އަސްމާ އަބޫބަކުރު
26 އޮކްޓޯބަރު 2025
އިންސާފު
"މި ފަހަރު ދޮންބެ ރަށަށް އައުމުން އައިޝާގެ ޙަގީގަތް ކިޔައިދޭނަން." މީރާ އެ ބުނި ޖުމްލައިން ޖަމީލާ ކަންބޮޑުވިއެވެ.
"ކޮން ކަހަލަ ހަގީގަތެއް؟"
"އައިޝާ އެ އުޅޭ ގޮތް މަންމައަށް ނޭނގިދާނެ. އެކަމަކު މި މީރާއަށް ސިއްރެއް ނުވާނެ." މީރާ މޭގައި އަތްޖަހައިލައިފައި ރުޅިވެރިކަމާއެކު ބުނެޏެވެ.
"މީރާ ބުނީމައެއްނު އެނގޭނީ. މަންމައަށް މިހާރު ކޮޓަރީން ބޭރަށް ފައިވެސް އެޅެނީއެއް ނޫން. ކޮން ތަނެއް ފެންނާނީ." ޖަމީލާގެ ވާހަކައިން އޭނާ އަށް އެއްވެސް ކަމެއް ނޭނގޭކަން މީރާއަށް ސާފުވިއެވެ. މި ފަހަރު މީރާގެ މަޅީގައި ދޮންބެގެ އިތުރުން މަންމަ ވެސް ރަނގަޅަށް ޖައްސާން މީރާ ދަނީ ތައްޔާރު ވަމުންނެވެ. ގޭތެރޭގެ ހަނގުރާމަ ފަށާނީ ދޮންބެ އައުމުންނޭ މީރާގެ ހިތަށްއެރިއެވެ. އައިޝާ މި ގެއިން ފޮނުވާލާފައި ނޫނީ މީރާ ހުއްޓައެއް ނުލާނެއެވެ.
މީރާ ފާރަށް ބަލަހައްޓައިގެން ހެވިފައި އިން ގޮތުން ވެސް މީރާ އެ އިނީ މަކަރުވެރި ޚިޔާލެއްގައިކަން ޖަމީލާ އަށް އެނގުނެވެ. މީރާ ކުރީން ދައްކާ ކޮންމެ ވާހަކައެއް ޖަމީލާއަށް އެއީ ސަތޭކައެވެ. މީރާގެ ހިތުގައި މާޒިންގެ އަންހެނުންނަށް އޮތް ހަސަދަ އެނގޭން ފެށީ އަދި ކިރިޔާއެވެ.
"މީރާ. ކީއްކުރަން ރަށުން ބޭރަށް ދިޔައީ މި ފަހަރު" ޖަމީލާއަށް ވެސް ސިއްރުން މީރާ ކުރާ ކަންތައްތައް ކިޔައދޭނެ ހެއްޔެވެ؟
"ރަށުން ބޭރަށް ދިޔައީ ބައްޕަ އަލަށް ހުޅުވަން އުޅޭ ފިހާރައަށް ބޭނުންވާ ބައެއް ސާމާނު ރަމީޒަށް ވެސް ހަމަ ނުވި ވާހަކަ ބުނީމަ އެ އެއްޗެހި ގަންނާން. އަންހެނުންގެ ހެދުން ގަންނާން އެނގޭނީ އަހަރެމެންނަށް." މީރާގެ
ވާހަކަ ޖަމީލާއަށް ގަބޫލުކުރާކަން ފަސޭހައެއް ނުވިއެވެ. އެކަމަކު މީރާ އުޅޭނޫޅޭ ގޮތް ބެލުމަށް ނިންމައި އެއްޗެއް ނުބުނެއެވެ.
އައިޝާ އިންތިޒާރުކުރަމުން ދަނީ މާޒިން ގުޅާނެ ވަގުތަކަށެވެ. އެހެން ނޫނީ ދުވާލަކު މަދުވެގެން ދެ ފަހަރު ގުޅަމުން ދިޔަ މާޒިން އިއްޔެއިން ފެށިގެން ނުމެއްގުޅައެވެ. ސައުވީސް ގަޑިއިރަކީ ލޯބިވާ މީހެއްގެ ޚަބަރު ނުވެގެން އުޅޭން ވަރަށް ވަގުތެވެ. ލޯބި ދެ އަކުރުގެ ގުޅުމަކުން ގުޅިފައިވާ ދެ ހިތުގައި ޖެހީ އެއްވިންދެވެ. ސައުވީސް ގަޑިއިރު ހަމަވުމުން އައިޝާ ގުޅިއެވެ. ފޯނަށް ގުޅޭ ގޮތެއް ނުވިއެވެ. ރޭންޖު ނުލިބެނީކަން ނޭގެއެވެ.
މާޔޫސްކަމާއި މޮޅީގެ ސާލެއްގައި ހުރެ އިސްކޫލުން ގެއަށް އަންނާން ހިނގައިގަތެވެ. ގެއަށް އައިސް ނަމާދަށް ފަހު ދުޢާކުރަމުން ގެންދިޔައީ ފިރިމީހާ ހެޔޮ ޙާލުގައި ލެހެއްޓެވުމަށް އެދިއެވެ. އެތައް އިރަކު މުސައްލަ މަތީ ދުޢާކުރާން އިނެވެ. އައިޝާގެ މޫނުމަތި ފެނުމުން ޖަމީލާ ކަންބޮޑުވެއްޖެއެވެ. އައިޝާއަށް ވީ ކިހިނެއްތޯ ސުވާލުކުރަމުން ދިޔައެވެ. އައިޝާ ދިޔައީ ކަމެއްނުވާކަމުގައި ބުނަމުންނެވެ.
"އައިޝާގެ މޫނުމަތި ތިހެން މިލައި މޯޅިވެފައި ހުންނާނީ ބޮޑުކަމެއް ވުމުން. އެހެންނޫނީ ހުންނަ ގޮތެއް ނޫން ތީކީ. ވެގެން އުޅޭ ގޮތް ބުނީމަތާ އެނގޭނީ މަންމައަށް ވެސް." ޖަމީލާ ކިޔާން ފެށުމުން ވެގެން އުޅޭ ގޮތް އައިޝާ ކިޔައިދިނެވެ. ޖަމީލާ ގާތަށް އައީ ހިންޏެވެ.
"އެންމެ ދުވަހަކު ނުގުޅައިގެން ތިޔަހައި ކަންބޮޑު ނުވެބަލަ. އެ ވާނީ ކިޔެވުމުގައި މާ ބުރަކޮށް އުޅެވެނީކަމަށް. މެންދުރު ކައިފިންތަ؟" ޖަމީލާވާހަކަ ބަދަލުކޮށްލިއެވެ.
"އަދިނުކަން. ބަނޑުހައެއްވެސް ނުވޭ. މަންމަ ކައިފިންތަ؟"
"މަންމަ މިހުރީ އައިޝާ އަންނަންދެން. ހިނގައި ކާންދަމާ." ޖަމީލާއާ އެކު އައިޝާ ވެސް ގޮސް ބަދިގެއަށް ވަނެވެ. އޭރު މީރާއާއި ނަޒުވާ ކައިނިމިގެން ބޭރަށް ދިޔައީކަމުގައި ޒަރީނާ ބުންޏެވެ. ޖަމީލާގެ ހިތަށް އަރަމުން ދިޔައީ މީރާ މިހާރަކަށް އައިސް އެއުޅެނީ ސަހަލު ގޮތަކަށްނޫންކަމެވެ.
އައިޝާ ވިސްނަމުން ގެންދިޔައީ މާޒިންއަށް ވީގޮތެއް ނޭނގި މާޒިނަށް ނުގުޅޭތީ އެކަމުގައެވެ. ފޯނަށް އިރުކޮޅަކާ ބެލެނީ މާޒިންގެ މެސެޖެއް ނުވަތަ ކޯލެއް ވެސް އާދޭތޯއެވެ. މިހާރު އެ ފޯނު ދެކެ ވެސް ރުޅި އަންނާން ފަށައިފިއެވެ. ހިތްހަމަ ނުޖެހިގެން ގޮސް ކޮޓަރިއަށް ވަދެ ފޯނު އެނދުމައްޗަށް އެއްލައިލިއެވެ. އެ ވަގުތު ކުއްލިއަކަށް އަޅައިގަތީ އަނެއްކާ ވެސް ޑްރެސިންގ ޓޭބަލް މަތީ އޮތް މާބޮނޑިއަށެވެ. ކުރީން ވެސް ލިބިފައިވާ މާބޮނޑިއާ އެއްވެސް ތަފާތެއް ނެތް މާބޮނޑިއެކެވެ.
"މާޒިން ކޮންމެވެސް ތަނަކު ފިލާ ހުންނާނެ." މާބޮނޑިއަށް ބަލަމުން އައިޝާ އަށް ބުނެވުނެވެ.
މީރާ ވިސްނަމުން ދިޔައީ އައިޝާ ގެއިން ބޭރުކޮށްލާނެ ވަގުތަކަށެވެ. އައިޝާ ދެކެ ރަށު އެންމެން ލޯބިވާތީ، އައިޝާ ރަނގަޅުކަމުގެ ވާހަކަ ދައްކާތީ މީރާއަށް އެ ކަމެއް ކަމަކު ނުދެއެވެ. ހިތުގައި އެ ރޭވުމެއް ރާވާތާ ދުވަސްތަކެއް ވެއްޖެއެވެ. ނަޒުވާއާއި ރަމީޒު ލައްވައި އެތައް ކަމެއް ކުރެވިއްޖެއެވެ. މި ފަހަރު ކޮންމެ ގޮތެއް ވިއަސް އައިޝާޖެހޭނީ މިގެއިން ނިކުންނާންކަމުގައި މީރާ ދިޔައީ ނަޒުވާ ގާތުގައި ބުނަމުންނެވެ.
މާޒިން ދިޔައީ މީރާފޮނުވި ފޮޓޯތަކަށް ބަލަމުންނެވެ. އެ ފޮޓޯތަކުން ފެންނަނީ ރަމީޒު އައިޝާގެ ކޮޓަރި ދޮރުމަތީ މާބޮނޑި ހިފައިގެން ހުރިތަނެވެ. އެއީ މާޒިން ހިތުގައި ސުވާލު އުފެދުނު މާބޮނޑިއެވެ. އައިޝާ އެފަދަ މުޑުދާރު ގޮތަކަށް އުޅެމުންދާތީ މާޒިން ހުރީ އައިޝާ ދެކެ ރުޅިއައިސްފައެވެ.
"އައިޝާއަށް އެނޫން މީހަކު ވެސް ނުފެނުނު. އަހަރެންގެ ޅިޔަނާ ވިއްޔަ އަޅައިގަތީ އެ." މާޒިން ތައްޔާރުވަމުން ދިޔައީ ރޭގަނޑު މެންދަމު ވަގުތެއްގައި ރަށަށް އައުމަށެވެ. އައިޝާގެ ކުޅިވަރު ކުޅޭ ތަން ބެލުމަށެވެ. އެ ކަން ސާބިތުވެއްޖެނަމަ އައިޝާ ޖެހޭނީ މާޒިންގެ ޙަޔާތުން ވަކިވާށެވެ.
ޖަމީލާ ވިސްނަމުން ދިޔައީ މީރާގެ ރޭވުން ނާކާމިޔާބުކޮށް، އައިޝާއަށް އިންސާފު ލިބޭނޭ ގޮތާ މެދުގައެވެ. މީރާ ފަޅައިއަރުވާލާނަމޭ ބުނި ހުރިހައި ކަމެއްގެ ހެކި ޖަމީލާ ހޯދައިފިއެވެ. މީރާގެ ވިޔާނުދާކަން ފެނި ޖަމީލާ ހުރީ ހިތް ނުތަނަވަސްވެފައެވެ. ގޭތެރެއަށް އަންނާން އޮތް ތޫފާނަށް ތައްޔާރުވެގެންނެވެ. ދެރަ ކަމަކީ މާޒިނަށް ގުޅޭނޭ ގޮތެއް ނެތުމެވެ.
ދުވާލު ހަތަރުދަމު ހެވިފައި ހުރި އިރު އޮއްސުމާއެކު ދުނިޔެއަށް އަނދިރިކަން ފެތުރިއްޖެއެވެ. ވިއްސާރައިގެ ކަޅުވިލާތައް ބޯމަތިކޮށްފައި އޮތުމުން އިތުރަށް އަނދިރިކަން ވެރިވެފައިވެއެވެ. ދެންމެދެންމެ ވެހިގެންފާނެހެން ހީވާ ފެންބަރުކައިފާ ވިލާތަކުން ވެހިގަތީ ކުއްލިއަކަށެވެ. އައިޝާއަށް ގެއަށް އާދެވުނީ ވާރޭ ވެހިގަތް ވަގުތަށެވެ. ކޮންމެވެސް ވަރަކަށް ތެމިފައި ހުރުމުން އެއްޗެހި ބަދަލުކުރަން ކޮޓަރިއަށް ވަނެވެ. މިއަދު މެންދުރު ފަހުން ފެށިގެން އައިޝާ ޝެޑިއުލް މާބޮޑަށް ބިޒީ ވުމުން ގެއަށް އަންނަ ގަޑި ވެސް ލަސްވީއެވެ. ޖަމީލާ ބަލިވިފަހުން އައިޝާ ކޮންމެ ދުވަހަކު ވެސް އަވަހަށް ގެއަށް އާދެވޭތޯ ބަލައެވެ.
މިހާރު ދެން ޖަމީލާ އަށް ހިނގޭ ވަރުވެއްޖެއެވެ. އެހެންނަމަވެސް އައިޝާ ކޮންމެ ދުވަހަކު ބޭސްގެންގޮސް، ބޭސް ދިނުމުން ނޫނީ ޖަމީލާ ބޭހެއް ނުކައެވެ. އަދި ކޮންމެ ކާ ގަޑިއެއްގައި އައިޝާ ކޮބައިތޯ ޖަމީލާބަލައެވެ. އެ ދެ މީހުންގެ ގުޅުން އެހައި ރަނގަޅުކަމެއް މީރާ އަށްކުޑަކޮށްވެސް ނޭނގެއެވެ. ނަޒުވާ އާއި މީރާގެ ޝެޑިއުލް މާބޮޑަށް ބިޒީވީއެވެ.
އެ ވިއްސާރަ ރޭ އެންމެން ވެސް އަވަހަށް އެމީހެއްގެ ކޮޓަރިއަށް ވަދެ ނިމިއްޖެއެވެ. އޭރު އަދި ގަޑިން ނުވައެއް ޖެހީއެވެ. ވިއްސާރަވުމުން އައިޝާ ވެސް މަންމަގެ ގާތު ނިދަން ދަނީއޭ ބުނެ ކޮޓަރިއަށް ވަނެވެ. ފަތިހު ހަތަރެއް ޖެހިތަނާ އައިޝާ ދޮރުގައި ޓަކިޖަހާހެން ހީވިއެވެ. އެ އަޑަށްހޭލެވުމުން ހީވިގޮތެއްކަމަށް ބަލައި ނުތެދުވެ އޮތެވެ. އަނެއްކާ ވެސް ޓަކި ޖަހާ އަޑުއިވުނެވެ. މި ފަހަރު އައިޝާ އަށް ޔަގީންވީ ކޮންމެ ވެސް މީހަކު މި ގަޑީގައި ޓަކި ޖަހާކަމެވެ.
ދޮރުހުޅުވައިލި އިރު ކުރިމަތީގައި ހުރީ މާޒިނެވެ. އައިޝާ އަށް ގަބޫލު ކުރަން ވެސް ދަތިވިއެވެ. ކުއްލި ގޮތަކަށް މާޒިން އައިސް ކުރިމަތީގައި ހުރުމުންނެވެ.
"މާޒިން. ކުއްލިއަކަށް؟" އައިޝާ އަށް ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ.
"އަހަރެން އައުމުން އައިޝާ ހިތްހަމަ ނުޖެހުނީތަ؟" މާޒިންގެ ރާގުގައި ހުރީ ވެސް ނުރުހުމުގެ އަސަރެވެ. އައިޝާ ކަންބޮޑުވީ މާޒިންގެ މޫނުމަތި ފެނުމުންނެވެ. ހަމަގައިމު ވެސް މާޒިން އެ ހުރީ ހިތްހަމަ ނުޖެހިފައިކަން އައިޝާއަށް އެނގެއެވެ. އެހެންނޫނީ މާޒިން އައިޝާއާ ބައްދަލުކުރާނީ އުފާވެރި މޫނަކައިގެންނެވެ. ކޮޓަރިއަށް ވަނުމަށްފަހު ވެސް މާޒިން އައިޝާ އަށް އަޅައެއް ނުލައެވެ.
މާޒިން މަޑުކުރީ ސައިގެ ވަގުތަށެވެ. ސައިގެ ވަގުތު ގޭގެ އެންމެން މޭޒު ކައިރިއަށް އެއްވާ ވަގުތަށެވެ. ސައިބޯން ވެގެން ޖަމީލާ ސައިކޮޓަރިއަށް ވަންނަނިކޮށް މާޒިން ފެނުމުން ލިބުނީ ކުއްލި ހައިރާންކަމެކެވެ.
"ދަރިފުޅާ. އަންގައި ވެސް ނުލާތަ ތިއައީ ކުއްލިއަކަށް. ކޯސް ނިމުނީތަ؟ މަންމަ ހާދަ ވަރަކަށް ގުޅީމޭ އައިޝާ ޚަބަރެއް ނުވެގެން އުޅޭތީ ވެސް."
"މަންމާ މިއަދު އަހަރެން އެބަޖެހޭ ވަރަށްބޮޑު ކަމެއް ނިންމަން." ޖަމީލާ ބޮލުގައި ރިއްސާލީ މީރާ ހެވިފައި ހުރުމުންނެވެ. ސައިބޮއި ނިމިގެން ސިޓިންގ ރޫމަށް ގޮސް އެންމެން ތިއބާ މާޒިން ބުނީ އައިޝާ މާޒިނާ އެކު އުޅެން ބޭނުން ނުވާކަން އެނގިފައިވާ ކަމަށެވެ. އަދި އުޅެން ބޭނުންނުވާ މީހަކު ހިފަހައްޓަށް ބޭނުން ނޫންކަމުގައެވެ.
މާޒިންގެ ވާހަކައިން އައިޝާ ދިޔައީ ސިއްސައިގެންނެވެ. އައިޝާގެ ލޮލުން އެވަގުތު ކަރުނަ ފެންނަން ހުއްޓެވެ. މާޒިން އެ ގޮތަށް ކަންތައް ކޮށްފާނެކަމަކަށް އައިޝާ ހިތަށްވެސް ނާރައެވެ.
"އަހަރެން އެއްވެސް އިރެއްގައި މާޒިނާ ވަކިވާކަށް ނުބުނަން. ކީއްވެ މާޒިން ތިޔަ ހެން ކަންތައް ކުރާން ފެށީ." އައިޝާ ހުރީ ވާނުވާ ނޭނގިފައެވެ.
"އައިޝާ އުޅޭ ހުރިހާ ގޮތެއް ދޮންބެއަށް އެނގޭ. މައުސޫމް ވެގެން އުޅޭނެކަމެއް ނެތް." މީރާގެ ވިހަގަދަ ޖުމްލައިން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އައިޝާއަށް އެނގިއްޖެއެވެ.
"އަހަރެން ގޯސްކޮށްފައި މާޒިން ތިޔަ ހެން ވާހަކަ ދައްކާން ވާނީ ފުރަތަމަ އަހަރެން ކައިރީ ތިޔަ ވެގެން އުޅޭ ގޮތެއް ވެސް ބުނެފައި. ދެމަފިރިން ދޭތެރޭގައި އަންނަ ހިތްނުތަނަވަސްވުންތައް ޙައްލުކުރަން ތިޔަ ކުރަނީ އެންމެ ރަނގަޅަކަށް ނޫން. މާޒިން ބޭނުން ނޫނިއްޔާ އަހަރެން މި ގެއަކު ނުހުންނާނަން." އައިޝާ ކޮޓަރިއަށް ގޮސް ފޮށްޓަށް އެއްޗެހި އަޅައިގެން ދާން ތައްޔާރުވެގެން ނިކުތީ އެންމެން ސިޓިންގރޫމްގައި ތިއްބައެވެ.
"އައިޝާއަކަށް މި ގެއަކުން ނުދެވޭނެ." ޖަމީލާގެ އަޑަށް ހައިރާންކަމާ އެކު، މީރާއަށް ބަލައިލެވުނެވެ. (ނުނިމޭ)