ad_banner
ފަރަގު މީހުން (1): ޝަޒުމާ މުޙަންމަދު

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

20 ޖޫން 2025

އެކެފަރު އިން ގެސްޓްހައުސްގެ އެތެރޭގެ މޫނުމަތި

ރާއްޖޭގެ އަންހެނުންގެ ތެރޭގައި މަސައްކަތާއި ހުނަރާއި ހިތްވަރަށް ބަލާ އިރު، އެކި ޝަޚުޞިއްޔަތުތައް ވަރަށް ފަރަގެވެ. ތަފާތެވެ. ވަރަށް އާދަޔާ ޚިލާފު ތަފާތު މީހުން އެބަ އުޅެއެވެ. މި ފަހަރު އަޅުގަނޑު މި ގަސްތުކުރަނީ މި ފަދަ ކަނބަލެއްގެ ވާހަކަ ކިޔުންތެރީންނަށް ހުޅަހަޅައިދެވޭތޯއެވެ.

ގއ. ވިލިގިންޔަށް އަޅުގަނޑު ކުރި ދަތުރެއްގައި ހުންނާނެ ތަނެއް ހޯދާން ބެލި އިރު އެންމެ ރަނގަޅު ތަނެއްކަމަށް ފެނުނީ "އެކެފަރު އިން" ނަމަކަށް ކިޔާ ގެސްޓު ހައުސްއެކެވެ. ކޫއްޑޫއަށް އައިސް ލާންޗެއްގައި ގއ. ވިލިގިއްޔަށް އާދެވުނީ އެ ދުވަހު 5:30 އެހައިކަންހާ އިރުއެވެ. އަޅުގަނޑުގެ އަސްލު ދަތުރަކީ ފަރަގު އެކެޑެމިކް ސަރވިސަސްގެ ފަރާތުން އެ އަތޮޅު ކޫއްޑޫގައި ބާއްވާ ތަމްރީނަކަށް އަޅުގަނޑުގެ ޓީމާ އެކު، ކުރި ދަތުރެކެވެ. ތަމްރީނު އޮތީ ހުކުރު ދުވަހު ކަމަށް ވާތީ ބުރާސްފަތި ދުވަހު ހަވީރު އައިސް ރޭކޮށްލާން ވިލިގިއްޔަށް އައީއެވެ.

ވިލިނގިއްޔަށް އައިސް ލާންޗުން ފޭބި ތަނާ ރަތްކުލައިގެ ކާރެއް އައިސް މަޑުކޮށްލައިފިއެވެ. ކާރުގެ ދޮރު ހުޅުވައިލުމަށް ފަހު، އަހައިލުމުން އަޅުގަނޑުމެން ބަލައި އައި ކާރެއްކަމަށް ބުންޏެވެ. ކާރު ދުއްވާން އިނީ ޒުވާން އަންހެނެކެވެ. މާގިނަ ވާހަކައެއް ނުދައްކައި ކާރުގައި އައިސް "އެކެފަރު އިން"އަށް ބާލައިފިއެވެ. ކާރުދުއްވާން ވެސް އޭނާ އެހައި ހުޝިޔާރެވެ.

ފަރަގު މީޑީއާއަށް ޝަޒުމާ އޭނާގެ "އެކެފަރު އިން"ގައި ބަސްދީގަތުމެއް ދެއްވަނީ (ފޮޓޯ: ފަރަގު މީޑިއާ/ ޝުއާޒު)

ގެސްޓު ހައުސްއަށް ވަންނަމުން މިއީ ކާކުގެ ތަނެއްތޯ އަހައިލީމެވެ. ޖަވާބު ދިނީ ތިމަންނަގެ ތަނެއްކަމަށެވެ. އާދޭހެވެ! ކާރުގައި އަޅުގަނޑުމެން މި ގެނެސްދެއްވީ ގެސްޓު ހައުސްގެ ވެރިޔާއެވެ. އަދި އެތާގެ މެނޭޖަރުވެސްމެއެވެ. އަޅުގަނޑުމެންނަށް ކޮޓަރި ދެއްކެވުމަށް ފަހު ވަރަށް ހިތްހެޔޮކަމާ އެކު [ޑްރައިވަރު] ކާރުގައި ދުރުވީއެވެ.

ގެސްޓްހައުސްއިން އަޅުގަނޑުމެނަށް ލިބުނީ މަތީބުރީގެ ކޮޓަރިއެކެވެ. ޖާގަ ތަނަވަސް ފުރިހަމަ ކޮޓަރިއެކެވެ. ފަރުނީޗަރުތައް ވެސް ހަމަ އެހައި ރަނގަޅެވެ. ކޮޓަރިއަށް ވަދެ ހަމަޖެހިލުމާ އެކު، މި ގެސްޓްހައުސްގެ ވެރިޔާއާ ބެހޭ މަޢުލޫމާތު ސާފުކޮށްލުމަށް ޓަކައި، އޭނާއާ ބައްދަލުކޮށްލާ ހިތްވީއެވެ. ފަރަގު އެކެޑަމީގެ ސީއީއޯ މެދުވެރިކޮށް އޭނާއަށް ނަންގަތުމުން އެ ފުރުޞަތު އުފަލާ އެކު ފަހިކޮށްދެއްވިއެވެ. ހިތްހެޔޮކަމާ އެކު ބައްދަލުކޮށްލައި ވާހަކަދައްކައިލާނެ ފުރުޞަތު ދެއްވީތީ ޝުކުރުވެރިވަމެވެ.

ގއ. ވިލިގިނލީ އެކެފަރު ޝަޒުމާ މުޙަންމަދަކީ އާދަޔާ ޚިލާފު ޒުވާނެކެވެ. ބިޒިނަސް މެނެޖްމަންޓް ދާއިރާއިން މާސްޓަރސް ހައްދަވައިފައިވާ ހުނަރުވެރި ކަނބަލެކެވެ. ރަށުކޯޓުގެ އެޑްމިން އޮފިސަރެއްގެ ގޮތުން ދައުލަތުގެ ވަޒީފާއާ ގުޅިލެއްވި ޝަޒުމާ، ފަހުން މަސައްކަތްކުރައްވީ ކައުންސިލްގެ ޑިރެކްޓަރގެ މަގާމުގައެވެ. ސިޔާސީ ޚިޔާލުތަފާތުވުމެއްގައި ވަޒީފާއިން ވަކިވާން ޖެހިލެއްވިކަމީ ޝަޒުމާގެ ޙަޔާތުގެ އާ މޭލުގަލެއް ކަޑައްތު ކުރެވުނު ހިސާބެވެ. ބައްޕަ މުޙަންމަދު ތަކުރުފާނުގެ ފަރާތުން އިލްހާމު ލިބިލައްވައިގެން އަމިއްލަ ފައިމައްޗަށް ތެދުވަންނަވައި ހިންދެމިލެއްވޭތޯ ލައްކަ މަސައްކަތްކުރެއްވިއެވެ. ޢާއިލާގެ ކޭޓަރިންގ ކުންފުންޏެއްގައި ހިވާގިކަމާ އެކު މަސައްކަތް ފެއްޓެވިއެވެ.

[އެކެފަރު އިން] ގެސްޓްހައުސްގެ ވެރިޔާ އަދި މެނޭޖަރ ޝަޒުމާ މުޙަންމަދު

ބޮޑުދައިތައެއްގެ ގޯތީގައި ގެޔެއް އަޅައިދިނުމުގެ ތެރެއިން ގެސްޓު ހައުސްއަކަށް ތަރައްގީކޮށް އެ ވިޔަފާރީގެ ތެރެއަށް ވެންނެވި ޝަޒުމާއަކީ ހުރިހައި މަސައްކަތެއްގައި ވެސް ކެރިގެން ކުރިމަތިލެއްވި ހީވާގި ޒުވާނެކެވެ. މި މަސައްކަތުގެ ތެރޭގައި ނުކުރައްވާ މަސައްކަތެއް ނެތެވެ. އާމްދަނީ ހޯއްދެވުމަށް ޓަކައި ރަށު ޕިކަޕު ދުއްވެވިއެވެ. ރެސްޓޯރަންޓުގެ ވެއިޓަރުކަމާއި ޝެފެއްގެ މަސްއޫލިއްޔަތުގެ އިތުރަށް މެނޭޖަރެއްގެ ދައުރު ވެސް އަދާކުރެއްވިއެވެ. 

މިހާރު އެއީ ވިލިގިލީގައި ހުރި އެންމެ ރަނގަޅު އެއް ގެސްޓު ހައުސްކަމަށްވާ [އެކެފަރު އިން]ގެ އޯނަރެވެ. އެތާގެ މެނޭޖަރެވެ. ގެސްޓު ހައުސްއަށް އަންނަ މެހުމާނުން ގެނެސް ގެންދިޔުމުގައި އަމިއްލަ ކާރުގައި ދަތުރުކޮށްދެއްވާ ކުޅަދާނަ ޑްރައިވަރެވެ.

2018ވަނަ އަހަރުގެ ފަހުކޮޅު ގެސްޓުހައުސްގެ ވިޔަފާރި ފެއްޓެވި ތަނާ ކޮވިޑުގެ ޢާލަމީ ވަބާގެ ސަބަބުން ގެސްޓު ހައުސްގެ ވިޔަފާރި ހުއްޓުނު ނަމަވެސް ހިތްވަރު ދެރަނުކުރައްވައި އަޒުމު ވަރުގަދަ ޝަޒުމާ އެ މަސައްކަތް ގެންދެވީ ކޮވިޑުގެ ފަހުން ވަރަށް ބާރަށެވެ. ހަތް އަހަރުގެ ފިރިހެންކުއްޖަކާއި ތިން އަހަރުގެ އަންހެންކުއްޖެއްގެ މަންމައެއްގެ މަސްއޫލިއްޔަތުގެ އިތުރަށް އަތްނބެއްގެ ހައިސިއްޔަތުން ފިރިމީހާއަށް އަދާކުރާންޖެހޭ ޙައްގުތައް ފުރިހަމައަށް އަދާކުރައްވަމުން މިއަދު އޭނާގެ ގެސްޓް ހައުސް އެ ވަނީ ކޮޅައްޖައްސަވައިފައެވެ.

ޝަޒުމާ ބުނުއްވާ ގޮތުގައި ޑިސެންބަރު މަހުން ފެށިގެން އެޕްރީލް މަހާ ހަމައަށް އެ ގެސްޓު ހައުސްގެ ކޮޓަރިތައް ފަތުރުވެރީން ފުރައިލައެވެ. އަށް ކޮޓަރީގެ މި ގެސްޓު ހައުސް އިން އެކަށީގެންވާ ނަފާއެއް ހޯއްދަވަމުން ގެންދަވާ ޝަޒުމާއަކީ މިއަދު އެސްޓީއޯ (ވިލިނގިލީ ގޮފީ)ގެ މެނޭޖަރުވެސްމެއެވެ.

"އެކެފަރު އިން" ބޭރުން ފެންނަ ގޮތް: (ފޮޓޯ: ފަރަގު މީޑިއާ/އޖ)

ޝަޒުމާގެ މި މަސައްކަތަށް އިލްހާމު ލިބިލެއްވީ އަދި ހުރިހައި މަސައްކަތެއްގައި ފުރިހަމަ އެހީތެރިކަމާއި އެއްބާރުލެއްވުން ލިބިލެއްވީ އޭނާގެ ހުނަރުވެރި ބައްޕަ މުޙަންމަދު ތަކުރުފާނުގެ ކިބައިންކަން އޭނާ ފާހަގަކުރެއްވީ ޝުކުރުވެރިކަމާއެކުގައެވެ. ބައްޕަގެ އިތުރަށް ފިރިކަލުންނާއި ޢާއިލާގެ އެހީތެރިކަން ވެސް ޝުކުރުވެރިކަމާއެކު އޭނާ ބަލައިގަންނަވައެވެ.

އަޅުގަނޑު ހަނދާން ނެތުނީއެއް ނޫނެވެ. ޝަޒުމާއަކީ ހަމައެކަނި މަސައްކަތުގެ ދާއިރާގައި ހުނަރުވެރި މުރާލި ކަނބަލަކީއެއް ނޫނެވެ. އެއީ ޢިލްމީ ގޮތުން ވެސް މޮޅު ޒުވާނެކެވެ. ކުރީން އެމްއައި ކޮލެޖުގެ ދާރިސެއްގެ ވަޒީފާ ވެސް އޭނާ ވަނީ ނުހަނު ޤާބިލުކަމާއެކު އަދާކުރައްވައިފައެވެ.

ގއ. ވިލިނގިލީ [އެކެފަރު އިން]އަކީ ދިވެހީން ވެސް ޗުއްޓީ ހޭދަކޮށްލާން އެކަށީގެންވާ އެންމެ ރަނގަޅު ފެންވަރުގެ ގެސްޓުހައުސްއެކެވެ. ޖީބަށް މާ ބަރުނުކޮށް މި ރަށުގައި ޗުއްޓީ ހޭދަކޮށްލުމަށް މިއީ ރަނގަޅު ފުރުޞަތެއްކަމަށް ވާނެކަން ކަށަވަރެވެ.

ޝަޒުމާގެ އުންމީދަކީ ގެސްޓު ހައުސްގެ ވިޔާފާރި ކުރިއަށް ގެންދަވައި ވިލިނގިއްޔަކީ މި ވިޔަފާރީގައި މި ސަރަހައްދުގެ ހަމަބަކަށް ހެއްދެވުމެވެ. މޫދުކުޅިވަރާއި ޑައިވިންގެ ވަސީލަތްތަކާއި ސުވިމިންގ ޕޫލު ހިމެނޭހެން ފަތުރުވެރީންނާއި ދިވެހީންނަށް އެންމެ ފުރިހަމަ ޚިދުމަތް ލިބޭނެ ރަށަކަށް ވިލިނގިލި ހެއްދެވުމެވެ.

ޝަޒުމާއަށް މި އުންމީދުތައް ޙާޞިލުކުރެއްވުމަކީ އޭނާގެ ޢަޒުމާއި ހިތްވަރާއި ހުންރަުވެރިކަމަށް ބަލާ އިރު، ވަރަށް ފަސޭހަ ކަމެއްކަމަށް ނޫނީ އަޅުގަނޑަކަށް ނުފެނުނެވެ. [ފަރަގު] މީޑިއާއިން މި ފަރަގު އިންސާނާއަށް، ގއ. ވިލިނގިލީ އެކަފަރު ޝަޒުމާ މުޙަންމަދަށް، އެދެނީ ހުރިހައި ވެސް ކާމިޔާބީއެކެވެ.

ބައެއް ލަފުޒުގެ މާނަ:

ހަބު       ނ.    (1) މަރުކަޒު. (2) ވަށައިގެން އެނބުރޭ އެއްޗެއް ހިފެހެއްޓުމަށް ޓަކައި މެދުގައި ހަރުކޮށްފައި ހުންނަ އެތި.

އާލަމީ ވަބާ   ނ.    ބަލިމަޑުކަން.

އިލްހާމު      ނ.   (1) ކަމަކާމެދު ފިކުރުކުރީމާ އެނގޭ ރަނގަޅު އެނގުން. (2) އިންސާނުންގެ ހިތަށް ޤުދުރަތީ ގޮތުން އެނގޭ ތެދު އެނގުން. (3) ރަސޫލު ބޭކަލުންނާއި ނަބީބޭކަލުންނަށް ވަޙީގެ ޒަރީޢާ ނޫން ވަސީލަތަކުން މާތްރަސްކަލާނގެ އަންގަވާ އެންގެވުން.

ކޮމެންޓު