އިސްމާޢީލު މުބާރަކު
15 ޖޫން 2025
ތިޔަ ހުރިހައި ބޭފުޅުންނަށް ވެސް މިހާރު އޮޅިވަޑައިގެންފައި ނުވާނޭ ފަދައިން އީރާނަށް އިސްރާއީލުން ޙަމަލާދީފިއެވެ. ސިންގާގެ ހިތްވަރެއްތޯ (އޮޕަރޭޝަން ރައިޒިން ލަޔަން) ކޮންމެވެސް އެއްޗެކޭ އެ އޮޕަރޭޝަނަށް އިސްރާއީލުން ކިޔައެވެ. ކުޑަކުދީންނާއި އަންހެނުން މެރުން އެއީ ކޮން ކަހަލަ ސިންގާއެއްގެ ހިތްވަރުތޯއެވެ؟ ތިޔަ ބޭފުޅުން އިހަށް ވިސްނައިވަޑައިގަންނަވާށެވެ. މުޅި ޣައްޒާ ބަންދުކޮށްގެން ހަމާސް ޖަމާޢަތާ ހަނގުރާމަކުރާތާ ދެ އަހަރުވަނީއެވެ. މަރަނީ ހަމަ ކުޑަކުދީންނާ އަންހެނުންނެވެ. ހަމާސް ބައްޔެއް ނުކުރެވެއެވެ. މި ކަހަލަ ރަނޑާލި ބަޔަކަށް ސިންގާއޭ ކިޔައިފިއްޔާ، ސިންގާއަށް ވެސް ހުތުރެވެ .
އެހެންނެއް ނޫނެވެ. އީރާން އޮތީ އިސްލާމީ އުންމަތުގެ ތެރޭގައި ހާވިޔާވެފައި ވަރަށް އެކަހެރިވެ އެކަނިވެފައެވެ. އެކަނި ކޮށްލައިފައެވެ. އެ ކަން އިސްރާއީލަށް ވެސް އެމެރިކާއަށް ވެސް އެނގެއެވެ .
ސިންގާ ޙަމަލާދެނީ އައިންގަނޑާ ދުރުގައި އެކަނިވެފައި އޮންނަ މީގޮނު ނޫނީ ގެރި ބަކަރިއަށެވެ. އާދޭހެވެ! އެކީ އެކަތިގަނޑަކަށް އޮންނަ ގެރި އައިންގަނޑަކަށް ވަދެގަންނާން ސިންގާ ބިރުގަނެއެވެ. އެއީ އެ ގޮތުން ކިޔޭ ސިންގާއެއް ނަމަ، އިސްރާއީލަށް ސިންގާ ކިޔުން ވަރަށް ލާއިޤެވެ. އެހެނީ އިސްރާއީލަކީ އިސްލާމުންނޭ ކިޔައިގެން ތިބި ބަޔަކު ސިންގާއަކަށް ހަދައިގެން ގެންގުޅޭ ކުޅޭކުޅޭ ސިންގާއެކެވެ. އަޑީގައި ތިބީ އެއަށް ސިންގާއޭ ކިޔައިގެން އުޅޭ ސުންނީ ޤައުމުތަކެވެ.
އީރާނުގެ ދެ ކޮޅުގައި އޮތީ އިސްލާމީ ބާރުގަދަ ދެ ޤައުމެވެ. ތުރުކީއާއި ޕާކިސްތާނެވެ. ތުރުކީއާއި ޕާކިސްތާނު އެއީ އެމެރިކާގެ ކޮންޓްރޯލުގެ ދަށުގައި އޮތް ސުންނީ މުސްލިމް ދެ ޤައުމެވެ. ނޭޓޯގެ އެންމެ ބޮޑު ލަޝްކަރު އޮތީ ތުރުކީގައެވެ. ތުރުކީއަކީ ނޭޓޯ ޤައުމެއްކަމަށްވާތީ، އެމެރިކާއާ ދެކޮޅަށް އެ ގައުމަކަށް އެއްވެސް ކަމެއް ނުކުރެވޭނެއެވެ. އެއާ ޚިލާފަށް އެމެރިކާގެ މަސްލަޙަތު ދިފާއުކުރުމަށް ޓަކައި ކުރާން ޖެހޭ، ހުރިހައި ކަމެއްގައި ބައިވެރިވާން ޖެހެއެވެ. އަޒަރުބައިޖާން ވެސް އޮތީ، އިސްރާއީލާ އެކުގައެވެ. އެއީ އިސްރާއީލުގެ ވިޔަފާރީގެ ބައިވެރިއެކެވެ.
ޕާކިސްތާންގެ ޙާލަތަކީ ދާދި ފަހުން ހިނގި ޕާކިސްތާން-އިންޑިޔާގެ ކުރިމަތިލުންތަކުގައި އިންޑިޔާއިން ދިން ޙަމަލާއެއް ޕާކިސްތާންގެ ފަރުބަދަތަކެއްގެ ކައިރީ ހުރި ނިއުކުލިއަރު މަރުކަޒަކަށް އަމާޒުވުމުން ގަތް ބިރުން، އެމެރިކާގެ އެހީއަށް އެދިގެން، އެމެރިކާ މެދުވެރިވެގެން ހަނގުރާމަ ހުއްޓާން އެދޭންޖެހުމެވެ. މި ކަން ކުރުވީ އެމެރިކާއިން އެ މަޢުލޫމާތު އިންޑިޔާއަށް ދީގެން އިންޑިޔާ ލައްވައި އެމެރިކާއިންނެވެ. މިސްރުގެ ކުޑަ މަތީންދާ ބޯޓެއްގައި ނިއުކުލިއަރު ޚާއްސަ ޓީމެއް އައިސް ރޭޑިއޭޝަން ލީކުވެފައި ހުރިތޯ ބެލިއެވެ. ޕާކިސްތާނުގައި ރައްޔިތުންގެ ވެރިކަމެއް ނުކުރެވޭނެއެވެ. އެމެރިކާއިން މެދުވެރިވެގެން ޢަސްކަރީ ވެރިއަކު ގެންނާނެއެވެ. އިމްރާނު ޚާން އަދިވެސް އެ ހުންނަވީ ޖަލުގައި ބަންދުކޮށްފައެވެ.
ކޮންމެއަކަސް އިސްލާމީ އުންމަތުގެ މަދަދު އީރާނަށް ލިބުމަކީ ވަރަށް ދުރު ކަމެކެވެ. އެއާ ޚިލާފަށް އިސްރާއީލަށް ޖާސޫސުކޮށްދިނުމާއި އިސްރާއީލު ޙިމާޔަތްކޮށްދިނުމަށް ޓަކައި ސުންނީ މުސްލިމް ޤައުމުތަކުގެ ސަރުކާރުތަކުން ކުރަމުންދާ މަސައްކަތް ތަކަކީ [ތަޢުރީފު ޙައްޤު] މަސައްކަތްތަކެކެވެ. އެކަމަކު އެއީ ޤައުމުތަކުގެ ރައްޔިތުންނަށް އެނގިގެން ހިނގާ ކަމެއް ނޫނެވެ. ސުންނީ ޤައުމުތައް ވަނީ ނޭޓޯގެ ތެރެއަށް ވަދެ، އެއިން ނުނެއްޓޭ ވަރަށް ތަތްލައިފައެވެ. އީރާނަށް ޙަމަލާދޭ ކޮންމެ ފަހަރަކު ޤަތަރާއި އުރުދުންގައި ހުރި، އެމެރިކާގެ ވައިގެ މަރުކަޒުތަކާއި ރާޑަރުތައް ބޭނުންކުރެއެވެ. އެ ގައުމުތަކުގެ ވައިގެ ސަރަޙައްދު ބޭނުންކުރެއެވެ. އަދި ތުރުކީގެ މަދަދާއި އެހީތެރިކަން ހޯދައެވެ. އަދި ސޫރިޔާއަކީ ކުރީން އީރާނަށް ތާއީދުކުރާ ޤައުމަކަށް ވާތީ، ތުރުކީގެ މަދަދާ އެކު، ސޫރިޔާގެ ވެރިކަން ބަދަލުކޮށް، އެމެރިކާއާއި އިސްރާއީލާ އެއްބަސްވާ (ގޮނޑިކޮއްކޮ) [ސުންނީ] ސަރުކާރެއް އެ ތަނުގައި ވަނީ [އިންދައިފައެވެ.] ފަސޭހަކަމާ އެކީ، އީރާނަށް މިހާރު ޙަމަލާ ދެވެއެވެ. މިހާރު އެއީ އިސްރާއީލަށް ހުރަހެއް ނޫނެވެ. އީރާނަށް ޙަމަލާދެނީ އެ އެންމެނަށް އެނގިގެން ފާޅުގައެވެ.
އީރާނު ޤަބޫލުކުރާ ފަލްސަފާއަކީ، އަދި ޝީޢީންގެ ދީނީ ޢަޤީދާއަކީ އަނިޔާވެރިޔާގެ ކުރިމަތީގައި ކުޑަކަކޫނުޖެހުމެވެ. އެކަނިވިޔަސް ތިމާ ޤަބޫލުކުރާ ޙައްޤުގެ މަތީ ސާބިތުވެ ތިބުމެވެ. ރަސޫލު صلي الله عليه وسلمއަށް މާފަ ވިދާޅުވާ، حسينގެފާނު، ޔަޒީދުގެ ކުރިމަތީ ކުޑަކަކޫނުޖެހި ފަދައިންނެވެ.
ދުނިޔޭގެ މުސްލިމުންގެ އެންމެބޮޑު އާބާދީއަކީ ސުންނީ މަޒުހަބުގެ މުސްލިމުންނެވެ. އީރާނަކީ ޝީޢީންކަމަށްވާތީ އެއީ މުސްލިމުންކަމުގައި ޤަބޫލުނުކުރާ މީހުން ވެސް ދުނިޔޭގައި ވަރަށް ގިނައެވެ. ރާއްޖޭގެ ވެސް ބައެއް ޢިލްމުވެރީންގެ ވިސްނުންފުޅަކީ ވެސް މިއީއެވެ. މިއަދު ވެސް މި ފަދަ ބޭފުޅުން އީރާނަށް ތާއީދުނުކުރެއްވިޔަސް ސޫރިއާގެ [ސުންނީ] (އެކަމަކު ހަގީގަތުގައި ޔަހޫދީ) ސަރުކާރަށް ތާއިދުކުރައްވާނެއެވެ.
ކޮންމެއަކަސް ކަން ހުރީ މި ދެންނެވި ގޮތަށްކަމުގައި ވިޔަސް މާތް ﷲއީ ތަދުބީރުކުރެއްވުމުގައި އެންމެ މަތިވެރި، އެންމެ ޙިކްމަތްވަންތަ ކަލާނގެކަމަށް ވާތީ، މިއަދު އީރާނަށް ކޮންމެހެން އިސްލާމީ އުންމަތުގެ މަދަދެއް ބޭނުމެއްވެސް ނުވެއެވެ. އުތުރު ކޮރެއާއި ޗައިނާއާއި ރަޝިޔާއިން އީރާނަށް ބޭނުންވާ ހަތިޔާރާއި ހުރިހައި އެހީތެރިކަމަކާއި މަދަދެއް ފޯރުކޮށްދޭން ތިބީ ތައްޔާރަށެވެ.
އިސްރާއީލުން، ސުންނީ މުސްލިމުން އޮޅުކޮށް، ތަމްރީނުކޮށްގެން އީރާނުގެ ތެރެއަށް ވައްދައި އެތައް ދުވަހެއްގެ ކުރީން ޑުރޯނުތައް އެތެރެކޮށް، ޙަމަލާދޭންވީ ތަންތަނަށް ވަދެ ބަލައި، އައިއާރްޖީސީގެ ކޮމާންޑަރުންނާއި ސައިންޓިސްޓުންގެ ގެކޮޅުތައް ފާހަގަކޮށް ހަދައިފައިވެއެވެ. އަދި މި ފަހަރުގެ ވައިގެ ޙަމަލާދިނުމުގެ ކުރީން އީރާނުގެ ތެރޭން އެ ޑުރޯނުތައް ބޭނުންކޮށްގެން އީރާނަށް އިސްރާއީލުން ޙަމަލާދޭންފެށިއެވެ. އެހެންވެ އީރާނަށް އިސްރާއީލުން ވައިގެ މަގުން ދިން ޙަމަލާތަކަށް ފުރިހަމަ ރައްދެއްނުދެވުނެވެ.
އެހެންނަމަވެސް، ހުޅަނގުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބޮޑުކޮށްގެން އެ ދައްކާ ވަރުގެ ގެއްލުމެއް އީރާނަކަށް ނުދެވެއެވެ. ޙަޤީޤަތްތަކެއް ނެތެކޭ ނޫނެވެ. ގެއްލުންތަކެއް ނުދެވެޔެކޭއެއް ނޫނެވެ. އައި އާރް ޖީސީގެ ކޮމާންޑަރަކާއި އީރާނުގެ އިތުރު ދެ އިސްވާރަކު ޝަހީދުކޮށްލިއެވެ. ނިއުކުލިއަރު ސައިންޓިސްޓުންގެ ފަސް ބޭފުޅަކު ޝަހީދުކޮށްލިއެވެ. މިއީ ހަގީގަތެވެ. އީރާނުގެ ނަތާންސް ނިއުކްލިޔަރު މަރުކަޒަށް ޙަމަލާދިނެވެ. އެ ތަނަކީ އީރާނުގެ ނިއުކުލިއަރު މަރުކަޒުތަކުގެ ތެރޭން މާ އަޑިއެއްގައި ހުރި ތަނެއްނޫނެވެ. އަދި އެހައި މުހިންމު މަރުކަޒެއް ވެސް ނޫނެވެ. އެ ތަނަކީ މަދަނީ ބޭނުންތަކަށް އުފައްދާ ނިއުކްލިއަރު ތަކެތި އުފައްދާ ތަނެކެވެ. މިސާލަކަށް ކެންސަރަށް ފަރުވާކުރުމަށް އުފައްދާ އާލާތްތައް ފަދަ އެއްޗިއްސެވެ.
އީރާނުގެ އަސްލު މުހިންމު ނިއުކްލިއަރު މަރުކަޒުތައް ހުރީ މާ އަޑީގައި ފަރުބަދަތަކުގެ ތެރޭގައެވެ. ދުނިޔޭގެ ޚަބަރު ފަތުރާ ވަސީލަތްތައް ވަނީ ހުޅަނގުގެ ބާރުގެ ދަށުގައެވެ. އިސްރާއީލަށް ކާމިޔާބު ލިބެމުންދާކަމަށާއި އީރާނަށް ވަރަށް ބޮޑަށް ގެއްލުންވިކަމަށް ބުނެ، ބޮޑުކޮށްގެން ޚަބަރުތައް ފަތުރަނީ ނަފުސާނީ ހަނގުރާމައެއްކުރުމަށެވެ. ހުޅަނގުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން އެތައް ފަހަރަކު ޔުކްރޭނު އަތުން ރަޝިޔާ ވެސް ބަލިކޮށްފައިވެއެވެ. ޕުޓިން ދައްޖާލަކަށް ވެސް ހަދައިފިއެވެ. އެކަމަކު ޙަޤީޤަތަކީ ކޮބައިތޯއެވެ؟ "ޕްރިއެމްޓިވް ސްޓްރައިކް"ކިޔަނީ އަންނާން އޮތް ނުރައްކަލަކުން ސަލާމަތްވުމަށް އިސްވެ ކުރިން ޙަމަލާދީ އެ ނުރައްކާ ނައްތައިލުމަށެވެ. ހުޅަނގުގެ ނޫސްތައް ބުނާ ގޮތުން އިސްރާއީލުން އީރާނަށް ދިނީ އެ ކަހަލަ ޙަމަލާއެކެވެ. މުނާފިޤުކަން ނިކަން ވިސްނަވާށެވެ! ދުނިޔޭގެ އެއް ޤައުމުން އަނެއް ޤައުމަށް "ޕްރިއެމްޓިވް ސްޓްރައިކް"އޭ ކިޔައިފައި، ޙަމަލާ ދޭން ފަށައިފިއްޔާ މުޅި ދުނިޔޭގެ އެންމެން ހަނގުރާމައިގެ ޙާލަތަށް ބަދަލުވެގެން ދާނެއެވެ.
އިސްރާއީލުން އެ ތަނުގެ އެއްވެސް ފޮޓޯއެއް، ނުވަތަ ވީޑިޔޯއެއް ވެސް، އާންމުނުކުރާން ނޫސްތަކަށާއި ޚަބުރުފަތުރާ ހުރިހައި ވަސީލަތްތަކަށް ވަނީ އަންގައިފައެވެ. މި ފަދަ ޚަބަރުތަކާއި މަންޒަރުތައް ސަތޭކަ ޕަސެންޓް ސެންސަރުކޮށްފައިވެއެވެ. އެހެންކަމުން އިސްރާއީލަށް ލިބޭ ގެއްލުމުގެ އަސްލު ތަފުސީލެއް ނޭނގޭނެއެވެ. އަޅުގަނޑުމެންނަށް ފެންނަ މަދު ވީޑިއޯއަކާއި މަންޒަރުތަކަކީ ވަކިވަކި ފަރުދުންގެ ފޯނުން ނެގިފައި ހުންނަ އެއްޗިއްސެވެ.
އެމެރިކާއިން މި ހަނގުރާމައިގެ ތެރެއަށް (ސީދާ ގޮތެއްގައި) ވަދެއްޖެއްޔާ، ކޮންމެ ގޮތެއް ހަދައިފައި ވެސް އީރާނަށް މި ހަނގުރާމަ ކާމިޔާބުކޮށްދޭނެކަމަށް ރަޝިޔާއިން ރޭ ވަނީ ބުނެފައެވެ. ޓުރަމްޕުގެ ވީޑިޔޯތަކުންނާއި ބަޔާންތަކުން މި ހަނގުރާމައިގައި އެމެރިކާ ބައިވެރިވާކަން ވަނީ ހާމަވެފައެވެ. އަޅުގަނޑުމެންނަށް ވެސް އަދި ދުނިޔެއަށް ވެސް އޮތް ބިރަކީ އެއީއެވެ. ގަލްފުގައި ހުރި އެމެރިކާގެ އެންމެ ބޮޑެތި ވައިގެ މަރުކަޒުތައް ހުރީ ތެޔޮއުފައްދާ ޢަރަބި ޤައުމުތަކުގައެވެ. ހުރުމޫޒު ކަނޑުއޮޅި ބަންދުކޮށް އެ ތަންތަނަށް ޙަމަލާދީފިއްޔާ ދުނިޔޭގެ އިގުތިސާދު ހަލާކުވެ އިނދަޖެހޭނެއެވެ. ކާރުޚާނާތަކާއި މެޝިންތައް ހުއްޓުމަކަށް އަންނާނެއެވެ. ފިނި ޤައުމުތައް ގަނޑުވާން ފަށާނެއެވެ.
މިއީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފެށުންކަމުގައި ވެދާނެއެވެ. މި ޙަމަލާތައް ފެށި ފަހުން މިހާރު ވެސް ދުނިޔޭގެ ތެލުގެ އަގު %8 (އަށް އިންސައްތަ)އަށް މައްޗަށް ޖެހިލައިފިއެވެ. އެހެންނަމަވެސް ރަޝިޔާގެ އިޤްތިޞާދަށް މި ލިބުނީ ވަރަށް ބޮޑު ކުރިއެރުމެކެވެ. އެހެންކަމުން މި ދަނޑިވަޅުގައި ރާއްޖޭން ގެންގުޅޭންވީ އިގުތިސާދީ ސިޔާސަތަކީ އިންޑިޔާއާއި ޗައިނާއާއި ރަޝިޔާ އެކުލެވޭ ބްރިކްސްގެ ތެރޭން ތެލާއި އެހެނިހެން ޒަރޫރީ ކަންކަން ފޫބެއްދޭނެ މެކޭނިޒަމެއް ޤާއިމްކުރާން ވިސްނުމެވެ. ހަނގުރާމައިގެ ޙާލަތުގައި ބޭނުންކުރާނެ ކޮރިޑޯއެއް ހުޅުވުމެވެ. ހަނގުރާމައިގެ ޙާލަތަށް ދުރާލައި ތައްޔާރުވެގެން ތިބުމެވެ. ބައެއް އެހެން ޤައުމުތަކުގައި ވެސް މި ކަންކަން މިހާރު ކުރަމުން އެބަ ގެންދެއެވެ. މެދުއިރުމައްޗާއި ހުޅަނގުން ކުރަމުން އައި ވިޔަފާރީގެ މުޢާމަލާތްތައް ދެން މާ ގިނަ ދުވަހަކު ކުރީން އޮތް ގޮތަކަށް ނޯންނާނެއެވެ.