އަބާ މުޙަންމަދު
11 އޯގަސްޓް 2025
ހޫނު މޫސުމުގެ ދުވަސްވަރު ދެކުނު ޔޫރަޕުގެ ޖަންގަލިތަކުގައި އަލިފާން ރޯވުމަކީ، މި ފަހަކަށް އައިސް އާންމު ކަމަކަށް ވަނީ ވެފައެވެ. ފިނިހޫނުމިން އާދަޔާ ޚިލާފަށް މައްޗަށް ގޮސް އިންތިހާއަށް ހޫނުގަދަވުމާއި ހިކި ހަނަފަސްކަމުގެ ޙާލަތު ދެމިގެން ދިޔުމުގެ އަސަރު ފޯރަނީ ހަމައެކަނި ގްރީކާއި އިސްޕޭނުވިލާތާއި ތުރުކީވިލާތަށް އެކަންޏެއްނޫނެވެ.
މިހާރު ފަރަންސޭސިވިލާތުގެ ދެކުނުގެ އޮޑޭ ޑިޕާޓްމަންޓު ސަރަހައްދުގެ ޖަންގަލީގައި އަލިފާން ރޯވެ، މި ދިޔަ 24 ގަޑި އިރުގެ ތެރޭގައި ވެރިރަށް ޕެރިހުގެ ދޮޅުގުނަ ބޮޑު ސަރަހައްދެއް ވަނީ އަނދައި ހުލިވެފައެވެ.
އަލިފާން ކޮންޓުރޯލުކުރުމަށް ޓަކައި ކަމާ ބެހޭ އިދާރާތަކުން ވަރުބަލިކަމެއް ނެތި މަސައްކަތްކުރަމުން ގެންދިޔަ ނަމަވެސް މިއީ މި ސަރަހައްދަށް ޒިޔާރަތްކުރާ ފަތުރުވެރީން ކަންބޮޑުވާނެ ޚަބަރެއްކަން ކަށަވަރެވެ.
އަލިފާން ރޯވެ އަނދަނީ ކޮން ސަރަހައްދެއްގައި؟
މި އަލިފާން ފުރަތަމަ ރޯވީ ގަނޑު ފެށުނީ އޯޑޭ ޑިޕާޓްމަންޓުގައި ސްޕެއިންގެ އިން ސަރަހައްދު ކައިރީގައި އޮންނަ ރިބައުޓޭ އަވަށުން ނަމަވެސް އޭގެ ފަހުން ރަށްފުށުގެ އަވަށްތަކާއި މަޝްހޫރު ކޯބިއެރެސްގެ ރަށްރަށުގައި ވެސް އަލިފާން ވަނީ ފެތުރިފައެވެ. ރެއެއްގެ ތެރޭގައި ޕެރިހުގެ ދޮޅު ގުނަ ބޮޑު ވަނީ އަނދައި ހުލިވެފައެވެ.
ފަރަންސޭސި ބޮޑުވަޒީރު ބޮޑުވަޒީރު ފުރާންސޯ ބައިރޫ ސިފަކުރައްވައިފައިވާ ގޮތުގައި މި އަލިފާނަކީ [ކުރީން އަންދާޒާ ވެސް ކުރެވިފައިނުވާ ވަރުގެ ބޮޑު ކާރިސާއެއް]ކަމަށާއި، [މިއީ ވޭތުވެ ދިޔަ 70 އަހަރު ތެރޭގައި ފަރަންސޭސިވިލާތުގައި ރޯވި އެންމެ ބޮޑު އަލިފާނުގެ ހާދިސާ]ކަމަށެވެ. މީގެ ކުރީން އާންމުކޮށް އަހަރެއްގެ ތެރޭގައި އަދައިފައިނުވާ މިންވަރަށް 24 ގަޑި އިރުގެ ތެރޭގައި އަނދައިފައިވާކަމަށް [ގާޑިއަން]އާ ޙަވާލާދީ މުރުޖާތަކުން ބުނެއެވެ.
ހަނަފަސްކަމާއި އާދަޔާ ޚިލާފަށް ހޫނުމިން މައްޗަށް ދިޔުމާއި ގަދަ ވައިގެ ސަބަބުން އަލިފާންގަނޑު ވަރަށް އަވަހަށް ފެތުރި، ކޮންޓްރޯލުކުރާން ވަނީ ދަތިވެފައެވެ. މަތީންދާބޯޓުތަކުން ފެންޖަހަމުން ދިޔަ ނަމަވެސް އޮޑެ ޕުރިފެކްޗާގެ ސެކްރެޓަރީ ޖެނެރަލް ލޫސީ ރޯޝް ވަނީ، މި [އަލިފާނުގެ ހާދިސާގެ ސަބަބުން އެތައް ދުވަހެއް ވަންދެން މި މަސައްކަތުގައި އަވަދިނެތި އުޅޭން ޖެހޭނެކަމަށް ވިދާޅުވެފައެވެ.
ޖޮންކިއެރެސް އަވަށުގެ ގޭގެ ހުސްކޮށް ރައްޔިތުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކުރެވިފައެވެ. އޯޑޭ ޕުރިފެކްޗާގެ ކޭމްޕު ސަރަހައްދުތަކުގައި ތިބި ގިނަ ފަތުރުވެރީން ވެސް ވަނީ ހުސްކޮށްފައެވެ. އެހެން ސަރަހައްދުތަކުގެ ރައްޔިތުން ވެސް ގެއިން ނުނިކުމެ ތިބޭން ވަނީ އަންގައިފައެވެ. މި ހާދިސާތަކުގައި އެއް އަންހެނަކު މަރުވެއްޖެއެވެ. އަދި އަލިފާން ނިއްވާ މީހުން ހިމެނޭ ގޮތުން އިތުރު ނުވަ މީހަކު ވަނީ ޒަޚަމްވެފައެވެ. ނުވަތަ ފިހިފައެވެ.
[ހޫނު މޫސުން ފެށުނީއްސުރެ ޖަންގަލީގައި މިހާ ގިނައިން ރޯވެ އަނދާ ތަން ފެނުމަކީ އަހަރެމެންނަށް ވަރަށް ބޮޑު ހިތާމައެކެވެ.] ފެބްރެޒާންގެ ރައްޔިތެއް ކަމަށްވާ އޮޑޭ ޑަމެސިން އޭޖެންސް ފްރާންސް ޕރެސް (އޭއެފުޕީ)އަށް ދިން ބަސްދީގަތުމެއްގައި ބުނެފައި ވެއެވެ. [އެއީ ވަލު ޖަނަވާރުތަކާއި، ގަސްގަހާގެހި ފަދަ ދިރުންތައް ނެތިދާތީއެވެ. އަދި ހުރިހާ ރައްޔިތުން ވެސް ތިބީ ބިރުވެރިކަމެއްގައެވެ.]
ފަރަންސޭސިވިލާތުގެ ދެވަނަ ސިޓީ މާސޭގެ ވަށައިގެންވާ ސަރަހައްދުތަކުގައި މިދިޔަ މަހު ވެސް ވަނީ ޖަންގަލީގައި ރޯވުމުގެ ހާދިސާއެއްގައި 300 އެއްހާ މީހުން ޒަޚަމްވެފައެވެ.
ގްރީކާއި، އިޓަލީވިލާތާއި ތުރުކީވިލާތަކީ މި ހޫނު މޫސުމުގައި މިހާތަނަށް ޖަންގަލީގައި ރޯވުމުގެ ހާދިސާތަކެއް ތަޖުރިބާކޮށްފައިވާ ގައުމުތަކެވެ. މީގެ އިތުރަށް ހޫނުގަދަވުމުގެ [ރަތް ސަމާލު] ދީފައިވާ ބައެއް ގައުމުތަކަކީ:
އިސްޕޭނު
ދެކުނު އިސްޕޭނަކީ އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދަކަށް ވާއިރު، ސެވިއްޔާއާއި ވަށައިގެންވާ ސަރަހައްދުތަކުގައި 40 ދަރަޖައިގެ ފިނިހޫނުމިން ވަނީ ރެކޯޑުކުރެވިފައެވެ.
ފަރަންސޭސިވިލާތް
ގާތްގަނޑަކަށް މުޅި ފަރަންސޭސިވިލާތް ވަނީ ހޫނުގަދަވުމުގެ ރަތް ސަމާލުގެ ދަށަށް ގެނެވިފައެވެ. އަދި މި ސަމާލު ހަފުތާގެ ބާކީ އޮތް ދުވަސްތަކުގައި ދެމިއޮންނާނެކަމަށް ބެލެވެއެވެ.
ޕޯޗުގަލް
ޕޯޗުގަލްގެ ޑައިރެކްޓަރޭޓް ޖެނެރަލް ފޮރ ހެލްތު (ޑީޖީއެސް)އިން ވަނީ ހޫނު ގަދަވުމުގެ [ރަތް ސަމާލު] ރައްޔިތުންނަށް ދީފައެވެ. އަދި ހެނދުނު 11:00އިން ފެށިގެން ހަވީރު 5:00އާ ދެމެދު، ގެއިން ބޭރަށް ނުނިކުތުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އިޓަލީވިލާތް
އިޓަލީގެ 20އަށް ވުރެ ގިނަ ސިޓީގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އިއްޔެ ވަނީ ހޫނު ގަދަކަމުގެ ރަތް ސަމާލު ނެރެފައެވެ. އަދި ޓާސްކާނީ ފަދަ ސަރަހައްދުތަކުން ހަށިގަނޑުން ފެން މަދުވެގެންނާއި ހޫނުގެ ސަބަބުން ސްޓްރޯކްޖެހިގެން ވަރަށް ގިނަ މީހުން ހޮސްޕިޓަލުގައި ބައިތިއްބައިފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ތުރުކީވިލާތް:
އިޒްމީރު ސަރަހައްދުގައި މި ވަގުތު ޖަންގަލީގައި ރޯވެ އަނދަމުން އެބަ ދެއެވެ. އެ ކަމުގެ ސަބަބަކަށް ވަނީ، ހޫނު ގަދަވުމާއި، ހަނަފަސްކަމާއި ހޫނު މޫސުމުގެ އާދަޔާ ޚިލާފު ހޫނުގަދަކަމެވެ.
ކްރޮއޭޝިއާ އާއި ބަލްކަން ސަރަހައްދު:
އެޑްރިއޭޓިކް ކަނޑުގެ އައްސޭރީގައި މިދިޔަ ހަފުތާ ބަންދުގައި 40 ޑިގްރީ ސެލްސިއަސްގެ ހޫނުމިން ތަޖުރިބާކޮށްފައިވާ އިރު، މި ހަފުތާގައި ވެސް ހޫނުމިން ވަރަށް މަތިވާނެ ކަމަށް މޫސުމާ ބެހޭ ވިދާރާތަކުން ނިމުތުކުރެއެވެ. އެހެންކަމުން އެ ސަރަހައްދުގެ ގިނަ ގައުމުތަކުގައި އަލިފާން ރޯވުމަކީ އެކަށީގެންވާ ކަމެކެވެ.
އެހާ ހޫނު ގަދަވަނީ ކީއްވެގެން؟
އިންތިހާއަށް ހޫނުވުމަކީ މިހާރު [އާންމު ކަމަކަށް]ވަމުންދާކަމަށް އދ.ގެ އަމީން ޢާންމު އެންޓޯނިއޯ ގުޓައްރެސް ވިދާޅުވެފައިވާކަމަށް [ގާޑިއަން] ނޫހުން ޚަބަރުދެއެވެ. [ހޫނުގެ ގުއްބެއް – ހޫނު ވައި ތާށިވެ ވައިގެ އޮބުން ބޮޑު ސަރަހައްދެއް – މިހާރު ވަނީ ހުޅަނގު ޔޫރަޕު ވަށައިލައިފައެވެ. އުތުރު އެފުރިކާއިން އަންނަ ހޫނު ވައިގެ ސަބަބުންނާއި، ތެޔޮ ވިސަޑުވުމުގެ ސަބަބުން މި ޙާލަތު އިތުރަށް ގޯސްވެދާނެކަމަށް ވެސް ބެލެވެއެވެ.
މި ހޫނު ދެމިގެންދާނީ ކިހާ ދުވަހަކު؟
މި ހަފުތާ ތެރޭގައި ވެސް ގަދަ ހޫނުކަން ދެމިއޮންނާނެއެވެ. މޫސުން ކުރިއަށް ނިމުތުކުރާ ވިދާރާތަކުން ބުނާ ގޮތުގައި މި ހަފުތާ ނިމުމުން އިޓަލީވިލާތުގައި ފިނިހޫނުމިން ދަށަށްދާނެކަމަށް ލަފާކުރެވެއެވެ. މޫސުމީ އެވްރެޖް 20/30ގެ މިންވަރަށް ހަފުތާގެ ކުރީކޮޅު ފިނިހޫނުމިން ބަދަލުވާނެއެވެ. އިސްޕޭނުގައި ހަފުތާގެ މެދުތެރެއާ ހަމައަށް ވެސް އިންތިހާއަށް ގަދަ ހޫނު ދެމިއޮންނާނެ ކަމަށް ވެސް އެ އިދާރާތަކުން ބުނެއެވެ.
ދަތުރުކުރުން ރައްކާތެރިތަ؟
މިސަރަހައްދުތަކަށް ދަތުރުކުރުން ނުރައްކާތެރިކަމަށް ރަސްމީ އިދާރާތަކުން އިންޒާރުދީފައެއް ނުވެއެވެ. ޗުއްޓީ ހޭދަކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެޅުމަށް އިލްތިމާސްކުރެއެވެ. ހޫނު އެންމެ ގަދަވާ ވަގުތުތަކުގައި (ހެނދުނު 11އާއި ހަވީރު 6އާ ދެމެދު) އަތްވަށް ނުނުކުތުމާއި، އަވީން ދިފާޢުވާ ލޯޝަން ފަދަ ތަކެތި އުނގުޅައިގެން އުޅުމާއި ގިނައިން ފެން ބުއިން ބުއްދިވެރިކަމަށް މާހިރުން އިރުޝާދުދެއެވެ.
ބައެއް ލަފުޒުގެ މާނަ:
ހަނަފަސް ނ. (1) ތެތްކަމެއްނުވާ ހިކިފަސް. (2) ދޫ ވެލިގަނޑު
ނިމުތު ނ. (1) ކުރާ ލަފާ ނުވަތަ އަންދާޒާ. (2) ވާން ހުންނަ ކަންކަން. (3) ނީމުތުforecast
އިރުޝާދު ނ. ކަމެއްކުރާނެ ގޮތް ބުނެދޭ ބުނެދިނުން. ކަމަކަށް މަގުދައްކާ ދެއްކުން.instruction
އިލްތިމާސް ނ. (1) ކަމަކަށްއެދި ގޮވައިލާ ގޮވައިލުން. (2) ކަމަކަށް އެދި ހުށަހަޅާ ހުށަހެޅުން.appeal
ވިދާރާ ނ. (1) ވަކި ޚާއްޞަ ދާއިރާއަކުން ނުވަތަ ރޮނގަކުން އިލްމީ ދިރާސާތައް ކުރުމާއި އިލްމު ތަރައްގީކުރުމުގެ މަސައްކަތްކުރުމަށް ޓަކައި ގާއިމުކޮށްފައި ހުންނަ މުއައްސަސާ. (2) ޚާއްޞަ ރޮނގަކުން ކިޔަވައިދޭ ނުވަތަ ތަމްރީނުދޭ ތަނެއް. academy