އަލްއުސްތާޒު އަޙުމަދު މާޖިދު
21 ޖޫން 2025
ޝީޢީންނަކީ މުސްލިމުންތޯ ނުވަތަ ނޫންތޯ މިއީ ސުންނީ މުސްލިމުންގެ ތެރޭގައި ގިނައިން ކުރެވޭ ބަހުސެކެވެ. ސުންނީންނަކީ މުސްލިމުންތޯ ނުވަތަ ނޫންތޯ، މިއީ ޝީޢީންގެ މެދުގައި ވެސް ގިނައިން ކުރެވޭ ބަހުސެކެވެ.
ޔަޤީނުން އެނގޭ ކަމަކީ، އިސްލާމް ދީނުގެ އަސާސީ ރުކުންތައްކަމުގައި ސުންނީން ބުނާ ކަންކަމާއި، ޝީޢީން ބުނާ ކަންކަމުގައި ތަފާތެއް ނޯންނަކަމެވެ. އީމާންކަމާއި އިސްލާމްކަމާއި އިޙްސާންގެ ރުކުންތައް، ދެބައިމީހުން ވެސް ބުނެދެނީ އެއް ގޮތަކަށްކަމެވެ. ދެބައިމީހުން ވެސް ބުނަނީ އަދި ޤަބޫލު ކުރަނީ، އިސްލާމްކަމުގެ ރުކުންތަކަކީ ޝަހާދަތް، ނަމާދު، ޒަކާތް، ރޯދަ، އަދި ޙައްޖުކަމުގައެވެ. ދެބައިމީހުން ވެސް ބުނަނީ އަދި ޤަބޫލުކުރަނީ އީމާންކަމުގެ ރުކުންތަކަކީ ﷲއަށް އީމާންވުމާއި، މަލާއިކަތުންނަށް އީމާންވުމާއި، ﷲގެ ފޮތްތަކަށް އީމާންވުމާއި، ﷲގެ ރަސޫލުންނަށް އީމާންވުމާއި، ޤިޔާމަތާއި ޙިސާބަށް އީމާންވުމާއި، އިލާހީ ޤަޟާޤަދަރަށް އީމާންވުން ކަމުގައެވެ.
އެހެންވިއްޔާ، ފަރަގުވެގެން މި އުޅެނީ ކޮން ކަމެއްގައިހެއްޔެވެ؟ ފަރަގު އުފެދިގެން މި އުޅެނީ ޢަޤީދާއަށް ފަހު ޤަބޫލުކޮށް ޢަމަލުކުރާން ޖެހޭ ކަންތައްތަކަކާ ހުރެއެވެ. ތެދެކެވެ! އޭގެ ބައެއް ކަންކަމަކީ ވަރަށް އަސާސީ، އަދި ޢަޤީދީ މައްސަލަތަކާ ގުޅުން ހުރި ކަންކަމެވެ. ނަމަވެސް އަސާސީ ޢަޤީދާގައި ޝީޢީންނާއި ސުންނީންގެ މެދުގައި ހުރީ އެއްގޮތްކަމެވެ.
ދެން، މި ތަފާތުތަކާ ހުރެ އަހަރެމެން އެއް ބަޔަކު އަނެއް ބަޔަކު ކާފިރުކޮށް، އެއް ބަޔަކު އަނެއް ބަޔަކަށް ނަފުރަތުކޮށް، އެއް ބަޔަކު އަނެއް ބަޔަކަށް ހުތުރު އެއްޗެތި ގޮވައިހެދުމުން، ޝީޢީއަކަށް ވެސް، ސުންނީއަކަށް ވެސް އެއްވެސް ފައިދާއެއް ވޭހެއްޔެވެ؟ ނޫނެކެވެ! އޭރުން ފައިދާވަނީ، އަދި ވާނީ، އަދި މިހައިތަނަށް ވެފައި ވަނީ ވެސް ކާފިރުންނަށެވެ. އަހަރެމެން މި ކަމުގައި ޢަމަލު ކުރާން ޖެހޭ ގޮތަކީ، އެއް ބަޔަކު އަނެއް ބަޔަކާ ހިތްހެޔޮކަމާ އެކު، ރިވެތި ގޮތުގައި، ރަޙުމާ އެކުގައި، ނަބަވީ މަންހަޖާ އެއްގޮތަށް މަޝްވަރާކުރުމާއި ޢިލްމީ ގޮތުން ބަޙުސްކުރުން ނޫންހެއްޔެވެ؟ މި ތަފާތާ ހުރެ ސުންނީ އަދި ޝީޢީ ޢާއްމު ރައްޔިތުން - އަންހެނުން، ކުޑަކުދީން، މުސްކުޅީން ހިމެނޭ ގޮތުން - އެތައް ވޭނަކާއި އަނިޔާތަކެއް ތަޙައްމަލުކުރާންޖެހޭ ފަދައިން ޢަދާވާތްތެރިކަމާއި ދުޝްމަންކަން ކުރިޔަށް ނެރުމުން، ސުންނީ އަދި ޝީޢީ ޢާލިމުންނާއި ލީޑަރުންނަށް ﷲ ހެޔޮ ޖަޒާ ދެއްވާނެޔޭ ހީވަނީހެއްޔެވެ؟ އެހެން ހީ ވާ ބައެއްގެ ވިސްނުންކޮށިކަމާއި ޖާހިލުކަމާއެވެ!
އެހެން ޙަޤީޤަތެއް ވެސް ޤަބޫލުކުރަމާ ހިންގަވާށެވެ! ފާއިތުވި ސަތޭކަ ފަންސާހެއްހައި އަހަރުގެ ތާރީޚުން ފެންނަނީ، ޝީޢީންނަށް ވުރެ ބޮޑަށް އިސްލާމީ އުންމަތަށް ދެރަޔާއި ހިތާމަޔާއި ނިކަމެތިކަން ދިނީ ޢަރަބި ވައްހާބީ ސުންނީންކަމެވެ. ޚުދު އިސްރާއީލު އުފެއްދުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ޙިޖާޒީ ޢަރަބި ސުންނީންނެވެ. އިސްލާމީ ދުނިޔޭގައި އެމެރިކާއާއި އިސްރާއީލާއި ޔޫރަޕުގެ މަނަހުގެ މުޞީބާތް ފަތުރައި ފުޅާކުރުމުގެ އެންމެ ބޮޑު އެހީތެރީންނަކީ ވައްހާބީ ސުންނީންނެވެ.
އަޅުގަނޑު ޝީޢީން ޝީޢީންކަމުގައިވާ ވިސްނުންތަކާއި ފިކުރުތަކާ ދެކޮޅެވެ. އެ ކަންކަން އަޅުގަނޑު ޤަބޫލެއްނުކުރަމެވެ. ނަމަވެސް އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ޝީޢީންނަކީ މުސްލިމުންނެވެ. އެ މީހުން ދީނުގެ ހަފޮޅުން ބޭރެއްނުވެއެވެ. އީރާނަކީ މުސްލިމް ޤައުމެކެވެ. މުސްލިމް ދައުލަތެކެވެ. މިއަދު އެ މީހުން އިސްރާއީލާ ދެކޮޅަށް އެ ކުރާ ހަނގުރާމައަކީ، މުސްލިމުން އަނިޔާވެރި ކާފަރުންތަކަކާ ދެކޮޅަށް ކުރާ ހަނގުރާމައެކެވެ. މި ހަނގުރާމައިގައި، ސުންނީ ވައްހާބީން ތިބީ - ފެންނަ ހުރިހައި މަންޒަރުތަކެއް ދައްކާ ގޮތުން - ފިސާރި ވަރުގަދަޔަށް ކާފަރުންނާ ބައިވެރިވެގެންނެވެ. ފެންނަ މަންޒަރާއި ޙަޤީޤަތާ ޚިލާފު ނަމަ، ކިތަންމެހައި ވެސް ރަނގަޅެވެ! އަޅުގަނޑުގެ ރެޔާއި ދުވާލުގެ ދުޢާއަކީ، މުސްލިމް އީރާނަށް މި ހަނގުރާމައިގައި ހުޅަނގުގެ ޖައްބާރު އަނިޔާވެރީންގެ މައްޗަށް ނަޞްރާއި ފަތަޙަ ދެއްވުމެވެ!