އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
21 ޖޫން 2025
އެއްވެސް ޝައްކެއް ނެތެވެ. މިހާރު އިސްރާއީލާއި އީރާނާ ދެމެދު ހިނގްމުންދާ ހަނގުރާމައަކީ، ތާރީޚަށް ބަލާ އިރު، އެ ދެ ގައުމަށް އެންމެ ގެއްލުން ބޮޑު ހަނގުރާމަކަމަށް ބެލިދާނެއެވެ. ވަރަށް ދުރާލައި ރާވައިގެން އިސްރާއީލުން އީރަނަށް ދިން ޙަމަލާގައި އީރާނުގެ ވަރަށް އަގުހުރި ޝަޚުޞިއްޔަތުތަކެއް ޝަހީދުވިއެވެ. ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. އީރާނުގެ ކޮމާންޑަރުންގެ ތެރޭގައި މޭޖަރ ޖެނެރަލް މުހައްމަދު ބާޣަރީރީއާއި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ކޮމާންޑަރު ހުސައިން ސަލާމީއައި އެ ގައުމުގެ އެއަރޯސްޕޭސް ފޯސްގެ ވެރިޔާ އަމީރު އަލީހާޖިޒާދޭ ހިމެނެއެވެ. މިއީ 1980އިން 1988އަށް ހިނގި އިރާގު-އީރާން ހަނގުރާމައަށް ފަހު އީރާނުގެ މިހައި ގިނަ އޮފިސަރުންތަކެއް ޝަހީދުވި ފުރަތަމަ ފަހަރެވެ.
އިސްރާއީލުން އަބަދުވެސް ބުނަމުން ދަނީ މި ހަމަލާގެ ބޭނުމަކީ އީރާނުގެ ނިޔުކުލިޔަރު ބާރު ކަނަޑުވައިލުމެވެ. ނަމަވެސް އެއީ ދޮގެކެވެ. އީރާނުން އަބަދު ވެސް ބުނަމުން އަނަންނީ އެއީ މަދަނީ ބޭނުންތަކަށް ޓަކައި ފައްކާކުރާ ޔުރޭނިއަމްކަމަށެވެ.
ނިޔުކުލިޔަރު ހަތިޔާރު އިރާނުން ވަރަށް އަވަހަށް އުފައްދާނެކަމަށް ބުނެ އިސްރާއީލުގެ އެކި ވެރީން – ޚާއްޞަކޮށް އިސްރާއީލުގެ މިހާރުގެ ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫ – އީރާނު ބަދުނާމުކޮށް ދޮގުހަދަމުން ގެންދާތާ 12 ވަކަށް އަހަރު ވެއްޖެއެވެ. ދާދިފަހުން – މީގެ ދެ ދުވަސްކުރީން – ބައިނަލްއަގުވާމީ އެޓޮމިކް ހަކަތައާ ބެހޭ އެޖެންސީގެ ޑިރެކްޓަރ–ޖެނެރަލް އަލްފާޟިލް ރަފާޢިލް މަރިއާނޫ ގުރުއްސީ ވިދާޅުވެފައިވަނީ ނިޔުކްލިއަރު ހަތިޔާރު ހެދުމާ ބެހޭ އެއްވެސް އެއްޗެއް އީރާނުން ތައްޔަރުކޮށްފައެއް ނެތެވެ. އެހެންކަމުން އިސްރާއީލުން އީރާނަށް ޙަމަލާދިނީ ފޮރުވިފައިވާ އެހެން މަގުސަދެއްގައިކަން އެނގެއެވެ. ކޮން މަގުސަދެއްހެއްޔެވެ!
ފުރަތަމަ ބޭނުމަކީ ސޫރިއާއާއި ޢިރާގާއި ލީބިއާއަށް ހެދި ގޮތަށް އީރާނުގެ ވެރިކަން ވެސް ބަދަލުކުރުމަށް ފަހު އެމެރިކާއާއި ހުޅނަގުގެ ގޮނޑިކޮއްކޮ ސަރުކާރެއް އުފައްދައިގެން އީރާނުގެ ތެޔޮވަޅުތަކަށް ވެރިވެގަތުމެވެ.
އީރާނު ސަރުކާރު ވައްޓައިލާން އިސްރާއީލާއި ހުޅަނގުން ވަސައްކަތްކުރުމުގައި އެންމެ މުހިންމު ކަމެއް ދެނީ އެ ތާގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް ނެރެ، މުޒާހަރާކޮށް ވެރިކަން ވައްޓައިލުމެވެ. މި ކަމަށް ޓަކައި ބޭނުންވާ ވަސީލަތްތައް އެމެރިކާއިން ފޯރުކޮށްދޭނެވެ.
އީރާނުގެ ރައްޔިތުން ބައިބައިކުރުމަށް ޓަކައި އީރާނުން މި ފަހަރު ކުރި މަސައްކަތުގެ ނަތީޖާ ފެނުނީ ދިމާ އިދިކޮޅަށެވެ. އިއްޔެ ހުކުރު ނަމާދުގައި ބައިވެރިވުމަށް ޓަކައި ތެހެރާނަށް އެތައް ހާސް ރައްޔިތުންނެއް ޖަމާވެ، ނަމާދުގެ ޖަމާޢަތުގައި ބައިވެރިވިއެވެ. އެ ހުރިހައި މީހުން މަގުތަކަށް ނުކުމެ، އިސްރާއީލާ ދެކޮޅަށް އަޑު އުފުލިއެވެ.
ބައެއް މީހުން ހުކުރަށް ދިޔައީ ކަފުން ރަމްޒުކޮށްދޭ ހެދުމެއްގައެވެ. އެއީ އެ މީހުން ތިބީ ގައުމަށް ޓަކައި ޤުރުބާންވުމުގެ ގޮތުން ޝަހީދުވާން ތައްޔާރުވެގެންކަން ރަމްޒުކޮށްދިނުމަށް ޓަކައެވެ. ބައެއް މިސްކިތްތަކުގައި އިއްޔެ ހުކުރު ނަމާދު ކުރެއްވި ގިނަ އިމާމުން ތިބީ ސިފައިންގެ ޔުނިފޯނުގައި، ބާސްކީލިއަށް ބަޑި އަޅައިގެންނެވެ، އެއީ އިސްރާއީލާ ދކޮޅަށް ހަނގުރާމަކުރުމުގައި އެ މީހުން ތައްޔާރަށް ތިބިކަން ރަމްޒުކޮށްދިނުމަށް ޓަކައެވެ.
އާދޭހެވެ! އިސްރާއީލުން އީރާނަ ދެކޮޅަށް އަޑުއުލައިގެން އީރާނުގެ ރައްޔިތުން ބައިބައިކޮށެއްނުލެވުނެވެ. އޭގެ ނަތީޖާ ފެނުނީ އަނެއްކޮޅަށެވެ. އީރާނުގެ ރައްޔިތުން ބައިބައެއް ނުކުރެވުނެވެ. ބައިބައިކޮށެއްނުލެވުނެވެ. އޭގެ ބަދަލުގައި ރައްޔިތުން ވީ އެއްބައިވަންތައެވެ. އެއީ މާތް ﷲގެ ފަޟުލުވަންތަކަމެވެ.