އަބާ މުޙަންމަދު
19 ޖޫން 2025
އިސްރާއީލަށް ލިބެމުންދާ ގެއްލުންތައް ކިތަންމެ ވަންހަނާ ކުރިޔަސް އިސްރާއީލަށް ލިބޭ ގެއްލުންތައް ވެސް ހިސާބަކަށް ހާމަވަމުން އެބަދެއެވެ. އީރާނަށް ލިބޭ ގެއްލުންތައް ހާމަކުރުމުގައި ހުޅަނގުގެ މީޑިއާތައް އަވަސްވެގަނެއެވެ. އަދި އީރާނުން ވެސް އެ ކަން ސިއްރުކުރާކަށް ނޫޅެއެވެ.
އިސްރާއީލުން އީރާނަށް މިއަދު ދިން ވަރުގަދަ ޙަމަލާއެއްގައި އީރާނުގެ [އަރަކު] ފެނުގެ ނިޔުކުލިޔަރު ރިއެކްޓަރަކަށް ޙަމަލާދީ ބޮޑެތި ގެއްލުންތަކެއް ދިނެވެ. މީގެ ރައްދުގައި އީރާނުން ދިން މިސައިލު ޙަމަލާގައި އިސްރާއީލުގެ މެދުތެރެއަށާއި ދެކުނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. ގެއްލުން ދިން ތަންތަނުގެ ތެރޭގައި އިސްރާއީލުގެ ސޮރޯކާ ހޮސްޕިޓަލު ވެސް ހިމެނެއެވެ.
މީގެ ކުރީން އީރާނުގެ އެންމެ މަތީ އިސްވާރު ޢަލީ ޚާމަނާއީ އިންޒާރުކޮށްފައިވަނީ އީރާނުގެ އިޚުތިޞާސްގެ ތެރެއަށް ޙަމަލާއެއް ދީފި ނަމަ، [ސީރިއަސް އަދި ދާއިމީ] ގެއްލުންތަކެއް ދޭނެކަމަށެވެ.
މި ދިޔަ ހުކުރު ދުވަހު އިސްރާއީލުން، މިނިވަން އީރާނަށް، ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ދިން ޙަމަލާއާ ގުޅިގެން ފެށުނު ހަނގުރާމަ، ހަތްވަނަ ދުވަހަކަށް އިރުއަރައިފައިވާ އިރު، މި ހަނގުރާމައިގައި އިސްރާއީލަށް ކިތަންމެ ގެއްލުމެއް ލިބުނަސް އެ މީހުން ބަލިވެއްޖެކަމަށް ބަލައި ހަނގުރާމަ ހުއްޓުމަކީ އެމެރިކާއާއި އިސްރާއީލަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެއީ ދުނިޔޭގެ ކުރިމަތީގައި އެ މީހުންގެ ގަދަރަށް އުނިކަން އަންނާނެ ކަމެއްކަމަށްވާތީއެވެ.
މި ކަމާ ވިދިގެން ހަނގުރާމަ ކުރިއަށް ގެންދާނީތޯ ނުވަތަ ހަނގުރާމައިގެ ތެރެއަށް ވަންނާނީތޯ ނޫންތޯ ބަލައި ވަޒަންކުރަންކުރަމުން ގެންދާކަމަށް ޓުރަންޕު މިއަދު ބުނެފިއެވެ.
ދުނިޔޭގައި މީސްމީޑިއާއާއި މާސްމީޑިއާގައި ނިއުޅެމުންދާ ޚަބަރުތަކާއި ވީޑީއޯތަކަށް ބަލާ އިރު، އީރާނާއި އިސްރާއީލަށް ވެސް ވިޔަކުރާން ނޭނގޭ ފަދަ ބޮޑެތި ގެއްލުންތައް ލިބެމުން އެބަދެއެވެ. މި ހަނގުރާމަ ދިގުދެމިގެންދާ ނަމަ، ދުނިޔެއަށް އިގުތިޞާދީ ގޮތުންނާއި ސަލާމަތީ ގޮތުން ވެސް ވަރަށް ބޮޑު ހިރާހަކާ ކުރިމަތިވާނެތީ މި ހަނގުރާމަ ހުއްޓުމަކީ މިއަދު ދުނިޔޭގެ އެންމެންގެ އެދުމެކެވެ. ހަނގުރާމަ ބޭނުން ނޫންކަމަށާއި އަހަރެމެން ބޭނުމީ ސުލްޙައާއެކު ދިރިއުޅޭންކަމަށް ބުނެ ހަނގުރާމަ ހުއްޓައިލުމަށް ދެ ގައުމުގެ ރައްޔިތުން ވެސް އެ ގައުމުގެ ވެރީންނަށް އިލްތިމާސްކުރަމުން ވެސް އެބަ ގެންދެއެވެ. ނަމަވެސް ހަނގުރާމަ ކުރިއަށް މި ގެންދަނީ ސިޔާސީ މަގުސަދަކަށް ޓަކައެވެ.