ad_banner
ވެރީން ހަލާކުކުރާ ހަތަރު ސިފައެއް

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

20 ޖޫން 2025

ދޮގުވެރިކަމަކީ ވެރިއަކާ އެކަށީގެންވާ ސިފައެއް ނޫނެވެ.

ކޮންމެ ގައުމެއްގައި ވެސް ގައުމުގެ ޒައާމަތަކީ ގައުމު މިސްރާބުކުރާ ހުންގާނެވެ. ގައުމުގެ އުންމީދުތަކުގެ ސަރަކައެވެ. މި ޒަޢާމަތު ރަނގަޅުވެއްޖެ ނަމަ މި ޒައާމަތުގެ ފަހަތުގައިވާ މީހުން ރަނގަޅުވެދެއެވެ. ފާސިދުވެއްޖެނަމަ މި ޒައާމަތާ ތަބާވާ މީހުން ވެސް ފާސިދުވެ ނުބައިވެދެއެވެ. އެހެންކަމުން ގައުމުގެ ރައްޔިތުން އެމީހުންގެ ޒަޢީމު ނުވަތަ ޙާކިމާ ހޮވާއިރު އިންތިޚާބުކުރާއިރު އެ މީހުންގެ އަޚްލާޤަށް ވަރަށް ރަނގަޅަށް ބަލަންޖެހޭނެއެވެ.

[ކަލީލާ ވަ ދިމްނާ] ވާހަކައަކީ ވަރަށް ޢިބްރަތްތެރި ޙިކްމަތްތެރި ފޮތެކެވެ. މި ފޮތުގެ މުއައްލިފު ވިދާޅުވެފައިވާ ގޮތުގައި ރަސްގެފާނުގެ ގައިގައި ހަތަރު ސިފައެއް ހުރެގެން ނުވާނެއެވެ. އެއީ ރުޅިއާއި ދަހިވެތިކަމާއި ދޮގުހެދުމާއި ބަސްމޮށުންތެރިކަމުގެ ހަރުކަށިކަމެވެ.

މީހުންނާ ވެރިކަމުގެ އަމާނަތް ޙަވާލުކުރާ އިރު އެމީހުންގެ ޢާދާލަތްތެރިކަން ފާސިދުކޮށްފާނެ ނުވަތަ އެމީހުންގެ ހައިބަތު  ނައްތައިލައިފާނެ ނުވަތަ އެމީހުންގެ ރައްޔިތުން ނަފްރަތްތެރިކޮށްފާނެ ސިފައެއް ހުރި މީހެއްތޯ ބަލަންޖެހޭނެއެވެ. ރަސްރަސްކަލުން ފާސިދުކުރާ އެންމެ ނުރައްކާތެރި ހަތަރު ސިފައަކީ:-

1-     ރުޅި: ޙާކިމާ ދެކޭ ގޮތުގައި ރުޅި އައުމަކީ އޭނާއަށް ޙައްޤުވެގެންވާ ކަމެކެވެ. އެހެނަސް ޙާކިމާގެ ބޮލަށް ރުޅި ވެރިވެއްޖެނަމަ އޭނާ ޢަދްލުވެރިކަމުން އެއްކިބާކޮށްފާނެއެވެ. ކަންތައްތައް ނިންމުމުގައި އަވަސް އަރުވައިގަތްފާނެއެވެ. ޙައްޤަށް ނުބަލައި ފިޔަވަޅުތައް އަޅަން ފަށައިފާނެއެވެ. މީހުންނަށް އަނިޔާވެރިވާން ފަށައިފާނެއެވެ.  ކަލީލާ ވަ ދިމްނާގެ މުފައްކިރު ވިދާޅުވާ ގޮތުގައި މީސްތަކުންގެ ނުރުހުމާއި ނަފްރަތު ވެރިމީހާގެ މައްޗަށް އޮހޭ އެންމެ ބޮޑު ސަބަބަކީ ވެރިމީހާގެ ރުޅިގަދަކަމެވެ. ބާރުގަދަ އިދާރީ ވެރިއެއް ކަމުގައިވާ ނަމަ ރުޅީގެ ސަބަބުން އޭނާގެ ޤަރާރުތައް ޙައްޤު މަގުން ކައްސައިލައިފާނެއެވެ. އޭނާގެ އަމުރުވެރިކަމުގެ ދަށުގައި ތިބި މީހުން އޭނާ ދެކެ ބިރުންނޫނީ އެއް ވެސް ކަމެއް ނުކުރާނެތެވެ. رَسُول اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ  ޙަދީސްކުރެއްވިއެވެ. ((لَيْسَ الشَّدِيدُ بِالصُّرَعَةِ، إِنَّمَا الشَّدِيدُ الَّذِي يَمْلِكُ نَفْسَهُ عِنْدَ الْغَضَبِ [1]- ބާރުގަދަމީހަކީ ހިފައިބައްދައި މީހުން ބިންމައްޗަށް ވައްޓައިލައި ބަލިކުރާ މީހާއެއް ނޫނެވެ. އެހެނަސް ބާރުގަދަ މީހަކީ ރުޅި އަންނަ ވަގުތު އޭނާގެ ނަފުސު ކޮންޓްރޯލްކޮށް މައިތިރިކުރާ މީހާއެވެ. ))

2-    ދަހިވެތިކަން: ކަލީލާ ވަ ދިމްނާގެ ޙިކްމަތްތެރި ލިޔުންތެރިޔާ ވިދާޅުވެފައިވާ ގޮތުގައި ޙާކިމާގެ އަތުގައި ގައުމުގެ މުއްސަނދިކަމާއި ޚަޒާނާތައް އޮންނަ އިރު އޭނާ ދަހިވެތިވުމަށް ދައްކާނެ އެއްވެސް ޢުޒުރެއް ނެތެވެ. ހޭދަނުކުރެވޭނީ އަތްމަތިދަތިކަމުންނެވެ. ތަނަވަސްކަން ކުޑަކަމުންނެވެ. ދައުލަތުގެ ބަޖެޓުގައި ފަޤީރުންނަށާއި މިސްކީނުންނަށާއި ނުކުޅެދޭމީހުންނަށާއި މުސްޅިންނަށާއި ބަލިމީހުންނަށް އެހީ ދެވޭނެ ތަފާތު އައިޓަމުތައް ހުންނާނެއެވެ.ޙާކިމާ ދަހިވެއްޖެނަމަ އެތައް ޙައްޤުތަކެއް ގެއްލިގެން ހިނގައިދާނެއެވެ. މީސްތަކުން ބަނޑަށް ޖެހިދާނެއެވެ. އެހިނދު ޙާކިމާގެ ހައިބަތު ގެއްލިގެން ހިނގައިދާނެއެވެ.رَسُول اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީސް ކުރެއްވިއެވެ. (( اتَّقُوا الشُّحَّ؛ فَإِنَّ الشُّحَّ أَهْلَكَ مَنْ كَانَ قَبْلَكُمْ [2]- ތިޔަބައިމީހުން ދަހިވެތިކަމުން ރައްކައުތެރިވާށެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރީގެ މީހުން ދަހިވެތިކަމުގެ ސަބަބުން ހަލާކުވެގެން ދިޔައެވެ. )) ޙާކިމާ މުށްބާރު ދަހި މީހަކަށް ވެއްޖެނަމަ ގައުމު ތަރައްޤީ ކުރުމަށް މަޝްރޫޢުތަކެއް ނުރާވާނެއެވެ. ރައްޔިތުންގެ ޙައްޤުތަކެއް އަދާއެއް ނުކުރާނެއެވެ. މިއާ ޚިލާފަށް ދީލަތި ޙާކިމާ އޭނާގެ ބަޖެޓުގައި ފައިސާ މަދަސް ތަންތަނުން އެހީ ހޯދައިގެން ވެސް ގައުމު އާރާސްތުކުރާނެއެވެ. ރައްޔިތުންނަށް ފައިދާހުރި މަޝްރޫޢުތައް ރާވައި ހިންގާނެއެވެ. އެމީހުންނަށް މާތްﷲ ކާމިޔާބު ދެއްވާނެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَمَن يُوقَ شُحَّ نَفْسِهِۦ فَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ [3] -  އެމީހެއްގެ އަމިއްލަ نفس ގެ ދަހިވެތިކަމުން މިންޖުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ދިންނަވާނެ މީހުންނެވެ.))

3-    ދޮގުވެރިކަން: ކަލީލާ ވަ ދިމްނާގެ ޙިކްމަތްތެރި ލިޔުންތެރިޔާ ވިދާޅުވެފައިވާ ގޮތުގައި ދޮގުހެދުމަކީ މީސްތަކުން ތިބާ ދެކެ ފޫހިކުރުވާނެ ކަމެކެވެ. މީސްތަކުން ތިބާ ދެކެ ނަފްރަތްތެރިވާނެކަމެކެވެ. އެއްވެސް މީހަކު ދޮގުވެރިޔަކާ އެކު ނޫޅޭނެއެވެ. މުއުމިނާ ދުވަހަކު ވެސް ދޮގެއް ނަހަދާނެއެވެ.  رَسُول اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَއަށް ދެންނެވުނެވެ. أَيَكُونُ الْمُؤْمِنُ جَبَانًا؟ فَقَالَ: «نَعَمْ»، فَقِيلَ لَهُ: أَيَكُونُ الْمُؤْمِنُ بَخِيلًا؟ فَقَالَ: «نَعَمْ»، فَقِيلَ لَهُ: «أَيَكُونُ الْمُؤْمِنُ كَذَّابًا»؟ فَقَالَ: «لَا» [4]- މުއުމިނާ ފިޑި މީހަކަށް ވެދާނެތޯއެވެ؟ ޙަދީސްކުރެއްވިއެވެ. އާއެކެވެ.ދެންނެވުނެވެ. މުއުމިނާ  ދަހިމީހަކަށް ވެދާނެތޯއެވެ. ޙަދީސްކުރެއްވިއެވެ. އާއެކެވެ. ދެންނެވުނެވެ. މުއުމިނާ ދޮގުހަދާ މީހަކަށް ވެދާނެތޯއެވެ؟ ޙަދީސްކުރެއްވިއެވެ. ނޫނެކެވެ.)) އަދިކިއެއްތޯއެވެ؟ ދޮގުހެދުމަކީ މުނާފިޤުކަމުގެ ޢަލާމަތެކެވެ. މި ކަން ބަޔާންކުރައްވައި رَسُول اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ  ޙަދީސްކުރެއްވިއެވެ. ((آيَةُ الْمُنَافِقِ ثَلَاثٌ: إِذَا حَدَّثَ كَذَبَ، وَإِذَا وَعَدَ أَخْلَفَ، وَإِذَا اؤْتُمِنَ خَانَ [5]– މުނާފިޤުގެ ޢަލާމާތްތައް ތިނެކެވެ. ވާހަކަދައްކާ އިރު ދޮގުހެދުމާއި ވަޢުދެއް ވެއްޖެނަމަ އެ ވަޢުދަކާ ޚިލާފުވުމާއި އަމާނަތެއް ޙަވާލުކުރެވިއްޖެނަމަ އެއަށް ޚިޔާނަތްތެރިވުމެވެ. )) ތެދުބަހުން ވާހަކަ ނުދައްކާ މީހަކާ ގައުމު ޙަވާލުކުރާނީ ކިހިނެއްތޯއެވެ؟ ދޮގުވެރި މަކަރުވެރި މީހަކަށް ކިޔަމަން ގަންނާނީ ކިހިނެއްތޯއެވެ؟ދޮގުވެރިޔާ ވަޢުދުވާ ކަންތައްތައް ފުއްދާނެތޯއެވެ؟ ދޮގުވެރިޔާ ދައްކާ ވާހަކައަށް އިތުބާރު ކުރެވޭނެތޯއެވެ؟ ގައުމުގެ ވެރިޔާ ދޮގުވެރިއަކަށް ވެއްޖެނަމަ ރައްޔިތުން އޭނާގެ ފަހަތުގައެއް ނުތިބޭނެއެވެ. އޭނާ ދޫކޮށް ހިނގައިދާނެއެވެ.

ދޮގުވެރި ޙާކިމާއަކީ ވެރިކަމަށް އެކަށިގެންވާ އެކަމުގެ އަހްލިއްޔަތު ލިބިގެންވާ މީހެއްނޫނެވެ. އާންމު ރައްޔިތުން ގައުމުގެ ވެރިޔާއާއެކު ގުޅުންތައް ޤާއިމުކުރަނީ ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއި މާހަރާގެ މަތީގައެވެ. ﷲ ތަޢާލާ ދޮގުވެރިޔާއަށް ރަނގަޅު މަގެއް ނުދައްކަވާނެއެވެ. ﷲ ސުބްޙާނަހޫ ވަޙީކުރެއްވިއެވެ. (إِنَّ اللَّهَ لَا يَهْدِي مَنْ هُوَ مُسْرِفٌ كَذَّابٌ[6] -  ހަމަކަށަވަރުން، އިސްރާފުކުރާ ބޮޑު ދޮގުވެރިޔެއްކަމުގައިވާ މީހަކަށް، اللَّه ތެދުމަގެއް ނުދައްކަވާނެތެވެ.))

4-    ބަސްމޮށުންތެރިކަމުގެ ހަރުކަށިކަން: މި ޢިބާރާތުގެ މާނައަކީ ވާހަކަދައްކާ އިރު ރުންކުރުވުމާއި ހަޅޭއްލެވުމާއި ޒުވާބުކުރުމާއި މަލާމާތްކުރުމާއި އިހާނެތިކޮށް ވާހަކަދެއްކުމެވެ. މިއީ ރަސްރަސްކަލުންނާއި ޙާކިމުންގެ ހައިބަތާ ގުޅޭ ކަމެއްނޫނެވެ. ޙާކިމާ އަބަދު ވެސް ވާހަކަދައްކާން ވާނީ މަޑުމައިތިރިކަމާއެކުގައެވެ. ﷲ ސުބްޙާނަހޫ ވަ ތާޢާލާ ކައު ރަސޫލާއަށް އަންގަވައިފައިވަނީ ހަރުކަށިވެވަޑައިނުގަތުމަށެވެ. އޯގާވެރިކަމާއި މަޑުމައިތިރިކަމާއެކު މުޢާމަލާތު ކުރެއްވުމަށެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((فَبِمَا رَحْمَةٍ مِنَ اللَّهِ لِنْتَ لَهُمْ وَلَوْ كُنْتَ فَظًّا غَلِيظَ الْقَلْبِ لَانْفَضُّوا مِنْ حَوْلِكَ فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِي الْأَمْرِ [7] - އެއުރެންނަށް ކަލޭގެފާނު އޯގާވެރިވެވަޑައިގަތީ، اللَّه ގެ حضرة ން ލެއްވި رحمة އެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، خُلق ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނުވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖައީހެވެ. ފަހެ، އެއުރެންނަށް ކަލޭގެފާނު عفوކުރައްވާށެވެ! އަދި، އެއުރެންނަށް ފާފަފުއްސެވުން އެދި ދަންނަވާށެވެ! އަދި، ކަންތަކުގައި ކަލޭގެފާނު އެމީހުންނާ مشورةކުރައްވާށެވެ!)) މާތް ﷲ މި ބަސްފުޅުގައި މި އަންގަވަނީ ހަރުކަށިކަމުގެ ނަތީޖާއަކަށް ވާނީ ބައިބައިވުމޭއެވެ. ހަރުކަށިކަމަކީ ތަންދޮރުނޭނގޭ މީހުންގެ ޚުލުޤެކެވެ. ޙާކިމާ އެފަދަ މީހަކަށް ވެގެން ނުވާނެއެވެ. އޭރުން  ރައްޔިތުން ބައިބައިވެދާނެއެވެ. ޕާޓީތަކަށް ގިންތިވެގެން ހިނގައިދާނެއެވެ. 

މި ހަތަރު ސިފައިގެ އަހުލުވެރީން  ޙާކިމާއަކަށް ވުން އެކަށީގެންނެއް ނުވެއެވެ. އެ ފަދަ ޙާކިމުންގެ ސަބަބުން ދައުލަތް ހަލާކުވެ މުޖުތަމަޢު ފާސިދުވެގެން ދާނެތީއެވެ.

 

މަރުޖާ:


[1]  -  أخرجه البخاري (٦١١٤)، ومسلم (٢٦٠٩)

[2]  - أخرجه مسلم (٢٥٧٨)، والبيهقي (١١٦١٢)، و الطبراني في ((الأوسط)) (٨٥٦١)

[3]  - الحشر:9.

[4]  -  أخرجه مالك (٢/٩٩٠) وابن وهب في ((الجامع)) (٥٢١)، والبيهقي في ((شعب الإيمان)) (٤٨١٢

[5]  - أخرجه البخاري (٣٣)، ومسلم (٥٩)

[6]  - غافر:28

[7]  - آل عمران:159

ކޮމެންޓު