވެ. މިއީ ހުތުރު ލަފުޒުތަކެއް ނޫނެވެ. އެކަމަކު ދިވެހިބަހުގެ އާންމު ބަހުރުވައިގައި ދެވަނަ ފަރާތަށް ރައްދުކުރެވޭ ބަދަލުނަމަކީ (ކަލޭ/ ކަލޭމެން) އެއީ ބޭއަދަބީ ލަފުޒެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ހުތުރުވާންވީ ކީއްވެހޭ މީހަކު ސުވާލުކުރިޔަސް މުޖުތަމަޢުން އެ ލަފުޒު ބަލައެއްނުގަނެއެވެ. މުޖުތަމަޢުން ފެންނަ ހަގީގަތަކީ މިއީއެވެ.

ކަން ހުރީ މިހެންކަމުގައިވާ އިރު ދެވަނަ ފަރާތަށް ރައްދުކުރެވޭ (ބޭއަދަބީ ނޫން) ބަދަލުނަމެއް ދިވެހިބަހުގައި ވެސް އޮންނާނެކަމަށް ގަބޫލުކުރެވެއެވެ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އެ ލަފުޒަކީ "އިނބަ"އެވެ. ކުރީގެ ލިޔުންތަކުގައި "ކަލޭ"ގެ ބަދަލުގައި "އިނބަ" ބޭނުންކޮށްފައި އެބަ ހުއްޓެވެ. ކުރީން ވެސް ދަންނަވައިލެވުނު ފަދައިން ޒުހުރުލްކަމާލާތި ފީ އަޙުކާމިލްޢިބާދާތި (ބޮޑުތަރުތީބު) ފަދަ ޢިލްމީ ފޮތްތަކުގައި އަދަބީ ލަފުޒެއްގެ ގޮތުގައި "އިނބަ" ބޭނުންކޮށްފައި އެބަހުއްޓެވެ. އެހެންކަމުން "ކަލޭ"އާއި "އިނބަ"ގެ ވަރަށް ބޮޑު ތަފާތެއް ހުރިކަމަށް ވެސް އަޅުގަނޑު ޤަބޫލުކުރަމެވެ. ސަބަބަކީ އިޙުތިރާމްކުރާ މީހަކަށް ނުވަތަ ފަރާތަކަށް ނިސްބަތްކޮށް "ކަލޭ" ބޭނުންކުރުމަކީ ބޭއަދަބީ ކަމެއް ކަމަށް ދިވެހި މުޖުތަމަޢު ޤަބޫލުކުރާ އިރު، "އިނބަ" ހައްދުންމަތީ ބަހުރުވައިގައި މައިންބަފައިންނާއި އިޙުތިރާމްކުރެވޭ ހުރިހައި ބަޔަކަށް އިޙުތިރާމާއެކު ބޭނުންކުރެވޭ ކަމެވެ. އަދި ކުރީން ދެންނެވި ޢިލްމީ ފޮތްތަކުގައި "ކަލޭ" ބޭނުން ނުކޮށް "އިނބަ" ބޭނުންކޮށްފައި ވާ ވާހަކަ އިސްވެ ދެންނެވިއްޖެއެވެ. އެހެންވީމާ އިނގިރޭސިބަހުން ބޭނުންކުރާ "ޔޫ"(you)ގެ ބަދަލުގައި ހަމަ އެ މާނައިގައި ކޮންމެ ތަނެއްގައި ވެސް "އިނބަ" ބޭނުންކުރެވެއެވެ. އެކަމަކު، ކުރީން ވެސް ދެންނެވި ފަދައިން "ޔޫ"(you)ގެ ހުރިހައި މަޤާމެއްގައި "ކަލޭ" ބޭނުން ކުރެވޭނެކަމަކަށް ގިނަ ދިވެހީން ގަބޫލެއްނުކުރެއެވެ. މުޖުތަމަޢުގެ ހަގީގަތަކީ މިއީއެވެ. އެހެންވީމާ ހިތްހަމަނުޖެހުމާ އެކު ވެސް ގަބޫލުކުރާންޖެހޭ ހަގީގަތަކީ ދިވެހިބަހުގައި ދާދި ފަހަކާ ޖެހެންދެން މުޚާޠަބުކުރެވޭ (ދެވަނަ) ބަދަލުނަމެއްގެ ގޮތުގައި "އިނބަ" ބޭނުންކުރެވުނުކަމެވެ. ފަހުން ކޮންމެވެސް ސަބަބުތަކަކާ ހުރެ، މި ލަފުޒު ދިވެހިބަހުގެ ބަހުރުވަތަކުން މަޑުމަޑުން އުވިގެން ދިޔައީއެވެ. މި ބޮޑު ބަދަލު އައި އިރު ވެސް މި ލަފުޒު އޭގެ ޙައްޤު މަޤާމުގައި މިއަދު ވެސް އޮތް ހަމައެކަނި ބަހުރުވައަކީ ހައްދުންމަތީ ބަހުރުވައެވެ.

ތިޔަ ހުރިހައި ބޭފުޅުން ވެސް ގަބޫލުކުރައްވާނޭ ފަދައިން ލަފުޒެއްގެ އަސްލު އަޑު ދެމި އޮންނާނީ އެ ލަފުޒެއް މެދުނުކެނޑި އެ ބަޔަކު ބޭނުންކުރަމުން އަންނަ ވެއްޓެއްގައެވެ. "އިނބަ" މި ލަފުޒަކީ ހައްދުންމަތީގައި އަބަދުވެސް ބޭނުންކުރާ ލަފުޒެކެވެ. މި ލަފުޒު ލ. އަތޮޅު މީހުން ބޭނުންނުކުރާ ޒަމާނެއް އެނގޭކަށް ނެތެވެ. އެ އަޑު އެއް ޖީލުން އަނެއް ޖީލަށް ނަޤުލުވެފައިވަނީ މެދު ކެނޑުމެއް ނެތިއެވެ. "މުތަވާތިރު" ގޮތެއްގައެވެ. އެހެންކަމުން "އިނބަ" މި ލަފުޒު ކިޔާންވީ ރަނގަޅު އަޑު ފެންނާން އޮންނާނީ ނުވަތަ އިވޭނީ ހައްދުންމަތީންކަން އެއީ ގަބޫލުކުރާން ޖެހޭ ހަގީގަތެކެވެ.

އެކި އަތޮޅުތަކާއި އެކި ރަށްރަށުގައި ބަހުރުވައިގައި ތަފާތު ހުންނަ ފަދައިން ހައްދުންމަތީގައި ވެސް އެއް ރަށާއި އަނެއް ރަށުގައި ބަހުރުވައިގައި ތަފާތުތަކެއް ހުރެއެވެ. މި ގޮތުން "އިނބަ" މި ލަފުޒު ވެސް އެކި ރަށް ރަށުގައި ތަފާތު ގޮތްގޮތަށް ބޭނުންކުރެއެވެ. "އިނބަ" ކިޔާ ބަޔަކު އުޅޭއިރު "އުނބަ" ކިޔާ ބަޔަކު ވެސް އުޅެއެވެ. އަދި "އިނބަގުން"، "އިނބަގުހުން"، "އިނބޭން"، "އުނބަމެން"، "އިނބަހިން"، "އިނބައިމެން" ފަދަ ގޮތްގޮތަށް އެކި ޙާލަތްތަކުގައި އެކި ރަށްރަށުގައި ބޭނުންކޮށް އުޅެއެވެ. ފާހަގަކޮށްލާންޖެހޭ ކަމަކީ ޖުމުލައިގައި އެ ލަފުޒު ކޮންމެ ގޮތަކަށް ބޭނުންކުރަމުން އަޔަސް އެއިން ކޮންމެ ޙާލަތެއްގައި ވެސް އެ ލަފުޒުގައި ހުސްނޫނު ބޭނުންކުރާކަމެވެ. ކިޔާ އިރު ނޯށަށް މާނައަކީ ކޮންމެ ޙާލަތެއްގައި ވެސް އެ ލަފުޒު ކިޔަނީ ނޯށަށްއަރުވައިގެންނެވެ.

އަޅުގަނޑުގެ މި ވާހަކައަށް ރައްދުދެއްވުމުގެ ގޮތުން ބައެއް ބޭފުޅުން ވިދާޅުވާނެ ވާހަކައެއް އަޅުގަނޑަށް ވިސްނެއެވެ. ކުރީގެ ލިޔުންތަކުގައި "އިނބަސުވާމީންގެ"، "އިނބަރަސްކަލާނގެ" މި ލަފުޒުތައް ލިޔެފައި ހުންނަނީ "ހުސްނޫނާ ނުލައި "އިބަސުވާމީންގެ"އާއި "އިބަރަސްކަލާގެ" މި ގޮތަށެވެ. އެހެންވީމާ "އިބަ"އަކީ "އިނބަ"އެއް ނޫނޭ ވިދާޅުވެދާނެއެވެ. ވިދާޅުވެފައި ވެސް އެބަހުއްޓެވެ. މި ގޮތަށް އެއްވެސް ދިރާސާއެއް ނެތި ރަދީފަށް އެ ދެ ލަފުޒު ވަކި ދެ "އެންޓްރީ"އެއްގެ ގޮތުގައި ދިވެހިބަހުގެ ރަދީފަށް ވެސް (ފަހުން) ވައްދައިފައި އެބަ އޮތެވެ. އޭގެ ޖަވާބު އަޅުގަނޑަށް ވަރަށް ފަސޭހައެވެ.

ޖަވާބު އަޑުއައްސަވާށެވެ! ތިޔަ ވިދާޅުވާ ދުވަސްވަރު "އަޅުގަނޑު"، "ރަނގަޅު" ފަދަ ލަފުޒުތައް އަދި މި ނޫން ލަފުޒުތައް ވެސް ލިޔެފައި ހުރީ ހުސްނޫނާ ނުލައި "އަޅުގަޑު"، "ރަގަޅު"، "އުގެނުން" މި ގޮތްގޮތަށެވެ. އޭރު ދިވެހިބަހުގެ ގަވާއިދުގައި ހުސްނޫނުގެ ވާހަކައެއް، އޭގެ ހަމައެއް، ގަވާއިދެއް، އުޞޫލެއް ނެތެވެ. ނަމަވެސް މި ލަފުޒުތައް އޭރު ވެސް ކިޔަނީ ހުސް ނޫނުގެ އަޑާއެކުގައެވެ. ލިޔުމުގައި ހުސްނޫނު ނޯންނަނީއެވެ. އެހެނީ އެ ލަފުޒުތައް ދަންނަ މީހުންނަށް، އެ ލަފުޒުތަކުގެ އަހުލުވެރީންނަށް އެ ލަފުޒުތައް ކިޔާންޖެހެނީ ހުސްނޫނާ އެކުގައިކަން އެނގެއެވެ. މިހެން މި ދިމާވީ ކުރީން ވެސް ދެންނެވި ފަދައިން ހުސްނޫނުގެ ގަވާއިދު ތަޢާރުފުވީ، މާ ފަހުގެ ޒަމާނެއްގައިކަމުގައި ވީތީއެވެ. ހުސްނޫނުގެ ވާހަކަ ފުރަތަމަ ދެއްކެވީ ވެސް ޝައިޚު އިބްރާހީމް ރުޝްދީއެވެ. އަދި ނޯށަށް އަރުވައި ކިޔާންޖެހޭ ކޮންމެ ތަނެއްގައި ހުސްނޫނު ލިޔާންޖެހޭނެކަމަށް ކަނޑައެޅުއްވީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ޒަމާނުގައެވެ. އެންހެންވީމާ، ކުރީގެ ދުވަސްވަރު، "އިނބަ" ލިޔުނު އިރު ހުސްނޫނާ ނުލައި، "އިބަ" ލިޔުނު ނަމަވެސް އޭރު ވެސް އެ ލަފުޒު ކިޔާނީ ހުސްނޫނުގެ އަޑާއެކީގައެވެ. ކީރިތި ރަސޫލާ އަށް ނިސްބަތްކުރިޔަސް، މާތް اللهއަށް ނިސްބަތްކުރިޔަސް އަދި އިންސާނަކަށް ނިސްބަތްކުރިޔަސް ހުސްނޫނު އޮންނާންޖެހޭނެއެވެ. ކުރީގެ ޢިލްމީ ލިޔުންތަކުގައި މި ތިން ޙާލަތުގައި ވެސް ހުސްނޫނެއް ނޯންނާނެއެވެ. ސަބަބަކީ އެއީ އޭރު ބޭނުންކުރާ ނިޝާނަކަށް ނުވާކަމެވެ. މިހެން މި ދެންނެވީ މާ ފަހުން ހެދި ބަސް ފޮތެއްގައި އެ ލަފުޒު ހުސްނޫނާ ނުލައި ލިޔެ ވަކި މާނައެއް ލިޔުއްވައިފައިވާކަން ދެނެހުރެއެވެ. މި ނިންމުން ނިންމަވައިފައިވަނީ ހައްދުންމަތީ މީހެއްގެ ޝާމިލުވުމެއް އޮވެގެންނެކޭ ނުވަތަ އެ ލަފުޒު ދިރާސާކޮށްފައެކޭ ދެންނެވޭކަށް ނެތެވެ. "އިބަ"އާއި "އިނބަ" ތަފާތުކުރާ ނަމަ، "ރަނގަޅު" އާއި "ރަގަޅު" ވެސް އަދި "އަޅުގަނޑު"އާއި "އަޅުގަޑު" ވެސް "އެނގުން"އާއި "އެގުން" ވެސް، "އުނގެނުން"އާއި "އުގެނުން" ވެސް އަދި މިހާރު ހުސްނޫނު އޮންނަ ކޮންމެ ލަފުޒެއް ވެސް ދެ ގޮތަށް ބަސްފޮތުގައި ތަފާތު ދެ މާނައެއްގައި ލިޔާން ޖެހޭނެކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ. މި ވާހަކަ މިހެން ދަންނަވާއިރު ވެސް ކުރީން އަޅުގަނޑު ދެންނެވި އާޔަތުގެ މާނައިގައި ކީރިތި ރަސޫލާ ގެ މުޚާޠަބުގައި "އިނބަ" ބޭނުންކުރައްވައިފައިވަނީ، އަދި އެ ތަރުޖަމާގެ ކިތަންމެ ތާކު ކީރިތި ރަސޫލާ އަށް ނިސްބަތްކޮށް ވެސް "އިނބަ" ބޭނުންކުރައްވައިފައިވަނީ ހުސްނޫނާ އެކުކަން ފާހަގަކުރަމެވެ.

މިހެން މި ދިމާވީ އެ ތަރުޖަމާގެ އެބައި ލިޔުއްވީ ހައްދުންމަތީ ބަސް ދެނެވަޑައިގަންނަވާ ބޭފުޅަކަށް ވީތީއެވެ. އާދޭހެވެ! އިބްރާހީމް ޙިލްމީ ދީދީއަކީ ގިނަ ދުވަސްތަކެއް ވަންދެން ލ. އަތޮޅުގައި، (އެ އަތޮޅު މާވަށުގައި) އުޅުއްވި ބޭފުޅެކެވެ. އެހެންވީމާ "އިނބަ"އާއި "ކަލޭ"ގެ ތަފާތު އޭނާއަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. އަދި އިނބައަކީ ކޮންމެ ޙާލަތެއްގައި ވެސް ނޯށަށް އަރުވައި ކިޔާން ޖެހޭ ލަފުޒެއްކަން ވެސް އޭނާއަށް އެނގިވަޑައިގަންނަވާނެއެވެ. މުޚާޠަބުކުރެވޭ ފަރާތަށް ހުރިހައި ދަރަޖައެއްގައި ވެސް އިޙުތިރާމާއެކު "އިނބަ" ބޭނުންކުރެވުނަސް ﷲއަށް ނިސްބަތްކޮށް "އިނބަ" ބޭނުންކުރާ ނަމަ، އިނބައާ ގުޅުވައިގެން "ރަސްކަލާންގެ"، ސުވާމީންގެ" "ﷲ" ފަދަ ލަފުޒެއް ބޭނުންކޮށްގެން އަޅުގަނޑުމެން އެ ލަފުޒު ޚާއްޞަކުރަނީއެވެ. މިސާލަކަށް އިނބަރަސްކަލާންގެ، އިނބަސުވާމީންގެ، އިނބަﷲ ފަދަ ގޮތްތޮތަށެވެ.

ޝައްކެއް ނެތެވެ. މި ލަފުޒުގެ އަޑު އެންމެ ރަނގަޅަށް އެނގޭނީ އެންމެ އިހު ޒަމާނުއްސުރެ މިއަދާ ހަމައަށް ވެސް މި ލަފުޒު އެ މުޖުތަމަޢެއްގައި، ނުއުވި ދެމިއޮތް މުޖުތަމަޢަކަށެވެ. އެއީ ހައްދުންމައްޗެވެ. ނަމަވެސް ހިތާމައަކީ "އިނބަ" މި ލަފުޒުގެ ހަގީގަތް ރަނގަޅަށް އެނގިވަޑައިނުގަންނަވާ ބޭފުޅުން އެއްވެސް ދިރާސާއެއް ނެތި، މިއީ ދެ ލަފުޒަކަށް ހައްދަވައިގެން (ހުސްނޫނާއެކު އެއް ލަފުޒު، ހުސްނޫނު ނުލައި އަނެއް ލަފުޒު) ބަސްފޮތަށް ވެސް ވެއްދެވިކަމެވެ. މިއީ ކިހާ ބޮޑު އޮޅުމެއްތޯއެވެ! ކިހާ ބޮޑު އިހުމާލެއްތޯއެވެ! "އަޅުގަނޑު" ވެސް "ރަނގަޅު" ފަދަ ލަފުޒުތައް ވެސް، މި ގޮތަށް، ހުސްނޫނާ އެކު އެއް ފަހަރު، ހުސްނޫނު ނުލައި އަނެއް ފަހަރު ލަފުޒުފޮތަށް ލެއްވި ނަމަ، އެންމެ ރަނގަޅުތާއެވެ!

ހަގީގަތުގައި "އިނބަ" މި ލަފުޒާ ބެހޭ ގޮތުން ބަހުސްކުރާން އެންމެ ރަނގަޅަށް އެނގޭނީ އަދި މި ލަފުޒުގެ ހަގީގަތް އެންމެ ރަނަގަޅަށް އެނގޭނީ ހައްދުންމަތީ މީހުންނަށެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މި ފަދަ ލަފުޒުތައް "ލަފުޒު ފޮތުގައި" ހިމަނާންވާނީ އެ ލަފުޒުގެ އަހުލުވެރީންނާ މަޝްވަރާކުރެވިގެންނެވެ. ފުރިހަމައަށް ދިރާސާކުރެވިގެންނެވެ.

ތެދުފުޅެކެވެ! "އިނބަ"އަކީ، އަސްލުގައި ހައްދުންމަތީގެ އަމިއްލަވަންތަ ލަފުޒެއް ނޫނެވެ. މުޅި ރާއްޖޭގެ ލަފުޒެކެވެ. ކުރީގެ ލިޔުންތަކުން މި ކަން އެނގެއެވެ. ނަމަވެސް ޒަމާންތައް ގެނައި ބަދަލުތަކާއެކީގައި މި ލަފުޒު ރާއްޖޭގެ ކަންކޮޅުތަކުން އުވި ގޮސް މި ޒަމާނަށް އައި އިރު އެ ލަފުޒު ހަމައެކަނި ބޭނުންކުރަނީ ހައްދުންމަތީގައިކަމަށް ވަނީވެފައެވެ. ވީމާ، އެ ލަފުޒު ދެމި އޮތް ހަމައެކަނި އަތޮޅަކީ ހައްދުންމަތި ކަމަށްވާތީ މިއަދު އެ ލަފުޒާ ބެހޭ ގޮތުން އެންމެ ރަނގަޅަށް ވާހަކަދައްކާން އެނގޭނީ ހައްދުންމަތީ މީހުންނަށެވެ. އެއީ ހައްދުންމަތީ ބަހުރުވައަށް ލިބިފައިވާ ވަރަށް މުހިންމު ޚާއްޞިއްޔަތެކެވެ. މިއީ ހައްދުންމަތީ ބަހުރުވައަށް ލިބިފައިވާ ވަރަށް ބޮޑު ފަޚުރެކެވެ. ނަމަވެސް ފަހަކަށް އައިސް ޢިލްމުވެރި ބައެއް ބޭފުޅުންގެ ލިޔުއްވުންތަކުގައި "އިނބަ" ބޭނުންފުޅުކުރައްވަމުން ގެންދަވާކަން ފާހަގަކޮށްލާން ޖެހެއެވެ. އެއީ ހަމައެކަނި ހައްދުންމަތީ ބަހުރުވައިގެ ލަފުޒެއް ނޫނެވެ. އެއީ ދިވެހިބަހުގެ މީޔާރު ބަހުރުވައިގައި ވެސް ބޭނުންކުރެވޭނެ ދިވެހިބަހުގެ އާންމު ލަފުޒެކެވެ.

 

ލަފުޒެއްގެ މާނަ:

މީޔާރު    ނ.     (1) އާންމު ހަމަ. (2) އިޚުތިޔާރު ލިބިގެންވާ ފަރާތަކުން އެއްޗަކާމެދު ނުވަތަ ކަމަކާމެދު ކަނޑައަޅައިފައިވާ ފެންވަރު ވަޒަންކުރުމުގެ މިންގަނޑު.

މީޔާރު    ނއ.    އާންމުކޮށް ބަލައިގަނެވޭ ވަރަށް ފޭރާން ހެޔޮ ނުވަތަ ފެންވަރު ރަނގަޅު.

ކޮމެންޓު