ad_banner
އަހުރެންގެ "ކަލާނގެ" ދެކެ ތިބާ ނުގަބޫލުވަނީ ކީއްވެ؟

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

30 ޖޫން 2025

މި ދެ މީހުން ހީކުރަނީމިއީ ދުނިޔޭގެ އެންމެން އިގުތިދާވާންޖެހޭ ދެ ރަސްކަލުންކަމަށެވެ.

އިންސާނަކު އެހެން އިންސާނަކާ އެކު މަޑުމައިތިރިކަމާއި އޯގާވެރިކަމާއި ލޯތްބާއި އަޅައިލުމާ އެކު، މުޢާމަލާތުކުރާ އިރު، މި އިންސާނާ އޭގެ ބަދަލުގައި ހަރުކަށިކަމާއި ރަޙުމުކުޑަކަމާއި ނަފުރަތާއި ނުގަބޫލުކަމާ އެކު، މުޢާމަލާތުކުރާކުރުން ބަލައިގަތުމަށް ފަސޭހައެއްނުވާނެއެވެ. ބައެއް ފަހަރަށް މި މީހާ އޭނާއަށް ބިރުވެސްދައްކަތެވެ. ސަލާމުލެއްވި އިބްރާހީމުގެފާނު އެކަލޭގެފާނުގެ ބަފާކަލުންނަށް އިސްލާންދީނަށް ގޮވައިލެއްވީ ވަރަށް މަޑުމައިތިރިކަމާއި އޯގާވެރިކަމާއި ލޯތްބާއި އިޙުތިރާމާ އެކުގައެވެ. ނަމަވެސް ބަފައިކަލުން އާޒަރާއި އޭނާގެ ގައުމުގެ މީހުންގެ ފުށުން އިބްރާހީމުގެފާނަށް ރަނގަޅު އިޖާބައެއް ލިބިވަޑައެއްނުގަތެވެ.

ދަރިކަލުން އިބްރާހީމުގެފާނާ ދިމާއަށް އާޒަރު ބުންޏެވެ. ((أَرَاغِبٌ أَنتَ عَنْ ءَالِهَتِى يَٰٓإِبْرَٰهِيمُ ۖ [1] - އޭ إبراهيم އެވެ! ތިމަންގެ إلهންތަކަށް ތިބާ ނުރުހެނީހެއްޔެވެ؟)) އިބްރާހީމުގެފާނު ދެކެ އާޒަރު އައިސްފައި ހުރި ރުޅި ނިކަން ދެކެބަލާށެވެ! ދަރިފުޅާއޭ ބުނުމުގެ ބަދަލުގައި ބުނީ، އޭ އިބްރާހީމާއެވެ. އާޒަރު، އިބްރާހީމުގެފާނަށް ބިރުދައްކައި ބުނީ ((لَئِن لَّمْ تَنتَهِ لَأَرْجُمَنَّكَ ۖ [2] - ތިބާ ތިޔަކަންތައް ނުހުއްޓައިފި ނަމަ، ހަމަކަށަވަރުން، އަހުރެން ގަލުން ތަޅައި، ތިބާ މަރައިފާހުށީމެވެ.))

[އައްތަފްސީރުލް ވަސީޠު]ގައި އައްޠަންޠާވީ ވިދާޅުވިއެވެ. [ތިބާ މީސްތަކުންނަށް އަހުރެމެންގެ ބުދުތަކާ އެއްކިބާވުމަށް ގޮވައިލަމުންދާ ނަމަ ((لَأَرْجُمَنَّكَ - ހަމަކަށަވަރުން، އަހުރެން ގަލުން ތަޅައި، ތިބާ މަރައިފާހުށީމެވެ.)) މިއީ އާޒަރު އިބްރާހީމުގެފާނަށް ދިން ބޮޑު އިންޒާރެކެވެ. އެއަށްފަހު އާޒަރު ބުންޏެވެ. ((وَٱهْجُرْنِى مَلِيًّا [3]- އަދި ދިގު މުއްދަތަކަށް، އަހުރެންނާ ވަކިވާށެވެ!)) އޭނާ އިބްރާހީމުގެފާނު ދެކޭކަށް ވެސް ބޭނުމެއް ނުވެއެވެ. މާތްﷲއަށް އީމާންވެވަޑައިގެން ހުންނެވި އޯގާވެރި ކޯފާމަޑު އިބްރާހީމުގެފާނުގެ ރިވެތި އަދަބާއި މާތް  އަޚްލާޤުގެ ކުރިމަތީގައި ﷲއަށް ކާފިރުވެފައިވާ އާޒަރު އޭނާގެ ދަރިކަލުންނާ މުޢާމަލާތު ކުރީ ހަރުކަށިކަމާއި އަދަބުކުޑަކަމާއެކުގައެވެ. އޭނާ ބުނީ [ކަލޭގެފާނު އަހުރެންގެ މޫނުމަތިން ފެއްސިގެންދާށޭ]އެވެ. އަދި [ތިޔަ ގޮތަށް އަހުރެމެންގެ ކަލާނގެތަކަށް އަޅުކަންނުކުރުމަށް ގޮވައިލައްވާ ނަމަ، މަރައިލާން ވެސް ޖެހިދާނެ] ވާހަކައެވެ. ބަފައަކު ދަރިއަކާ މެދު މިހައި ނުބައިވެދާނެކަމަށް މީހަކު ހީވެސްނުކުރާނެއެވެ.

ބައެއް މުފައްސިރުން ވިދާޅުވާ ގޮތުގައި ﷲ ސުބްޙާނަހޫ ވަ ތަޢާލާ މި ވާހަކަ މުޙައްމަދު ނަބިއްޔާއަށް އެންގެވީ މުޝްރިކުންގެ ފަރާތުން އެކަލޭގެފާނަށް ލިބިވަޑައިގަންނަވަމުން ދިޔަ ދުއްތުރާތަކަށް ތަސައްލީއެއް ދެއްވާންވެގެންނެވެ. އެއީ އައު ކަމެއްނޫންކަމާއި ހުރިހައި ރަސޫލުބޭކަލުންނަށް ވެސް ހަމަ މި ބީދައިން އެ ބޭކަލުންގެ ގައުމުތަކުގެ މީހުން މުޢާމަލާތުކޮށްފައިވާކަން އެންގެވުމަށް ޓަކައެވެ. ތަންދޮރުނޭނގޭ ޖާހިލުންގެ ވައްޓަފާޅިއަކީ މިއީ ކަން ހާމަކޮށްދެއްވުމަށް ޓަކައެވެ.

އިއްޔެއާއި މިއަދުގެ އެއް ގޮތްކަން ކިހައި ބޮޑުހެއްޔެވެ؟

އިއްޔެގެ ކަލާނގެތަކަކީ ބުދުތަކާއި ތަރިރުހަނދުތަކާއި ގަސްގަހާގެއްސާއި ޖަނަވާރުތަކެވެ. މި އެއްޗެހީގެ ސަބަބުން މުއުމިނުތަކުންނަށް ބޮޑެތި އަޒާބުތަކާއި ކެކުޅުންތައް ތަޙައްމުލުކުރާން ޖެހުނެވެ. އެ ގައުމުތަކުގެ މީހުންގެ ބާޠިލު ޢަޤީދާތަކަށް ކިޔަމަންގަތުމާ ދެކޮޅުހެދުމުގެ ސަބަބުންނެވެ. ޢިލްމާއި ސައެންސާއި ފަންނިއްޔަތުގެ މައިދާނުގައި ކުރިއަރައިފައިވާ މިއަދުގެ ދުނިޔޭގެ ޙާލަތަށް ބަލާ އިރު، ކުރިއެކޭ މިހާރެކޭ މާ ބޮޑު ތަފާތެއްނެތެވެ.

މިއަދު ވަނީ "ކަލާނގެތައް" ތަފާތުވެ ސިންދަފާތުވެފައެވެ. ގަސްގަހާގެއްސާއި ގެރިބަކަރިއެއްނޫނެވެ. ބުދުތަކާއި ތަރިރުހަނދުތަކެއްނޫނެވެ. މިއަދުގެ ކަލާނގެތަކުގެ ސިފަވަނީ ބަދަލުވެފައެވެ. ސިޔާސީ ޕާޓީތަކާއި ފިކުރީ ތަރީގާތަކެވެ. ކަންކަން ނިންމައި ޤަރާރު ކަނޑައަޅާ މީހުންނެވެ. ބާރާއިއާރުގެ ވެރީންނެވެ. މުއްސަނދީންނާއި މަހުޖަނުންނެވެ. ހަލަބޮލިކަން ބޮޑު ޖާހިލީ މި މަންޒަރުތަކުގެ ތެރޭގައި ޢާންމުން ވަނީ ބޮޑު ޙައިރާންކަމެއްގެ ތެރޭގައި ގެއްލެނިވެފައެވެ. ކިޔަމަންގަތުމުގައި އިސްކަންދޭންވީ ފަރާތެއް ނޭނގިގެންނެވެ. ބޯލަނބާންވީ ކޮން ޤަރާރަކަށްކަން ނޭނގޭތީއެވެ.

ކަލާނގެތަކުގެ ކުދިބޭކަލުން ބަސްނާހައި މީހުންނަށް ދަނީ ބިރުދައްކަމުންނެވެ. އާޒަރު އިބްރާހީމުގެފާނާ ދިމާއަށް ބުނި ޢިބާރާތް [قَالَ أَرَاغِبٌ أَنتَ عَنْ ءَالِهَتِى يَٰٓإِبْرَٰهِيمُ - އޭ إبراهيمއެވެ! ތިމަންގެ إلهންތަކަށް ތިބާ ނުރުހެނީހެއްޔެވެ؟ ތަފާތު ސިފައެއްގައެވެ. އެހެނަސް އެއް އޮށްޓަރެކެވެ. ތާރީޚު އިޢާދަވި ފަދައެވެ.

ޒަމާނީ ކަލާނގެތައް

މިއަދު އޮފީސްތަކުގައި، މުއައްސަސާތަކުގައި، އިދާރާތަކުގައި، ކުންފުނިތަކުގައި ނަގައިކިޔާ ވެރިޔާއާ ދެކޮޅުހަދާ މީހުންނަށް އިވޭނީ ހަމަ މި މަފުހޫމުގެ ޢިބާރާތްތަކެވެ. [ޢާންމު މަޞްލަހަތާ ނުވަތަ ޑީޖީގެ އަމުރުފުޅާ ތިބާ ދެކޮޅުހަދަނީހެއްޔެވެ؟]   

އެމެރިކާގެ ފަލަކުގައި ވަށަލަކުރަމުންދާ ގައުމުތައް އެމެރިކާގެ ސިޔާސަތާ ދެކޮޅަށް އެއްޗެއް ބުނެފިނަމަ އެ ގައުމަކާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ދިލަ ވަރަށް ގަދަ ނޫންހެއްޔެވެ؟ ބަރުދާސްތުކުރާންޖެހޭ ތުރާތައް ބުރަ ނޫންހެއްޔެވެ؟

ބައެއް ގައުމުތަކުގައި އޮންނަ  އަޑީސަރުކާރުތަކަކީ އަދި މާ ވަރުގަދަ [ކަލާނގެ]ތަކެކެވެ. އަޑީ ސަރުކާރުތަކުން ބޭނުންވާ ކަންކަމަށް ހުރަސްއަޅާ މީހުން ނައްތައިލަނީ ވަރަށް މޮޅަށް ރާވައިގެންނެވެ. ދޮގު މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ހަދާ ފައިލުތަކުންނެވެ. މި ފައިލުތައް ނެރެ ނައްތައިލާން ބޭނުންވާ މީހާ ދިރިހުއްޓައި ވަޅުލައެވެ. އަދި މި ފަދަ ސަރުކާރުގެ އޭޖެންޓުންނާއި މަޖޫރީން މައްޗަށް ނަގައި މުހިންމު ވަޒީފާތަކަށް އިސްވެސްކުރެއެވެ.

މިއީ ދުނިޔޭގެ ވަކި ތަނެއްގައި އޮތް ކަމެއްނޫނެވެ. މި ގުރަހައިގެ އިރުމަތީގައްޔާއި ހުޅަނގުގައި، އުތުރުގައްޔާއި ދެކުނުގައި މި މަންޒަރު ފެތުރިފައިވެއެވެ.

ﷲގެ ޚަލީލު އިބްރާހީމުގެފާނާ ކުރިމަތިވެވަޑައިގަތް ޙާދިސާތައް މިއަދު ވެސް ދަނީ ހިނގަމުންނެވެ. މި ކަލާނގެތަކުގެ ކުދިބޭކަލުންނާ އަދި ބައެއް ފަހަރަށް އެ [ކަލާނގެ]އާ ކުރިމަތިލާން ޖެހިދާނެއެވެ. އޭނާގެ މުދަލާއި ދަރީންނާއި އިތުރު އެއްޗެހިތަކެއް ބީވެގެން ދިޔަސް މި [ކަލާނގެ]އަށް ދޫނުދީ ފައިތިލަ ސާބިތުކޮށްފި ނަމަ، އޭނާއަށް އެ ހުރެވުނީ ތެދުމަގުގައެވެ.

ސަލާމުލެއްވި އިބްރާހީމުގެފާނަށް ހުރިހައި އެއްޗެއް ގެއްލިގެންދިޔައެވެ. ﷲއަށް ޓަކައި ރަށުން ބޭރަށް ވަޑައިގަތެވެ. އެކަލޭގެފާނު އަލިފާންގަނޑަށް އެއްލައިލިއެވެ. އޭގެ ފަހުން ނަމުރޫދު އެކަލޭގެފާނު ހައްލައިލެވޭތޯ މަސައްކަތްކުރިއެވެ. އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާއަށް ވެސް މި ފަދަ ބުރަތަކާ ކުރިމަތިލައްވާން ޖެހިވަޑައިގަތެވެ. އެކަލޭގެފާނު ވެސް ދީނަށް ޓަކައި މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަކުރެއްވިއެވެ.  

ޙައްޤާއި ބާޠިލާ ދެމެދުގައި އަބަދު ވެސް އަރައިރުންތަކާއި ކޯޅުންތަކާއި ކުރިމަތިލުންތައް ކުރިއަށް ދާނެއެވެ. ޒަމާނާ އެކު، ބަދަލުއަންނާނީ އެ ކަމުގެ ސިފައަށާއި ސޫރައަށެވެ. ފާސިދު ވިސްނުމަށާއި ބާޠިލު ޢަޤީދާއަކަށް ބަދަލެއްނާންނާނެއެވެ. ނަބީބޭކަލުންގެ ވާހަކަފުޅުތަކުގައި ހެޔޮ ވިސްނުންތެރީންނަށް ޢިބްރަތްތައް ވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((لَقَدْ كَانَ فِى قَصَصِهِمْ عِبْرَةٌ لِّأُو۟لِى ٱلْأَلْبَٰبِ ۗ مَا كَانَ حَدِيثًا يُفْتَرَىٰ وَلَٰكِن تَصْدِيقَ ٱلَّذِى بَيْنَ يَدَيْهِ وَتَفْصِيلَ كُلِّ شَىْءٍ وَهُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ[4] - ހަމަކަށަވަރުން، އެއުރެންގެ ވާހަކަތަކުގައި، ބުއްދީގެ أهل ވެރިންނަށް عبرةއެއް ވާކަން ކަށަވަރެވެ. އެ قرآنއަކީ، ހަދައިގެން އުފެއްދޭ ވާހަކަތަކެއްނޫނެވެ. އެހެނެއްކަމަކު، އެއީ އޭގެކުރީން ބާވައިލެއްވި ފޮތްތައް ތެދުކުރާ، އަދި ހުރިހއި ކަމެއް تفصيلކޮށްދޭ، އަދި إيمانވާ ބަޔަކަށް هدايةއެއްކަމުގައްޔާއި، رحمةއެއްކަމުގައިވާ ފޮތެވެ.))

ބައެއް ލަފުޒުގެ މާނަ:

ވަށަލަ      ނ.    ތަރިއެއްގެ ނުވަތަ ގުރަހައެއްގެ ވަށައިގެން ދައުރުކުރާ ފަލަކު ނުވަތަ ރާސްތާ.

ފަލަކު       ނ.    (1) ނަކަތްތަކާއި ތަރިތަކާއި ގުރަހަތަކުގެ މަޖާލު. (2) އުޑު (3) ތަރިއެއްގެ ނުވަތަ ގުރަހައެއްގެ ވަށައިގެން ދައުރުކުރާ ވަށަލަ.

ތަރީގާ      ނ.    ކަމެއް ކުރުމުގެ މަގު ނުވަތަ ގޮތް.

ތަރިރުހަނދު  ނ.    ތަރިއަށާއި އިރަށާއި ހަނދަށް އެއްކޮށް ކިޔާ ގޮތް.

ގުރަހަ      ނ.    ނާރެސް ތަރިއެއްގެ ވަށައިގެން ދައުރުކުރާ، އޭގެ އަމިއްލަ ދަމާބާރުގެ ސަބަބުން ވަށް ބައްޓަމެއް ހިފެހެއްޓުމާއެކު އޭގެ ފަލަކު މުޅިން ސާފުކޮށް، އަމިއްލަކޮށްފައިވާ ކައުނީ ޖިސްމެއް.

  1. ސިންދަފާތު   ނ.    އިންސާނުންނާއި އެއްޗެއްސާއި ކަންކަމާއި ތަންތަނުގެ ނިސްބަތުގައި، މައިގަނޑު ގިންތިއެއް ނުވަތަ ޖަމާޢަތެއްގެ ތެރޭގައި ހިމެނޭ ބާވަތްތަކާއި ވައްތަރުތައް ނުވަތަ ގޮތްތައް ތަފާތުވެ ގިނަގުނަ ވެގެންވާ ވުން.  

  

 
މަރުޖާ:

1. - مريم : 46

2. - مريم : 46

3.  - مريم : 46

4.  - يوسف : 111

ކޮމެންޓު