ad_banner
މި ދަނޑިވަޅުގައި އީރާނާ މެދު މީސްތަކުންގެ ހިތްތަކުގައި ނަފުރަތު އުފައްދާން މަސައްކަތްކުރުމަކީ ކޮން ފަދަ ނުބައި ޢަމަލެއްހެއްޔެވެ!

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

19 ޖޫން 2025

حضرت آیت‌الله العظمی سیدعلی خامنه‌ای.

އިސްރާއީލުން މި ދިޔަ ހުކުރު ދުވަހު އީރާނަށް ޙަމަލާދިނުމާ ވިދިގެން ފެށުނު ނުރައްކާތެރި އަސްކަރީ ކުރިމަތިލުމާ ގުޅިގެން ގިނަ މުސްލިމުންގެ ލޯތްބާއި އިޙުތިރާމް އީރާނަށް ލިބެމުން އެބަ ދެއެވެ. އެއީ އިސްރާއީލާ ދެކޮޅަށް އިސްލާމީ ގައުމަކުން ހަމަލާއެއް ދޭން ނުކެރި އޮއްވައި، އަދި އެމެރިކާއާއި އިސްރާއީލުން ވެސް އެ ކަމަށް ލަފާވެސް ނުކޮށް ތިއްބައި އީރާނުން އެ ފަދަ ހިތްވަރުގަދަ ފިޔަވަޅެއް އެޅީތީއެވެ. ހަމަ ގައިމު ވެސް އިސްރާއީލޭ މި ކިޔާ ކިޔާނަކަށް، އެތާގެ ސަރުކާރަކަށް، ބުންޔާމީން ނަތަންޔާހޫއަކަށް އިޚުލާޞްތެރި މުސްލިމަކު ތާއީދެއް ނުކުރާނެއެވެ. އެހެންކަމުން އިސްރާއީލުގެ ޢުދުވާނަށް ކޮންމެ ބަޔަކު ރައްދުދިނަސް އެއީ މުސްލިމުންގެ ހިތްތަކަށް ފިނިކަމެއް ލިބޭނޭ ނުވަތަ ލިބޭންވާނެ ކަމެއްކަން ކަށަވަރެވެ.

ނަމަވެސް މި ދަނޑިވަޅުގައި [ބައެއް ދަންނަބޭކަލުން] އީރާނާ ބެހޭ ގޮތުން މީސްތަކުން ހިތްތަކުގައި ނަފުރަތު އުފައްދާން މަސައްކަތްކުރައްވާކަމީ ދެރަ ކަމެކެވެ. މިއީ އީރާނުގައި އޮންނަ މަޒުހަބަކާއި އެ މީހުންގެ ޢަޤީދާއާ ބެހޭ ގޮތުން ވާހަކަދައްކާންވީ ދަނޑިވަޅެއްބާވައެވެ؟ ބަޔެއްގެ ޢަޤީދާއަކީ އަޅުގަނޑުމެންނަށް ފެންނާނެ އެއްޗެއް ނޫނެވެ. ފެންނާނީ ޢަމަލުތަކެވެ. މުސްލިމުން ތަފާތު ބައިބަޔަށް ބަހައިގެން އެކި ބަޔަށް އެކި ނަންނަން ކިޔައިގެން އުޅުނަސް ﷲގެ ޙަޟުރަތުގައި ދީނަކީ ހަމައެކަނި އިސްލާމް ދީނެވެ. ސުއްނީއެއް، ޝީޢީއެއް، ޢަލަވީއެއް، އަޙުމަދީއެއް، ޙަނަފީއެއް، މާލިކީއެއް، ޝާފިޢީއެއް، ޙަންބަލީއެއް، ޝީޢީއެއް، ޡާހިރީއެއް، ޤާދިޔާނީއެއް އަނި މި ނޫނަސް މި ފަދަ އެހެން ނަންތަކަކީ ކައު ރަސޫލާ ދެނެވަޑައިގަންނަވާ ނަންތަކެއް ނޫނެވެ. އެ ކަލޭގެފާނަކީ މުސްލިމެކެވެ. ﷲގެ ޙަޟުރަތުގައި ހަމައެކަނި ދީނަކީ އިސްލާމް ދީނެވެ.

އިސްވެ މި ދެންނެވި ނަންތަކުން އެކި މަޒުހަމާއި އެކި ފިރުޤާއާއި އެކި ޠަރީޤާތަކަށް ނިސްބަތްވާ މީހުންގެ ތެރޭގައި ނަމާދުނުކުރާ މީހުންނާއި ރޯދަނުހިފާ މީހުންނާއި ވައްކަންކުރާ މީހުންނާއި ޒިނޭކުރާ މީހުންނާއި އަދި މި ނޫނަސް އަޚުލާޤު ނުބައި ފާސިދުން ވެސް އުޅެއެވެ.

މި ފަދައިން ސުންނީންނޭ މި ކިޔާ ޖަމާޢަތުގެ މީހުންގެ ތެރޭގައި ވެސް މި ދެންނެވި ބާވަތްބާވަތުގެ މީހުން އުޅެއެވެ. ޝީޢީންގެ ތެރޭގައި ވެސް އެކިއެކި ތަރީގާތައް އެބަ ހުއްޓެވެ. އަޅުގަނޑުމެންނަށް މުހިންމީ އެ މީހުންގެ ބަސްމަގާއި ޢަމަލެވެ. ހިތުގައި ވާ އެއްޗެއް ދެނެވޮޑިގެންވަނީ މާތް ﷲއެވެ.

އަޅުގަނޑުމެންނަށް އެނގޭ ކަމަކީ، ފަލަސްޠީނުގެ ޙައްގުގައި އެންމެ އުންޑައެއް ދިއްކޮށްލި ގައުމެއް ވެސް އީރާނު ނޫނީ ނެތްކަމެވެ. އިސްރާއީލާ ދެކޮޅަށް ޤުދުސްގެ ދިފާޢުގައި މަސައްކަތްކުރާ ޙަމާސް ވިޔަސް، ޙިޒުބުﷲ ވިޔަސް ޙޫޘީ ވިޔަސް ކޮންމެ ޖަމާޢަތަކަށް ވެސް އީރާނުން އެހީތެރިވާކަމެވެ. ސީދާ ގޮތުން މިވީހައިތައް ދުވަހު އިސްރާއީލަށް ސީދާ ޙަމަލާނުދިނީ [އިސްލާމީ އިންޤިލާބަށް ފަހު، އީރާން، އަބަދުވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭ އެއް ކަމަކީ، އަލިފުދާލުގެ ޗާޓަރާއި ބައިނަލްއަޤްވާމީ ޤާނޫނީ ނިޒާމުގެ ތެރޭގައި އޮތުން]ކަމަށް ވާތީއެވެ. ސަބަބަކީ [އެއީ، އެ ޤާނޫނުތަކުން ބޭރު ވެއްޖެ ކޮންމެ ޙާލަތެއްގައި، ހުޅަނގުން އެއީ ބަހަނާއަކަށް ހަދައިގެން އީރާނަށް ދޭނޭ ގެއްލުންތަކާއި ކުރާނޭ ދުއްތުރާ އީރާނަށް ރަނގަޅަށް އެނގޭތީއެވެ. ޤާނޫނީ އިމުގެ ތެރޭގައި ޞުލްޙަވެރި ދައުލަތެއްގެ ގޮތުގައި އޮންނަ އިރު ވެސް، އީރާނަށް ކުރާ ވަރު، މުޅި ދުނިޔޭގެ އެންމެނަށް ފެނެއެވެ.] މިހާރު އިސްރާއީލާ އެ ޙަމަލަދިނީ ބައިނަލްއަޤުވާމީ ގާނޫނުގައިވާ ގޮތުގެ މަތީން އިސްރާއީލަށް ޙަމަލާދިނުމުގެ ހައްގު އީރާނަށް ލިބުނީމައެވެ. އެހެނީ ޚުދު އީރާނަށް ފުރަތަމަ ޙަމަލާދިނީ އިސްރާއީލުންނެވެ. މިނިވަން ސިޔާދަތީ ގައުމަކަށް އަރައިގަތީ އިސްރާއީލުންނެވެ. އޭގެ ރައްދުގައި ޙަމަލާދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ އިތުރަށް އިސްލާމް ދީން ވެސް ހުއްދަކުރާ ކަމެކެވެ.

ވީމާ މި ދަނޑިވަޅުގައި އީރާނުގެ މީހުންގެ ޢަޤީދާ ފާސިދުކަމަށް ބުނެ މީސްތަކުންގެ ހިތްތަކުގައި އީރާނާ މެދު ނަފުރަތު އުފައްދާން މަސައްކަތްކުރާ މީހުންގެ ނިޔަތާއި ޢަޤީދާއާ މެދު އަޅުގަނޑު ސުވާލު އުފައްދަމެވެ. އަދި މީގެ ކުރީން ފަލަސްޠީނުގައި އިންސާނިއްޔަތާ ޚިލާފު ޢުދުވާނުތައް އިސްރާއީލުން ހިންގަމުން ގެންދިޔަ އިރު، އަދި މިހާރު ވެސް އިސްރާއީލުން އެ ޖަރީމާތައް ހިންގަމުން ގެންދާ އިރު، އިސްރާއީލާއި އިސްރާއީލަށް ވާގިވެރިވާ [މުސްލިމު] ގައުމުތަކާ ދެކޮޅަށް އެއްޗެއް ވިދާޅުނުވެ ހަނު ތިއްބެވުމަށް ފަހު، މި ދަނޑިވަޅުގައި އީރާނާ މެދު ނަފުރަތު އުފައްދާން މަސައްކަތްކުރުމުގެ މާނަ ހަމަގައިމު ވެސް އަޅުގަނޑަށް ކުރެވެނީ ފައްސިކޮށެއް ނޫނެވެ.

އަޅުގަނޑުގެ ނަޒަރުގައި އިސްލާމީ އުންމަތަށް އީރާނަކީ ނަމޫނާއެކެވެ. އީރާނުގެ އިދާރިއްޔަތަށް ހިތުގެ އަޑީން އަޅުގަނޑު ތާއީދުކުރަމެވެ. އެއީ އެހެން ގައުމުތަކުން ނަމޫނާ ލިބިގަންނާން ޖެހޭ ހިތްވަރުގަދަ އިދާރިއްޔަތެކެވެ. ޚާމަނާއީ ވިދާޅުވެފައިވަނީ، އަވަހާރަވެދާނެތީ ބިރުފުޅު ނުގަންނަކަމަށާއި ތިމަންމަނިކުފާނަށް އީރާނަށް ވުރެ މުހިންމީ އިސްލާމް ދީންކަމަށާއި އިސްރާއީލާއި އެމެރިކާގެ ކުރިމަތީގައި އީރާނުން އަމާނެއްނުދޭނެކަމަށެވެ. އަދި އީރާނު ކުރާންވީ/ނުކުރާންވީ ކަންތައް އެހެން ގައުމަކަށް ނޭނގޭނެކަމަށް ވިދާޅުވެ އެމެރިކާއަށް ވަނީ އިންޒާރު ވެސް ދެއްވައިފައެވެ.

ހަގީގީ މުސްލިމު އިސްވާރުންނަކީ މިއީ ނޫންތޯއެވެ! އަޅުގަނޑުގެ [ބޮލުގައި އޮތް ތޮފި ނެގުމަށް ފަހު] އީރާނަށް ސެލިއުޓުކުރަމެވެ. އިސްލާމީ އުންމަތުގެ ކުރިމަގަށް ޓަކައި އީރާނަށް ކާމިޔާބުދެއްވުން އެދި ދުޢާކުރަމެވެ. އީރާނެވެ. ސާބަހެވެ!

ކޮމެންޓު