ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ
9 އޯގަސްޓް 2025
އެ ބިމަކާއި މެދު، ރަޝިޔާއާއި، ޔޫކުރޭނުން ދެބަސްވެރިވެ، އެ ބިމަކަށް ޓަކައި ހަނގުރާމަކުރަމުންދާ ކްރައިމިއާގެ ބިމަކީ، އެ ދެބައިމީހުންނާ އެއްވެސް ގުޅުމެއް ނެތް ތަނެއްކަން އެނގިވަޑައިގަންނަވައިތޯއެވެ؟ އެއާ ޚިލާފަށް، އެއީ މުސްލިމުންގެ އަތުން ފޭރިގެންފައިވާ ބިމެކެވެ. އެއީ އެބިމުގެ ދިފާޢުގައި އެތައް މުސްލިމު މުޖާހިދުންނެއްގެ ލޭ، އެ ބިމަށް އޮހޮރިފައިވާ އަދި އެމީހުންގެ ލެޔާއި ދާއޮހޮރުވައިގެން ދިފާޢުކޮށް އެތައް ޤަރުނެއް ވަންދެން އެ މީހުން ދިރިއުޅެމުން ދިޔަ ބިމެކެވެ. އެ ބިމުގައި މިސްކިތްތައް ހަދައި، ތައުޙީދުގެ މަތިވެރި ކަލިމައިގެ އަޑު އިއްވައި، ކީރިތި ޤުރުއާން ކިޔަވައި، އުނގަންނައިދެމުން ދިޔަ ބިމެކެވެ.
މުސްލިމުންނާއި ކްރައިމިއާއާ ދެމެދު، އެންމެ ފުރަތަމަ ގުޅުން އުފެދުނީ ހިޖުރައިން ފުރަތަމަ ޤަރުނުގައި، މީލާދީން 1400ވަނަ އަހަރު، އުމަވީ ޚަލީފާ، އަދި އަރުމީނިއާ އާއި އާޒަރުބައިޖާނުގެ ގަވަރުނަރު، ކަޅު ކަނޑުގެ އުތުރުގައިވާ ޚަޒާރު ބިންތައް ފަތަޙަކުރުމުގެ ކެމްޕޭނުގެ ތެރެއިން، އެ ސަރަހައްދަށް ޝެހެޒާދާ ސަޢީދު ބިން ޢަބްދުލްމަލިކު ފޮނުއްވެވި ހިސާބުންނެވެ. މި ދަތުރުފުޅަކީ އިސްލާމްދީނުގެ ދިދަ، އެ ސަރަޙައްދަށް އެންމެ ފުރަތަމަ ގެންދެވުނު ދަތުރުފުޅެވެ.
ނަމަވެސް ކްރައިމިއާގައި އިސްލާމްދީން މޫލައި ހެދޭން ފެށީ ހިޖުރައިން ހަތްވަނަ ޤަރުނުގައި، މީލާދީން 13 ވަނަ ޤަރުނުގެ ތެރޭގައި ޚުރާސާނާއި، މުސްލިމު ބިންތަކުން، އިސްލާމްދީން ފެތުރުއްވުމަށް، އެ ސަރަހައްދަށް ޒިޔާރަތްކުރެއްވި މުސްލިމު ދާއީންނާއި، ޢިލްމުވެރީންގެ ދަޢުވަތަށް މޮންގޯލް ތަތާރުން އިސްލާމްދީން ޤަބޫލުކުރި ހިސާބުންނެވެ. ގޯލްޑަން ހޯރޑޭ ނުވަތަ [މަތިވެރި ދައުލަތު]ގެ ނަމުގައި، ކްރައިމިއާގައި އިސްލާމީ ދައުލަތެއް ޤާއިމުކުރީ މީލާދީން ފަނަރަވަނަ ޤަރުނުގެ ތެރޭގައެވެ. ގާތްގަނޑަކަށް ހަތަރު ޤަރުނު ވަންދެން ކްރައިމިއާގައި އެ މީހުން ވެރިކަން ކުރިއެވެ. ކްރައިމިއާގައި ޤާއިމުކުރި އިސްލާމީ ދައުލަތަކީ، ދާޚިލީ މިނިވަންކަން ލިބިފައިވާ އެހެންނަމަވެސް އުސްމާނީ ޚިލާފަތުގެ ދަށުގައިވާ ތަތާރީ އިސްލާމީ ވިލާޔަތެކެވެ.
ކްރައިމިއާގެ އިސްލާމީ ދައުލަތަކީ، އިރުމަތީ ޔޫރަޕްގައި ގާއިމުކުރެވުނު ތާތާރީ އިސްލާމީ ދައުލަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ދައުލަތެވެ. އެ ދައުލަތުގެ ވެރިރަށަކީ ބަޚުޝް ސާރޭއެވެ. ބަޚުޝް ސާރޭގެ މާނައަކީ [ބަގީޗާއެއް ފަދަ ގަނޑުވަރު]އެވެ. ކްރައިމިއާގައި މުސްލިމުން ވެރިކަންކުރި އިރު، އެ ތަނަކީ އިރުމަތީ ޔޫރަޕުގައިވާ ތަރައްޤީއާއި، ތަހުޒީބާއި ތަމައްދުނުގެ ކުރިބޯއްޓެވެ. އިސްކޫލްތަކާއި، މިސްކިތްތަކާއި، ބަގީޗާތަކާއި، ގަނޑުވަރުތައް ބިނާކޮށްފައިވާ އިރު، އޭގެ ތެރެއިން އެންމެ މަޝްހޫރު އެއް ގަނޑުވަރަކީ، މިއަދާ ހަމައަށް ވެސް ތާތާރީ އިސްލާމީ މިއުމާރިއްޔަތުގެ ޝަރަފުވެރިކަމުގެ ރަމުޒެއްކަމަށް ބެލެވޭ "ހާރެމް" ގަނޑުވަރެވެ.
ކްރައިމިއާއަކީ ހަމައެކަނި މިޞްރުގައި ތިބި މަމްލޫކުންނާއި އަދި އުސްމާނީ ޚިލާފަތުގެ ވިޔަފާރީގެ ނުވަތަ އަސްކަރީ މަރުކަޒެއް ގޮތުގައި އޮތް ތަނެއް ނޫނެވެ. އަދި އެއީ މަމްލޫކު ދައުލަތުގެ އެންމެ މުހިންމު އިންސާނީ ވަސީލަތްވެސްމެއެވެ. މިޞްރުގައި އިސްލާމީ ދައުލަތެއް ޤާއިމުކޮށް، އެ ދައުލަތް އެންމެ މަތީ މަޤާމަށް އުފުލައިދިން ގިނަ މަމްލޫކުންނަކީ ކުޑައިރު ނުވަތަ ޒުވާން ޢުމުރުގައި ކްރައިމިއާއިން، ޤާހިރާއަށް ގެންގޮސް، ކިޔަވައިދީ، ހެވިކަމާއި ކަނޑި ހަނގުރާމަ ދަސްކޮށްދީ އަސްކަރީ ޤާއިދުންނަށް ހަދައިފައިވާ ބަޔެކެވެ. އޭގެތެރެއިން ވެސް އެންމެ މަޝްހޫރު ބަޔަކީ ސަރުކޭޝިއަން އަދި ކޯކޭޝިއަން ނަސްލުގެ މީހުންނެވެ. މި މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު އައިސްފައިވަނީ ކަޅު ކަނޑުގެ ބަނދަރުތަކުންނެވެ. ކަޅުކަނޑުގެ ބަދަރުތަކުގެ ތެރެއިން އެންމެ މުހިންމު އަދި އެންމެ މަޝްހޫރު ބަނދަރަކީ ކްރައިމިއާގެ ކައްފާ ބަނދަރެވެ.
ކްރައިމިއާގެ ވެރިކަމުގެ އެންމެ ބާރުގަދަ ދުވަސްވަރު، ކްރައިމިއާ ވެގެން ދިޔައީ، އުސްމާނީ އިސްލާމީ ޚިލާފަތުގެ މުހިންމު ބައެއްގެ ގޮތުގައެވެ. ކްރައިމިއާ އުސްމާނީ ޚިލާފަތުގެ ބައެއްކަމުގައި ހަމަޖެހިގެން ދިޔައީ 16ވަނަ ގަރުނުގައި ސުލްޠާން ސަލީމް 1ގެ ވެރިކަމުގައެވެ. އަދި ކްރައިމިއާއަކީ އުސްމާނީ ޚިލާފަތުގެ އެންމެ މުހިންމު އެއް ވިލާޔަތު ނުވަތަ ޕްރޮވިންސުގެ ގޮތުގައި ހަމަޖެހިގެން ދިޔައެވެ. އެއީ ރަޝިޔާއާއި، ޕޮލެންޑާއި، ކަޒާކު އަދި އުތުރު ތަނޑީގައިވާ އެހެން ޤައުމުތަކާއި ދެކޮޅަށް އުސްމާނީ ޚިލާފަތުގެ ދިފާޢީ ސަލާމަތާއި ރައްކާތެރިކަމާއި އެންމެ ގާތުން ގުޅިފައިވާ ވިލާޔަތު ނުވަތަ ޕްރޮވިންސެއްކަމުގައި ވާތީއެވެ.
ކްރައިމިއާގައި ވެރިކަންކުރީ ތާތާރީ މުސްލިމު ޢާއިލާއެއްކަމަށްވާ ކަރާއީ ދަރިފަސްކޮޅުންނެވެ. އެ ދަރިފަސްކޮޅުން ބާރުގަދަ އެތައް ވެރީންނެއް ކްރައިމިއާގައި ވެރިކަން ކުރެއްވިއެވެ. އޭގެތެރެއިން މެންގުލީ ކަރާއީއަކީ އުސްމާނީ ޚިލާފަތުގައި ކޯކަސް ސަރަޙައްދާއި، ކަޅުކަނޑުގެ ވަށައިގެންވާ ޤައުމުތައް ފަތަޙަކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ހިތްވަރުގަދަ ފަހުލަވާނެކެވެ. އަދި ޣާޒީ ކަރާއީއަކީ ކްރައިމިއާގައި މިސްކިތްތަކާއި މަދަރުސާތައް ބިނާކުރައްވައި އިރުމަތީ ޔޫރަޕްގައި އިސްލާމްދީން ދިފާޢުކުރެވުއްމަށް ޓަކައި އެންމެ ބުރަކޮށް މަސައްކަތްކުރެއްވި އެއް ބޭފުޅެކެވެ.
ނަމަވެސް އުސްމާނީ ޚިލާފަތް ބަލިކަށިވުމާ އެކު 1783ވަނަ އަހަރު ރަޝިޔާގެ އަތްދަށަށް ކްރައިމިއާ ދިޔައެވެ. އެއީ ރަޝިޔާއިން އެއްކޮށް ފަތަޙަކުރި މުސްލިމުންގެ ފުރަތަމަ ސަރަޙައްދެވެ. އެ ދުވަހުން ފެށިގެން ކުރައިމިއާގެ މުސްލިމު ރައްޔިތުންނަށް އެއް މުސީބާތަށްފަހު، އަނެއް މުސީބާތް ކުރިމަތިވަމުން ދިޔައެވެ. ގަދަކަމުން ނަސްރާނީ ދީނަށް ވެއްދުމާއި، ކްރައިމިއާގެ އިސްލާމީ ހުވިއްޔަތު ނައްތައިލުމާއި، މިސްކިތްތައް ތަޅައިލުމާއި، މުސްލިމުން ގަދަކަމުން އެމީހުންގެ ގޯތި ގެދޮރުން ބޭރުކުރުން ފަދަ އަނިޔާވެރި އެތައް ޢަމަލުތަކެއް އެ މީހުންނަށް ތަޙައްމަލުކުރާން ޖެހުނެވެ.
ނަވާރަވަނަ ގަރުނުގައި ކްރައިމިއާގެ ބޮޑު ހަނގުރާމަ ފެށުނީ ރަޝިޔާއިން، ކްރައިމިއާއަކީ ރަޝިޔާގެ ބައެއްގެ ގޮތުގައި ހަދާން މަސައްކަތް ކުރުމުންނެވެ. އުސްމާނީ ޚިލާފަތުން ކްރައިމިއާގެ ދިފާޢުގައި ތެދުވެ، ރަޝިޔާއާއި ދެކޮޅަށް ވަރުގަދަ ހަނގުރާމައެއްކޮށް، ރަޝިޔާ ފުޅާކުރުމުގެ މަސައްކަތް ހުއްޓުވިއެވެ. މި ހަނގުރާމައިގައި، ފަރަންސޭސި ވިލާތާއި އިނގިރޭސިވިލާތުގެ އެހީތެރިކަން އުސްމާނީ ޚިލާފަތަށް ލިބިފައިވެއެވެ.
ދެން އޭގެފަހުން 1944ވަނަ އަހަރު، ޖޯސޮފް ސްޓާލިންގެ ވެރިކަމުގައި ކްރައިމިއާގެ މުސްލިމުންނަށް ލާއިންސާނީ އެތައް އަނިޔާއެއްދީ ބޮޑެތި ޤަތުލުއާންމުތައް ހިންގިއެވެ. ސްޓާލިންގެ ހައްދެއް ނެތް އަނިޔާގައި އެންމެ ފަހުން ކްރައިމިއާގެ ހުރިހައި މުސްލިމުން ސައިބީރިއާއާއި މެދުތެރޭ އޭޝިއާގެ އެކި ތަންތަނަށް ފޮނުވައިލިއެވެ. ސްޓާލިންގެ އަނިޔާވެރި ވެރިކަމުގައި އެތައް ލައްކަ މުސްލިމުންގެ ފުރާނަ ދުއްވައިލިއެވެ. ކްރައިމިއާގެ އަހުލުވެރީން، އެ މީހުންގެ ވަޒަނުން ބޭރުކޮށް ނިމުނު އިރު ކްރައިމިއާގައި ތާތާރީ ނަސްލުގެ އެންމެ މީހަކު ވެސް ނެތެވެ. ކްރައިމިއާގެ ތާތާރީންގެ 80،000 ގެއާއި 360،000 އަކަމީޓަރުގެ ބިން ދޫކޮށްލައިފައި އެކި ތަންތަނަށް ގަދަކަމުން ހިޖުރަކުރާން އެމީހުންނަށް މަޖުބޫރުކުރިއެވެ. މި އަނިޔާވެރިކަމުގެ ތެރޭގައި، އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމުގެ ތެރޭގައި ގާތްގަނޑަކަށް ކްރައިމިއާގެ 8،000 ތަތާރުން މަރުވެފައިވާ އިރު، އޭގެ ފަހުން އެމީހުންނަށް ދިރިއުޅޭން މަޖުބޫރުވި ހިތްދަތި ދިރިއުޅުމުގެ ސަބަބުން 10 ހާސް މީހުން ވަނީ މަރުވެފައެވެ.
1956 ވަނަ އަހަރު ސޯވިއެޓްގެ އާ ލީޑަރު ނިކިޓާ ކްރޫޝޭވް ވަނީ ސްޓާލިންގެ އެ ސިޔާސަތަކީ ނަސްލުހޭދައިގެ ޖަރީމާއެއްކަމަށް ބުނެ އެ ކަން ކުށްވެރި ކޮށްފައެވެ. އަދި ސްޓާލިންގެ އެ ސިޔާސަތުގެ ސަބަބުން ވަޒަނުން ބޭރުކޮށްލެވުނު އެކިއެކި ނަސްލުތަކުގެ މީހުން، އެ މީހުންގެ ވަޒަނަށް އެނބުރި އައުމުގެ ހުއްދަދިނެވެ. އެހެންނަމަވެސް ކްރައިމިއާގެ ތަތާރު ނަސްލުގެ މީހުންނަށް އެ މީހުންގެ ވަޒަނަށް އެނބުރި އައުމުގެ ހުއްދައެއް ނުދެއެވެ. އަދި އޭގެފަހުން ފާއިތުވި ތިރީސް އަހަރުގެ ތެރޭގައިވެސް ކްރައިމިއާގެ ތަތާރުންނަށް އުޅޭން ޖެހުނީ ސައިބީރިއާއި އަދި މެދުތެރޭ އޭޝިއާގެ އެކި ޤައުމުތަކުގައެވެ. އެއަށްފަހު، 1980 ގެ އަހަރުތަކުގެ ފަހުކޮޅު ޕްރޮސްޓްރޮއިކާގެ ދުވަސްވަރު، އެ މީހުންގެ ތެރެއިން 260،000 މީހުން، އެމީހުންގެ އަސްލު ވަޒަން ކަމުގައިވާ ކްރައިމިއާއަށް އެނބުރި އައީ، ގަދަކަމުން އެމީހުން ވަޒަނުން ބޭރުކޮށްލިތާ 45 އަހަރު ފަހުންނެވެ.
"ކްރައިމިއާ" މި ނަމަކީ ވެސް ރަޝިޔާގެ އަދި ޔޫކްރޭންގެ ބަހާ އެއްވެސް ގުޅުމެއް އޮތް ނަމެއް ނޫނެވެ. އޭގެ ބަދަލުގައި އެ ނަމަކީ ތަތާރީ ބަހުގެ ނަމެކެވެ. އޭގެ މާނައަކީ "ކިއްލާ"އެވެ. ކްރައިމިއާގެ ވެރިރަށަށް ކިޔަނީ ސިމްފެރޯޕޯލްއެވެ. ކުރީން އެރަށަށް ކިޔަނީ "އަކްމަސްޖެދު"އެވެ. އޭގެ މާނައަކީ "ހުދު މިސްކިތެވެ." މިއީ އެތައް ގަރުނެއް ވަންދެން އެ ސަރަހައްދުގެ އިސްލާމީ ހުވިއްޔަތާއި، އިސްލާމީ މިއުމާރިއްޔަތުގެ ދައްކުވައިދިން ބިނާއެކެވެ.
އިއްޔެ، ކްރައިމިއާއަކީ އިސްލާމީ ޖިހާދުގެ ދިދަ އުފުލައި، އުސްމާނީ ޚިލާފަތާއި، މަމްލޫކުންގެ އަސްކަރީ ބާރުކަމުގައިވި ކަޅުކަނޑުގެ މުތީއެވެ. އެކަމަކު، މިއަދު ކްރައިމިއާއަކީ ދެ ޤައުމެއްގެ ދެމެދުގައި ހިނގާ ހަމަނުޖެހުމާއި، ހަނގުރާމައިގެ މައި މަރުކަޒެވެ. އެކަމަކު، އެ ބިމަކީ، އެ ދެބައިމީހުންނާއި އެއްވެސް ގޮތަކުން، އެއްވެސް ގުޅުމެއް އޮތް ބިމެއް ނޫނެވެ. މިއަދު ޔަހޫދީން ކުރާ ބާޠިލު ދަޢުވާއަށް ވުރެ، މުސްލިމުންނަށް ކްރީމިއާގެ މައްޗަށް ދަޢުވާކުރުން މާ ޙައްޤުކަން ބޮޑެވެ.