އަލްއުސްތާޒު އަޙުމަދު މާޖިދު
18 ޖޫން 2025
ބައެއް މީހުން ދައްކާ ވާހަކައެކެވެ. އީރާނުން އިސްރާއީލާ ދެކޮޅަށް ކުރާ ހަނގުރާމައަކީ އެއްވެސް ޙާލެއްގައި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ކުރާ ހަނގުރާމައެއްނޫނެވެ. އެއީ އިސްރާއީލުން އީރާނަށް ޙަމަލަ ދިނުމުން، އަމިއްލަ ދިފާޢުގައި ކުރާ ހަނގުރާމައެކެވެ. މި ވާހަކަ ގިނައިން ދައްކައި އުޅެނީ، އަދި މީހުންގެ ތެރޭގައި މި ޖަދަލު ފަތުރަނީ، ވައްހާބީ ފިކުރުގެ [ދީނީ ޢިލްމުވެރީންނޭ] ކިޔޭ މީހުންނެވެ. (ޙަޤީޤަތުގައި އެއީ ދީނީ ޢިލްމުވެރީންނެއް ނޫނެވެ. މި ޙަޤީޤަތް އިސްލާމީ އުންމަތަށް ނުވިސްނޭހައި ދުވަހަކު، އުންމަތް އޮންނާނީ މިހާރު މި އޮތް މުޞީބާތާއި އާފާތުގެ ތެރޭގައެވެ.)
މި ވާހަކައަށް ކުރު ޖަވާބެއް ދެމާ ހިންގަވާށެވެ! (ޖަވާބު ދިގުކޮށްފިއްޔާ، ބައިނަލްއަޤުވާމީ ޤާނޫނުގެ މުޢައްޤަދު މަފުހޫމުތަކާއި އުޞޫލުތަކުގެ ތެރޭގައި ވަރަށް ދިގުކޮށް ވާހަކަދައްކާން ޖެހޭނެއެވެ. ވީމާ، މި ފަހަރު ތަފުޞީލަށް ނުދާނީއެވެ!)
1. ފުރަތަމަ ކަމަކަށް، ޖަވާބު ދެނެގަތުމަށް ބޭނުންވާ ތާރީޚީ ފަސްމަންޒަރަށް ބަލައިލަމާ ހިންގަވާށެވެ!
1979ވަނަ އަހަރު އީރާނުގައި ގެނެވުނު އިސްލާމީ އިންޤިލާބަށް ފަހު، ކޮންމެ ގޮތެއް ވިޔަސް އީރާނު ވާނީ ހުޅަނގުގެ ދުޝްމަނަކަށެވެ. ސަބަބަކީ، އެ އިންޤިލާބަކީ 1800ގެ އަހަރުތަކުން ފެށިގެން ހުޅަނގުން އީރާނު ކޮންޓްރޯލުކުރާން ކުރަމުން އައި ހުރިހައި މަސައްކަތެއް ނާކާމިޔާބު ކޮށް، މިނިވަން އަދި މުސްތަޤިއްލު މުސްލިމު ޤައުމެއްގެ ގޮތުގައި އީރާނު ހަށި ފޮޅައިލި ފޮޅައިލުމެއްކަމުގައި ވާތީއެވެ. އިހައް ދުވަހު އަޅުގަނޑު ފޭސްބުކްގައި ލިޔުނު ލިޔުމެއްގައި ވެސް ދެންނެވި ފަދައިން، މެދުއިރުމައްޗާއި އުތުރު އެފުރިކާގައި އެއްވެސް މުސްލިމް ޤައުމެއް މިނިވަންކަމާއި މުސްތަޤިއްލުކަމާއި ސިޔާދަތާ އެކު، އޮތަނުދިނުމަކީ ހުޅަނގުގެ ޚާރިޖީ ސިޔާސަތުތަކުގެ އަސާސީ ލަނޑުދަނޑިތަކުގެ ތެރެއިން ލަނޑުދަނޑިއެކެވެ.
އެންމެ ފުރަތަމަ އީރާނަށް އައި އިސްތިޢުމާރީ ބާރަކީ އިނގިރޭސީންނެވެ. 1800ގެ ފުރަތަމަ ދަހަރުތަކުގެ އަހަރުތަކުން ފެށިގެން، މަޑުމަޑުން، އެކިއެކި ދޮރުތަކުން އެކިއެކި ގޮތްގޮތަށް އެތެރެ ވަމުން އެތެރެވަމުން ދިޔުމުގެ މަގުންނެވެ. ވަކި ހިސާބަކުން، އީރާނުން ތެޔޮ ހޯދުމުގެ މަސައްކަތް އިނގިރޭސީން ފެށިއެވެ. އީރާނުގެ ރަސްގެފާނު މުޡައްފަރުއްދީން ޝާހް ޤާޖާރް، އިނގިރޭސި މިލިއަނަރު ވިލިއަމް ނޮކްސް ޑާރސީގެ ކުންފުންޏަށް "އިމްތިޔާޒްނާމާ ދާރްސީ" (D’Arcy Concession) ގެ ނަން ދެވިފައި ވާ ޢަހުދުނާމާއެއް 1901 ވަނަ އަހަރު ދެއްވިއެވެ. މި ޢަހުދުނާމާގެ ދަށުން، އީރާނުގައި ތެލުގެ ސިނާޢަތެއް ބިނާ ކުރުމުގެ ހުރިހައި ޙައްޤުތަކެއް، ފަސްދޮޅަސް އަހަރުގެ މުއްދަތަށް، ޑާރސީގެ ކުންފުންޏަށް ދެވުނެވެ. ސިނާޢީ ފެންވަރުގައި ތެޔޮ ނެގޭ ވަރުގެ ތެޔޮދަނޑެއް އީރާނުން ފެނުނީ 1908 ވަނަ އަހަރުއެވެ. އެއިރު، ޑާރސީގެ ކުންފުނީގެ މައި ޙިއްޞާދާރަކީ އިނގިރޭސި ވިލާތުގެ އެންމެ ބޮޑު ތެޔޮ ކުންފުނި "ބާރމާ އޮއިލް ކޮމްޕެނީ" (ބީއޯސީ)އެވެ.
ބީއޯސީން 1909 ވަނަ އަހަރު އެ ކުންފުނީގެ ސަބްސިޑިއަރީއެއްގެ ގޮތުގައި، އީރާނުގެ ތެލުގެ ސިނާޢަތު ތަރައްޤީކުރާނޭ ކުންފުންޏެއް އިނގިރޭސި ވިލާތުގައި ޤާއިމުކުރިއެވެ. މި އައު ކުންފުންޏަކީ "އެންގްލޯ-ޕާރޝިއަން އޮއިލް ކޮމްޕެނީ" (އެއިޕޮކް)އެވެ. އީރާނުގެ ފުރަތަމަ ތެޔޮ ކާރުޚާނާ، އަބަދާނުގައި ބިނާކުރީ އެއިޕޮކުންނެވެ. މަސައްކަތުގެ ފުރަތަމަ ފިޔަވަހި ނިމި، ކާރުޚާނާގެ މަސައްކަތުގެ ފުރޮޅުތައް އަނބުރައިލެވުނީ 1913ވަނަ އަހަރު ހައި ތަނުގައެވެ. ދުވަސްކޮޅެއް ފަހުން، އިނގިރޭސި ސަރުކާރުން އެއިޕޮކްގެ 51 އިންސައްތަ ޙިއްޞާ ގަތެވެ. އެއިރު، އެއްކަލަ ފަސްދޮޅަސް އަހަރުގެ މުއްދަތު ވެސް އޮތީ ނުވަދިހަ އަހަރަށް ދިގުކޮށްފައެވެ. އަބަދާނުގެ ތެޔޮ ކާރުޚާނާއަކީ 1920ގެ އަހަރުތަކުން ފެށިގެން ގޮސް 1970ގެ އަހަރުތަކާ ހަމަޔަށް، ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ކާރުޚާނާއެވެ. 1930ވަނަ އަހަރާ ހަމަޔަށް ދިޔަ އިރު ވެސް، އެ ތަނުން ދުނިޔޭގެ ބާޒާރަށް އަހަރަކު 4.5 މިލިއަން ޓަނުގެ ތެޔޮ ނެރެމުން ދިޔައެވެ.
އީރާނުގެ ރައްޔިތުންގެ ޙައްޤެއްކަމަށްވާ ޤުދުރަތީ ވަސީލަތަކުން މި ވަރުގެ ސިނާޢަތެއް ޤާއިމުކުރެވި، މިހައި ބޮޑު ފައިދާއެއް ނެރެވެމުން އައި އިރު، އެ ސިނާޢަތުގެ މުޅި ކޮންޓުރޯލު މޮނޮޕޮލީ އުޞޫލުން އޮތީ އިނގިރޭސީންނަށެވެ. ވެވިފައި ހުރި އެއްބަސްވުންތަކުގެ ދަށުން، ތެލުގެ ސިނާޢަތުގެ ފައިދާއިން އީރާނަށް ލިބެމުން ދިޔައީ އެންމެ 16 އިންސައްތައެވެ. އީރާނުގެ ތަޚުތުގައި އިންނެވި ޝާހު ޤާޖާރަށް އިނގިރޭސީން މަހަކު 20،000 ޕައުންޑުގެ އެލަވަންސެއް ދެމުން ދިޔައެވެ. މިއީ ރަސްމީ ރިކޯޑުތަކުން ފެންނާން ހުރި މިންވަރެވެ. ފޮތުގައި ނުލިޔާ ގޮތަށް އެޅި ބައިގެ މިންވަރެއް ނޭނގެއެވެ. އީރާނުގެ ތެލުން އީރާނުގެ ރައްޔިތުންނަށް ލިބުނީ [ހިކިބަދަންކޮޅެއް]ގެ މިންވަރެވެ.
މި ޙާލަތުގެ އާޚިރު ނަތީޖާއަކީ ރައްޔިތުންގެ ތެރޭގައި ރުޅިވެރިކަން ޢާންމުވުމެވެ. ޝަކުވާގެ ހުޅުގަނޑުގަނޑު ފަޅަފަޅައިގެން ދިޔުމެވެ. އިންޞާފު ހޯދުމަށް ޓަކައި ކުރެވުނު މަސައްކަތުގެ ނަތީޖާއަކީ އީރާނުގެ ތެލުގެ ސިނާޢަތު، 1952ވަނަ އަހަރު ތައުމީމު (nationalize) ކުރެވުމެވެ. އެއީ މުޙައްމަދު މުސައްދިޤުގެ ބޮޑުވަޒީރުކަމުގައެވެ. މިއީ ރައްޔިތުންނަށް އިންޞާފު ލިބުމުގެ ފެށުންކަމުގައި ބެލެވުނެވެ. ނަމަވެސް އެހެނެއް ވެސް ނުވިއެވެ. އިނގިރޭސީން އެންމެ ފުރަތަމަ ބެލީ ޢަދާލަތުގެ ބައިނަލްއަޤްވާމީ ކޯޓު (International Court of Justice) ގެ ވަސީލަތުން އެ މީހުން ބޭނުން ވާ ގޮތަށް ކަންކަން ނިންމުމަށެވެ. ކޯޓުގެ ނިންމުން އެ މީހުންނާ ދެކޮޅަށް އައުމުން، ދެން ކުޅަ ކަމަކީ ބޮޑުވަޒީރު މުޞައްދިޤުގެ ވެރިކަން ބަޣާވާތަކުން ވައްޓައިލުމެވެ. އެއީ 1953ގައެވެ. މި ކަމުގެ އަޑީގައި ތިބީ އިނގިރޭސި ޖާސޫސީ އިދާރާ [އެމްއައިސިކްސް]އާއި އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ [ސީއައިއޭ]އެވެ. އެ މީހުންނާ އެއްބާރުލައިގެން މަސައްކަތްކުރީ، އީރާނުގެ ތެލުން އީރާނުގައި ބެހެއްޓުނު އެތިކޮޅުން ބޮޑު ބައެއް ނަގައިގެން މުއްސަނދި ވެގެން ތިބި މީހުންނެވެ. ޝާހީ ޢާއިލާއާއި ރައުސްމާލީންނެވެ. އީރާނުގެ ރައްޔިތުންނަށް ލިބުނީ ކޮޅުކެއްސެވެ. އެ މީހުން އޮހޮރިހައި ދަލަކާއި ލެޔެއް ބޭކާރަށް ދިޔައީއެވެ. ކުރިއެކޭ ވެސް އެއްގޮތަށް، ބިދޭސީންނާއި މަދު ޢަދަދެއްގެ ރައުސްމާލީން އީރާނުގެ ތެލުގެ ސިނާޢަތުގެ ފޮނިކޮޅު ދަހިވެތިކަމާއި ޣަދަރުވެރިކަމާ އެކު ބޮމުން ވައި ލަމުން، ބޮމުން ވައި ލަމުން ގެންދިޔައީއެވެ. ބަޣާވާތަށް ފަހު، އީރާނުގެ މައްޗަށް ބާރު ހިންގުމުގެ ހުންގާނުގައި ހިފީ އެމެރިކާއެވެ.
މި ކަން ބަދަލު ވީ 1979ގެ އިސްލާމީ އިންޤިލާބަށް ފަހުގައެވެ. އެހެންކަމުން، އެއިރުއްސުރެ، އެމެރިކާއާއި ޔޫރަޕުގެ ހިތުގައި އީރާނާ ދެކޮޅަށް އަނދަމުން ދަނީ ރުޅިވެރިކަމާއި ޙަސަދަވެރިކަމާއި ދަހިވެތިކަމުގެ ބިޔަ އަލިފާންގަނޑެކެވެ. ކޮންމެވެސް ދުވަހަކުން އީރާން އިނދަޖައްސައިލައި، އީރާނުގެ ތެލާއި ގޭހާއި ވަސީލަތްތަކުގެ މައްޗަށް ބާރު ފޯރުވުމަކީ އެ މީހުންގެ މައިގަނޑު އެއް އަމާޒެވެ. އެ މީހުންގެ އެންމެ ބޮޑު ހުވަފެނެވެ.
އިސްލާމީ އިންޤިލާބަށް ފަހު، އީރާނަށް ފަލަސްޠީނުގެ މައްސަލަޔާ ނުބެހި މަޑުމަޑުން އޮތުމުގެ ޚިޔާރު އީރާނަށް ވެސް އޮތެވެ. މުސްލިމު އެތައް ޤައުމެއް އެ ތިބޭ ފަދައިންނެވެ. ނަމަވެސް އީރާނު އައީ އެންމެ ފުރަތަމަ ދުވަހުއްސުރެ ފަލަސްޠީނުގެ މައްސަލައިގައި ވަރަށް ހަރުކަށި މައުޤިފެއް ނަގަމުންނެވެ. ފަލަސްޠީނު މިނިވަންކުރުމަކީ ކޮންމެވެސް ދުވަހަކުން އީރާނު ކުރާނޭ ކަމެއްކަމަށް ބުނަމުންނެވެ. އެ ގޮތުން، އީރާނުގެ ރަސްމީ ލަޝްކަރުގެ އެއް ބެޓޭލިއަނަށް [ޤުދުސް ފޯރސް]ގެ ނަމުން ނަން ދީ، އެއީ ޤުދުސް މިނިވަން ކުރުމަށް ކުރެވޭ ހަނގުރާމަޔަށް ތައްޔާރު ވާ ލަޝްކަރެއްކަން އިޢުލާނުކުރެވިފައި ވެއެވެ. މީގެ އިތުރަށް، ކޮންމެ ރަމަޟާން މަހެއްގެ ފަހު ހުކުރު [ބައިނަލްއަޤްވާމީ ޤުދުސް ދުވަސް]ގެ ނަމުގައި ފާހަގަކުރުމަކީ ވެސް އިސްލާމީ އިންޤިލާބަށް ފަހު، އީރާނުން ބަރާބަރަށް ކުރަމުން އަންނަ ކަމެކެވެ. މި ކަހަލަ ކަންކަން ކުރުމަކީ، އީރާނު އަމިއްލަޔަށް ހުޅަނގާއި ހުޅަނގުގެ [ޙަމަލާދޭ ކުއްތާ] އިސްރާއީލުގެ [އަމާޒެއްގެ ގޮތުގައި ފާހަގަ ވެގަތުން] ފަދަ ޢަމަލުތަކެވެ. އެކަމަކު، މި ހުރިހައި ކަމަކަށް ވުރެ ވެސް ބޮޑަށް، ފަލަސްޠީނުގެ މުޖާހިދުންނަށް ހަތިޔާރާއި އެހެނިހެން އެހީތައް ފޯރު ކޮށްދިނުމުގެ މަސައްކަތް، ބިރެއް ޖެހިލުމެއް ނެތި، މިއަދާ ހަމަޔަށް ކުރާ ހަމައެކަނި އިސްލާމީ ޤައުމަކީ އީރާނެވެ. ފަލަސްޠީނުގެ މައްސަލައިގައި ފައުޅުގައި ވަރަށް ހަރުދަނާ ޚާރިޖީ ސިޔާސަތުތައް ގެންގުޅޭ މެލޭޝިއާއާއި އަލްޖީރިއާއާއި ކުވައިތާއި އޮމާނާއި ޕާކިސްތާން ފަދަ މުސްލިމް ޤައުމުތަކަށް ވެސް މިއީ ކުރާން ކެރޭ ކަމެއްނޫނެވެ.
ވީމާ، އީރާނުން ފަލަސްޠީނުގެ ޙައްޤުގައި ކަމެއް ނުކުރެޔޭ، ކުރާ ހަނގުރާމަޔަކީ އަމިއްލަ ނަފުސުގެ ދިފާޢުގައި ކުރާ ހަނގުރާމައެކޭ ބުނާ މީހުންނަށް މި ތާރީޚީ ޙަޤީޤަތްތައް ނުވިސްނޭކަން ނުވަތަ ނޭނގޭކަން ކަށަވަރެވެ. ނުވަތަ، ޝީޢީ މަޒުހަބާ މެދު އޮންނަ ނުބައި ޙަސަދައެއްގެ ސަބަބުން ވާ ގޮތަކަށް ވެސް ވެދާނެއެވެ.
2. ދެން އޮތީ، ޖަވާބުގެ މައިގަނޑު ނުކުތާއެވެ.
އިސްރާއީލޭ ކިޔޭ ޣައިރުޤާނޫނީ ޖައްބާރު ކިޔާނުން، ޣައްޒާގައި ހިންގާތާ ދެ އަހަރު ވީ އަނިޔާވެރި ނަސްލުހޭދުގެ ތެރޭގައި، އީރާނުން މީގެ ކުރީން އިސްރާއީލަށް ޙަމަލަ ނުދިނީ ކީއްވެގެންހެއްޔޭ، މިއީ މައްސަލަޔާ ގުޅިގެން ކުރެވޭ މައިގަނޑު އެއް ސުވާލެވެ. މި ސުވާލުގެ ޖަވާބު އެނގެނީ، ކުރީން ވެސް ދެންނެވި ފަދައިން، ބައިނަލްއަޤްވާމީ ޤާނޫނު ދަނެގެންނެވެ.
އިސްލާމީ އިންޤިލާބަށް ފަހު، އީރާން، އަބަދުވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭ އެއް ކަމަކީ، އަލިފުދާލުގެ ޗާޓަރާއި ބައިނަލްއަޤްވާމީ ޤާނޫނީ ނިޒާމުގެ ތެރޭގައި އޮތުމެވެ. އެއީ، އެ ޤާނޫނުތަކުން ބޭރު ވެއްޖެ ކޮންމެ ޙާލަތެއްގައި، ހުޅަނގުން އެއީ ބަހަނާއަކަށް ހަދައިގެން އީރާނަށް ދޭނޭ ގެއްލުންތަކާއި ކުރާނޭ ދުއްތުރާ އީރާނަށް ރަނގަޅަށް އެނގޭތީއެވެ. --- ޤާނޫނީ އިމުގެ ތެރޭގައި ޞުލްޙަވެރި ދައުލަތެއްގެ ގޮތުގައި އޮންނަ އިރު ވެސް، އީރާނަށް ކުރާ ވަރު، މުޅި ދުނިޔޭގެ އެންމެނަށް ފެނެއެވެ. ---
ވީމާ، އިސްރާއީލުން ޣައްޒާގައި ހިންގާ ޖަރީމާތަކަށް، ފަލަސްޠީނުގެ ޙިމާޔަތުގައި ފިޔަވަޅު އަޅަނީކަމަށް ބުނެ އީރާނުން އިސްރާއީލަށް ޙަމަލައެއް ދިން ނަމަ، އީރާނު އޮންނާނީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދާއިރާއިން ބޭރުވެފައެވެ. ސަބަބަކީ، އެ ޤައުމެއްގެ އަމިއްލަ ނަފުސަށް އަމާޒުވާ ޙަމަލައެއްގެ ރައްދުގައި މެނުވީ، ދައުލަތަކުން ހަނގުރާމަކުރުން ބައިނަލްއަޤްވާމީ ޤާނޫނު ހުއްދަ ނުކުރުމެވެ. އަމިއްލަ ދިފާޢުގައި މެނުވީ ހަނގުރާމަކުރުމަކީ [އެގްރެޝަން]ގެ ޖަރީމާކަމުގައި ވުމެވެ. ޝައްކެއް ނެތް ގޮތުގައި، އިސްރާއީލާ ދެކޮޅަށް ހަނގުރާމަކުރުމާއި ފަލަސްޠީނު މިނިވަންކުރުމަކީ ކޮންމެ ޤައުމެއްގެ ވެސް އަޚުލާޤީ އަދި އިންސާނީ ވާޖިބެކެވެ. މުސްލިމު ޤައުމެއް ވިއްޔާ، ދީނީ ވެސް ވާޖިބެކެވެ. ނަމަވެސް، ބައިނަލްއަޤްވާމީ ޤާނޫނީ ނިޒާމު އެކަށައެޅިފައި އޮންނަ ގޮތުން، ފަލަސްޠީނުގެ ދިފާޢުގައި އެއްވެސް ޤައުމަކަށް ޢަސްކަރީ ފިޔަވަޅުއަޅައި އިސްރާއީލަށް ޙަމަލާ ދެވޭން އޮންނަނީ އަލިފުދާލުގެ ނިޒާމުގެ ތެރެއިންނެވެ. އަލިފުދާލުގެ ސަލާމަތީ މަޖިލިހުގެ ނިންމުމަކުންނެވެ. އެ ފަދަ ފިޔަވަޅެއް ނޭޅެނީ، އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ކޮންމެ ހުށައެޅުމެއް، ސަލާމަތީ މަޖިލިހުގައި އެމެރިކާ ވީޓޯކުރާތީއެވެ. އެހެންކަމުން، އީރާނު ވެސް އަދި އެހެން ޤައުމަކުން ވެސް، ފަލަސްޠީނުގެ ޙިމާޔަތުގައި އަމިއްލަ ނިންމުމަކުން ޢަސްކަރީ ފިޔަވަޅު އަޅައިފިއްޔާ، ދުނިޔެ އެ ކަން ނަގާނީ ބައިނަލްއަޤްވާމީ ޤާނޫނުގައި މަނާކުރެވިފައި ވާ [ޢުދުވާނުގެ ޖަރީމާ] (the Crime of Aggression)ގެ ގޮތުގައެވެ. އެއިރަކުން، އީރާނާ ދެކޮޅަށް އިސްރާއީލުގެ ރައްދުގައި ޙަމަލަދޭކަށް، ޤާނޫނީ ގޮތުން، ނޭޓޯއަކަށް ވެސް، އެއްވެސް ހުރަހެއް ނޯންނާނެއެވެ. އެއިރުން އަންނާނީ އެމެރިކާއާއި މުޅި ޔޫރަޕު އެކީގައެވެ. ވީމާ، އެ ފަދަ ފިޔަވަޅެއް އީރާނުން އެޅުމަކީ ފަލަސްޠީނަށް ވެސް ފައިދާއެއް ނެތި، އަމިއްލަޔަށް މަރުވުމެވެ.
3. ތިންވަނަ ކަމަކަށް، ނަސްލުހޭދު ފަދަ ބޮޑެތި ކުށްތައް ހިންގާ ދައުލަތްތަކާ ދެކޮޅަށް "އާރްޓޫޕީ" (R2P or Responsibility to Protectގެ ނަން ދެވިފައި ވާ މަފުހޫމެއް ނުވަތަ އުޞޫލެއްގެ ދަށުން ފިޔަވަޅު އެޅޭ ގޮތެއް އޮވެއެވެ. ނަމަވެސް އާރްޓޫޕީއަކީ އެ މަފުހޫމަކާއި އޭގެ ތަފުޞީލުތަކާ މެދު، ބޮޑެތި ބަޙުސްތަކެއް ބައިނަލްއަޤްވާމީ ޤާނޫނުގެ ތެރޭގައި އޮތް އެއްޗެކެވެ. ހަމަ އެހެންމެ، އާރްޓޫޕީ ތަންފީޒުކުރުމުގެ ކަންކަން ވެސް ދާން ޖެހެނީ އަލިފުދާލުގެ ނިޒާމުގެ ތެރެއިންނެވެ. އަލިފުދާލުގެ ދައުރެއް ވެސް އޮވެގެންނެވެ. ވީމާ، އީރާން އާރްޓޫޕީ އުޞޫލުގެ ތެރެއިން އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅިޔަސް، ހަމަ ކުރީން ދެންނެވި ހުރަސްތައް ދާދި އެއް ދަރަޖައެއްގައި ހުންނާނެއެވެ.
* * * * * * * *
މި ދެންނެވި ނުކުތާތަކުގެ އަލީގައި އެނގޭ ކަމަކީ، އީރާނަށް އިސްރާއީލާ ދެކޮޅަށް ޢަމަލީ ފިޔަވަޅެއް ޢަސްކަރީ ގޮތުން އެޅޭން އޮތް ހަމައެކަނި ގޮތަކީ، އިސްރާއީލުން އީރާނާ ދެކޮޅަށް އިސްވެ ޙަމަލަދިނުންކަމެވެ. މިހާރުގެ ޙާލަތު އުފަންވި ގޮތަކީ އެއީއެވެ.
ދެން އޮތް ވާހަކަ އަކީ، މި ހަނގުރާމަ މުސްލިމުންނަށް ކާމިޔާބު ކުރެވިދާނޭ ވާހަކައެވެ. ނަމަވެސް އެ ކަމަށް ޓަކައި ވަރަށް ގިނަ ބަހާތައް އެކުވާން ޖެހެއެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ނުވެ، ޤާނޫނީ އިމުގެ ތެރޭގައި ތިބެގެން މުސްލިމް ޤައުމުތަކަށް ކުރެވިދާނޭ ކަންކަން، ކުރުކުރުކޮށް ފާހަގަކޮށްލާނަމެވެ.
1. އޯއައިސީގެ ނިޒާމުގެ ތެރެއިން ހުރިހައި މުސްލިމް ޤައުމުތަކެއް އެކައްޗެއް ކިޔައި، މުޅި އިސްލާމީ އުއްމަތް އީރާނާ އެކު އޮތްކަމާއި، އީރާން ދެވަނަ ޢިރާޤު ނުވަތަ އަފްޣާނިސްތާން ނުވަތަ ސީރިޔާ ނުވަތަ ލީބިޔާއަށް ވާން ދޫކޮށްނުލާނޭކަމާއި، އެމެރިކާއާއި ޔޫރަޕް ހަނގުރާމަޔަށް ވަދެއްޖެއްޔާ މުސްލިމުން ވެސް އީރާނާ ބައިވެރިވާނޭކަން ފައުޅުގައި ހާމަ ކޮށް، އެ ކަމަށް ވަގުތުން ތައްޔާރުވުން.
2. މުޅި އިސްލާމީ ދުނިޔެ އެކަތިގަނޑަކަށް ވެގެން، ހުޅަނގާ އެކު އޮތް އިޤްތިޞާދީ ގުޅުންތައް މުރާޖަޢާކޮށް، އީރާނާ ދެކޮޅަށް އެއްވެސް ޢަސްކަރީ ފިޔަވަޅެއް އަޅައިފިއްޔާ ހުރިހައި އިޤްތިޞާދީ ގުޅުންތަކެއް ކަނޑައިލުމަށް ތައްޔާރު ވެ، އަދި ޙާލަތު އަތުވެއްޖެއްޔާ އެ ކަން ކުރުން.
3. އިސްލާމީ ދުނިޔޭގެ ފަންނިއްޔާތާއި ޖާސޫސީ މަޢުލޫމާތާއި އިޤްތިޞާދީ އެހީތެރިކަން ފުރިހަމަ ގޮތުގައި އީރާނަށް ދޭން ފެށުން.
4. އިސްލާމީ ދުނިޔޭގެ އެއްވެސް ޤައުމެއްގެ ވަޔާއި ކަނޑާއި އެއްގަމުގެ ސަރަޙައްދު، އީރާނާ ދެކޮޅަށް އަދި އިސްރާއީލުގެ ދިފާޢުގައި ބޭނުންކުރުން ހުޅަނގުގެ ޤައުމުތަކަށް މަނާ ކޮށް، އެ ކަން ތަންފީޒުކުރުން.
5. ސުޢޫދީ ޢަރަބިއްޔާ، ޖޯރޑަން، ލުބްނާން، ޔަމަން، މިޞްރު، ސީރިޔާ މި ޤައުމުތަކުގެ ޢަސްކަރިއްޔާތައް ތައްޔާރީ ޙާލަތަކަށް ގެނެސް، ހުޅަނގުގެ އެއްވެސް ބާރަކުން އީރާނާ ދެކޮޅަށް އިސްރާއީލަށް މަދަދުކުރުމުގެ ގޮތުން ހަނގުރާމައަށް ވަދެއްޖެއްޔާ، އެންމެން އެކީ އިސްރާއީލަށް ޙަމަލަދޭނެކަމުގެ ތެދުވެރި އަދި ވަރުގަދަ އިންޒާރުތައް ދީ، އެ ކަމަށް ފުރިހަމަޔަށް ތައްޔާރު ވެގެން ތިބުން.
6. އިސްލާމީ ހުރިހައި ޤައުމަކުން އިސްރާއީލާ ބާއްވާ ހުރިހައި ގުޅުންތަކެއް ވަގުތުން ކަނޑައިލުން - އޭގެ ތެރޭގައި ސަފީރުން އަނބުރައި ގެނައުން، އިސްރާއީލުގެ ސަފީރުން ބޭރު ކުރުން، އިޤްތިޞާދީ ހުރިހައި މުޢާމަލާތުތަކެއް ހުއްޓައިލުން، މިއީ އެންމެ އަސާސީ ކަންކަމެވެ.
7. އީރާނުގެ ނިޔުކުލިއަރ ފެސިލިޓީއަކަށް ޙަމަލަ ދީފިއްޔާ، ޕާކިސްތާނުން ވެސް ނިޔުކުލިއަރު ރައްދުދޭނޭކަން އިސްރާއީލަށާއި ހުޅަނގަށް ރަނގަޅަށް އަންގައި ބުނެދީފައި ބޭއްވުން.
8. ޗައިނާއާއި ރަޝިޔާއާއި އެފުރިކާއާއި ލެޓިން އެމެރިކާއާއި އިންޑިއާ މުސްލިމުންގެ އެކުވެރީންގެ ގޮތުގައި ބެއިތިއްބުމަށް ބޭނުންވާ ޚާރިޖީ ހުރިހައި ސިޔާސަތުތަކެއް އެކުލަވައިލައި ތަންފީޒުކުރުން.
ﷲގެ އިރާދަފުޅާއި މިންވަރުފުޅުން، މި ކަންކަން ކޮށްފިއްޔާ، ދެތިން ހަފުތާއެއްގެ ތެރޭގައި އިސްރާއީލު އޮންނާނީ އިނދަޖެހިފައެވެ. --- އެ ހިސާބުން، އިސްރާއީލުން "އޮޕަރޭޝަން ސެމްސަންސް ޗޮއިސް" ބޭނުން ނުކުރާނެޔެކޭ ނުބުނެވޭނެއެވެ. ނަމަވެސް މިއީ މުޅީން ވަކި، ބޮޑު މައުޟޫޢެއްކަމުން، އެ މައުޟޫޢަށް ނުވަދެ، ކުރުކޮށްލާނަމެވެ.
ބައެއް ލަފުޒުގެ މާނަ:
ނަސްލުހޭދު ނ. އިންސާނީ ނަސްލެއް ނައްތާލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު.
މުއައްގަދު ނ. (1) އޮޅުންބޮޅުން ބޮޑު (2) ހައްލުކުރާން އުނދަގޫ (މި ލަފުޒު ރަދީފަކު ނެތް)
ފަންނިއްޔާތު ނ. (1) ސައިންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އިންސާނީ މުޖުތަމައަކަށް ލިބިގެންވާ ހުނަރާއި އިލްމު. (2) ސައިންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އަމަލީ ބޭނުންތަކަށް އުފައްދާ އާލަތްތައް.
ދަހަރު ނ. ދިހަ އަހަރު
ތަންފީޒުކުރުން ނ. (1) ޤާނޫނީ ނުވަތަ ޝަރުޢީ ޙުކުމެއްގެ މައްޗަށް ޢަމަލުކުރުން. (2) ވެރިޔެއްގެ އަމުރާ އެއްގޮތަށް ޢަމަލުކުރުން.