އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
17 ޖޫން 2025
އިސްރާއީލާއި އީރާނާ ދެމެދު މިހާރު ހިނގަމުންދާ އަސްކަރީ ކުރިމަތިލުން ހަތަރުވަނަ ދުވަހަކާ ކުރިމަތިލައިފައިވާ އިރު، އެމެރިކާއިން ފެންނަނީ މި ކަން އިތުރަށް ފުޅާކުރާން ބޭނުންވެގެން އުޅޭކަމަށެވެ. އާދޭހެވެ! އެމެރިކާގެ އެހީއާ ނުލައި އިސްރާއީލަކަށް އެންމެ ދުވަހަކު ވެސް އޭރާނާ ދެކޮޅަށް އަސްކަރީ ޙަމަލާއެއް ނުދެވޭނެއެވެ. އެހެންކަމަށް ވާ އިރު، އެމެރިކާއިން ބޭނުން ނަމަ، ހަމަ ވަގުތުން އެ ހަމަނުޖެހުން ހުއްޓުވޭނެއެވެ.
ނަމަވެސް ކުރީން ވެސް ދެންނެވި ފަދައިން މި އަނދަމުންދާ އަލިފާންގަނޑަށް އެމެރިކާއިން ގެންދަނީ އިތުރަށް [ތެޔޮއަޅަމުން]ނެވެ. އާދޭހެވެ! އެމެރިކާއިން އެޓްލާންޓިކް ކަނޑު ހުރަސްކޮށް މެދުއިރުމައްޗާ ދިމާއަށް ވައިގެ މަގުން ތެޔޮ އުފުލާ ތިރީހަށް ވުރެ ގިނަ ޓޭންކަރުތައް ފޮނުވާފައިވާކަމަށް މިލިޓަރީ ވޮޗް (މަޖައްލާ)އިން އިއްޔެ (ހޯމަ ދުވަހު) ވަނީ ޚަބަރުދީފައެވެ. އެ މަޖައްލާއިން ވަނީ މިއީ "ކުރިން ނުފެންނަ" ކަމެއްގެ ގޮތުގައި ސިފަކޮށް، މިއީ މިހާރު ހިނގަމުންދާ އިސްރާއީލާއި އީރާނުގެ އަސްކަރީ ކުރިމަތިލުންތަކުގައި ފުޅާ ދާއިރާއެއްގައި އެމެރިކާ ބައިވެރިވުންކަމަށް ސިފަކޮށްފައެވެ.
ހުޅަނގު ޖަރޫސަލަމާއި ތެހެރާން (އިސްރާއީލާއި އީރާނުން) ވަނީ މި [ހަނގުރާމަ] ހަތަރުވަނަ ދުވަހަކަށް ފުޅާކޮށްފައެވެ. މި ދިޔަ ބުރާސްފަތި ދުވަހުގެ ރޭ (ހުކުރުވިލޭރޭ) އިސްރާއީލުގެ ސިފައިން އީރާނުގެ ނިއުކުލިއަރު މަރުކަޒުތަކަށާއި އަދި އަސްކަރީ އަމާޒުތަކަށް ވައިގެ ހަމަލާތަކެއް ދީ، އަސްކަރީ އިސް އޮފިޝަލުންތަކަކާއި ގިނަ ޢަދަދެއްގެ ސައިންސްވެރީންތަކެއް ޝަހީދުކޮށްލައިފައިވާތީ، އެ ކަމުގެ ރައްދެއްގެ ގޮތުގައި އީރާނުން ވަނީ އިސްރާއީލުގެ ތައްލު އަބީބާއި ހައިފާ ފަދަ ސިޓީތަކަށް މިސައިލުގެ ގިނަ ޙަމަލާތަކެއްދީ (އިސްރާއީލުން ކުރީން ލަފާ ވެސް ކޮށްފައި ނުވާ ފަދަ) ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެ ސިޓީގެ މެދުތެރެވަނީ ފުނޑުފުނޑުކޮށްލައިފައެވެ.
އިސްރާއީލުގެ އަނިޔާވެރި ބޭއިންސާފު ހަމަލާތަކަށް އެމެރިކާއިން ތާއީދުކޮށް ހިތްހަމަޖެހުން ފާޅުކޮށްފައިވާ އިރު، ރައީސް ޑޮނަލްޑު ޓުރަންޕު ވަނީ އެއީ [މޮޅު]، ހުނަރުވެރި، ހަމަލާތަކެއްކަމަށް ސިފަކޮށް އެ އަނިޔާވެރިކަމަށް ތަޢުރީފުކޮށްފައެވެ. އަދި އެމެރިކާގެ މަސްލަހަތަށް ނުރައްކާވެއްޖެ ނަމަ، މި އަސްކަރީ ހަމަނުޖެހުންތަކުގައި އެމެރިކާއިން ސީދާ ގޮތެއްގައި ބައިވެރިވެދާނެކަމުގެ އިންޒާރު ވެސް ވަނީ ކޮށްފައެވެ. ނަމަވެސް އެމެރިކާ ސިފައިން ބައިވެރިކުރުމުގެ އެއްވެސް ތަދުބީރެއް އަދި އިއުލާންކޮށްފައެއް ނެތެވެ.
ނަމަވެސް މަތީންދާބޯޓުފަހަރުގެ ޙަރަކާތްތައް ބަލާ ޓުރެކުން ލިބޭ ޑޭޓާއަށް ބަލާ އިރު، އެމެރިކާއިން މިހާރު ވަނީ މެދުއިރުމައްޗަށް ކޭސީ-135އާއި ކޭސީ-46 މަރުކާގެ ވައިގެ މަގުން ތެޔޮ އުފުލާ [ޓޭންކަރުތައް] ފޮނުވާން ފަށައިފައެވެ. [މިލިޓަރީ ވޮޗް] (މަޖައްލާ)އިން ލަފާކޮށްފައިވާ ގޮތުގައި މި މަތިންދާބޯޓުތަކުގެ ބޭނުމަކީ އިސްރާއީލުގެ ވައިގެ ސިފައިންގެ ޙަރަކާތްތަކަށް އެހީތެރިވުމެވެ. ނުވަތަ އެއީ އެމެރިކާގެ ހަނގުރާމަމަތީ ބޯޓުފަހަރާއި ބޮންއަޅާ ބޯޓުތަކަށް ތެޔޮއަޅައިދޭން ފޮނުވި ބޯޓުތަކެއްކަމަށް ވެދާނެކަމަށް ވެސް ލަފާކޮށްފައިވެއެވެ.
އަދި ހުޅަނގުގެ އެހެން ގައުމުތަކުގެ ޓޭންކަރުތަކުން އިސްރާއީލުގެ ބޯޓުފަހަރަށް ވައިގެ މަގުން ތެޔޮ އަޅައިދިނުމުގެ މަސައްކަތުގައި ބައިވެރިވެފައިވާކަމަށް ވެސް އެ މަޖައްލާއިން މަޢުލޫމާތުދީފައި ވެއެވެ. އެމެރިކާއިން ޖާސޫސީ މައުލޫމާތާއި ސެޓެލައިޓު ބޭނުންކޮށްގެން އަމާޒުތައް ފާހަގަކުރުމުގެ ޑޭޓާއާއި މިސައިލުތަކުން ދިފާޢުވުމުގެ އެހީތެރިކަން ވެސް ފޯރުކޮށްދީފައިވާކަމަށް ވެސް ރިޕޯޓުގައި ބުނެފައި ވެއެވެ.
[އެކްޒިއޯސް]އިން އާދީއްތަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ އޮފިޝަލުން ވަނީ އީރާނުގެ ފޯޑޯ އެންރިޗްމަންޓް މަރުކަޒަށް ހަމަލާދިނުމަށް އެހީތެރިވުމަށާއި ޚާއްސަކޮށް އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންގައި ސީދާ ގޮތެއްގައި އެމެރިކާއިން ބައިވެރިވުމަށް ވެސް ވަނީ އެދިފައެވެ. ނަމަވެސް އެ މަރުޖާއާ ހަވާލާދީ އެމެރިކާގެ އޮފިޝަލުންބުނެފައިވަނީ އެ އެދުމަށް އެމެރިކާއިން އާނއެކޭ ނުބުނެ އަދި މަޑުޖައްސައިލައިފައިވާކަމަށެވެ. އެކަކު ބުނެފައި ވަނީ ޓްރަމްޕްގެ ވެރިކަމުގައި އެ ފަދަ އެއްވެސް ކަމެއް ކުރާން އަދި ނުވިސްނާކަމަށެވެ. އެހެންނަމަވެސް، ޓުރަންޕުގެ ބަސްމަގާއި ޢަމަލުތަކުން އެނގި ސާބިތުވަނީ އިސްރާއީލުން އީރާނަށް ދީން އަނިޔާވެރި ޙަމަލާތަކަކީ އޭނާގެ ފުރިހަމަ މަދަދާއި ބައިވެރިވުމާއެކު ދީފައިވާ ޙަމަލާތަކެއްކަމަށެވެ.
އެހެންނަމަވެސް ހުޅަނގު ޖެރޫސަލަމަށް ވޮޝިންޓަނުން ތާއީދު ކުރުމުން ތެހެރާނުން ވަނީ އެއީ އީރާނާ ދެކޮޅަށް އިސްރާއީލުން ދިން އަނިޔާވެރި ޙަމަލާގައި އެމެރިކާ ބައިވެރިވެފައިވާކަމުގެ ހެތްކެއްކަމަށް ބުނެފައެވެ.
އީރާނުގެ އަސްކަރިއްޔާގެ އެތެރޭގެ މަރުޖާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ހަމަލާތަކަށް ތެހެރާނުން ދޭ ރައްދުތަކުގައި [ކުރިއަށް އޮތް ދުވަސްތަކުގައި މި [އިސްރާއީލުގެ] ވެރިކަމުން ފޭރިގެންފައިވާ ހުރިހާ ސަރަހައްދަކާއި އެ ސަރަހައްދުގައި ހުރި އެމެރިކާގެ ގުޅުން ހުރި، މަރުކަޒުތަކަށް ފެތުރިގެންދާނެ]ކަމަށެވެ.
އީރާނުގެ މި އިންޒާރުގެ ޖަވާބުގައި ޓުރަމްޕު ވަނީ އެމެރިކާ ސިފައިންނަށް އީރާނުން ދޭ ކޮންމެ ހަމަލާއަކުން އަސްކަރީ ޖަވާބެއް ލިބޭނެކަމަށް އިންޒާރުދެއްވައި، އޭނާގެ ޓުރޫތު މީސްމީޑިއާގެ މަންސައިގައި ލިޔުއްވައިފައި ވަނީ [އީރާނުން އެއްވެސް ގޮތަކަށް، އެއްވެސް ސިފައެއްގައި، ނުވަތަ އެއްވެސް ހައިސިއްޔަތަކުން، އަހަރެމެންނަށް ހަމަލާދީފި ނަމަ، އެމެރިކާގެ ސިފައިންގެ ފުރިހަމަ އާރާއި ބާރު މީގެ ކުރިން ފެނިފައި ނުވާ މިންވަރަކަށް އިނބަމެންގެ ބޯ މައްޗަށް ވެއްޓޭނެ]ކަމަށެވެ. އަދި އިސްރާއީލުން [އީރާނަށް ދިން ހަމަލާއާ އެމެރިކާއާ އެއްވެސް ގުޅުމެއް ނެތް]ކަމަށް ބުނެ، ނިޔުކުލިއަރު މަޝްވަރާއަށް ތެހެރާނުން އަނބުރައި އައުމަށް ގޮވައިލިއެވެ.
ނަމަވެސް އީރާނުން ބުނެފައިވަނީ، އީރާނަށް އެމެރިކާ ބައިވެރިވެގެން އިސްރާއީލުން އަނިޔާވެރި ޙަމަލާތައް ދެމުންދާ އިރު، އެއްވެސް މަޝްވަރާއެއްގައި ބައިވެރިވުމަކީ މާނައެއް ނެތްކަމެއްކަމަށް ބުނެ، ޓުރަންޕުގެ ގޮވައިލުމަށް ފާޅުގައި ރައްދުދީ އެ ކަމަށް އިންކާރުކޮށްފިއެވެ.
މި ދަނޑިވަޅުގައި އިސްލާމީ އުންމަތް އެއްބައިވެ އެކަތިކަޑަކަށް ވާން ޕާކިސްތާނުން ވަނީ ގޮވައިލައިފައެވެ. ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚަވާޖާ އާސިފް ވަނީ އީރާނުގެ އަސްކަރީ މަރުކަޒުތަކަށާއި ނިއުކުލިއަރު ދަރުނުތަކަށް އިސްރާއީލުން ދިން ހަމަލާތަކާ ގުޅިގެން މުސްލިމް ހުރިހައި ގައުމުތަކެއް އިސްރާއީލާ ދެކޮޅަށް މި ދަނޑިވަޅުގައި އެއްބައިވަންތަވުމަށް ގޮވައިލައްވައިފައެވެ. އޭނާ އިންޒާރު ދެއްވީ މި ދަނޑިވަޅުގައި މުސްލިމުން ގުޅިގެން މަސައްކަތްނުކޮށްފި ނަމަ، އެއީ މުޅި މެދުއިރުމަތީގައި އިތުރު ހަމަލާތައްދިނުމަށް ހިތްވަރުލިބޭނެ ކަމެއްކަމަށެވެ.