ad_banner
އިސްރާއިލު-އީރާން ހަނގުރާމައިގައި ސީދާ ބައިވެރިވާން އެމެރިކާއަށް ނުކެރިގެން މި އުޅޭނީ ކީއްވެ؟

އަބާ މުޙަންމަދު

19 ޖޫން 2025

ޓުރަންޕާއި ނަތަންޔާހޫ ހާސްވެފައި

އެމެރިކާ  އެންމެ ގަޔާވާ ކަމަކީ އެކި ގައުމުތަކާ ހަނގުރާމަކުރުމެވެ. ނަމަވެސް މި ފަހަރު އިސްރާއީލުން އެމެރިކާގެ ތާއީދާއި މަދަދާ އެކު، މި ދިޔަ ހުކުރު ދުވަހު އީރާނަށް ޙަމަލާދީގެންފެށި ހަނގުރާމައިގެ ތެރެއަށް ސީދާ ވަންނާން ނުކެރިގެން މި އުޅެނީ ސަބަބެއް އޮވެގެންނެވެ.

މި ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން ސީދާ ވަދެގެން ނޫނީ އީރާނުގެ ނިޔުކުލިއަރު ބިންގަރާސް މަރުކަޒުތަކަށް ހަމަލާދިނުމަކީ އިސްރާއީލަށް ކުރެވޭނެކަމެއް ނޫނެވެ. އެހެންކަމުން ހަނގުރާމައިގައި ސިދާ ބައިވެރިވާން އެދި ބުންޔާމީން ނަތަންޔާހޫ ޓުރަންޕަށް އާދޭސްކުރަމުން ގެންދާތާ ދެތިންދުވަސް ވެއްޖެއެވެ. ނަމަވެސް އަދިވެސް އެމެރިކާއިން އެ ކަމަށް އާނއެކޭއެއް ނުބުނެއެވެ. ޓުރަންޕު ބައެއް ފަހަރު ދައްކައިފައި ހުރި ވާހަކަތަކުން ދެންމެދެންމެ އެ ހަނގުރާމައިގައި ބައިވެރިވެދާނެހެން ވެސް ހީވެއެވެ. ނަމަވެސް ޖެހިގެން އަންނަ ދުވަހު ތިމަންނަމެން މި ތިބީ ވާހަކަދައްކާން ތައްޔާރަށޭ ބުނެ އެ ކަން ފިނިކޮށްލައެވެ.

ބުނެވޭ ގޮތުގައި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެމެރިކާ ބައިވެރިވުމާ މެދު ގޮތެއް ނިންމުމަށް ޓަކައި އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއް އިއްޔެ ބާއްވައި އެތައް ގަޑިއިރަކު މަޝްވަރާކުރި އިރު ވެސް މި ކަމުގައި އެއްބަސްވުމަކަށް ނާދެވުނުކަމަށް ޚަބަރު ލިބެއެވެ. މި ކަމާ ބިންޔާމީން ނަތަންޔާހޫ ހިތްހަމަ ނުޖެހިގެން ޓުރަންޕާ ދެކޮޅަށް މަލާމާތުގެ ބަސްތައް ވެސް އެބަ ރައްދުކުރާކަމަށް ވެއެވެ. ނަމަވެސް އެއްބަސްވެވޭ ގޮތެއް ނުވިއެވެ.

މިއީ އެމެރިކާގެ ތާރީޚުން ފެންނަ ކަމެއް ނޫނެވެ. ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް މި ފަދަ މައްސަލަތައް ކުރީން ހުށަހަޅަނީ އެ ކަމަށް ގޮތެއް ނިންމައިގެން ރަސްމީ ކޮށްލާށެވެ! އެހެންކަމުން މާ ގިނަ ބަހުސަކަށް ނުގޮސް ހަމަލާންދެން ނިންމައެވެ.

މި ފަހަރު ތަފާތެވެ. ޓުރަންޕު ހުރީ ހާސްކަމާއި ކަންބޮޑުވުމެއްގެ ތެރޭގައެވެ. ވަރަށް ބޮޑަށް ރާވައިގެން، މުސްލިމު ޚާއިނުންގެ އެހީތެރިކަމާއެކު އީރާނުގެ އެތައް ތަނަކާއި އެތައް ޝަޚުޞިއްޔަތުތަކަކަށް އެއް ފަހަރާ ޙަމަލާ ދިނުމުން ނުކުންނާނެކަމަށް ލަފާކުރި ނަތީޖާ ނުނިކުރީމާ އެ މީހުން ތިބީ ހާސްކަމެއްގައެވެ. ޓުރަންޕާއި ނަތަންޔާހޫ، ކުރީން ލަފާކުރި ގޮތާ ޚިލާފަށް އީރާނުން ވަރުގަދަ ރައްދެއް ދިނީމާ، އީރާނުގެ ބާރާ މެދު އެ މީހުން ކުރީން ލަފާކުރިކުރުމާ ތަފާތުވީއެވެ.

އަނެއް ކޮޅުން ވަރަށް ސިއްރު ގޮތެއްގައި ޗައިނާގެ ހަނގުރާމަމަތީ މުދާ އުފުލާ މަތީންދާބޯޓެއް އީރާނަށް އައިސްފައިވާތީ އެ ބޯޓުން ގެނައި އެއްޗެއް އެއްވެސް ބަޔަކަށް ނޭނގެއެވެ. އަނެއް ކޮޅުން އިސްރާއީލުގެ ވެރިރަށް ތައްލު އަބީބާއި ބަނދަރުރަށް ހައިފާއަށް ހީވެސް ނުކުރާ ވަރުގެ ގެއްލުންތަކެއް ދީފިއެވެ. ބިނާރަށް ލިބުނު ގެއްލުންތަކުގެ އިތުރަށް އެތައް ބަޔަކު މަރުވެސްވެއްޖެއެވެ. އިސްރާއީލަށް ލިބޭ ގެއްލުންތަކާއި މަރުވާ މީހުންގެ ޢަދަދުތަކަކީ އިސްރާއީލުން ސިއްރުކުރާ މަޢުލޫމާތަށް ވާތީ، އަޅުގަނޑުމެންނާ ހަމައަށް ފޭދިގެން އަންނަނީ މީސްމީޑިއާގައި ދައުރުވާ މަޢުލޫމާތެއް އެކަންޏެވެ.

ހުޅަނގުގެ މީޑިއާއަކުން އިސްރާއީލާ ބެހޭ މަޢުލޫމާތެއް ޞައްޙަ ގޮތެއްގައި ހާމައެއް ނުކުރާނެއެވެ. އަލްޖަޒީރާ ފަދަ ޢަރަބު ނިއުސް ފަދަ މީޑިއަމްތަކަށް ވެސް ފުރިހަމަ މަޢުލޫމާތެއް ނުލިބޭނެއެވެ. އެހެންކަމުން މި ފަދަ ނޫސްތަކުގައި ހާމަކުރާ ޢަދަދުތަކަކީ ވެސް އިތުބާރުކުރެވޭ މަޢުލޫމާތަކަށް ނުވެއެވެ. ކޮންމެއަކަސް ތައްލުއަބީބާއި ހައިފާއަށް ލައްކަ ގެއްލުން ވެއްޖެއެވެ. ރައްޔިތުން ރޮއި ހޭރެނީއެވެ. އެތައް ހާސް ބަޔަކު ގައުމު ދޫކޮށް ހިނގައްޖެއެވެ.

އަނެއްކޮޅުން އިއްޔެ އީރާނުގެ ޓީވީއިން ދުރައް ފޮނުވި ޚިޠާބެއްގައި އީރާނުގެ އެންމެ މަތީވެރިޔާ ޚާމަނާއީ ވިދާޅުވީ އެއްވެސް ބަޔެއްގެ ކުރިމަތީގައި [އީރާން އަމާނެއް ނުދޭނެ]ކަމަށެވެ. އެއީ އިއްޔެ ހަވީރު ތައްލުއަބީބުގައި އީރާނުން ގޮއްވައިލި އެތައް މިސައިލުތަކަކާ ވިދިގެން އިރާނަށް އިސްރާއީލުން ޙަމަލާތަކެއް ފޮނުވައިލުމަށް ފަހު، އިސްރާއީލާއި އެމެރިކާއިން އީރާނަށް ދިން އިންޒާރަށް ރައްދުދިނުމުގެ ގޮތުންނެވެ. އީރާނުން ބުނާ ގޮތުގައި އެ މީހުން ހަނގުރާމައާއި ސުލްޙަ އިޢުލާނުކުރާކަށް އެހެން ގައުމަކުން ނޭނގޭނެއެވެ. އެ ކަން ނިންމާނީ އީރާނުންނެވެ.

[އަހަރެމެން މި ތިބީ އަހަރެމެންނަށް މަޖުބޫރުކުރާ ހަނގުރާމައާއި އަދި މަޖުބޫރުކުރާ ސުލްޙައާ ވެސް ދެކޮޅަށް ހަރުދަނާކަމާއެކީގައެވެ.] ޚާމަނާއި ވިދާޅުވިއެވެ. [އީރާނުން ހަނގުރާމަކުރުމާއި އަމާންދިނުމަށް އެހެން ބަޔަކަށް ނޭނގޭނެއެވެ.]

ކުރީން ބިރުދެއްކުމުގެ ބަހުރުވައަކުން ޓުރަންޕު ދެއްކި ވާހަކަތަކަށް ރައްދުދެއްވަމުން ޚާމަނާއީ ވިދާޅުވީ [އީރާނާއި އިރާނުގެ ތާރީޚު ދަންނަ މީހަކު ނަމަ، އީރާނަކީ ބިރުދެއްކުމުގެ ބަހުރުވައަށް ޖަވާބުދޭނެ ގައުމެއް ނޫންކަން އެނެގޭނއެވެ.]

މީގެ ކުރީން ޓުރަންޕުވަނީ އޭނާ ބަލަނީ ހަނގުރާމަ ހުއްޓުމަށް ވުރެ [ބޮޑު ކަމަކަށް]ކަމަށް ބުނެ ހަނގުރާމައިގައި ބައިވެރިވެދާނެކަމުގެ އިޝާރާތެއް ދީފައެވެ.

ނަމަވެސް އިއްޔެ އޮތް ރަސްމިއްޔާތެއްގައި ވާހަކަދައްކަމުން ޓުރަންޕުބުނީ [އަހަރެން އެ ކަން ކޮށްވެސްފާނެ]ކަމަށާއި [އަދި ނުކޮށްވެސްފާނެ]ކަމަށެވެ. [އޭގެ މާނައަކީ އަހަރެން ކޮށްފާނެ ނުކުރާނެ ކަމެއް ހަމަ އެކަކަށް ވެސް ނޭނގޭނެއެވެ.] އޭނާ ތަފުސީލުކޮށްދިނެވެ.

އަނެއްކޮޅުން ރޫސީވިލާތާއި އުތުރު ކޮރެއާ އިން ވެސް ވަނީ އެމެރިކާއަށް އިންޒާރުދީފައެވެ. މި ހަމަނުޖެހުމުގައި އެމެރިކާ ސީދާ ގޮތެއްގައި ބައިވެރިވެއްޖެ ނަމަ އެދެ ގައުމުން ވެސް މަޑަކުން ނޯނެކަމަށް ވަނީ ބުނެފައެވެ.

މި ފަދަ އެތައް ސަބަބުތަކަކާއެކު ޓުރަންޕަށް އަދި އެމެރިކާއަށް ގޮތެއް ނިންމާން ނޭގިގެން އުޅެނީއެވެ. ކޮންމެއަކަސް އެމެރިކާގެ ސިދާ ބައިވެރިވުމެއް ނެތި އިސްރާއީލަކަށް އީރާނު އިނދަޖައްސައެއްނުލެވޭނެއެވެ.

ކޮމެންޓު